(10 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އާނ. އަހަރެން ތިޔަހެން ބުނިން. ވައުދުވެސް ވިން. އެކަމަކު ގާނޫނީ ގޮތުންނާއި ދީނީ ގޮތުން އަހަރެމެން ދެމީހުން ވަކިން އުޅެން ފައިސަލާ ކުރީމާ ދެމީހުންނަށް ކުރެވޭނީ ކޮން ކަމެއް؟ އަހަރެމެންނަށް ޖެހޭނީ ހުކުމަށް ބޯލަނބަން. ރުޚްސާނާއާއި ރުޚްސާނާގެ މައިންބަފައިން ކުރި ކުށުގެ އަދަބު ލިބޭނީ ހަމައެކަނި އެ ތިން މީހުންނަކަށް ނޫން. އަހަންނަށްވެސް ލިބޭނެ. ރުޚްސާނާގެ ދެމައިންނާ ވަކިވުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން. މިކަހަލަ ގޮތަކަށް ވަކިވާން މި ޖެހުނީ ކީއްވެގެން؟ މިކަމުގެ ފަހަތުގައި އޮތީ ކާކުގެ މަކަރުވެރިކަމެއް؟ ކާކުގެ ދޮގުވެރިކަމެއް؟ ކާކުގެ އޮޅުވައިލުމެއް؟ މިއިން އެއްވެސް ސުވާލެއްގެ ޖަވާބެއް އޮޅިފައެއް ނެތް. އެކަމަކުވެސް އަހަރެންގެ ބޮލުގައި ތިޔަ އަޅުވަނީ ދޫކޮށްލާފައި ދާ ކަމުގެ އިލްޒާމު."
އިންޖިނޭރުބޭބެ ބުންޏެވެ. "ދީނީ، ގާނޫނީ، ތަހުޒީބީ ބަނދެވުންތަކާ ނުލައި ޒަވާޖީ ހަޔާތެއް ވޭތުކުރުމަކީ ކުރެވޭނޭ ކަމެއް ނޫން. މި އުސޫލުތަކާއި ބަނދެވުންތަކާ ޚިލާފަށް އުޅޭ މީހަކަށް އެ އުޅެވެނީ ނާޖާއިޒު ގޮތަކަށް."
ރުޚްސާނާ ރުޅި އައިސް ރަތްވެފައި ކޮޅަށް ތެދުވެއްޖެއެވެ. އިންޖިނޭރުބެބޭޔާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "ބޭބޭ. ބޭބެ އަހަރެންގެ މުޅި ދިރިއުޅުން ތިޔަ ބަރުބާދު ކޮށްލީ. އަހަރެންގެ ގޭގައި ހުޅުޖެހީ. ވެނިމިފައި އޮތް ކަމަކާ ގުޅުވައިގެން އަނެއްކާ ބޮޑު މައްސަލައެއް ކޮނެގެން ނެގުމުގެ ބޭނުމަކީ ކޮބާ؟ އަހަރެމެން ދިރިއުޅެމުން ދިޔައީ ނުލާހިކު ހަމަޖެހިގެން، އުފަލުން. ބޭބެ ކަންތައް ތިޔަ ކުރީ ރަނގަޅަކަށް ނޫން. ބޭބެގެވެސް ކާވެނި ކޮށްގެން ތިބި އަންހެން ދަރިން އެބަތިބި. އެއިން ކުއްޖެއްގެ ފިރިމީހާޔާ ވަކި ވާން ޖެހިއްޖެއްޔާ ބޭބެގެ ހިތަށް ކުރާނީ ކޮން ކަހަލަ އަސަރެއް؟"
"ދަރިފުޅާ. ބޭބެގެ ގެއަށް އިރާދަ ކުރެއްވިއްޔާ އެކަހަލަ ހާލަތެއް ނާންނާނެ. އެކުދިން މީހުނާ އިނދެގެން އެތިބީ ދީނީ، ގާނޫނީ ހަމަތަކުގެ މަތީން. ކާވެނީގެ ކުރީން ހުރިހައި ކަމެއް ބަލައި ފާސްކޮށް، ފިރިހެން ކުއްޖާގެ ގޭގެ މީހުނާ ބެހޭ ގޮތުންވެސް އަހަރެމެން ހުރިހައި ކަމެއް އޮޅުން ފިލުވިން. ބޭބެގެ އެއްވެސް ދަރިއެއްގެ ދިރިއުޅުމަކަށް ﷲ ރުއްސެވިއްޔާ އެއްވެސް ކަހަލަ ބަނަކަމެއް ނާންނާނެ. އެކަމަކު ދަރިފުޅުގެ ދިރިއުޅުމަށް ބަނަކަމެއް އަތުވެއްޖެ. އެހެންނަމަވެސް އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން. އިރާދަކުރެއްވިއްޔާ ތިޔަ ދެކުދިންގެ ދިރިއުޅުމަކަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުކުރާނެ. ހުރިހައި ކަމެއް ހަމައަކަށް އެޅިދާނެ. ވަކިން ތިބެން މި ޖެހެނީ އެންމެ ފަނަރަވަރަކަށް ދުވަހު. ބަސް އަހައިގެން މަންމަގެ ގެއަށް ދޭ. ޖާނީ މި ގޭގައި ބަހައްޓާ. ފަނަރަ ދުވަސް ފަހުން އިރާދަ ކުރެއްވިއްޔާ ލިބޭނީ އުފާވެރި ޚަބަރެއް."
