(2 ސެޕްޓެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބާޤިރް ނުކުމެގެން ދިޔައީމާ ރުޚްސާނާ އޭނާގެ އަތުކުރީ ގަޑިއަށް ބަލައިލިއެވެ. އޭނާ ހައިރާންވިއެވެ. ހަވީރު ހަތަރެއް ޖަހައި ބޮޑު ވެއްޖެއެވެ. އެހެންވީމާ ހެނދުނު ދިހައެއް ޖެހީއްސުރެ މިހައިތަނަށް އޭނާ އޮތީ ހޭނެތިފައެވެ. ނުވަތަ ފުން ނިންޖަކުން ނިދިފައެވެ. ވަގުތު ފާއިތުވެގެން ދިޔަ ގޮތެއް ނުވެސް އެނގެއެވެ. ޑަކްޓަރާ ބައްދަލު ކޮށްފައި ފަރުވާގެ ކަންތައް ކުރިއަށް ގެންދާން މިއަދު ނާންނާނޭ ވާހަކަ ނުބުނެވުނީތީ އޭނާ ވަރަށް ދެރަވިއެވެ.
ބާޤިރް ޢަލީ ހަސްފަތާލުގެ އިސްތިގުބާލު ކޮށިގަނޑު ދޮށަށް ގޮސް ބިލަށް ފައިސާ ފައިސާ ދައްކާފައި ބުންޏެވެ. "މިސް ރުޚްސާނާ ގަޑިއެއްހައި އިރުގެ ތެރޭގައި ގެއަށް ދާނެ."
ކޮށިގަނޑުގައި އިން ކުއްޖާ ބުންޏެވެ. "މައްސަލައެއް ނެތް. އަޅުގަނޑު ގަޑި ނޯޓު ކޮށްލާނަން."
މިސް ރުޚްސާނާއޭ ބުނެލީ ވަގުތު ބާޤިރްގެ އަންދާޒުގައި ކުޑަ ފަސްޖެހުމެއް ހުއްޓެވެ. މިސް އެއް ކަމަށް އޭނާ ހީކޮށްގެން ހުރި މީހާއަކީ ކޮންމެވެސް މީހެއްގެ މިސިޒެކެވެ. އޭނާ އިސްޖަހައިލައިގެން ހުރެ މަޑުމަޑުން ގޮސް ހަސްފަތާލުން ނުކުމެއްޖެއެވެ. ޖަމްޝީދު އެންމެ ފުރަތަމަ ރުޚްސާނާގެ ވާހަކަ ދެއްކި ދުވަހު އޭނާ ބުނި ވާހަކަ މިހާރުވެސް ހަނދާން އެބަހުއްޓެވެ. އޭނާ ބުނެފައި ވަނީ ރުޚްސާނާ ހަމަ ލޮލަށް ފެނި ބައްދަލު ވެފައި ނޫނީ ވަކި ގޮތެއް ކަނޑަނާޅާނޭ ކަމުގައެވެ. އޭގެ ފަހުން ރުޚްސާނާގެ ސިޓީ އަންނާން ފަށައިފިއެވެ. ސިޓީ އަންނަނީ އޭނާގެ ދަރިފުޅުގެ ނަމުގައެވެ. އެކަމަކު އެ ސިޓީތައް އޭނާ ކިޔައިލާން ލިބެއެވެ. ސިޓީގައި ހުރި ވާހަކަތަކަށް ބަލާއިރު ރުޚްސާނާ މުއާމަލާތް ކުރަމުން ގެންދަނީ ވަރަށް ބޮޑަށް ފަރުވާތެރި ވެގެން ކަމުގައި ފާހަގަ ކުރެވުނެވެ. އެއީ ވަރަށް އަބުރުވެރި ބަނިޔާދަން ކުއްޖެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ރުޚްސާނާ ލަންޑަނަށް އައިސް އޭނާޔާ ބައްދަލުކުރި ދުވަހު، ހަމަ އެވަގުތު ވަކި ގޮތަކަށް ފައިސަލާކޮށް ނިންމައިފިއެވެ. އޭނާ އެ ވަގުތު ހިތާހިތާ ކިޔައިލިއެވެ. އަހަރެން ޅީދަރިއަކަށް ވާނީ މި ކުއްޖާއެވެ.
