(30 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެން މިއީ ފަރުޒާނާއާ އެއްވެސް ގުޅުމެއް އޮތް މީހެއް ކަމަށް ނުވަންޏާ ހަޅޭއްލަވައިގަނޭ. އަހަރެން ފަރުޒާނާއަށް އަނިޔާ ކޮށްފީމެއްނު؟ އެތައް ގެއްލުމެއް ކޮށްފީމެއްނު؟ ޒަޚަމް ކޮށްލައިފީމެއްނު؟ މީހުން އެއްކޮށްފައި އެމީހުން ލައްވައި އަހަންނަށް އަނިޔާ ކުރުވިދާނެނު؟ އަހަރެން ޖަލަށް ފޮނުވައިލެވިދާނެނު؟ ހިމޭނުން ހުރީ ކީއްވެގެން؟ ހަޅޭއްލަވާ."
ފަރުޒާނާ ގޮށްމުށް ކަވައިލިއެވެ. "ބަދުނާމު ވެދާނެތީ އަހަރެން ބިރުގަނޭ."
"ދޮގު. މީހަކު ގަދަކަމުން ގެއަށް ވަދެ ހައިޖާނު އުފެއްދީމާ ހަޅޭއްލެވުމާއި ގާނޫނީ އެހީއަށް އެދުމަކީ އެ ގެއެއްގެ މީހުންގެ ހައްގެއް. އެއްވެސް މީހަކު ފަރުޒާނާ ބަދުނާމެއް ނުކުރާނެ. މީހުން ތަޅައިގަންނާނީ އަހަރެންގެ ގައިގައި. ފުލުހުން އައިސް ގެންދާނީ އަހަރެން."
"ޖާނީ މިތާނގައި ޖެހި ސަކަރާތް މީސްމީހުންނަށް ދައްކާކަށް އަހަރެން ބޭނުމެއް ނުވޭ. އާދޭސް ކޮށްފައި މި ބުނަނީ. މިތަނުން ނުކުމެގެން ދޭ."
"އަނިޔާވެފައިވާ ހާލަތުގައި ފަރުޒާނާ ދޫކޮށްލާފައި އަހަރެން ނުދާނަން."
"ޖާނީ ބޭނުން ވަނީ އަހަރެން ބަދުނާމު ކުރަންތަ؟"
"ރީތި ނަމާއެކު ފަރުޒާނާ ހާސިލު ކުރަން އުޅުނީމާ ނުވިއެއްނު؟ ހަމައެކަނި ފަރުޒާނާ ބަދުނާމު ކުރާނީއެއް ނޫން. އަހަރެންވެސް ބަދުނާމު ވެގަންނާނީ."
"އަހަރެން ހާސިލު ކުރާށޭ؟ އޭގެ މާނައަކީ ކޮބާ؟ އެހެން ބުނީ ކީކޭ ހިތައިތަ؟ ޖާނީގެ އަނތްބަކު ނެތްތަ؟ ދަރިއަކު ނެތްތަ؟ އަހަރެން ހާސިލު ކުރަން އުޅެނީ ދެމީހުންގެ މެދުގައި ކޮން ގުޅުމެއް އޮވެގެން؟"
"ތިޔައިން ކަމަކާ އަހަރެން ނުވިސްނަން. ފަރުޒާނާ ވަރަށް ބޮޑަށް އަހަރެން ދުއްވައިފި. އަހަރެން ވަރަށް ދުވެފިން. މިހާރު މިތިބީ ދެމީހުން ދިމާވެފައި. ދެން ގުޅުމެއްވެސް އުފައްދާނީ."
"އެއީ ތިޔަ ބުނާހައި ފަސޭހަ ކަންކަމެއް ނޫން."
"ބަހުސު ކުރާކަށް އަހަރެން ބޭނުމެއް ނޫން. ކޮޓަރިއަށް ވަދެ އަރާމު ކުރަން އޮށޯވޭ."
"ޖާނީ ހުއްޓައި އަހަރެން..." ފަރުޒާނާ ވާހަކަ ދެއްކުން ހުއްޓައިލިއެވެ. ހިނދުކޮޅަކަށް ފަހު މަޑުމައިތިރިކަމާއެކު އަހައިލިއެވެ. "ޖާނީ ބޭނުން ވަނީ އަހަރެން ލައްވައި އަރާމު ކުރުވަންތަ؟"
"ކަށަވަރެއްނު."
"އެހެން ވެއްޖެއްޔާ ގެއަށް ދޭ. އަހަރެން އަރާމު ކުރާނަން. ޖާނީ މިތާނގައި ހުއްޓައި އަހަންނަކަށް އަރާމެއް ނުކުރެވޭނެ."
"އެންމެ ރަނގަޅު. އަހަރެން ބޭރުގައި ހުންނާނަން."
