ފަޅިމޫނު - 71

(18 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެއީ މީހަކު ނުފެނިގެން ހޯދަމުން މުޅި ރަށުގައި ދުވާ ކަމަށް ލިޔެފައިވާ ޅެންބައިތެކެވެ.

އޭނާ ފުން ނޭވައެއް ލުމަށް ފަހު އަނެއްކާވެސް ބޭރަށް ބަލާން ފަށައިފިއެވެ. ބާދްޝާ ޖާނީ ސުވާލު ކުރާ އަޑު އިވޭ ކަހަލައެވެ. "ފަރީ. ކޮންތާނކު ތިޔަ އުޅެނީ؟"

"އަހަރެން މީނީ." ކާރު ބާރު ދުވެލީގައި ދުއްވައިފައި ދަނީއެވެ. ބޭރުން ޖެހޭ ވައިރޯޅި އޭނާގެ މޫނުގައި ބީހެމުން ދިޔައެވެ. ބޭރުގެ އަޑުފަށްގަނޑު ވަރަށް ގަދައެވެ. އެ އަޑުފަށްގަނޑުގެ ތެރެއިން ކިޔާ އަޑު އިވޭހެން ހީވެއެވެ. "ތިޔަ ހޯދާ މީހާ އަތުވެއްޖެ..."

އެކަމަކު މި ވަގުތު ކާރު ދުއްވަން އިނީ އޭނާޔާ ސުވާލުކުރާ މީހާއެއް ނޫނެވެ. އެހެން މީހެކެވެ. ކާރުގައި ލިޔެފައި އޮތް ޅެންބައިތަކީ ފަރުޒާނާއަކަށް މާ މުހިއްމު ބައިތަކަށް ނުވިއެވެ. އެއީ އާދައިގެ ކަމެކެވެ. ވަރަށް ގިނަ ކާރުގައި އެކަހަލަ ލޯބީގެ ބައިތުބައިތު ލިޔެފައި ހުރެއެވެ.

ފަރުޒާނާގެ ވިސްނުން ކުޑައިރުކޮޅެއް ވާންދެން ބާދްޝާގެ މައްޗަށް ހުއްޓިފައި ހުއްޓެވެ. އެކަމަކު އިރުކޮޅަކުން އެހެން ވިސްނުމަކަށް ގެއްލިއްޖެއެވެ. އެ ވަގުތު ކާރު ގޮސް ޖަހާންގީރް ރޯޑަށް ވަދެއްޖެއެވެ. "މިހެން ދަނީ ކީއްވެގެން؟"

"އަޅުގަނޑުގެ ދަންފަޅި ހަމަވީ. މި ދަނީ ކާރުގެ ވެރިމީހާޔާ ކާރު ހަވާލު ކުރަން. ފިކުރު ނުކުރައްވާ. މި ކާރުގައި ސޮސައިޓީއަށް ގެންގޮސް ދޭނެ. ހަމައެކަނި ޑުރައިވަރު ބަދަލު ވާނީ."

އޭނާ ކުޑަކޮށް ހާސްވެއްޖެއެވެ. ގަރާޖު ދުރުން ފެންނާން ފަށައިފިއެވެ. ގަރާޖާ ހަމައަށް ދެވުނީމާ އޭނާގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. އިންޖިނޭރުބޭބެއާ ވާހަކަ ދައްކާން ދެއަތް ފުރަގަހަށް ލައިގެން އެހެރީ ބާދްޝާ ޖާނީއެވެ.

ފަރުޒާނާއަކަށް ހަދާނޭ ގޮތެއް ނޭނގުނެވެ. މިފަދަ ގޮތަކަށް ކުއްލިއަކަށް ބާދްޝާއާ ދިމާވެދާނޭ ކަމަކަށް އޭނާގެ ހިތަކަށް ނާރައެވެ. އޭނާ ކާރުން ފައިބައިފިއްޔާ އެހެން ކާރެއް ހޯދަންވީ ކީއްވެގެން ހެއްޔޭ ޑުރައިވަރު އަހާނެއެވެ. އެ ސުވާލުގެ ޖަވާބެއް އޭނާގެ ސިކުނޑިއަކަށް ނުވަދެއެވެ. އޭނާ އެހެން ކާރެއް ހޯދަން އުޅެގެންފިއްޔާ އިންޖިނޭރުބޭބެވެސް އޭނާޔާ ވާހަކަ ދައްކާނެއެވެ. އެންމެފަހުން ގޮސް ބާދްޝާއަށް ޝައްކު ވެދާނެއެވެ.

