ދިވެހި ވެއްޓާއި، ދިވެހީންގެ ރާއްޖެ އާއި، ދިވެހީންގެ ޤައުމު، ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވެވި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ތަޤުރީރުގައެވެ.
އުތީމު މަހާރަދުންގެ ޙަޔާތްޕުޅުން ލިބޭ ދަރުސްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު، އެ ޒަމާނެއްގެ ދިވެހީންނަށް އެނގުމުގެ މުހިންމުކަން ހަނދުމަފުޅުކޮށްދެއްވާފައެވެ.
އެގޮތުން، ނިޔަމިކަމާއި، ހަނގުރާމައިގެ އުކުޅުތައް ދަސްކުރެއްވި ފަދައިން އަދި ޤައުމީ ގިޔަމުތައް، ބޮޑުތަކުރުފާނު ހިތްޕުޅުގައި ބިންވަޅުނެންގެވި ފަދައިން، އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު، އެ ޒަމާނެއްގެ ދިވެހީންނަށް އެނގުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. ބޮޑުތަކުރުފާނުގެ ތުއްޕުޅު ދުވަސްވަރުން ފެށިގެން، އެ ބަޠަލުގެ ކޮންމެ ޙަރަކާތަކީ އަދުގެ ޖީލުތަކަށް އަގުހުރި އަދި މާނަހުރި ފިލާވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމުގެ ޙައްޤުގައި ޤުރުބާންވުމުގައި ވަކި ފަންތިއެއް، ގިންތިއެއް އަދި މިންތިއެއްވެސް ތަފާތު ނުވާނޭކަން، ތާރީޚުން މިސާލުދައްކަވައި، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އަލިރަސްގެފާނުން ފެށިގެން ގޮސް، ވިލިނގިލީ ރާވެރިބެއާ ހަމައަށް، ނޮޅިވަރަންފަރު އެދުރުކަލޭގެފާނާ ހަމައިން ކަނބާ އައިސާ އާއި ސިއްތި މާވާއާ ހަމައަށް، މުޙައްމަދު ތަކުރުފާނުން ފެށިގެން ދުވާފަރު ދަންޑަހެލާ ހަމައަށް، އެކި ފަންތީގެ، އެކި މިންތީގެ، އެކި ގިންތީގެ ދިވެހީން ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީގެ ޛިކުރާ ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި އާކުރެއްވިއެވެ.
ޤައުމުގެ ޙައްޤުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ޤައުމީ ސިފައެއްކަމާއި، ޤައުމީ ދުވަހުގެ އަމާޒަކަށް ވާންވީ، ދިވެހި މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގެންނެވުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