"ބޭބޭ. އަހަރެން ހައްލައިލާން މަސައްކަތް ނުކުރޭ. ދީނީ އުސޫލުތަކަކީ ވަރަށް ހަރުކަށި އުސޫލުތަކެއްކަން އަހަރެން ދަންނަން. އެންމެ ފުރަތަމަވެސް އޮންނަނީ ދޮގު ނުހަދާށާއި، މަކަރު ނުހަދާށާއި، ދީން އައްޑަނައަކަށް ހަދައިގެން ވިޔާނުދާ ކަންތައް ނުކުރާން އަންގަވާފައި. އަންގަވާފައި ވަނިކޮށް އެކަހަލަ ކަންތައް ކުރީމާ މާފެއް ނޯންނާނެ. ދީނީ ހަމަތަކުގައި އުނިކަމެއް ނުހުރޭ. އުނިކަން ހުންނަ ނަމަ މީސްމީހުން ކުށް ކުރުމުން ދުރުހެލިވާ ގޮތެއް ނުވާނެ. މާފު ލިބޭނެއޭ ކިޔައިގެން ނުބައި ކަންތައް ކުރުން މަތީގައި ދެމިތިބޭނީ."
"ތިޔަ ކަހަލަ ވިސްނުމެއްގައި ހުރެ މަންމަޔާ ބައިވެރި ވެގެން ކުށެއް ކުރީ ކީއްވެގެން؟"
ރުޚްސާނާ އޭނާގެ އަމިއްލަ މޫނަށް އިޝާރާތް ކޮށްލިއެވެ. "ބޭބޭ. މި މޫނަށް ކަޅި ހިންގައިލަބަލަ. ބޭބެގެ ދަރިފުޅުގެ މޫނަށް މިހެން ވެފައި ހުރިނަމަ އެ ކުއްޖާ މީހަކާ ދެވާނީ ކިހިނެއް ހެއްޔޭ އަހަރެން އަހައިލީމުސް. ބޭބެގެ ގެޔަށް ކާވެންޏަށް އެދިގެން އަންނަ މީސްމީހުން ދަރިފުޅުގެ އަނދަައިފައިވާ މޫނު ފެނިފައި ރުޅި އައިސްގެން އެއްޗެހި ކިޔަމުން ދިޔައީމާ އެ ދަރިފުޅު ނަފްސާނީ ބައްޔެއްގެ ތެރެއަށް ވެއްޓުނީމާ ވާ ގޮތް އަހަރެން އެހީމުސް. އެ ހާލަތަށް ދިޔައީމާ ދަރިފުޅުގެ ބައްޔަށް އޮތް ހަމައެކަނި ފަރުވާއަކީ ކާވެންޏޭ ޑަކްޓަރަކު ބުނީމާ ބޭބެ ހަދާނީ ކިހިނެއް ހެއްޔޭ އަހަރެން އެހީމުސް. ބޭބޭ. ބޭބެއަކީ ގަރާޖެއްގެ ވެރިއެއް. ބޭބެގެ މަސައްކަތަކީ ހަލާކުވާ އެއްގަމު އުޅަނދު ހަދައިދިނުން. ދަރިފުޅުގެ މޫނުގެ އެއްފަޅި ނޫނީ މުޅި މޫނު އަނދައިފިއްޔާ ބޭބެއަށް ރަނގަޅު ކުރެވޭނެތަ؟ އެކަހަލަ ކުއްޖަކު ގޭގައި ބައިންދައިގެން ބޭބެ މަސައްކަތް ކުރަމުން ގެންދާނީ ފުރިހަމަ ތެދުވެރިކަމަކާ އެކީގައިތަ؟ ކާރާއި ސައިކަލުގެ ބައިތައް ގަރާޖުގައި ބަދަލުކޮށް ދެމެއްނު؟ އާދައިގެ ބައެއް ސާމާނު އަޅުވައިފައި މޮޅު އެއްޗެހީގެ އަގު ނުހޯދަންތަ؟ އަލުން އަނެއްކާވެސް މަރާމާތު ކުރަން އަންނަ ކަހަލަ ގޮތްގޮތަށް ކާރު މަރާމާތު ނުކުރަންތަ؟ މަކަރު ނުހަދަނީ ކޮން ކަމެއްގައި، ކޮން ބައެއް؟"
"ދަރިފުޅާ. ރުޅި އައިސްގެން ބޭބެގެ ބޮލުގައި އަޅުވަން ބޭނުން ކޮންމެ އިލްޒާމެއް އަޅުވާ. އެކަމަކު ބޭބެ ދުވަހަކުވެސް މަސައްކަތުގައި މަކަރެއް ނުހަދަން. ކަލާނގެ އެކަން ދެނެވޮޑިގެންވާނެ."