އޭނާއަށް ވިސްނުނު ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ހިމޭނުން އިނުމެވެ. އަނގައިންވެސް ބުނާނެ ކަމެއް ނެތެވެ. ބާދްޝާ ސުވާލެއް ކުރިޔަސް މޫނުބުރުގާ އަޅައިގެން އުޅޭ މީހުން ހަދާހެން ހިމޭނުން އިންނާނީއެވެ. ދެތިން ސިކުންތުގެ ތެރޭގައި އޭނާ އެތައް ގޮތަކަށް ވިސްނައިފިއެވެ.

ކާރު ދުއްވާން އިން މީހާ ފައިބައިގެން ގޮސް ބާދްޝާއާ ވާހަކަ ދައްކާން ފަށައިފިއެވެ. ބާދްޝާ ކުޑަކޮށް ގުދުވެފައި ކާރުގެ އެތެރެއަށް ބަލައިލިއެވެ. ފަރުޒާނާގެ މުޅި ހަށިގަނޑަށް ވާންވެގެން ދިޔައެވެ. ގޮނޑީގައި ލެނގިލީ ގޮތުން ހީވަނީ ގޮނޑު ފޫދުއްވައިލާފައި ފަހަތުން ބޭރަށް ނުކުންނާން އުޅެނީހެންނެވެ. އެވަގުތު އޭނާގެ ސިކުނޑިން އިންޒާރެއް ދިނެވެ. ތިޔަ ހަދަނީ ރަނގަޅަކަށް ނޫނެވެ. ބޭޒާރުވެދާނެއެވެ. މޫނުބުރުގާ އަޅައިގެން އިނީމާ އޭނާއަކީ ކާކުކަން ބާދްޝާއަކަށް ނޭނގޭނެއެވެ. އެހެންވީމާ އެންމެ ރައްކާތެރި ގޮތަކީ މަޑުމަޑުން އިނުމެވެ.

ބާދްޝާ ބުންޏެވެ. "ފިކުރު ނުކުރައްވާ. ގަޑިއަށް މަންޒިލަށް ގެންގޮސް ދޭނަން. މި އަންނަނީ."

ދެން އޭނާ އެނބުރިލީ އިންޖިނޭރުބޭބެޔާ ދިމާއަށެވެ. "ބޭބޭ. ބޭބެއަކީ އަބަދުވެސް ބުއްދިވެރި ވާހަކަ ދައްކާ މީހަކު ކަމަށް އަހަރެން ގަބޫލު ކުރަން. އެކަމަކު ނިކަން ވިސްނައިލަބަލަ. އެ އަންހެންމީހާޔާ އެކީގައި އަހަރެން އަހަރަކާ ތިން މަސް ދުވަސް ހޭދަކޮށްފިން. ދަރިއަކު ލިބިއްޖެ. ދަންނަބޭކަލުން މިހާރު އަހަރެމެންގެ ގުޅުން ކެނޑޭ ކަހަލަ ވާހަކަ ދެއްކީމާ ދެމީހުންނަށް ޖެހޭނީ ވަކިވާން. މުޅި ދިރިއުޅުން ހަލާކު ވެދާނެ. އަދި..."

އިންޖިނޭރުބޭބެ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ތިޔަ ނޫނަސް ވަރަށް ގިނަ ގޮތްގޮތް ވާނެ. ދޮގު ހަދައި އޮޅުވައިލުމުގެ ކުރިން ވިސްނާލަން ޖެހެނީ އެހެން ވެގެން. އެކަހަލަ ކަންތައް ކުރުމަކީ ފަހުން ބޮޑެތި މައްސަލަތައް ކުރިމަތިވެދާނޭ ކަމެއްކަން ދަންނާން ވާނެ. އަހަރެން ރުޚްސާނާއަށް ހަމްދަރުދީވަން. އެކަމަކު އަހަންނާއި ޖާނީގެ ހަމްދަރުދީއަކުން ކުރާނޭ މާ ބޮޑު ފައިދާއެއް ނެތް. މިއަދު ފައިސަލާ ކުރެވޭ ގޮތާ ރުހުން ނޫން ގޮތެއް އަހަރެމެންނަކަށް ނޯންނާނެ. އަހަރެން ޢާލަމްގީރް ރޯޑާ ހަމައަށް ގެންގޮސްދީ. އަހަރެން ބައްދަލުކުރަން ބޭނުންވާ އިލްމުވެރިޔާ އުޅެނީ އެ މަގުގައި ހުންނަ ގެއެއްގައި. އެ ހިސާބަށް އަހަރެން ބާލާފައި ފަސިންޖަރު ގޮވައިގެން ދޭ."

