ފަޅިމޫނު - 133

(16 އޮކްޓޯބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރުޚްސާނާ އޮވެގެން ވިސްނަމުން ގެންދިޔައެވެ. އޭނާއަށް އަދި ހައެއްކަ މަހު ލަންޑަނުގައި މަޑުކުރަން ޖެހެއެވެ. އޭނާގެ ހިތަށް އެރިއެވެ. ﷲ އަކީ ހުރިހައި ކަމެއް މޮޅަށް ތަދުބީރު ކުރައްވާ ކަލާނގެއެވެ. އެހީތެރިއަކު އަތުން ބީވެގެން ދިއުމާއެކު އެހެން އެހީތެރިއަކު މެދުވެރި ކުރައްވައެވެ. އޭނާގެ ހިތުގައި މި ވަގުތު ހިނގަމުން ދަނީ ހަސްފަތާލުން ނުކުމެގެން އަންހެނުންނަށް ޚާއްސަ މަރުކަޒަކަށް ދިޔަ ދުވަހުގެ ހަނދާނެވެ. އެތަނަށް އޭނާ ދިޔައީ ސައްޔިދު ޢަލީ ބާޤިރާ އެކީގައެވެ. އޭނާގެ ހުރިހައި ސާމާނެއް ހިފައިގެންނެވެ. އެ ތަނުން ބައްދަލުވީ ސަލްމާ ޤާދިރާއެވެ. އެ ދުވަސްވަރު އެތަނަށް އޮތީ އޭޝިއާގެ ގައުމެއްގެ ޑަކްޓަރެއްގެ ބޭނުން ޖެހިފައެވެ.

މި ޚަބަރު ލިބުމާއެކު ބާޤިރް ބުންޏެވެ. "ދަރިފުޅާ ހިނގާ. ބައްޕަ ދަރިފުޅު ސަލްމާ ޤާދިރްގެ ހަސްފަތާލަށް ގެންގޮސް ދޭނަން."

ބާޤިރް އޭނާ ގޮވައިގެން ދިޔައިރު ސަލްމާ އިނީ އިންތިޒާރުގައެވެ. އެކަމަކު ދެނަހުރި ކަމެއް ކަމަކަށްވެސް ނުހެދިއެވެ. ބާޤިރް ޚުދު އޭނާގެ ތައާރަފަކާއި ރުޚްސާނާގެ ތައާރަފެއް ދިނީމާ ސަލްމާ އޭނާޔާ ސުވާލު ކުރާން ފަށައިފިއެވެ. ސުވާލުތަކަށް ފަހު އޭނާގެ ސަނަދުތައް ބަލައި ނިންމާފައި ހިތް ހަމަޖެހިގެން ބުނެލިއެވެ. "އަހަރެން މި އިންނަނީ ތިޔަ ކަހަލަ ކުއްޖެއްގެ ބޭނުން ޖެހިފައި. ހަފުތާއަކު ފަންސަވީސް ޕައުންޑުގެ މުސާރައެއް ދޭނަން. ހުންނާނޭ ކޮޓަރިއެއްވެސް މިތަނުން ހަމަޖައްސައި ދެވިދާނެ. ކެއުމުގެ ކަންތައްވެސް ހަމަޖައްސައިދޭނަން. ޑިއުޓީ ގަޑިތައް ހަމަޖައްސާނީ ކުރަން ތިޔަ އުޅޭ ޕްލާސްޓިކް ސާޖަރީއަށް ބުރޫ ނާރާ ގޮތަކަށް."

ވީ އުފަލެއްގެ ބޮޑުކަމުން ރުޚްސާނާއަށް ރޮވިއްޖެއެވެ. އޭނާ ސަލްމާއަށް ޝުކުރު އަދާކުރިއެވެ. ސަލްމާ އޭނާގެ ބުރަކަށީގައި ފިރުމައިލާފައި ބުންޏެވެ. "ތިޔައީ އަހަރެންގެ ދަރިއެއް ވަރުގެ ކުއްޖެއް. މިރަށުގެ މެޑިކަލް އެސޯސިއޭޝަނަކާ ގުޅައިގެން މާލީ އެހީތެރިކަންވެސް އަހަރެން ހޯދައިދޭނަން. އެތަނުން ދޭ އެހީގެ އެއްބައި އަނބުރައި ދައްކަން ޖެހޭނޭ. އަނެއް ބަޔަކީ ހިލޭ އެހީ."

