ކަޝްމިީރުގެ އިންޑިޔާ ފަޅީގެ ރައްޔިތުން އެބައިމައިމީހުން ބައިމަދު މީހުންނަށް ވެދާފަދަ ގާނޫނެއް އިންޑިޔާއިން ތައާރަފުކޮށްފިއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިޔާގެ ހޯމް މިނިސްޓްރީން އަމަލުކުރަން ފެށި މި ގާނޫނުގެ ސަބަބުން މިހާރު މުސްލިމުންގެ އަޣުލަބިއްޔަތު އޮތް ސަރަހައްދުގެ އާބާދީގެ ނިސްބަތް އެކޮޅުކޮޅުން ޖެހި މުސްލިމުން ނޫން މީހުންނަށް އަޣުލަބިއްޔަތު ލިބުން ގާތެވެ.
މި ގާނޫނުގައި ވާގޮތުން މެދުނުކެނޑި ކަޝްމީރުގައި 15 އަހަރު ދިރިއުޅެފައިވާ ކޮންމެ މީހަކަށް، ނުވަަތަ ހަތް އަހަރު އެ ސަރަހައްދުގައި ކިޔެވުމަށް ފަހު ގްރޭޑް 10 އިން ގްރޭޑް 12 އަށް އެ ސަރަހައްދުގެ ސްކޫލެއްގެ އިމްތިހާނުގައި ބައިވެރިވެފައިވާ ވާ ކޮންމެ މީހަކަށް ކަޝްމީރުގެ ދާއިމީ ވަޒަންވެރިއަކަށް ވެވޭނެއެވެ. އަދި ކަޝްމީރުގައި މެދުނުކެނޑި 10 އަހަރު ވަޒީފާ އަދާކޮށްފައިވާ މީހުންގެ ދަރިންނަށްވެސް ކަޝްމީރުގެ ދާއިމީ ވަޒަންވެރިންނަށް ވެވޭނެއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަޝްމީރު ފިޔަވައި އިންޑިޔާގެ އެހެން ސަރަހައްދެެއްގެ މީހަކަށް ކަޝްމީރުގެ ދާއިމީ ވަޒަންވެރިއަކަށް ނުވެެއެވެ. ކަޝްމީރަށް ޚާއްސަ އިމްތިޔާޒުތަކެއް ދިނުމަށް އިންޑިޔާގެ ގާނޫނު އަސާސީގައި ހިމަނާއި އޮތް މާއްދާ 35ހ. އިން މިކަން އޮތީ ހުއްޓުވާފައެވެ. ނަމަވެސް އެމާއްދާ އުވާލި ހިސާބުން އެކަމަށް މިވަނީ މަގުފަހިވެފައެވެ.
އިންޑިޔާގެ ރަަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކަޝްމީރުގެ 12.5 ރައްޔިތުންގެ ތެރެއިން %68 މީހުންނަކީ މުސްލިމުންނެވެ. އިންޑިޔާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އަލަށް ތައާރަަފުކުރި ގާނޫނުގެ ދަށުން ހިންދޫ ވަޠަނީ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސަރުކާރުން ހާސިލްކުރަން ބޭނުންވާ މަގްސަދަކީ ކަޝްމީރަށް ހިޖުރަކޮށް އެ ސަރަހައްދުގައި ވަޒަންވެރިވުމުގެ ފުރުސަތު އިންްޑިޔާގެ ހިންދޫންނަށް ދިނުމެވެ. މިހެން މިކަން ކުރުމުން މާ ގިނަ ދުވަސްތަކެއް ނުވަ ކަޝްމީރުގެ މުސްލިމުން އެމީހުންގެ އަމިއްލަ ވަޒަނުގައި ބައިމަދު މީހުންނަށް ވާނެއެވެ.
"މި ގާނޫނުގެ ދަށުން ބޭރު މީހުންނަށް ވެސް (ކަޝްމީރުން ބޭރު މީހުން) ޖައްމޫ އެންޑް ކަޝްމީރުގައި ވަޒީފާއަށް އެދުމުގެ ފުރުސަތު ހުޅުވިގެން ދާނެ. ކަޝްމީރުގައި މިހާރުވެސް ވަޒީފާ ނެތިފައި ތިބި މީހުންގެ މައްސަލައަކީ ބޮޑު މައްސަލައެއް. މިއީ (ކަޝްމީރުގައި) ވަޒީފާ ނެތިފައި ތިބި ޒުވާނުންގެ މަސްލަަހަތާ ދެކޮޅަށް ކުރި ކަމެއް." ކަޝްމީރުގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރައްވާ ޚުއްރަމް ޕަރްވޭޒް ވިދާޅުވިއެވެ.
"މި ފިޔަވަޅުން ދޭހަކޮށްދެނީ ބައެއް ފަރާތްތަކުން ކޮރޯނާ ވައިރަސްގެ ވަބާގެ މި ދުވަސްވަރުގެ ސިޔާސީ ފައިދާ ނެގުމަށް ފަސްނުޖެހޭކަން." ކަޝްްމީރުގެ ސިޔާސީ އެނަލިސްޓެއް ކަމުގައިވާ ޞިއްދީޤު ވާޙިދު ވިދާޅުވިއެވެ.
"މިއީ ކަޝްމީރުގެ އާބާދީގެ ނިސްބަތް ބަދަލުކޮށްލުމަށް، ބަދަލުކޮށްލުމަށް އެކަންޏެެއް ނޫން، (ބޭރު މީހުންގެ އޮއިވަރަކުން) ކަޝްމީރު ޣަރަގުކޮށްލުމަށް ކުރެވޭ މަސައްކަތެއް." އޭނާ ވިދާޅުވިއެވެ.