ފަޅިމޫނު - 123

(31 އޯގަސްޓް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާޤިރް ކައިރިއަށް ޖެހިލަމުން ބުންޏެވެ. "އެކަނި މި އައީ. ޖަމްޝީދުވީ ފުލުހުންގެ ބެލުުގެ ދަށުގައި... ހައްޔަރު ކޮށްފައި."

ރުޚްސާނާ ސިހިފައި ބާޤިރާ ދިމާއަށް ބަލައިލިއެވެ.

ބާޤިރް އިސްދަށަށް ޖަހައިލުމަށް ފަހު ބުނެލިއެވެ. "މި ދުނިޔޭގައި އުޅޭނީއަކީ ހައްތަހާވެސް ދުޝްމިނުންނެއް ނޫން. އެކުވެރިންވެސް އުޅޭނެ. ކޮންމެ މީހަކަށްވެސް ޖެހޭނީ އެ މީހެއްގެ އެކުވެރިންނަކީ ކޮބައިކަން ދެނެގަންނާން. ކަރުނައިން ފުރިފައިވާ ލޮލަކުން ބެލީމާ ދުނިޔެ ފެންނާނީ ތެމިފައި ވަނިކޮށް. ފުސްކޮށް. ސާފުކޮށް ދުނިޔެ ދެކެން ބޭނުންވާ މީހަކަށް ޖެހޭނީ އެމީހެއްގެ ލޮލާއި އައިނު ރަނގަޅަށް ސާފުކޮށްލަން. ދަރިފުޅާ... ކަރުނަ ފޮހެލާ."

ރުޚްސާނާ ކަރުނަ ފޮހޭން ފަށައިފިއެވެ. އެވަގުތު ހުއްދައަށް އެދިފައި ފުލުސް އޮފުސަރަކު ކޮޓަރިއަށް ވަދެއްޖެއެވެ. "މިސް ރުޚްސާނާ. މި އައީ ބަޔާން ނަގަން ވެގެން. ރޭ ކުއްލިއަކަށް ހޭނެތުނީމާ އެކަން ނުވެ އޮތީ. މިތަނަށް ރުޚްސާނާ ގެނެސްފައި ތިޔަ އޮތީ މިސްޓަރ ބާޤިރްގެ މަޝްވަރާގެ މަތީން އޭނާގެ ޚަރަދުގައި. ބޭނުން ގޮތަކަށް މިނިވަންކަމާއެކު ބަޔާން ދެވިދާނެ."

"އަހަރެންގެ ދުޝްމިނަކު ނެތް. އެއްވެސް މީހަކާ ދެކޮޅަށް ބަޔާނެއް ދޭކަށް ބޭނުމެއް ނޫން."

ފުލުސް އޮފުސަރު ބުންޏެވެ. "އެކަމަކު ރޭ ގޭގައި އިނދެގެން ބުނީމެއްނު މިސްޓަރ ޖަމްޝީދު..."

ރުޚްސާނާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ރޭ އަހަންނަށް ކުށްހިއެއް ކުރެވުނީ. ނިކަން ވިސްނައިލަބަލަ. އެހައި ބޮޑަށް އަމަލު ވެފައި ހުރި މީހަކަށް އަނިޔާވެރިކަމާއެކު އަހަންނާ ހަމަލާ ދެވިދާނެތަ؟"

"ގެއިން ނުކުމެގެން... ހުރިހައި ސާމާނެއް ހިފައިގެން ގެއިން ނުކުމެގެން އައީ ކީއްވެގެން؟"

"އަހަރެން މިއީ އިރުމަތީ އަންހެނެއް. އަހަރެމެންނަކީ ހިލޭ ފިރިހެނުންނާއެކު އެކަނި އެއް ތަނެއްގައި އުޅޭ ބައެއް ނޫން. މަޖުބޫރު ވެގެން އެހެން އުޅުނު ކަމުގައި ވިޔަސް ރާއަކީ އަހަރެމެން ނަފުރަތުކުރާ އެއްޗެއް. އަދި ރާ ބޯ މީހުން ދެކެ އަހަރެމެން ބިރުވެސް ގަނޭ. އަހަރެން ގެއިން ނުކުތީ މިސްޓަރ ޖަމްޝީދު ދެކެ ރުޅި އައިސްގެންނެއް ނޫން. އަހަރެން ނުކުތީ އޭނާ މާގިނައިން ބުއީމާ އެކަން ދެކެ ބިރުން."