މިހެން ބުނެފައި އިންޖިނޭރުބޭ ފަރުޒާނާއާ ދިމާއަށް ބަލައިލިއެވެ. އޭނާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އިންޖިނޭރުބޭބެ ގޮސް ކުރީ ގޮނޑިއަށް އަރައިފިއެވެ، ބާދްޝާވެސް ކާރަށް އަރައި އިށީނދެއްޖެއެވެ. ފަރުޒާނާއަށް ހީވީ އޭނާގެ ބޯމައްޗަށް ފަރުބަދައެއް ވެއްޓުނީހެންނެވެ.

ކާރު ދުއްވައިލީމާ ޑޭޝްބޯޑުގައި ތަތްކޮށްފައި ހުރި ކަރުދާސްގަނޑާ ދިމާއަށް ބަލައިލާފައި އިންޖިނޭރުބޭބެ ބުންޏެވެ. "މިއީ ކޯނޗެއް؟ އަދިވެސް ތިޔަ އުޅެނީ އެ އަންހެންކުއްޖާގެ އަވައިގައިތަ؟"

ބާދްޝާ ފުން ނޭވައެއް ލިއެވެ. އެކަމަކު އަނގަޔަކުން ނުބުންޏެވެ.

އިންޖިނޭރުބޭބެ ބުންޏެވެ. "ޖާނީ. ރަނގަޅަށް ވިސްނައިލާ. މިހާރު މި ވާ އެއްވެސް ކަމަކީ ޖާނީއާ ދެކޮޅަކަށް ވާ ކަމެއް ނޫން. ރުޚްސާނާއާ ދެކޮޅަށް ވާ ކަމެއް. ދޮގު ހެދީ އޭނާ. މަކަރު ހެދީ އޭނާ. އޭނާއަށް އެ ލިބެނީ އެކަމުގެ އަދަބު. ތަގުދީރު ޖާނީގެ މައްޗަށް ރުހުމުގެ ލޮލުން ބެލީ ކަމުގައި ގަބޫލު ކުރޭ. ހަގީގީ ލޯތްބާ ދިމާއަށް ލަވަނީ ކަމަށްވެސް ވެދާނެ. ގުދުރަތުގެ ފައިސަލާއަކީ އެކަކަށްވެސް އެނގޭނޭ ކަމެއް ނޫން. އެކަމަކު އަހަންނަށް ބާވަތެއްގެ މަންޒަރެއް އެބަފެނޭ."

"ކޮން މަންޒަރެއް؟"

"ރުޚްސާނާގެ މައްޗަށް ޖާނީގެ ލެނބުން ހުރި ގޮތް އަހަންނަށް ފެނޭ. އެކަމަކު އެއީ ލޯތްބެއް ނޫން. އެ ފަކީރަށް ވެދާނޭ ގޮތަކާމެދު ފިކުރުކޮށްފައި ވެވޭ ހަމްދަރުދީ. މިހާރުވެސް ޖާނީ ލޯބިވަނީ ފަރުޒަނާ ދެކެ. މި ކަރުދާސްގަނޑުންވެސް އެކަން އެބަ އެނގޭ. ދުވާލު ހަތަރުދަމު އޭނާ ނުފެނިގެން ދުއްވާ ދުއްވުމާއި ހަސްފަތާލުތަކަށް ވަދެ ހިންގާ ހަމަނުޖެހުމުން ސާބިތުވަނީ އޭނާ ދެކެ ވާ ލޯތްބެއް ނޫންތަ؟ އަހަރެން މިއީ މޮޔައަކީމެއް ނޫން. ތިޔަ ކުރާ ހުރިހައި ކަމެއް އެބަ ވިސްނޭ."

"ބޭބެ ނިކަން ބުނެބަލަ. އަހަރެން ހަދަންވީ ކިހިނެއް؟"

"އިހަށް މިއަދު ލިބެނީ ކޮން ކަހަލަ ފަތުވާއެއްތޯ ބެލިޔަދީ. ދެކުދިންގެ ކާވެނި ސައްހަތޯ އަހަރެން ބަލަން ބޭނުން. ސައްހަ ނޫނިއްޔާ ސައްހަ ކުރެވޭނޭ ގޮތެއް ހޯދަންވެސް ބޭނުން. ދެވަނަ ފަހަރު ކާވެނިކުރެވިދާނެ ގޮތެއް އޮތިއްޔާ ރުޚްސާނާ ދޫކޮށްލާކަށް ނުޖެހޭނެ. އެއީ ޖާނީގެ ދަރިފުޅުގެ މަންމަ."