ރުޚްސާނާގެ އުފަލުގެ ކޮޅެއް ނެތެވެ. އޭނާ ކުއްލިއަކަށް ޚިޔާލީ ދުނިޔެއަކަށް ވަދެއްޖެއެވެ. މޫނު ފުރިހަމަ ކޮށްގެން ބާދްޝާ ޖާނީގެ ގާތަށް ދެވޭ މަންޒަރު ފެންނާން ފަށައިފިއެވެ. އޭނާގެ ރީތިކަން މިހާރު އިހަށްވުރެ މާ ބޮޑެވެ.

އޭނާ ބާޤިރް ޢަލީގެ އަތުގައި ހިފައިލިއެވެ. ބާޤިރް ހިނިތުންވެލައިފައި ބުންޏެވެ. "ދަރިފުޅުގެ ހިތްވަރު ވަރަށް ގަދަ. ބައްޕަގެ ދުޢާއަކީ ކާމިޔާބީއާއެކު އެނބުރި ރަށަށް ދެވޭނޭ މަގު ﷲ ތަޢާލާ ފަހިކޮށް ދެއްވުން."

ބާޤިރް ހިނގައްޖެއެވެ. އޭގެ ފަހުން އޭނާޔާ ބައްދަލު ކުރާކަށް ބާޤިރެއް ނާދެއެވެ. އޭނާ ގަވާއިދުން ހަސްފަތާލަށް ނުކުމެ މަސައްކަތް ކުރާން ފަށައިފިއެވެ. އަދި ޕްލާސްޓިކް ސާޖަރީ ހައްދަން ހަސްފަތާލަށް ދާންވެސް ފަށައިފިއެވެ. އައު ގެއަށް ބަދަލު ވުމަށް ފަހު އެންމެ ފުރަތަމަ އޭނާ ކުރި އެއް ކަމަކީ މަންމައަށާއި ބާދްޝާ ޖާނީއަށް ސިޓީ ލިޔުމެވެ. ސިޓީގައި ޖެހީ ސަލްމާ ޤާދިރްގެ އެޑުރެހާއި ޕޯސްޓު ފޮށީގެ ނަންބަރެވެ.

އާއިލާގެ މީހުންނަށް، ޚާއްސަކޮށް ބާދްޝާއަށް އޭނާގެ ހިތާމައާއި ދަތި ހާލުގެ ވާހަކަ ކިޔައި ދީގެން އެމީހުންގެ ބޮލަށް އުނދަގޫ ކުރާކަށް ރުޚްސާނާ ބޭނުމެއް ނުވެއެވެ. އެހެންވީމާ އޭނާ ގަސްތުކުރީ އެނބުރި ރަށަށް ގޮސް ހުރިހައި ވާހަކައެއް ތަފުސީލުކޮށް ކިޔައިދޭށެވެ. މި ވަގުތު ސިޓީން މާ ގިނަ ވާހަކަ ކިޔައި ނުދޭށެވެ. އަނެއްކޮޅުން ބާދްޝާ ޖާނީއާއި ރުޚްސާނާގެ މައިންބަފައިންވެސް އެމީހުންގެ މެދުގައި އުފެދޭ ހަމަނުޖެހުމުގެ ވާހަކައެއް ނުލިޔެއެވެ.

އޭނާ މާލީ އެހީތެރިކަމަށް އެދުނު އިދާރާއިން އަދި ކުރިއަށް ދަނީ ލިޔެކިޔުމުގެ މަރުހަލާއެވެ. އުއްމީދު ކުރަނީ އެހީތެރިކަން ލިބޭނޭ ކަމަށެވެ. މި ވަގުތު އޭނާ ޚަރަދު ކުރަމުން ގެންދަނީ އަތުގައި ހުރި ފައިސާކޮޅެވެ.

އެއް ދުވަހަކު ޑޮކްޓަރ ލުއިސް އޭނާޔާ ވާހަކަދައްކަމުން ބުންޏެވެ. "ވަޒީފާ އަދާކުރުމުގެ ވާހަކަ އެއް ދުވަހަކު ދެއްކީމެއްނު؟ ބޭނުންވީ ޕްލާސްޓިކް ސާޖަރީ ހަދަން ހިނގާ ޚަރަދު ހޯދަން ވަޒީފާ އަދާ ކުރާކަށްނު؟"

"އާދެ. ފައިސާގެ ދަތިކަން މިހާރުވެސް އެބައޮތް. އަޅުގަނޑު މިއީ ބީރައްޓެއްސެއްކަން ޑަކްޓަރަށް އެނގިވަޑައިގަންނަވާނެ."