ފުލުސް އޮފުސަރު ކްލިޕްބޯޑެއްގައި ތިއްބާފައި އޮތް ނޯޓު ފޮތަކާއި ގަލަމެއް ރުޚްސާނާގެ އަތަށް ދީފިއެވެ. ރުޚްސާނާ ކުރުކޮށް އޭނާގެ ބަޔާން ލިޔެ ސޮއި ކޮށްފައި އަނބުރައި ދީފިއެވެ. އޮފުސަރު ނުކުމެގެން ހިނގައްޖެއެވެ.

ސައްޔިދު ބާޤިރް ޢަލީ ޝުކުރުވެރި ނަޒަރަކުން ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. "ދަރިފުޅު ވަރަށް ރަނގަޅު. ޖަމްޝީދު ތިޔަ ސަލާމަތްކޮށް ދިނީ ވަރަށް ބޮޑު ކަމަކުން."

"ބައްޕާ. އެއީ އަޅުގަނޑުގެ ރަނގަޅު ކަމެއް ނޫން. އަޅުގަނޑު ދަސްކުރީ ބައްޕަގެ ކިބައިން. ތިން ހާސް ޕައުންޑަކީ އަޅުގަނޑުގެ އަމިއްލަ ފައިސާ. އެކަމަކު އެއީ އަޅުގަނޑު ވަގަށް ނެގި ފައިސާއޭ ބުނުއްވައި އެ މައްސަލަ ފުލުހަށް ހުށަހެޅުއްވުމަކީ ބައްޕައަށް ކުރެއްވިދާނެ ކަމެއް. އެކަމަކު އެހެންނެއް ނުހެއްދެވި. ދަރިފުޅުގެ ސަލާމަތަށްޓަކައިވެސް އަޅުގަނޑުގެ ބޮލުގައި އިލްޒާމެއް ނޭޅުއްވީމު. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުގެ ސާމާނު ކޮބައިތޯ؟"

"ގެއަށް ފޮނުވާލައިފިން."

އޭނާ ބޯ ހޫރައިލިއެވެ. "އަޅުގަނޑު ދެން އެ ގެއަކަށް ނުދާނަން."

"ވެދިޔަ ކަންތައް ހަނދާން ނައްތައިލާ. ޖަމްޝީދު އެކަހަލަ މޮޔަ ކަމެއް ކުރީ ބައްޕަ ނެތީމާ. ދަރިފުޅާ. އިންސާނުން ވާނީ ހަމަ އިންސާނުންނަށް. ބައެއް ފަހަރު ތަހުޒީބުގެ މަގުން ކައްސައިލާނެ."

އޭނާ ކުޑަކޮށް ނުރުހިފައި ބުނެލިއެވެ. "ކައްސައިލަނީ ކީއްވެގެންތޯ؟ އިންސާނިއްޔަތުގެ މީޔާރެއް ނޯންނަނީތޯ؟ ބޭނުން މީހަކު ބޭނުން އިރަކު މަގުން އެއްފަރާތް ވެގަންނާންވީތޯ؟"