ބާދްޝާ ބުންޏެވެ. "އާނ. ކާވެނި ކުރި ދުވަހު އެމީހުން ކަންތައް ކުރީ ވަރަށް ވިޔާނުދާ ގޮތަކަށް. އެކަމަކު މިހާރު ރުޚްސާނާޔާ މެދު ދެރަ ގޮތަކަށް ކަންތައް ވުމަކީ އަހަރެން އެދޭ ކަމެއް ނޫން. އިންސާނީ ހަމްދަރުދީއަކީވެސް އޮންނަ އެއްޗެއްނު؟"

"ރުޚްސާނާއަށް ވެދާނޭ ގޮތަކާމެދު ވިސްނީމާ އަހަރެންވެސް ވަރަށް ދެރަވޭ. އެކަމަކު ބޭބެއަށް ކުރެވޭނީ ކޮން ކަމެއް؟ ނުބައި ގޮތަކަށް ފަތުވާ ލިބިއްޖެއްޔާ އޭނާޔާ މެދު ހިތުގައި ހަމްދަރުތީ އޮތް ކަމުގައި ވިޔަސް އޭނާޔާ އެކީގައި ނޫޅެވޭނެ. އެއީ ހަރާން ކަމަކަށް ވާނެ."

ބާދްޝާ ދެރަވެފައި ބުންޏެވެ. "އޭރުން އަހަރެން މުޅީން އެކަނިވެރި ވެދާނެ."

އެކަނިވެރިކަމުގެ ވޭނަކީ ފަރުޒާނާ ދަންނަ އިހުސާސެކެވެ. ވުމާއެކު ބާދްޝާގެ ހިތާމަ ޚަންޖަރެއްހެން އޭނާގެ ހިތަށް ހެރުނެވެ. އޭނާއަކީވެސް ރުޚްސާނާގެ ދުޝްމިނެއް ނޫނެވެ. އެކަމަކު ތަގުދީރުގެ ނިޔާގެ ކުރިމަތީގައި އޭނާއަކަށްވެސް ކުރެވޭނޭ ކަމެއް ނެތެވެ. އޭނާގެ ހިތުގައި ރުޚްސާނާގެ މައްޗަށް އިންސާނީ ހަމްދަރުދީ އެބައޮތެވެ. އެކަމަކު ހިތުގެ އަޑީގެ ހަމްދަރުދީ އޮތީ ބާދްޝާގެ މައްޗަށެވެ. ރުޚްސާނާއާއި ބާދްޝާގެ ކާވެނިކޮށްދިނީ އޭނާއެވެ. އެކަމަކު މިއަދު އޭނާ ބޮޑު މުޖުރިމަކަށް ވެފައި ވަނީ އެ އަމަލުގެ ސަބަބުންނެވެ. ފިލަފިލައިގެން އުޅެން ޖެހިފައި ވަނީ އެހެން ވެގެންނެވެ. މިހާރު އެ އުޅެނީ ހުރިހައި ކަމެއް ބަދަލުވާށެވެ. ރުޚްސާނާއަށް އޭނާ ކުޅަ ކުށުގެ އަދަބު ލިބެނީއެވެ. އެއީ ފަރުޒާނާ ނިންމި ގޮތެއް ނޫނެވެ. ހާލަތުގެ ނިންމުމެވެ. ބައެއް ފަހަރު އިންސާނާ އަމިއްލައަށް ހާލަތު ބަދަލު ކުރެއެވެ. އެކަމަކު ބައެއް ފަހަރަށް ހާލަތަކީ ބަދަލު ނުވާ އެއްޗަކަށްވެސް ވެދެއެވެ. ބަދަލު ނުކުރެވޭ ހާލަތުގެ ސަބަބުން އިންސާނާ އެގޮތް މިގޮތަށް ފުރޮޅައި، އެފުށް މިފުށަށް ޖަހައިލައެވެ. ހާލަތުގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން މަޖުބޫރު ކުރުވައިފަތެވެ. އެހެންވީމާ ފަރުޒާނާއަކަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތެވެ. ކުރެވެން އޮތްހައިވެސް ކަމަކީ ރުޚްސާނާއަށް ހަމްދަރުދީ ވުމެވެ. ދެން ބާދާޝާ ޖާނީއަށް..؟

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.