އެމެރިކާއިން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ކޮވިޑް-19 ގެ ވެކްސިންގެ 25 މިލިއަން ޑޯޒް ދެނީ

އެމެރިކާގެ ގިނަ ބަޔަކަށް ކޮވިޑް-19 ވެކްސިން ޖަހާފައި ވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކަކަށް ވެކްސިން ލިބުމުގެ ދަތިކަން ކުރމަތިވެފައި ވާތީ، އެމެރިކާގައި އިތުރަށް ހުރި ވެކްސިންގެ ބޮޑުބައެއް އެކި ގަައުމުތަކަށް ހަދިޔާކުރަން ރައީސު ޖޯ ބައިޑަން ނިންމަވައިފިއެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޖޫންގެ ނިޔަލަށް ވެކްސިންގެ 80 މިލިއަން ޑޯޒް ހަދިޔާކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ބުރުގައި ދިނުމަށް ހަަމަޖެހިފައި ވަނީ 25 މިލިއަން ޑޯޒެވެ. މި ވެކްސިންެގެ %75 ގައުމުތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ  އދ.ގެ ކޮވެސް ޕްރޮގްރާމުގެ ތެރެއިންނެވެ. މި ޕްރޮގްރާމުގެ ތެރޭން ހަދިޔާކުރާ ވެކްސިން ބޮޑަށް އަމާޒުކޮށްފައި ވަނީ ލެޓިން އެމެރިކާ، ކެރީބިއަން، ދެކުނު އަދި ދެކުުނުއިރުމަތީ އޭޝިޔާ އަދި އެފްރިކާއަށެވެ. ބާކީ %25 ހަވާލުކުރާނީ ކޮވިޑް-19 ގެ އިތުރު ރާޅުތަކެއް އަރައި ބަލި ކޮންޓުރޯލުކުރަން ދަތިވެފައިވާ ގައުމުތަކާއެވެ.

އެމެރިކާއިން ހަދިޔާކުރާ ވެކްސިންގެ ތެރޭގައި ހިމެނެނީ ފައިޒާ، މޮޑާނާ އަދި ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިނެެވެ.

"ދުނިޔޭގެ އެެއްވެސް ތަނެއްގައި ހަލުވިކަމާއެކު ވަބާ ފެތުރެމުންދާނަމަ، އެމެރިކާ މީހުންވެސް ތިބޭނީ ނުރައްކަލުގެ ތެރޭގައި. އެމެރިކާއިން ބޭނުންވަނީ އެމެރިކާގައި ވެކްސިން ޖެހުމަށް ގެނައި އަވަސްކަން ވެކްސިން ޖެހުމަށް ބައިނަލްއަގުވާމީ ގޮތުން ކުރެވޭ މަސައްކަތަށްވެސް ގެންނަން." ރައީސު ބައިޑަންގެ ބަޔާނުގައި ވެއެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވަައިޒަރު ޖޭކް ސުލިވަން ވިދާޅުވިގޮތުގައި ކޮވެކްސްގެ ތެރެއިން ފޯރުކޮށްދޭ ވެކްސިންވެސް ދޭނެ ތަަނަކާ މެދު "ފަހުބަސް ބުނާނީ އެމެރިކާއިން" ކަމުގައެެވެ.

25 މިލިއަން ޑޯޒްގެތެރޭން 6 މިލިއަން ޑޯޒް ދެނީ އެމެރިކާ އިސްކަންދޭ ސަރަހައްދުތަކަށާއި، އެމެރިިކާގެ ބައިވެރިންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ މެކްސިކޯ، ކެނެޑާ، ދެކުނު ކޮރެޔާ، ހުޅަނގު އައްސޭރިއާއި ޣައްޒާ (ފަލަސްޠީނު)، ޔުކްރޭން، ކޮސޮވޯ، ހައިޓީ، ޖޯޖިޔާ، މިސްރު، ޖޯޑަން، އިންޑިޔާ، އިރާގު އަދި ޔަމަނެވެ.

ކޮވެކްސް ފެސިލިޓީގެ ތެރޭން ހަދިޔާކުރާ 19 މިލިއަން ޑޯޒް ދޭނީ ސަަރަހައްދުތަކަށް ބަހާލައިގެންނެެވެ.

އެގޮތުން، 6 މިލިއަން ޑޯޒް ދެކުނު އަދި މެދުތެރޭ އެމެރިކާގެ ގައުމުތަކަށެވެ. އެ ސަރަހައްދުން ވެކްސިން ދެގައުމުތަކުގެ ތެރޭގައި  ބްރެޒިލް، އާޖެންޓީނާ، ކޮލޮމްބިޔާ، ކޮސްޓަރީކާ، ޕެރޫ އަދި ޕެރެގުއޭގެ އިތުރަށް ކެރީބިއަން ސަރަހައްދުގެ ގައުމުތައްވެސް ހިމެނެއެވެ.

ދެކުނު އަދި ދެކުނުއިރުމަތީ އޭޝިޔާ ސަރަަހައްދަށް ދޭ 7 މިލިިއަން ޑޯޒް ދިނުމަށް ހަމަޖެހިފައިވާ ގައުމުތަކަކީ އިންޑިޔާ، ނޭޕާލް، ބަންގްލާދޭޝް، ޕާކިސްތާން، ސްރީލަންކާ، އަފްޣާނިސްތާން، ދިވެހިރާއްޖެ، މެލޭޝިޔާ، ފިލިޕީންސް، ވިއެޓްނާމް، އިންޑޮނޭޝިޔާ، ތައިލޭންޑް، ލާއޯސް، ޕަޕުއާ ނިއުގިނީ، ތައިވާން އަދި ޕެސިފިކްގެ ޖަޒީރާ ގައުމުތަކެެވެ.

އެފްރިކާއަށް ދޭ 5 މިލިއަން ޑޯޒް އެ ބައްރުގެ ގައުމުތަކަށް ދޭނީ އެފްރިކަން ޔުނިއަން (އޭޔޫ) އާ އެކު ވިލަރެސްކޮށްގެންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.