ބާޤިރް ޢަލީ ހަސްފަތާލުން ނުކުމެގެން ގޮސް ވަނީ ކައިރީގައި ހުރި ފޯނުބޫތަކަށެވެ. އޭނާގެ ސިކުނޑީގައި އެ ވަގުތު އެނބުރެމުން ދިޔައީ ސަލްމާ ޤާދިރްގެ ނަމެވެ.
ސަލްމާ ޤާދިރަކީ އަމިއްލަ ހަސްފަތާލެއް ހިންގާ މީހެކެވެ. އޭނާގެ ބޭނުމަކަށް ވެފައި އޮތީ އޭޝިއާ މީހުންނަށް އަގުހެޔޮކޮށް ބޭސްފަރުވާ ކުރެވޭނޭ ގޮތެއް ހޯދައި ދިނުމެވެ. ހަސްފަތާލުގައި ގިނައިން މަސައްކަތް ކުރަނީ ޕާކިސްތާނާއި އިންޑިއާގެ ޑަކްޓަރުންނެވެ.
ބާޤިރް ސަލްމާގެ ނަންބަރަށް ގުޅައިލިއެވެ. ފޯނުން ސަލްމާގެ އަޑު އިވުނީމާ ބުންޏެވެ. "ހަލޯ ސަލްމާ. މިއީ ބާޤިރް. ތިޔަ ހަސްފަތާލުގައި އަންހެން ޑަކްޓަރެއްގެ ޖާގަ ހުހަށް އެބައޮތްތަ؟"
"މިވަގުތަކު ނެތް. ކިހިނެއްވީ؟"
"އަހަރެންގެ ވަރަށް ގާތް މީހަކުގެ ދަރިއަކު ލަންޑަނަށް އައިސް އެބައުޅޭ. އެއީ ވަރަށް ރަނގަޅު ޑަކްޓަރެއް. ކޮލެޖު ނިންމިތާ އަދި މާ ގިނަ ދުވަހެއް ނުވޭ. މި ރަށަށް އައީ މޫނުގައި ހުރި ކުޑަ އައިބުކަމެއް ފިލުވައިލާން ޕްލާސްޓިކް ސާޖަރީއެއް ހައްދަން. އޭނާއަށް މި ވަގުތު އާމްދަނީއެއް އެބަ ބޭނުންވޭ. އަހަރެން ބޭނުންވަނީ އޭނާއަށް އެހީތެރިވާން. އެކަމަކު އެއީ އަމިއްލަ އުސޫލެއްގައި މާ ގަދަޔަކަށް ހިފަހައްޓައިގެން އިންނަ ކުއްޖެއް. އެހެންވީމާ އަހަރެންގެ ފަރާތުން އެއްވެސް ކަހަލަ އެހީތެރިކަމެއް ލިބިގަންނާކަށް ބޭނުމެއް ނުވޭ."
"ވިސްނިއްޖެ. އެންމެ ރަނގަޅު ބާޤިރަށްޓަކައި ޑަކްޓަރެއް ޖާގަ އުފައްދާނަން."
"ޑަކްޓަރުންނަށް ދެނީ ކިހައި ވަރެއްގެ މުސާރައެއް؟"
"މިއީ މައިގަނޑު ގޮތެއްގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ހަސްފަތާލެއްކަން ބާޤިރަށް އެނގޭނެ. ފިރިހެން ޑަކްޓަރަކަށް އަހަރެމެން ދެނީ ހަފުތާއަކު ހަތްދިހަ ޕައުންޑު. އަންހެން ޑަކްޓަރަކަށް ސާޅީސް..."
"ތިޔައީ ވަރަށް ކުޑަ މުސާރައެއް. އަހަރެން ބޭނުން ވަނީ އެ މަންޖެއަށް އެހީތެރިވާން. ތިޔަވަރަކުން އޭނާގެ ޚަރަދުތައް ފޫބެއްދޭވަރެއް ނުވާނެ. އެހެންވީމާ މިސް ރުޚްސާނާއަށް ހަފުތާއަކު ހަތްދިހަ ޕައުންޑު ދީ. އިތުރުވާ ފައިސާ އަހަރެން ސަލްމާއަށް ދޭނަން."
މި ފަހަރުވެސް މިސް ރުޚްސާނާއޭ ކިޔުނު ވަގުތު ހިތަށް ހިތާމަވެރި އަސަރެއް ވެރިވިއެވެ.
