އިންޑިއާއިން އެއް އަހަރުގެ ތެރޭގައި ކަޝްމީރުގެ 214 މީހުން ޝަހީދުކޮށްލައިފި

އިންޑިއާގެ ސަލާމަތީ ބާރުތަކުން އެއް އަހަރުދުވަހުގެ ތެރޭގައި ކަޝްމީރުގެ 214 މީހުން ޝަހީދުކޮށްލައިފިއެވެ.

ކަޝްމީރު މީޑިއާ ސާރވިސް (ކޭއެމްސީ) އިން ބުނިގޮތުގައި 5 އޮގަސްޓު 2019ގައި ގާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތައް އުވާލިފަހުން، ގާނޫނާ ޚިލާފަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގައި ހިންގަމުންދާ ޢަމަލުތައް މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް އަނިޔާވެރިވެ ހައްދުން ނެއްޓިފައެވެ.

ކޭއެމްސީން ހާމަކުރިގޮތުގައި ފާއިތުވި އަހަރު ދުވަހުގެތެރޭގައި އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރު ހިސާރުކޮށްގެން ތިބެ ކަޝްމީރުގެ 214 މީހުން ޝަހީދުކޮށް 1390 މީހުންނަށް ހަމަލާދީ ޒަޚްމްކޮށްފައިވެއެވެ. އަދި ސިޔާސީ މީސްމީހުންގެ އިތުރަށް އެއްވެސް ކުށެއް ނެތް 13680 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް ޖަލުތަކުގައި ބަންދުކޮށްފައި ވެއެވެ.

އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރު މީހުންނަށް ކުރަމުންދާ އަނިޔާތަކުގެ ތެރޭގައި މަގުމަތިން ފެންނަ މީހުންގެ ގަޔަށް ރަބަރު ވަޒަން ޖެހުން ވެސް ހިމެނެއެވެ. އަދި 10240 އަށް ވުރެ ގިނަ މީހުންގެ ގަޔަށް ޕެލެޑް ބަޑިން ހަމަލާދީ އަނިޔާކޮށްފައިވެއެވެ.

ކަޝްމީރަށް އިންޑިއާގެ ގާނޫނުއަސާސީން ލިބިދީފައިވާ ޚާއްޞަ އިމްތިޔާޒުތައް އުވާލައި ކަޝްމީރުގައި ކާފިއު ހިންގާފައިވާތާ މިއަދަށް އެއް އަހަރު ފުރިގެންދާއިރުވެސް ކަޝްމީރުގެ ރައްޔިތުން މިނިވަންކަމަށްޓަކައި އުފުލަމުންދާ އަޑު އިންޑިއާގެ ސަލާމަތީ ބާރުތަކަށް ކަނޑުވައެއް ނުލެވުނެވެ. އެކަމުގެ ސަބަބުން ކަޝްމީރަށް އިތުރު ސިފައިންނާއި ހަތިޔާރު ގެނެސް ފޯރީމެރުން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ކަޝްމީރުގެ ބައެއް ސިޔާސީ ޖަމާއަތްތަކުން ވަނީ މިއަދުވެސް މަގުމައްޗަށް ނިކުމެ އިންޑިއާ ސަރުކާރުގެ އަނިޔާވެރި ސިޔާސަތާ ދެކޮޅަށް ހަޅުތާލުކުރަން ގޮވާލާފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.