ފަރުޒާނާ ކަޅި އަޅައިލިއެވެ. "ތިޔައީ ކޮން ކަހަލަ ވާހަކައެއް؟ ބޭރުގައި ހުންނަނީ ކީއްކުރަން؟"
"އެއީ އަހަރެން ބޭނުންވާ ގޮތް. މިއީ ފަރުޒާނާގެ ގެއެއް. މިގެއިން ނެރެލީމާ އަހަންނަށް ޖެހޭނީ ނުކުންނަން. އެކަމަކު ހުރިހައި ތަނަކަށް ފަރުޒާނާގެ އަމުރެއް ނުހިނގާނެ. އަހަރެން ދުނިޔެއިންވެސް ނެރެލަން ބޭނުން ވަނީތަ؟"
ބާދްޝާ ދޮރާ ދިމާއަށް ހިނގައިގެންފިއެވެ. ފަރުޒާނާ އަވަސްއަވަހަށް ގޮސް އޭނާގެ ކުރިމައްޗަށް އަރައި ހުރަސް އަޅައިފިއެވެ. "މަޑުކުރޭ. މި ގޭ ދޮރުމަތީގައި ހުރެގެން ނުވާނެ. މީހުން ކިޔާނީ ކީކޭ؟"
"އަހަރެން ހުންނާނީ އަހަރެމެން ދެމީހުންގެ މެދުގައި އޮތް ގުޅުމެއް އެއްވެސް މީހަކަށް ނޭނގޭ ކަހަލަ ގޮތަކަށް."
"ނޫނޭ ޖާނީ. މިގޭ ދޮށުގައި ނުހުންނާތި. ކައިރި ހިސާބެއްގައިވެސް ނުހުންނާތި. ތަންގަނޑު މީހުންނަށް ހުރިހައި ކަމެއް ވިސްނޭނެ."
"އަހަރެން ގެއަށް ދާނީ ޝަރުތެެއްގެ މަތީން. މިރޭ އަނެއްކާ އަންނާނަން."
"ކީއްކުރަން؟"
"ފަރުޒާނާގެ ހާލު ބަލައިލާން. ބޭސް އަޅައިދޭން. ބައްދަލުކުރަން. ވާހަކަދައްކަން. ދެކިލަން. ލޯބިވާން."
"ތިޔަ ކަހަލަ ވާހަކަ ނުދައްކާ. އަހަރެެން ދެކެ ލޯބިވާން ތިޔައީ ކާކު؟"
"އަހަރެން މިއީ ލޯބިވާ މީހާ."
އޭނާ މައިދޮރާ ހަމައަށް ގޮސް އެތެރެއިން ތަންޑު ނައްޓައިލަމުން ބުންޏެވެ. "އަހަރެން މިދަނީ. މިރޭ އަށެއް ޖަހާއިރު އަންނާނަން. ކާރު އޮންނާނީ މަގުގެ އަނެއް ފަޅީގައި. ފަރުޒާނާ މަޑުމަޑުން އައިސް ކާރުގެ ކުރީ ގޮނޑިއަށް އަރައި އިށީނދޭ. މިހެން ނުހަދައިފިއްޔާ އަހަރެން އައިސް މިގޭ ދޮރުގައި ޓަކި ޖަހާނަން. ދޮރު ނުހުޅުވިއްޔާ ރޭގަނޑު ހަތަރުދަމު އޮންނާނީ ކާރުގައި. ކާރު އަހަރެންގެ ގެއަށް ބަދަލުކޮށްލާނަން. ދުރަކަށް ނުދާނަން. ނިދާނީ ކާރުގައި. ކާނީ ކާރުގައި. ފަރުޒާނާ ހެޔޮވަންދެން އިންތިޒާރު ކުރާނަން."
ބާދްޝާ ދޮރު ހުޅުވައިލާފައި ނުކުމެގެން ހިނގައްޖެއެވެ. ފަރުޒާނާ ލެއްޕިފައި ހުރި ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އޭނާގެ ހިތަށް އެރިއެވެ. މިހެން ހުރެގެން އަދި ކަމަކު ނުދާނެއެވެ. ބާދްޝާގެ ހިތްވަރު ޖެހޭގޮތް ވުން ނޫން ކަމެއް ނުވާނެއެވެ. އޭނާ ދޮރުގެ ތަންޑު އަޅުވައިފިއެވެ.