ސަލްމާ ބުންޏެވެ. "މިތާނގައި ޑަކްޓަރުން ދެ ދަންފަޅީގައި މަސައްކަތް ކުރޭ. އެއީ ހެނދުނު ދެގަޑިއިރު. ހަވީރު ދެގަޑިއިރު. ޕްލާސްޓިކް ސާޖަރީ ހެއްދުމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭނެ. އޭނާއަށް މިތާނގެ ދަންފަޅީގައި މަސައްކަތް ކުރެވޭނެތަ؟"
"ތިޔައީ ވިސްނާލަން ޖެހޭ ކަމެއް. ސަލްމާއަށް ފެންނަނީ ކިހިނެއް؟"
"އަހަރެން ބުނާނީ ކީކޭ؟ މިތާނގައި ރަނގަޅަށް މަސައްކަތް ނުކުރާ މީހަކަށް ހަފުތާއަކު ހަތްދިހަ ޕައުންޑު ދޭން ފެށްޓީމާ ރަނގަޅަށް މަސައްކަތް ކުރާ ޑަކްޓަރުން މައްސަލަ ޖައްސާނެ. މުސާރަ ބޮޑުކުރުވަން މަސައްކަތް ކުރާނެ. މިސް ރުޚްސާނާ އުޅެނީ ކޮންތާނކު؟ މި އެހީ ނިދައި ކައިބޮއި ހަދަނީ ކޮން ތަނެއްގައިހޭ."
"ތިޔައީވެސް ހައްލު ކުރަން ޖެހޭ މައްސަލައެއް. މިހާރު އޭނާ އުޅެނީ ކޮންމެވެސް ކަހަލަ އަންހެނުންގެ މަރުކަޒަކަށް ދާން. އެކަނި އުޅޭ އަންހެނަކު އުޅެން ރައްކާތެރި ތަނަކީ ކޮބާ؟"
"ތިޔައީ މާ ބޮޑު ކަމެއް ނޫން. މިތާނގެ ޑަކްޓަރުންނަށް އަހަރެން ހިފާފައި ހުންނަ އެއް ކޮޓަރީގެ އެޕާޓްމަންޓުތަކެއް ހުންނާނެ. އެތަނުން އެއްތަން މިސް ރުޚްސާނާއަށް ދެވިދާނެ."
"ތިޔައީ ވަރަށް ރަނގަޅު ގޮތެއް. ކެއިންބުއިމުގެ ކަންތައެްވެސް ހަމަޖެއްސިދާނެ. އެހެންވީމާ އޭނާއަށް ވަގުތީ ވަޒީފާއެއް ދީ. ހަފުތާއަކު ފަންސަވީސް ޕައުންޑު ދިނީމާ ވާނެ. އޭރުން އެހެން ޑަކްޓަރުން މައްސަލައެއް ނުޖައްސާނެއެއްނު؟ ދެން ހުރި ކަންތައް ހަމަޖައްސާނޭ ގޮތެއް އަހަރެން އެބަ ހޯދަން."
"ބާޤިރް. އެހެން ތަދުބީރެއްވެސް އެބައޮތް. ދުނިޔޭގެ މުއްސަނދި ޑަކްޓަރުން އުފައްދާފައި ހުންނަ އެހީދޭ ބޭންކެއް މިރަށުގައި ހުރޭ. އެ ބޭންކުން ކުރާ ކަމަކީ ދާއިމީ ބައްޔެއްގައި އުޅޭ ޑަކްޓަރުންނަށް އެހީތެރިވެ ދިނުމާއި ބޮޑު އޮޕަރޭޝަނަށް ކުރަން ޖެހޭ ޑަކްޓަރުންނަށް އެހީތެރިވެދިނުން. އެމީހުންގެ ޝަރުތެއް އޮވޭ. އެއީ ބޭންކުން ދޭ ފައިސާގެ ދެބައިކުޅަ އެއްބަޔަށްވާ ފައިސާ މަހުންމަހަށް ދައްކައި ޚަލާސް ކުރުން. އަނެއް ބަޔަކީ ބޭނުންކުގެ ހިލޭ އެހީ."
