އެެމެރިކާގައި ކޮވިޑް-19 ގެ ވެކްސިން ޖަހާ މިންވަރު އިތުރުކުރުމަށް ރައީސު ބައިޑަން އިތުރު ފިޔަވަޅުތަކެއް އިއުލާންކުރައްވައިފި

އެމެރިކާގައި މިހާރު ދުވާލަކު 1 ލައްކަ 60 ހާހަށްވުރެ ގިނަ މީހުން ދަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން

އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންްވަރު ކޮންޓުރޯލުކުރުމަށް ރަައީސު ޖޯ ބައިޑަން މިހާތަަނަށް އަޅުއްވާ އެންމެ ވަރުގަދަ ފިޔަވަޅުތައް އިއްޔެ ހާމަކުރައްވައިފިއެެވެ. މި ފިޔަވަޅުތަކުގެ އަސަރު އެމެރިކާގެ މަސައްކަތްތެރިންގެ ތެެރޭން 100 ވަރަކަށް މިލިއަން މީހުންނަށް ކުރާނެއެވެ.

މި ފިޔަވަޅުތަކުގެ ދަށުން މަރުކަޒީ ސަރުކާރުގެ ގިނަ މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިން ޖަަހަން ޖެހޭނެއެވެ. އަދި އަމިއްލަ ބޮޑެތި ކުންފުނިތަކަށް އެތަންތަނުގެ މުވައްޒަފުން ކޮވިޑް-19 ވެކްސިން ޖަހާގޮތް ހަދަން ޖެހޭނެއެވެ. ނުވަތަ ހަފުތާއަކު އެއްފަހަރު އެމީހުން ކޮވިޑް-19 އަށް ޓެސްޓުކުރަން ޖެހޭނެއެވެ.

ވައިޓުހައިސްގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ރައީސު ބައިޑަން އިއުލާންކުރެއްވި ފިޔަވަޅަކުގެ އަސަރު އެމެރިކާގައި 100 މީހުންނަށްވުރެ ގިނަ މުވައްޒަފުން ގެންގުޅޭ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ ތިންބައިކުޅަ ދެބަޔަށް ކުރާނެއެވެ.

"އަހަރުމެން ކެތްކޮށްފިން. އަހަރުމެންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް މިހާރު ދަނީ. ތިޔަބޭފުޅުން (ވެކްސިން ޖަހަން) ދެކޮޅު ހެއްދެވުމުގެ އަސަރު ކުރަނީ އަހަރުމެން އެންމެނަށް." ކޮވިޑް-19 ގެ ވެކްސިން ލިބެން ހުރެމެ އެ ނުޖަހާ ތިބި މީހުންނާ މުޚާޠަބުކުރައްވައި މިހާތަނަށް ބޭނުންކުރެއްވި އެންމެ ހަރުކަށި އިބާރާތުން ވާހަކަފުޅުދައްކަވަމުން ބައިޑަން ވިދާޅުވިއެވެ.

"100 މީހުންނަށްވުރެ ގިނަ މުވައްޒަފުން ގެންގުޅޭ ކުންފުނިތަކަށް، އެއީ ޖުމްލަ ގޮތެއްގައި 80 ވަރަކަށް މިލިއަން މުވައްޒަރުން ގެންގުޅޭ ކުންފުނިތައް، އެފަރާތްތަކުގެ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންކުަރަން ޖެހޭ، ނުވަތަ (ވެކްސިން ނުޖަހާ މުވައްޒަފުން) މަދުވެގެން ހަފުތާއަކު އެއްފަހަރު ނެގެޓިވް ޓެސްޓެއް ހަދަންޖެހޭ އެމަޖެންސީ އުސޫލެއް ޑިޕާޓްމަންޓް އޮފް ލޭބަރއިން ތައްޔާރުކުރަމުން ދާކަން އަހަރެން އިއުލާންކުރަން." ބައިޑަން ވިދާޅުވިއެވެ. މީގެ އިތުރަށް ރައީސު ބައިޑަން ހާމަކުރެއްވި ގޮތުގައި ސަރުކާރުގެ ސިއްހީ އިދާރާތަކުގައި މަސައްކަތްކުރާ، އިއްތިހާދީ ސަރުކާރުގެ މެޑިކެއާ ނުވަތަ މެޑިކެއިޑްެގެ ޚިދުމަތް ލިބޭ 17 ވަރަކަށް މިލިއަން މުވައްޒަފުން ވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަމުގައި ވާންޖެހެއެވެ.

"ވަބާގެ ކަންކަން ސިޔާސީކުރުން" ކުށްވެރިކުރައްވަމުން ރައީސު ބައިޑަން ހާމަކުރެއްވި ގޮތުގައި އެމެރިކާގެ އާބާދީގެ 330 މިލިއަން މީހުންގެ ތެރޭން 80 މިލިއަން މީހުން ތިބީ އަދި ވެކްސިންގެ އެންމެ ޑޯޒެެއްވެސް ނުޖަަހައެވެ.

ރިޕަބްލިކަން ޕާޓީގެ ބައެއް ލީޑަރުންނާއި، މަސައްކަތްތެރިން ބައެއް ޖަމްއިއްޔާތަކުގެ ބައެެއް ވެރިން ވަނީ ބައިޑަން އިއުލާންކުރެއްވި ފިޔަވަޅުތަކަަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ. މިއީ މި މައްސަލަ ކޯޓުތަކާ ހަަމައަށް ހިނގައިދާނެ ކަމުގެ އިޝާރާތެކެވެ.

ރިޕަބްލިކަން އިސް ބޭފުޅެއް ކަމުގައިވާ، ސައުތު ކެރޮލައިނާ ސްޓޭޓުގެ ގަވަރުނަރު ހެންރީ މެކްމާސްޓަރ ވިދާޅުވި ގޮތުގައި ރައީސު ބައިޑަން މިހާރު އެ ވަޑައިގަންނަނީ މާ ކުރިއަށެވެ. "ބައިޑަންއާއި، އަޭނާގެ ހަރުކަށި އުސޫލުތަައް ގެންގުޅޭ ޑިމޮކްރެޓުން ވަނީ އެމީހުން ގާނޫނު އަސާސީއަށް އެއްވެސް އިހުތިރާމެއް ނުކުރާކަން ދައްކާފައި." އޭނާ ވިދާޅުވިއެވެ. މުވައްޒަފުންގެ އެންމެ ބޮޑު އިއްތިހާދު އެމެރިިކަން ފެޑެރޭޝަން އޮފް ގަވަމެންޓް އެމްޕްލޯޔީސް (އޭއެފްޖީއީ) ގެ ގައުމީ ރައީސު އެވަރެޓް ކެލީ ވިދާޅުވި ގޮތުގައި "މިކަަހަލަ ކަންކަން ނިންމަން ޖެހޭނީ އަހަރުމެންގެ މަޝްވަރާ ކޮމިޓީތަކާ ވާހަކަދައްކައިގެން"ނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.