"އާނ. އެކަން އެނގޭ. ކުރިމަތިވާނޭ މައްސަލަތައްވެސް ރަނގަޅަށް އެނގޭ. އަހަންނާ ބައްދަލުކުރަން އިޝްތިހާރު ހަދާ ކުންފުނިތަކުގެ މީހުން ވަރަށް ގިނައިން އާދޭ. އެމީހުން އަބަދުވެސް ބޭނުން ވަނީ އައު މޫނު. ކޮސްމެޓިކްސް އުފައްދާ ކުންފުނިތަކުންވެސް ވަރަށް ގިނައިން ގުޅާ. ގިނަ ފަހަރަށް އައު މޫނެއް ކަމަށް ބަލަނީ އަލަށް އުފަންވާ މޫނު. މާނައަކީ މިތަނުން ޕްލާސްޓިކް ސާޖަރީ ހަދައިގެން ނުކުންނަ ކުދިން. ދެ ޖިންސުގެ ކުދިންވެސް އެމީހުން ބޭނުންވޭ. އެ މީހުންގެ ބޭނުން ފުއްދައިދޭ މެދުވެރިއަކީ އަހަރެން. އަހަރެން ސާޖަރީ ހަދާ ކުދިންނާ އަހަރެން ވާހަކަ ދައްކަން. އެ ކުދިން ރުހޭ ކަމަށް ވަންޏާ ފުރުސަތު ހޯދައިދެން. މޮޑެލް ކުރާ ހިތްވޭތަ؟"

ރުޚްސާނާ ސިހިފައި ޑަކްޓަރާ ދިމާއަށް ބަލައިލިއެވެ. އަދި ޖެހިލުންވެފައި އިނދެގެން ބުނެލިއެވެ. "ތިޔައީ އަޅުގަނޑުގެ ގައުމުގައި ރަނގަޅު ކަމެއް ކަމަށް ބަލާ ކަމެއް ނޫން. އެކަމަކު މޮޑެލް ކުރުމަކީ ނުބައި ކަމެއް ނޫން. އަމިއްލަ އަބުރާއި އިއްޒަތް ރައްކާތެރި ކޮށްގެން ހުރެ މޮޑެލް ކުރުން އެއީ ނުބައި ކަމެއް ކަމަކަށް އަޅުގަނޑު ނުދެގެން. އެކަމަކު އަޅުގަނޑުގެ މުޖުތަމައު އެކަން ގަބޫލެއް ނުކުރޭ."

"ތިޔަ ގައުމުގެ މުޖުތަމައު އޮންނަ ގޮތެއް އަހަރެން ނުދަންނަން. އަހަރެން ބޭނުންވީ އެހީތެރިވާން. މޮޑެލް ކުރާ ކުދިންނަށް ކުންފުނިތަކުން ވަރަށް ބޮޑު އުޖޫރައެއް ދޭ. ރުޚްސާނާގެ ޕްލާސްޓިކް ސާޖަރީގެ ހުރިހައި ޚަރަދެއް ކުރެވޭ ވަރަށް ފައިސާ ލިބޭނެ. އޭގެ އިތުރަށް މިތަނުން ހިތް ފުރޭވަރަށް ބާޒާރުކޮށްގެން އިތުރު ފައިސާކޮޅެއް ހިފައިގެން ރަށަށް އެނބުރި ދެވިދާނެ."

އަތެއް ފައެއް ހަލުވައިވެސް ނުލައި ހުއްޓައި އާމްދަނީގެ މަގު ފެނިދާނޭ ކަމަކަށް އޭނާ ހިއެއްވެސް ނުކުރެއެވެ. އެކަމަކު ބާދްޝާ ޖާނީ ދެކެ އޭނާ ބިރުގަނެއެވެ. އެއީ އޭނާ ނުގަބޫލު ކަމަކަށް ވެދާނެއެވެ. "ޑޮކްޓަރ. އިޝްތިހާރު ކުންފުނިތަކުން އަޅުގަނޑު ލައްވައި މޮޑެލް ކުރުވަން ބޭނުންވާނޭކަން ޑޮކްޓަރަށް އެނގިވަޑައިގަތީ ކިހިނެއްތޯ؟"