"ދަރިފުޅާ. އިންސާނިއްޔަތު ގުޅިފައިވަނީ އިންސާނާޔާ. އިންސާނިއްޔަތަކީވެސް ޒައްރާއަކުން ޒައްރާއަކުން، ހުއިކޮޅަކުން ހުއިކޮޅަކުން އުފެދެމުން އަންނަ ހާއްޔެއް ކަހަލަ އެއްޗެއް. އުނދަގޫ ކަމަކީ އަހަރެމެންނަށް ކޮންމެ ޒައެްރާއަކާ ވަކިން ވާހަކަ ނުދެއްކޭކަން. ކޮންމެ ހުއިކޮޅަކަށް ވަކިން އިޝާރާތް ނުކުރެވޭކަން. ކޮންމެ އިންސާނަކު އެއް ގޮޅިއަކަށް ފައްތާފައި އިންސާނިއްޔަތުގެ މީޔާރަކީ މިއީއޭ ބުނެވޭނޭ ގޮތެއް ނޯވޭ. އިންސާނީ ތާރީޚު ފެށުނީއްސުރެ ނިމޭންދެން ފެންނާނީ ލާއިންސާނިއްޔަތުގެ އަމަލުތައް. އިންސާނިއްޔަތެއް ނޫން."

"އެހެންވެއްޖެއްޔާ ތިޔަ ބުނުއްވާ ލާއިންސާނިއްޔަތު ފެނުނު ތަނަކަށް ދެވަނަ ފަހަރަކަށް އަޅުގަނޑެއް ނުދާނަން."

"ބައްޕަގެ ބެލުމުގެ ދަށުގައި އިންދައެއް އެހެންނެއް ނުވޭ. ނުވެސް ވާނެ. ތިޔައީ ބައްޕަގެ ދަރިއެއް ނޫންތަ؟"

"ދަރިއެއް. އެކަމަކު މިހާރު މި ވަނީ އަތް ދޮވުނު ފެނަށް ވެފައި."

"ތިޔަ ކަހަލަ ވާހަކަ ނުދައްކާ. ބައްޕަ މިހާރުވެސް މިހރީ ލަދުން އިސް އުފުލައިލާން ނުކެރިފައި. ޖަމްޝީދުގެ ކުށުގެ ބަދަލު އަދާކުރުމުގެ ފުރުސަތު ބައްޕައަށް ދީ."

"ބަދަލު ދެއްވާން ބޭނުންވެ ލައްވަންޏާ އަޅުގަނޑުގެ ދާނޭ ތަނަކަށް ދާން ދޫކޮށްލައްވާ. އަޅުގަނޑަށް ކޮށް ދެއްވޭނޭ އެންމެ ބޮޑު ހެޔޮ ކަމަކީ އެއީ. އަޅުގަނޑުގެ ސާމާނު އަޅުގަނޑާ ހަމައަށް ގެނެސްދެއްވާ. މިތަނުން ނުކުންނާންވެސް އަޅުގަނޑު ބޭނުން."

"މިތަނުން ނުކުމެގެން ދާނީ ކޮން ތަނަކަށް؟ ބޮޑާހާކަނީ ކީއްކުރަން؟ މިއީ ލަންޑަން. ނުލާހިކު އަގުބޮޑު ރަށެއް. ވަޒީފާއެއް ނުލިބޭނެ. ބޯހިޔާ ކުރާނޭ ތަނެއް ނުލިބޭނެ. އަނެއްކޮޅުން ޕްލާސްޓިކް ސާޖަރީ ކަހަލަ އަގުބޮޑު ފަރުވާއެއް ލިބިގަތުމަކީ ދަރިފުޅަކަށް ކުޅަދާނަ ކަމަކަށް ނުވާނެ."

"އިންސާނާއަކީ ކޮންމެ ކަމަކަށްވެސް ކުޅަދާނާ މަޚްލޫގެއް. އަޅުގަނޑުގެ ހިތްވަރު ހުރި ވަރަކާއި ކުރެވޭނީ ކޮން ކަމެއްކަން އަޅުގަނޑު ދައްކާނަން. އަތުގައި މިހާރުވެސް ތިން ހާސް ޕައުންޑް އެބައޮތް. އެ ފައިސާއިން ރަށަށް ދެވޭނޭ ވަރު ބާކީކޮށް ރައްކާކޮށްފައި ބަހައްޓާނީ. ބާކީ ހުރި ފައިސާކޮޅުން މި ރަށުގައި އުޅެވޭނޭ ގޮތެއް ހޯދާނީ. އޭގެ ފަހުން ވަޒީފާއެއް ހޯދާނީ. ރެޔާއިދުވާލު މަސައްކަތް ކޮށްގެން ޕްލާސްޓިކް ސާޖަރީ ހެދޭވަރު ކުރާނަން. ތައުފީގު ދެއްވާނީ ﷲ."

