އިންޑިޔާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގެ 500 އެއްހާ މީހުން ހައްޔަރުކޮށްފި

ކަޝްމީރުގެ ސްރީނަގަރުގައި އިންޑިޔާގެ ސަލާމަތީ ބާރުތަކުން މީހުން ފާސްކުރަނީ

ކަޝްމީރުގެ އިންޑިޔާ ފަޅީގައި ބަޑިން ހަމަލާދީ ބަޔަކު މަރާލުމާ ގުޅިގެން، އިންޑިޔާގެ ސަލާމަތީ ބާރުތަކުން ނުކުމެ 500 އެއްހާ މީހުން ހައްޔަރުކޮށްފިއެވެ.

ހަރުކަށި އަމަލު ނުހިނގާތާ ދުވަސްތަކެއް ވެފައި ވަނިކޮށް، ފާއިތުވި ހަފުތާ ތެރޭގައި ހަތިޔާރުއެޅި ބަޔަކު ވަނީ ސްރީނަގަރުގައި ބަޑިން ހަމަލާދީ ސިކުންގެ 3 މީހުންނާއި ހިންދޫއަކު މަރާލާފައެވެ. އިންޑިޔާއަށް ތާއީދުކުރާ ސީޔާސީ ފަރާތްތަކާއި، އިންޑިޔާއާ ދެކޮޅު ސިޔާސީ ފަރާތްތަކުންވެސް ވަނީ މި އަމަލު ކުށްވެރިކޮށްފައެވެ.

ކަޝްމީރުގެ ފުލުހުން ތުުހުމަތުކުރާ ގޮތުގައި މީހުން މެރުމުގެ އަމަލު ހިންގާފައި ވަނީ އިންޑިޔާގެ ދަށުން ކަޝްމީރު މިނިވަންކުރުމަށް ހަނގުރާމަކުރާ ހަނގުރާމަވެރިންނެވެ. ފުލުުހުން ބުނި ގޮތުގައި މުޅި ކަޝްމީރު ވާދީގައި ފުލުހުން ފާއިތުވި 3 ދުވަހު ހިންގި އޮފަރޭޝަނުގައި 500 އެއްހާ މީހުން ހައްޔަރުކޮށްފައި ވެއެވެ. އެންމެ ގިނަ ބަޔަކު ހައްޔަރުކުރީ ސްރީނަގަރުންނެވެ.

ފުލުހުން ބުނިގޮތުގައި ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަޑިން ހަމަލާދީ އާއްމުންގެ ހަތް މީހަކު މަރާލުމުގެ ފަހަތުގައި ވަނީ ދަ ރެސިސްޓެންސް ފްރަންޓް (ޓީއާރްއެފް) ގެ ހަނގުރާމަވެރިންނެވެ. މި އަހަރު ތެރޭގައި މި ގޮތަށް ބަޑިޖަހައި މަރާލި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. މި 28 މީހުންގެ ތެރޭން 21 މީހުންނަކީ މުސްލިމުންނެވެ. ބާކީ 7 މީހުންނަކީ ސިކުންނާއި ހިންދޫންނެވެ.

ބުރާސްފަތި ދުވަހު ޓީއާރްއެފުގެ ނަމުގައި މީސްމީޑިޔާގައި އާއްމުކުރި ބަޔާނެއް ބުނާގޮތުން އެ ޖަމާއަތުން ހަމަލާދީ މަރަނީ އިންޑިޔާ ސަރުކާރަށް މަސައްކަތްކޮށްދޭ މީހުންނެވެ. އަދި މީހުން މެރުމުގައި އެމީހުން ދީނަކަށް ނުބަލައެވެ. މި ބަޔާނުގެ ސަައްކަން މިނިވަން ގޮތެއްގައި ކަށަވަރުކުރެވިފައި ނުވެއެވެ.

ޓީއާރްއެފްއަކީ އިންޑިޔާގެ ގާނޫނު އަސާސީގައި ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތައް 2019 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި އިންޑިޔާ ސަަރުކާރުން ނިގުޅައިގަތުމާ ގުޅިގެން އުފެދުނު ޖަމާއަތެކެވެ.

އާއްމުންގެ ވަކި ފަރުދުންނަށް އަމާޒުކޮށް ދެވޭ ހަމަލާތަކުގެ ސަބަބުން ކަޝްމީރުގައި ބައިމަދު ހިންދޫންނާއި ސިކުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. ބައެއް ހިންދޫ އާއިލާތައް ކަޝްމީރު ދޫކޮށް ދާކަމުގެ ޚަބަރުތައް ވެސް ލިބެއެވެ.

އެންމެ ފަހުން ދިން ހަމަލާތަކުގައި މަރާލި މީހުންގެ ތެރޭގައި މަޝްހޫރު ހިންދޫ ކެމިސްޓަކައީ، ހިންދޫ ޓީޗަރަކާއި، ސިކް ޓީޗަރަކާއި، މަގުމަތީގައި ކާބޯތަކެތި ވިއްކާ، ބިހާރަށް ނިސްބަތްވާ ހިންދޫއަކު ހިމެނެއެވެ.

ކަޝްމީރުގެ މުސްލިމް ހަނގުރާމަވެރިން ދަނީ 1989 ވަނަ އަހަރުން ފެށިގެން އިންޑިޔާގެ ސަލާމަތީ ބާރުތަކާ ހަނގުރާމަކުރަމުންނެެވެ. އެމީހުންގެ މަގުސަދަކީ އިންޑިޔާގެ ދަށުން ކަޝްމީރު މިނިވަންކޮށް، މިނިވަން ގައުމެއް ގާއިމުކުރުމެވެ. ނުވަތަ ކަޝްމީރުގެ ޕާކިސްތާނު ފަޅިއާ ގުޅުމެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.