ދޮރު ލެއްޕިއްޖެއެވެ. ބާދްޝާ ހިނގައްޖެއެވެ. މިހާރަކު ކުރިމަތީގައި ފެންނާކަށް ނެތެވެ. އެކަމަކު ލޯބިވާ މީހާ އަންނަނީ ތާޖެއް އަޅައިގެން ކަމުގައި ވިޔަސް ނުވަތަ ހުސްބޮލާ ކަމުގައި ވިޔަސް، އައިސްފައި އެނބުރި ދަނީ އެމީހާގެ ތަސްވީރު ހިތުން ނުފިލާ ވަރަށް ތަންހަރު ކޮށްފައެވެ. އޭނާގެ ސަބަބުން އުފެދުނު ޒަޚަމުގެ ކޮންމެ ނިޝާނެއްގައި ވަނީ އޭނާގެ އަސަރު އެކުލެވިފައެވެ. ހަށިގަނޑުގައި އަޅާ ވޭނުންވެސް ފެންނަނީ އޭނާގެ އަސަރެވެ. ދޮރު ލައްޕައިފައި ތަސްވީރުގެ މައްޗަށް ފަރުދާ ވައްޓާއިލީމާ އެ ތަސްވީރު ހައްތަހާ ބޮޑަށް ފާޅުވަނީއެވެ.
* * *
ފަރީދު އަޙްމަދު ކާމްރާނަށް ބުއްފުޅި ދެމުން ހިނިތުންވެފައި އިނދެގެން އޭނާގެ އަނބިމީހާއާ ދިމާއަށް ބަލަނީއެވެ. އަނބިމީހާ ލޯގަނޑު ދޮށުގައި އިނދެގެން ބޯ އޮމާން ކުރަނީއެވެ. "މުސްކުޅި ވީ ދުވަހު ﷲ އަހަރެމެންނަށް އަނެއްކާވެސް ދަރިއަކު ދެއްވައިފި. ހީވަނީ ހަމަ އަހަރެމެން ދެމީހުންގެ ދަރިއެއްހެން."
އަނބިމީހާ އެނބުރި ބަލައިލިއެވެ. "ބަލަގަ ތިޔައީ އަހަރެމެންގެ ދަރިއެއް ނޫންތަ؟ ކަލޭ ހީކުރަނީ ތިޔައީ ހިލޭ ކުއްޖެއް ކަމަށްތަ؟"
"ހިލޭ ކުއްޖެއް ނޫން. އެކަމަކު އަހަރެމެންގެ ދަރިއެއްގެ ދަރިއެއްތާ؟ ސީދާ އަހަރެމެންގެ ދަރިއަކަށް ވީނަމަ ކިހައި ރަނގަޅު."
އަނބިމީހާ ހުނ އޭ ކިޔައިފައި އަނެއްކާވެސް ބޯ އޮމާން ކުރާން ފަށައިފިއެވެ.
ފަރީދު މޭގައި އަތުން ޖަހައިލުމަށް ފަހު ބުންޏެވެ. "ހޫނ އޭ ކިޔާނެ ކަމެއް ނެތް. ރުޚްސާނާއަކީ އަހަރެމެންގެ އަމިއްލަ ދަރިއެއްނު؟"
އަނބިމީހާ ބޯ އޮމާންކޮށް ނިމިގެން އައިސް ކާމްރާން އުރައިލިއެވެ. "މާ ފަޚުރުވެރި ވާނެ ކަމެއް ނެތް. އެ މަންޖެ ލިބުނީ މަހާނަމަތިން ވެލި ނަގައިގެން އެތައް ކިޔެވެއްޔެއް ކިޔަވައި އެ ވެލި ކައިހެދި ފަހުން. ކަލޭގެ މޮޅު ކަމަކުންނެއް ނޫން."
ފަރީދު އަޙްމަދު ފުން ނޭވައެއް ލިއެވެ. އަދި ފުރާޅާ ދިމާއަށް މައްޗަށް ބަލާން ފަށައިފިއެވެ. ހީވަނީ އުޑާ ދިމާއަށް ޝަކުވާއެއް އުފުލަނީ ހެންނެވެ. އަނބިމީހާ ކާމްރާންގެ ހެދުން ބަދަލު ކުރަމުން ބުނެލިއެވެ. "މިހާރު އެހެރަގެން އިރު އޮއްސެނީ. އަދިވެސް ޖާނީއެއް ކާކަށް ނާދޭ. ދެން ޖެހޭނީ ތަށިބަރި ހިފައިގެން އެގެޔަށް ދާން."
"އަހަރެމެން މި އަދާ ކުރަނީ ފައްކާ ޑިއުޓީއެއް. އޭނާ މިގެއަކަށް ނާދޭ. ކަލޭ ތަށިބަރި ހަދައިގެން އެގެއަށް އެބަދޭ. އަހަންނަށް މި ޖެހެނީ މި ސޮރު ބަލަން."
"އެ ސޮރު ބެލުމަކީ ކަލޭ ކޮށްދޭ ހެޔޮކަމެއް ނޫން. އެއީ ކަލޭގެ ކާފަދަރިއެއް."
"ތިޔަ ބުރަ އުފުލާނީ ކިހައި ދުވަހެއް ވާންދެން؟ އެ ސޮރު މިގެއަށް ކާން ނާންނަނީ ކީއްވެގެންތަ؟ ކޮންމެ ފަހަރަކު ތަށިބަރި ހިފައިގެން ކަލޭ ދާން ޖެހޭތަ؟"
(ނުނިމޭ)