ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން އެމެރިކާއަށް ދަތުރުކުރުމުގެ ހުއްދަދެނީ

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އަންނަ ނޮވެންބަރު މަހުން ފެށިގެން އެމެރިކާއަށް އެތެރެވުމުގެ ހުއްދަދޭން ރައީސު ބައިޑަންގެ ސަރުކާރުން ނިންމައިފިއެެވެ. މިއާއެކު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފައި އޮތުން ނިމުމަކަށް އައިސް، އާއިލަކާ ވަކިވެފައި ތިބި ތިމާގެ މީހުންނަށާއި، ވަޒީފާތަކަށް އެނބުރި ދިއުމުގެ ފުރުސަތު ނުލިބިފައި ތިބި މަސައްކަތްތެރިންނަށް އެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ވައިޓް ހައުސްގެ ޕެންޑެމިކް ކޯޑިނޭޓަރ ޖެން ޒީންޓްސް އިއްޔެ ވިދާޅުވިގޮތުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން އެމެރިިކާއަށް ދަތުރުކުރާ މަތިންދާބޯޓަށް އެެރުމުގެ ކުރިން ސާބިތުކޮށްދޭ ދަތުރުވެރިންނަށް "ނޮވެންބަރު މަހުގެ ކުރީކޮޅުން ފެށިގެން" އެމެރިކާއަށް ވަނުމުގެ ހުއްދަދޭނެއެވެ.

"ވެކްސިން ފުރިހަމަކޮށްފައި ހުރުމަށް ޝަަރުޠުކުރުމަކީ މީހުން ރައްކާތެރިކޮށް ބޭތިއްބުމަށާ، ވައިރަސް ފެތުރު ހުއްޓުވުމަށް އަހަރުމެންނަށް ބޭނުންކުރެވެން އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅު." ޒީންޓްސް ވިދާޅުވިއެވެ.

ނޫސްވެރިންނަށް ކޮންފެރެންސް ކޯލެއް މެދުވެރިކުރައްވައި މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަަމަކޮށްފައިވާ މީހުން އެމެރިކާއަށް އެތެރެވުމަށް ފަހު ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.

"މި ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ވަކި ފަރުދުންނަށް، ގައުމުތަކަަކަށް ނޫން. އެހެންކަމުން މިއީ އޭގެ އަސަރު މާ ބޮޑުވާނެ ފިޔަވަޅުތަކެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.

އެމެރިކާއަށް ދަތުުރުކުރުމަށް މި ދިން ލުޔާއެކު ޔޫރަޕުގެ ފްރާންސް، ޖަރުމަނު، އިޓަލީ، ސްޕޭންް، ސުވިޒަލޭންޑް، ގްރީސް، އަޔަލޭންޑް އަދި އިނގިރޭސިވިލާތުގެ އިތުރަށް ޗައިނާ، އިންޑިޔާ، ދެކުނު އެފްރިކާ، އީރާން އަދި ބްރެޒިލްގެ މީހުންނަށްވެސް އެމެރިކާއަށް ދަތުރުކުރެވޭނެއެވެ. މިގައުމުތަކުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަނީ އެމެރިކާގެ މި ނިންމުމަށް މަރުހަބާކިޔާފައެވެ.

"ވަކިވެފައި ތިބި އާއިލާތަކުގެ މީހުންނަށާއި، ރައްޓެހިންނަ ދިގު މުއްދަތަކަށް އިންތިޒާރުކުރަމުން ދިޔަ ފިޔަވަޅެއް އަދި ވިޔަފާރިތަކަށް އުފާވެރި ޚަބަރެއް." ޔޫރަޕިއަން ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައި ވެއެެވެ.

ވައިޓް ހައުސްއިން ބުނިގޮތުގައި އެމެރިކާއިން ގަބޫލުކުރާނީ ކޮން ވެކްސިންތަކެެއްތޯ ކަނޑައަޅާނީ އެމެރިކާ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިންނެވެ. ވައިޓް ހައުސްގެ މި ވާހަކައާ ގުޅިގެން ސީޑީސީގެ ތަރުޖަމާނު ކްރިސްޓެން ނޯޑްލަންްޑް ވިދާޅުވީ އެމެރިކާގެ ފެޑެރަލް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ނުވަތަ ދުނިޔޭ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހުއްދަ ދީފައިވާ ވެކްސިނެއްގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހާ އެއީ ވެކްސިން ފުރިހަމަކޮށްފައިވާ މީހެއް ކަމުގައި ސީޑީސީން ގަބޫލުކުރާނެ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.