
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު (ޖޭފޯ) އަށް އެއްވެސް މިންވަރަކަށް ފައިސާ ދޭކަށް ޕާޓީން ވައުދެއް ވެފައި ނޯންނާނޭ ކަމަށް އެމްއެންޕީން ބުނެފިއެވެ. އެ ޕާޓީން މިއަދު 2 ޖެހިއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދިޔަރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ނެންގެވި ރައްިޔިތުންގެ މަޖިލީހުގް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިުދާޅުވި ގޮތުގައި އެ ދެ ބޭފުޅުން ޕާޓީއާ ގުޅިވަޑައިނުގަންނަވާނޭ ވާހަކަ އަޑު އެއްސެވީ ޓީވީންނެވެ. އަދި މިހައި ތަނަކަށް އެކަހަލަ އެއްވެސް ވާހަކައެއް އެ ޕާޓީއާ ހިއްސާ ކުރައްވައިފައެއް ނުވެއެވެ.
އުޝާމް ވިދާޅުވި ގޮތުގައި އެމްއެންޕީ އުފެއްދުމުގެ ޚިޔާލަކީ ކުއްލިއަކަށް އުފެދުނު ޚިޔާލެއް ނޫނެވެ. އެ ވާހަކަ އެތައް ދުވަހަކު ދެކެވުނެވެ. ޕާޓީ ރަޖިސްޓަރީ ކުރަން ހުށަހެޅީ 5 މެންބަރުންގެ ނަމުގައެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެންގެވީ ރަޖިސްޓަރީ ކުރެވޭނީ އެންމެ މީހެއްގެ ނަމުގައި ކަމަށެވެ. އުޝާމްގެ ނަންފުޅުގައި ރަޖިސްޓަރީ ކުރި ސަބަބަކީ އެއީއެވެ. ޖުލައި މަހުގެ 26 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާން ނަޝީދާއި ޢަބްދުލްމުޙްސިން ވަޑައިގެންނެވީ ޗުއްޓީގައި ތިއްބަވާފައެވެ. އޭރަކުވެސް އެއްވެސް މައްސަލައެއް ނެތެވެ. މައްސަލައެއް އޮތް ވާހަކައެއް އަދިވެސް ޕާޓީގެ އެއްވެސް ބޭފުޅަކު އަރިހު ވިދާޅުވެފައެއް ނެތެވެ.
އުޝާމް ވިދާޅުވި ގޮތުގައި އުއްމީދު ކުރައްވަނީ އެ ދެ ބޭފުޅުން އަދިވެސް ވަޑައިގެން ޚިޔާލު ތަފާތުވާ ކަމެއް އޮތިއްޔާ ހައްލު ކުރައްވައިގެން ޕާޓީއާ ގުޅިވަޑައިގަންނަވާނޭ ކަމަށެވެ.