ޑޮކްޓަރު ހިނިތުންވެލިއެވެ. "އަހަރެން ރުޚްސާނާގެ ހުރިހައި ފޮޓޯއަކާ ގްރާފެއް ދެއްކީމެއްނު؟ އަހަރެން އެ މީހުންނަށްވެސް އެ ފޮޓޯތައް ދެއްކިން. އެމީހުންނަށް ވަރަށް ރީތިވެއްޖެ. އެމީހުން ތިބީ ވަރަށް ބޮޑު އަގު ދީފައި ރުޚްސާނާ ލައްވައި މޮޑެލް ކުރުވަން ތައްޔާރަށް. އިއްތިފާގަކުން އެ މީހުން ބޭނުން ވަނީވެސް އިރުމަތީގެ ކުއްޖެއް. އިންޑިއާގެ ނުވަތަ ޕާކިސްތާނުގެ ހެދުން އަޅައި އުޅޭ ކުއްޖެއް. އެއީ އިރުމަތީގެ ގައުމުތަކަށް ކޮސްމެޓިކްސް ވިއްކާ ބައެއް."

"އެމީހުން އަޅުގަނޑަށް ދޭނޭ އެންމެ ބޮޑު އަގަކީ ކޮބައިތޯ؟"

"ތިޔައެއް އަހަންނަކަށް ނޭނގޭ. އެމީހުންނާ ބައްދަލު ކުރަން ބޭނުމިއްޔާ ވަގުތެއް ބުނޭ. އަހަރެން އެ މީހުންނާ ވާހަކަ ދައްކައިލާނަން. އެމީހުން ބައްދަލު ކޮށްފައި އަގުގެ ވާހަކަދައްކާނެ."

އޭގެ އަނެއް ދުވަހު އޭނާގެ އުޅޭ ތަނަށް ފޮޓޯނަގާ ހަތަރު މީހަކު އައިސް އޭނާޔާ ބައްދަލު ކޮށްފިއެވެ. އޭގެ ތެރެއިން އެކަކީ އިނގިރޭސި އަންހެނެކެވެ. ދެން ތިބީ އިނގިރޭސި ހަތަރު ފިރިހެނުންނާއި ޕާކިސްތާނު ފިރިހެނެކެވެ. ޕާކިސްތާނު މީހާ ބުންޏެވެ. "އަހަރެންގެ ނަމަކީ ޙަސަން މުރާދު. މިއީ މިސިޒް ހޮކް. ދެން މިހިރީ މިސްޓަރ ޑޭވިޑް ހޮކް. ދެން އެހެރީ މިސްޓަރ ރިޗަޑް."

ރުޚްސާނާ ސަލާންކުރީ ހަމައެކަނި މިސިޒް ހޮކާއެވެ. ދެން ތިބި މީހުންނާ ދިމާއަށް ކުޑައިކޮށް ބޯ ތިރިކޮށްލުމަށް ފަހު އިޝާރާތުން ސަލާން ކޮށްލީއެވެ.

ޑޭވިޑް ހޮކް ބުނެލިއެވެ. "ވަރަށް ރަނގަޅު. ވަރަށް ރަނގަޅު. އަހަރެމެން ބޭނުންވަނީ މިކަހަލަ ކުއްޖެއް."

ރުޚްސާނާ އަތުގެ އިޝާރާތުން އިށީންނާށޭ ބުނެފިއެވެ. އެ ވަގުތު ސަލްމާ ޤާދިރް ކޮފީގެ އިންތިޒާމު ކޮށްފިއެވެ. އެމީހުން އައީ އިޝްތިހާރަކާ ބެހޭ ގޮތުން ރުޚްސާނާއާ ވާހަކަދައްކަން ކަން އޮތީ ކުރިން އެނގިފައެވެ.

ޙަސަން މުރާދު ބުންޏެވެ. "ލަންޑަނުގެ މިހައި ބޮޑު ކުންފުންޏަކުން ރުޚްސާނާ ލައްވައި މޮޑެލް ކުރުވުމަކީ ރުޚްސާނާއަށް ލެއްވި ވަރަށް ބޮޑު ނަސީބެއް. މި ރަށުގައިވެސް ރީތި ކުދިން މަދެއް ނޫން."

ރުޚްސާނާ ހިނިތުންވެލިއެވެ. "އަހަރެންގެ ނަސީބުގެ ވާހަކަ ނުދައްކާ. އަހަރެންގެ ނަސީބު ރަނގަޅު ނަމަ ތިޔަ ކުންފުނިން އަހަރެން ލައްވައި މޮޑެލް ކުރުވީހީ މޫނުގެ މިހިރަ އައިބާ އެކީގައި."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.