ބާދްޝާ ބުންޏެވެ. "ބޭބޭ. އަހަރެން ކުރިމަތީގައި އިންދައި ދޮގު ހަދަނީ ކީއްވެގެން؟ ގަރާޖުގައި ވިޔަފާރިއެއް ނުކުރަންތަ؟ މީސްމީހުން ގެންނަ ކާރުގެ ބައިތައް އަގު ހެޔޮކޮށް ނުގަންނަންތަ؟ ރުޚްސާނާ އެ ދައްކަނީއަކީ މުޅިއަކުން ދޮގު ވާހަކައެއްވެސް ނޫން."
"ގަތީމާ ވަނީ ކޮން ކަމެއް؟ އަހަރެންް ގަންނަނީ މީސްމީހުން ވިއްކާން ގެންނަ އެއްޗެހި."
"އެ އުޅޭ ކުޑޭ ކާރުކާރުގެ އެއްޗެހި ވަގަށް ނަގައިގެން ގެންނަކަން ބޭބެއަށް އެނގެއެއްނު؟"
"އޭނާ ވައްކަން ކުރިޔަސް މަކަރު ހެދިޔަސް އެއީ އަހަންނަކާ ބެހޭ ކަމެއް ނޫން. އަހަރެން އޭނާގެ އަތުންވެސް ގަންނަނީ ފައިސާ ދީފައި."
ރުޚްސާނާ ކުރިއަށް ޖެހިލިއެވެ. "ތިޔައީ ކޮން ކަހަލަ ވާހަކައެއް. ކުޑޭގެ އަތުން ވަގު އެއްޗެހި ގަންނަނީ އޭނާ ކުރާ ކަންތައް އެނގިހުރެ. އެކަން ހަނދާން ނައްތައިލަނީ. އެކަމަކު އަހަރެން ކުރި ކުށެއް ބޭބެއަކަށް ހަނދާން ނައްތައެއް ނުލެވުނު. އެއީ އަހަރެންގެ ކުށުގެ ސަބަބުން ބޭބެއަށާއި ބޭބެގެ އާއިލާއަށް އެއްވެސް ފައިދާއެއް ނުވާތީ. ކުޑޭ ގެންނަ އެއްޗެހި ގަނެފައި އޭނާގެ ކުށް ފޮރުވައިދޭ ގޮތަށް ބޭބެ އަހަރެންގެ ކުށް ފޮރުވައިދޭނީ ކިހައި ވަރެއް ދިނީމާ؟"
އިންޖިނޭރުބޭބެ ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެއެވެ. "ކަލޭމެން ހީކުރަނީ އަހަރެން މިއީ އީމާންކަން ވިއްކައިގެން ކައިބޮއި އުޅޭ މީހެއް ކަމަށްތަ؟"
ބާދްޝާ ބުންޏެވެ. "ބޭބެގެ ވާހަކަޔާ ޖެހުނީމާ ރުޅި އައީތަ؟ ހަމަޖެހިލައިގެން އިށީނދެ ވާހަކަދައްކާ. ބޭބެގެ ވިޔަފާރީގެ ކަންތައް އަހަންނަށްވެސް ކޮންމެވެސް ވަރަކަށް އެނގޭ. ތިމަން މިއީ މުޅީން ތެދުވެރި މީހެކޭ ކިޔައިގެން ހުވާ ކުރުމަކުން އަދި ނުފުދޭނެ. ރުޚްސާނާ ދައްކާ ވާހަކަ ގަބޫލުކުރޭ. ކޮންމެ މީހަކުވެސް ކޮންމެވެސް ވަރަކަށް މަކަރު ހަދާނެ. ދޮގުވެސް ހަދާނެ. ގިނަ މީހުން ދޮގު ހަދާފައި ހަނދާން ނައްތައިލަނީ. ދެން ދުވަހަކުވެސް ދޮގެއް ނުހަދާ ކަމަށް އަމިއްލައަށްވެސް ގަބޫލު ކުރަން ފަށަނީ."