ބަލި ގަބޫލުކުރާ ފާޑަކަށް ބާޤިރް ބުނެލިއެވެ. "ދަރިފުޅު ވަރަށް ގޮތް ދޫނުކުރޭ. އެންމެ ރަނގަޅު. ބައްޕަގެ އެންމެ އެދުމަކަށް އިޖާބަދީ. ދަރިފުޅު ދާން ބޭނުންވާ ތަނަކަށް ގެންގޮސް ދޭނީ ބައްޕަ. މިވަރުގެ ކަމަކަށް އެއްބަސްވޭ."

"އަޅުގަނޑު ދާން ބޭނުން ވަނީ އާރލް ހޯމަށް. އެތާނގައި އަންހެނުންގެ މަރުކަޒުތަކެއް ހުރޭ. އެއިން ތަނަކަށް ވަންނާނީ. އަޅުގަނޑުގެ މައްސަލަތަކުގެ ހައްލަކީ އެއީ."

"އެންމެ ރަނގަޅު. މަޑުކޮށްލާ. ސާމާނު ހިފައިގެން ބައްޕަ އެބަ އަންނަން."

ބާޤިރް ނުކުންނާން ހިނގައިގަތީމާ ރުޚްސާނާ ގޮވައިލިއެވެ. "ބައްޕާ. އަދި އެއް ވާހަކަ އެބައޮތް. ބައްޕަގެ ދަރިފުޅު ގާތު ބުނުއްވާތި އަޅުގަނޑު އުޅެނީ މީހަކާ އިނދެގެންނޭ."

ބާޤިރް ޢަލީ ޔަގީންކަމެއް ނެތް ގޮތަކަށް އެނބުރި ބަލައިލިއެވެ.

ރުޚްސާނާ ބޯ ޖަހައިލިއެވެ. "މިއީ ތެދެއް. ހަމައެކަނި މީހަކާ އިނދެގެން އުޅެނީއެއް ނޫން. އަޅުގަނޑުގެ ދަރިއަކުވެސް އެބައޮތް. އަޅުގަނޑު އައީ ތުއްތު ދަރިފުޅު ރަށުގައި ބާއްވާފައި."

ބާޤިރް ހައިރާންވެފައި އަހައިލިއެވެ. "އެހެން ވެއްޖެއްޔާ ޕާސްޕޯޓުގައި މިސް ރުޚްސާނާއޭ ޖަހާފައި އޮތީ ކީއްވެގެން؟"

"އަޅުގަނޑަށް ކުރެވުނު ކުށަކީ އެއީ. ކުށް ކުރެވުނު ސަބަބު ނަންގަނެގެން އިތުރަށް ލަދު ގަންނާކަށް ބޭނުމެއް ނޫން."

ބާޤިރް އޭނާޔާ ދިމާއަށް ދިމާއަށް ބަލަހައްޓައިގެން ގަނޑުވެފައި ކަހަލަ ގޮތަކަށް ހުރެއްޖެއެވެ. ދާން ހަނދާން ނެތުނީ ކަހަލައެވެ.

ރުޚްސާނާ އަހައިލިއެވެ. "ތިޔަ ގޮތަށް އަޅުގަނޑާ ދިމާއަށް ބައްލަވަނީ ކީއްވެގެންތޯ؟"

ބާޤިރް ސިހިފައި ބުނެލިއެވެ. "އޫނ... ކަމެއް ނުވޭ. ހަމަ ބަލައިލީ. ބައްޕަ އެބަ އަންނަން."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.