އެމެރިކާއިން އެހެން ގައުުމުތަކަށް ދިނުމަށް ފައިޒާ ވެކްސިންގެ 500 މިލިއަން ޑޯޒް ގަންނަނީ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ކޮވެކްސް ފެސިލިޓީގެ ތެރެެއިން އާމްދަނީ ދަށް 92 ގައުމަކަށާއި، އެފްރިކަން ޔުނިއަން (އޭޔޫ) އަށް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ހަދިޔާކުރުމަށް ފައިޒާ-ބަޔޯންޓެކް ކޮވިޑް-19 ވެކްސިންގެ 500 މިލިއަން ޑޯޒް ގަންނަން އެމެރިކާއިން ނިންމައިފިއެވެ.

ރައީސު ޖޯ ބައިޑަން މިކަން ރަސްމީކޮށް އިއުލާންކުރެއްވުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ކޯންވޯލް މިއަދު ފެށޭ ގްރޫޕް އޮފް ސެވެން (ޖީ-7) ގެ އެންމެ އިސްވެރިންގެ ބައްދަަލުވުމުން މިއަދު ފެށުމުގެ ކުރިންނެވެ. މިއަހަރު ތެރޭގައި 200 މިލިއަން ޑޯޒް (100 މިލިއަން މީހުންނަށް ދިނުމަށް ފުދޭ އަދަދު) ދިނުމަށް ހަމަޖެހިފައި ވާއިރު، ބާކީ 300 މިލިއަން ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސު ބައިޑަންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން ވިދާޅުވީ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދެއްވުމަކީ ރައީސު ބައިޑަން އިސްކަންދެއްވާ ކަމެކެވެ. އެއީ އެމެރިކާގެ އާއްމުންގެ ދުޅަހެޔޮކަމާއި އިސްތިރާޖީ (ސްޓްރެޓީޖިކް) މަސްލަހަތާ ގުޅިފައިވާ ކަމަކަށް ވާތީއެވެ.

ބައިޑަން ރަސްމީކޮށް ހާމަކުރެއްވުމުގެ ކުރިން ފައިޒާ ވެކްސިން ގައުމުތަކަށް ދޭން ނިންމި ވާހަކަ ނާން ހާމަނުކުރުމަށް އެދި އެސޯޝިއޭޓެޑް ޕްރެސް (އޭޕީ) އަށް ހާމަކުރީ އެކަން އެނގޭ އޮފިޝަލެކެވެ. އެ ޚަބަރު ފުރަަތަމަ ޖެހި ނޫހަކި ވޮޝިންޓަން ޕޯސްޓެވެ.

އިނގިރޭސިވިލާތަށް ވަޑައިގަތުމަށް އެއާފޯސް ވަންއަށް އަަރައިވަޑުމުގެ ކުރިން ވެކްސިންއާ ބެހޭ އައު ޕްލޭނެއް އޮބައޮއްތޮ ނޫސްވެރިއަކު ދެންނެވުން ޖަވާބުގައި ރައީސު ބައިޑަން ވިދާޅުވީ "އަހަރެންގެ ޕްލޭނެެއް އެބައޮތް. އެ އިއުލާން އެބަކުރަން" ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.