ރުޚްސާނާ ބުންޏެވެ. "އެއީ އަހަރެމެން އެންމެންގެ ކިބައިގައިވެސް ހުންނަ ބަލިކަށިކަމެއް. އަހަރެމެން ހީކުރަނީ ކުޑަކޮށް މަކަރު ހަދައިފައި ތަންކޮޅެއް ބޮޑުކޮށް ތެދުވެރިކަން ދެއްކީމާ މަކަރުގެ މައްޗަށް ފަރުދާ ވައްޓައިލެވުނީއޭ. އޭރުން އެ ފޮރުވުނީ މީހުންގެ ލޯމައްޗަށް. ބޭބެ ކަހަލަ މީހުން ހީކުރަނީ އެކަހަލަ ކަންތައްތައް ﷲއަށްވެސް ފޮރުވިދާނެއޭ. ނަމާދުކޮށް މުހުތާދުވެރިންނަށް އެހީތެރިވެދީ އަދި އެހެން ކަހަލަ ހެޔޮ ކަންތައް ކުރަނީ އެހެން ވެގެން. ދެން ތިބެނީ ﷲ ރުހިވޮޑިގަތީކަމަށް ގަބޫލު ކޮށްގެން. އެކަމަކު އެއީ ކުށް ހިއެއް. އަހަރެންވެސް އިނީ އެކަހަލަ ކުށްހިއެއްގެ މަތީގައި. ޖާނީއަށް މަކަރު ހަދާފައި، ދޮގު ހަދާފައި، ހިތުގައި ޖައްސައިފައި އަހަރެންވެސް ދުޢާކުރިން. ނަމާދުވެސް ކުރާން ފެށްޓީ. ދެމީހުންވެސް މި ދައްކަނީ އެއްކަހަލަ ވާހަކަ. އަހަރެންގެ ކާވެނި ހަލާލު ނޫނިއްޔާ ބޭބެގެ އާމްދަނީވެސް ހަލާލެއް ނޫން. އެތައް އަހަރެއް ވާންދެން ތިޔަ ގެންދަނީ ބޭބެގެ ދަރިންނަށް ހަރާން އެއްޗެހި ކާންދެމުން."
އިންޖިނޭރުބޭބެ ރުޅި އައިސް ރަތް ވެއްޖެއެވެ. "ތިޔައީ ދޮގެއް. އަހަރެން ދުވަހަކުވެސް މަކަރެއް ހެދި ކަމަކަށް އެކަކަށްވެސް ސާބިތެއް ނުކުރެވޭނެ. އަހަރެން ކުރަނީ ތެދުވެރި ވިޔަފާރިއެއް. އަހަރެންގެ ޚިދުމަތް ލިބިގަންނަ މީހުން ދަނީ އުފަލުން. އަހަންނާ ދިމާއަށް އިނގިލި ދިއްކޮށްލެވޭނޭ އެކަކުވެސް ނުހުންނާނެ. އެކަމަކު ކަލޭމެންނާ ދިމާއަށް ނާޒިމްއާބާދުގެ ކޮންމެ މީހަކަށްވެސް އިނގިލި ދިއްކުރެވިދާނެ. ކަލޭމެން ޖާނީއަށް މަކަރު ހެދިކަން އަހަރެން ސާބިތުކޮށް ދީފާނަން. ކުރެވުނީ ސައްހަ ކާވެންޏެއް ނޫން. ޚުދު ބާދްޝާ ޖާނީއަކީ އެކަމުގެ ހެއްކެއް."
ޖާނީ ދެއަތް ޖޯޑުކޮށްލިއެވެ. "ބޭބޭ. އަހަރެން ތިޔަ ކަމުގެ ތެރެއަށް ނުވައްދާ. އަހަންނާ ސުވާލު ކޮށްފިއްޔާ އަހަރެން ބުނާނީ އެކަކުގެ ކޮޅަކަށްވެސް ނުޖެހޭނަމޭ. ރުޚްސާނާ އަހަންނަށް މަކަރު ހެދި. ދޮގުވެސް ހެދި. އެކަމަކު ބޭބެވެސް ވިޔަފާރީގައި މަކަރު ހަދާ. އަހަރެންވެސް ކާރުގެ މީޓަރަށް މަކަރު ހަދަން. ބޭބެވެސް ގަބޫލު ކުރޭ. އަހަރެމެން އެންމެންނަކީވެސް އެއްކަހަލަ މީހުން."
(ނުނިމޭ)