ބާޤިރް ވަރަށް އުފާވެފައި ބުނެލިއެވެ. "ތިޔައީ ވަރަށް އުފާވެރި ޚަބަރެއް. ރުޚްސާނާގެ މައްސަލަތަކަށް ހައްލެއް ލިބުނީ. އޭނާގެ އަމިއްލަވަންތަކަމަކަށްވެސް ބުރޫއަރާ ގޮތެއް ނުވާނެ. ތިޔަ ބުނާ ބޭންކުން އޭނާއަށް އެހީ ލިބޭ ގޮތް ހެދިދާނެތަ؟"
"ކަންބޮޑުނުވޭ. އަހަރެން އެކަން ހަމަޖައްސައި ދޭނަން."
"ވަރަށް ރަނގަޅު... އަރލް ހޯމްގައި ހުންނަ އަންހެނުންގެ މަރުކަޒެއްގެ ފޯނު ނަންބަރު ދަންނަންތަ؟"
"ނުދަންނަން. އެކަމަކު ޑައިރެކްޓަރީން ހޯދައިލެވިދާނެ."
"އަވަހަށް ބަލާފައި އަހަންނަށް އެތާނގެ އެޑުރެސް ދީ. އަހަރެން ރުޚްސާނާ ގޮވައިގެން އެތަނަށް ދާނަން. އޭގެ ކުރިން ސަލްމާ އެތަނަށް ގުޅައިލާ. އަދި ހަސްފަތާލަށް ރަނގަޅު އަންހެން ޑަކްޓަރަކު ބޭނުން ވާހަކަ ބުނެފައި ބާއްވާ. ބޭނުން ވަނީ އޭޝިއާ މީހެކޭވެސް ބުނާތި. އަހަރެން ރުޚްސާނާ ގޮވައިގެން އެތަނަށް ދިޔައީމާ އެތަނުން ސަލްމާއަށް އަންގާނެ."
"އެންމެ ރަނގަޅު. މަޑުކޮށްލާ. އަހަރެން އެޑުރެހެއް ދޭނަން."
ކުޑައިރުކޮޅެއް ފަހުން ސަލްމާ އޭނާއަށް އަންހެނުންގެ މަރުކަޒެއްގެ އެޑުރެހެއް ދީފިއެވެ.
ފޯނު ބާއްވާފައި އޭނާ ދިޔައީ ގޭދޮށަށެވެ. ކާރު މަޑުކޮށްފައި ފޭބިއިރު ޖަމްޝީދު ދޮރުމަތީގައި އިސްޖަހައިލައިގެން އިށީނދެގެން އިނެވެ. ކާރުން ފައިބައިގެން ގޮސް ދޮރުމައްްޗަށް އަރައި އޭނާ ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. ޖަމްޝީދު އިސް އުފުލައެއް ނުލައެވެ. އިންގޮތަށް އިނީއެވެ.
ބާޤިރް ދިރު ހުޅުވައިލާފައި އެތެރެއަށް ވަދެއްޖެއެވެ. އަދި ކޮޓަރިއަށް ވަދެ ރުޚްސާނާގެ ސާމާނު ބޭރަށް ނެރުމުގެ މަސައްކަތް ފަށައިފިއެވެ. އެވަގުތު އޭނާއަށް އިވުނީ ޖަމްޝީދުގެ އަޑެވެ. އޭނާ އެނބުރި ބަލައިލިއެވެ. "ބައްޕާ. އަޅުގަނޑު މި ހުންނަނީ ވަރަށް ބޮޑަށް ލަދު ގެންފައި."
ބާޤިރް ރުޅިވެރި ރާގަކަށް ބުންޏެވެ. "އަހަރެންވެސް މި އައީ ލަދުން ވިރިވިރި ހުރެފައި. ލަދު ގަތީމާ ވާނޭ ކަމެއް އެބައޮތްތަ؟ އޭނާގެ ހިތުގައި ޖެހުނު ލަށްގަނޑު ފިލާނެތަ؟ އަހަރެމެން ދެމީހުންކުރެ މީހަކަށް މީގެ ފަހުން އޭނާ އިތުބާރު ކުރާނެތަ؟ ދުވަހަކުވެސް ނުކުރާނެ. އަހަރެން މި އައީ އޭނާގެ ސާމާނު ބަލައި. އޭނާ ބޭނުން ވަނީ އެކަނި އުޅެން. ބޭސްފަރުވާވެސް އަމިއްލައަށް ކުރުވަން."
(ނުނިމޭ)
ވާހަކަ ކިޔާލަން މިލިބެނީ ހާދަގިނަ ދުވަހަކުންނޭ