
ކަޝްމީރުގެ އިންޑިޔާ ފަޅި އިންޑިޔާގެ ދަށުން މިނިވަންކުރެއްވުމަށް ސުލްހަވެރިގޮތުގައި މަސައްކަތްކުރެއްވި ލީޑަރު ސައްޔިދު ޢަލީ ޝާހު ގީލާނީ އުމުރުފުޅުން 92 އަހަރުގައި ރޭ އަވަހާރަވެއްޖެއެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އޭނާ އަަވަހާރަވީ ކަޝްމީރުގެ ވެރިރަށް ސްރީނަގަރުގައި ހުންނަ އޭނާގެ ގެކޮޅުގައެވެ.
އޭނާ ގިނަ ދުވަސްތަކެއް ވަންދެން ލީޑަރަކަށް ހުންނެވި އޯލް ޕާޓީސް ހުއްރިއްޔަތު ކޮންފަރެންސް (އޭޕީއެޗްސީ) ގެ ލީޑަރު ޢަބްދުލް ޙަމީދު ލޯން ނެރުއްވި ބަޔާނެއްގައި ވާގޮތުން އޭނާ އަވަހާރަވީ ރޭ 10 ޖެހިއިރު (ރާއްޖޭ ގަޑިން ރޭ 9:30) އެވެ.
ގީލާނީ އަވަހާރަވީ ޚަބަަރާއެކު އިންޑިޔާ ސަލާމަތީ ބާރުތަކުން ވަނީ ސްްރީނަގަރުގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ. ގީލާނީގެ ގެކޮޅަށް ދެވޭ ހުރިހާ މަގުތަކެއް ކަށިނަަރު ދަމައި ބަންދުކޮށްފައި ވާއިރު، މަގުތަކުގައި ސިފައިންނާއި ފުލުހުންގެ އެތައް ސަތޭކަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި ކާފިއު ހިންގައި، އިންޓަނެޓުގެ ޚިދުމަތް ކަނޑާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިޔާގެ ދަށުން ކަޝްމީރު މިނިވަންކޮށް ކަޝްމީރުގެ ޕާކިސްތާނު ފަޅިޔާ ގުޅުވާލުމަށް މަސައްކަތްކުރާ އެޕީއެޗްސީގެ ލީޑަރެެއްގެ ގޮތުގައި އޭނާ ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. ކަޝްމީރުގެ މުސްތަގުބަލާމެދު އިންޑިޔާއާ މަޝްވަރާކުރައްވަން ދެކޮޅުހައްދަފާއި ވާއިިރު، އޭނާ މަސައްކަތްޕުޅުކުރެއްވީ ހަތިޔާރު ނުއުފުލައި ސުލްހަވެރި އިހުތިޖާޖުކޮށްގެން އިންޑިޔާއަށް ފިއްތުންތައް ކުރިމަތިކުރެއްވުމަށެވެ.
އޭޕީއެޗްސީގެ ކުރިން ޖަމާއަތެ އިސްލާމީ ކަޝްމީރުގެ ލީޑަރުކަންވެސް ކުރެއްވި ގީލާނީ ވަނީ ދެ ފަހަރެއްގެ މަތިން ކަޝްމީރުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އެއީ 1972 އިން 1982 އަށް އަދި 1987 އިން 1990 އަށެވެ.
އިންޑިޔާ ސަރުކާރުން އެތައް ފަހަރަކު އޭނާ ހައްޔަރުކޮށްފައިވާއިރު، ފާއިތުވި 12 އަހަރު އޭނާ ހުންނެވީ ގޭބަންދުގައެވެ. ގޭބަންދުގައި ހުންނަވައިގެންވެސް އޭނާ ލީޑަރުކުރަން ކުރެއްވި އޭޕީއެޗްސީގެ ލީޑަރުކަމުން އޭނާ ވަނީ ފާއިތުވި އަހަރު އިސްތިއުފާދެއްވާފައެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން ކަޝްމީރުގެ މުސްލިމް ލީޑަރުން ތައުޒިޔާ ކިއުއްވަމުން ދާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އިމްރާން ޚާން ވިދާޅުވިގޮތުގައި ސައްޔިދު ގީލާނީއަކީ ކަޝްމީރުގެ ރައްޔިތުންނަށް އެމީހުންގެ މުސްތަގުބަލު ކަނޑައެޅުމުގެ ހައްގު ހޯއްދަވައިދެއްވުމަށް އަމިއްލަ ނަފުސު ގުރުބާންކުރެއްވި ލީޑަރެކެވެ.