(2 ފެބްރުއަރީ 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރުޚްސާނާ ބުންޏެވެ. "މަންމާ. ދުރުގައި ހުރެގެންވެސް ދެއަތް ޖޯޑުކުރާނެ ކަމެއް ނެތް. އަހަންނަށް މިހާރު އޭނާ ވަރަށް ރަނގަޅަށް ދަސްވެއްޖެ. މިއީ އެކުވެރިކަން ބާއްވާ ކަހަލަ މީހެއް ނޫން. ދުނިޔެއަށް ދައްކަނީ އެހެން މަންޒަރެއް. ބުނަނީ ލޯބިވާ ވަރުން ގޮސް އަހަރެންގެ ފައިވާނަށް ވެގެން އުޅޭ ކަމަށް. އެކަމަކު އޭނާގެ ފައިވާން އަހަންނަކަށް މާ ކުޑަ. ހެޔޮވަރެއް ނޫން."
ފަރުޒާނާވެސް ކުރިއަށް ޖެހިލިއެވެ."އާނ. ފައިވާން ކުޑަކަން ގައިމު. އެކަމަކު މަގުމަތީގައި ހިނގާފައި ދާއިރު ފައިތިލަ ސަލާމަތްކޮށްދޭނެ. ފަޔަށް އެއްޗެއް ހެރުނަކަ ނުދޭނެ. އެހެންނަމަވެސް އެއީ ރުޚްސާނާއަށް ވިސްނޭނޭ ކަމެއް ނޫން. އަހަރެމެންގެ އެކުވެރިކަން ދެން އިތުރަށް ދެމެހެއްޓެން ނެތްކަން އަހަންނަށްވެސް މިހާރު އެނގިއްޖެ. މިއަދުން ފެށިގެން ދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް ބާއްވާނެ ކަމެއް ނެތް."
ރުޚްސާނާ ރުޅި އައިސްފައި ބުންޏެވެ. "އާނ. މީގެ ފަހުން އެއްވެސް ގުޅުމެއް ނޯންނާނެ. މިގެއިން ނުކުމެގެން ދޭ. އެކަމަކު ހަނދާން ކުރާތި. އަހަރެންގެ މޫނު ފިހުނީ ކަލެޔާހެދިކަން އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން. މިއަދު އަނެއްކާ އަހަރެންގެ ދިރިއުޅުން އާބާދުވާން އުޅެފައިމެ، ހަލާކު ވެގެން މިދަނީވެސް ހަމަ ކަލެޔާ ހެދި."
ރުޚްސާނާގެ ބައްޕަ ފަރީދު އަޙްމަދު މަޑުމަޑުން އައިސް ފަރުޒާނާގެ ގާތަށް ހުއްޓިފައި އޭނާގެ ބޮލުގައި ފިރުމައިލިއެވެ. "ތިޔަ ކުދިން ތިޔަތިބީ ރުޅިއައިސްފައި. ބޭބެއަކީ ރުޅި އަންނަ މީހަކީމެއް ނޫން. ރުޅި ނާންނަ މީހުންނަކީ ބުއްދިވެރި މީހުން. އެހެންވީމާ މިތާނގައި މި ވަގުތު ބުއްދިވެރި ވާހަކައެއް ދެއްކޭނޭ މީހަކަށް ހުރީ ބޭބެ އެކަނި. އެހެންވީމާ މި ބުނަނީ. ކުރިއަށް ގެންދާން ފެށްޓި ކަންތައްތައް ހުއްޓައިނުލާ ކުރިއަށް ގެންދޭ. ރުޚްސާނާގެ ކާވެނި ކުރެވޭންދެން މައްސަލަ ނުޖައްސައި ކުރިއަށް ގެންގޮސްދީ. އަހަރެންގެ ހަމައެކަނި އެދުމަކީ އެއީ."
ފަރުޒާނާ ބުންޏެވެ. "ބޭބޭ. އަހަރެން ދެކޮޅުވެރިއެއް ނުވަން. ރުޚްސާނާގެ ކާވެންޏަށް އަހަރެން އެޅީ ކޮން ހުރަހެއް؟ އެކަން ވިޔަ ނުދޭން ކުރީ ކޮން ކަމެއް؟ އަހަރެން ކުރި ހުރިހައި ކަމެއް ކުރީ އޭނާއަށްޓަކައި. ކުދިކުދި ކަންތައްތަކާ ރުޅި އަންނަނީ އޭނާ. ދިފާއުގައި އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ބުނަން ބޭނުންވާހައިވެސް ވާހަކައަކީ މާދަމާ ބާދްޝާ ޖާނީ ކޮލެޖު ދޮށަށް އަތުވެއްޖެއްޔާ މިގެއަށް އޭނާ ފޮނުވުމާ އަހަރެން ހަވާލު ވެއްޖައީމޭ. މިގޭ އެއްވެސް މީހަކަށް ގެއްލުމެއް ވާ ކަހަލަ އެއްވެސް ވާހަކައެއް އޭނާ ގާތު އަހަރެން ނުދައްކާނަން. އިރާދަކުރެއްވިއްޔާ އޭނާ ރުޚްސާނާގެ ފިރިއަކަށް ވާނެ. އަހަރެން، އަހަރެންގެ ވާޖިބު އަދާ ކުރާނަން. އޭގެ ފަހުން މިގޭ އެއްވެސް މީހަކާ އެއްވެސް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫން. މަންމާ... ހިނގާ."
އޭނާ މަންމަގެ އަތުގައި ހިފައިގެން ހިނގައިގަތީމާ ރުޚްސާނާގެ މަންމަ އަހައިލިއެވެ. "އަހަރެމެންނަށް އަނެއްކާވެސް ބޮނޑިއެއް ނުދޭނޭ ކަމުގެ އޮތީ ކޮން ޔަގީންކަމެއް؟"
ފަރުޒާނާ ދޮރުމަތީގައި ހުއްޓިފައި އެނބުރި ބަލައިލިއެވެ. "ތިޔައީ އަހަންނަށް ވާހަކައިން ދެވޭނޭ ޔަގީންކަމެއް ނޫން. ކަންތައް ކުރިއަށް ދާގޮތް ބެލީމާ ތިޔަ ސުވާލުގެ ޖަވާބު ލިބިދާނެ. އަހަރެން މިއީ އަބުރުވެރި ބަފައެއްގެ ދަރިއެއް. އަހަރެން ހުވައި ކޮށްފައި މި ބުނަނީ. އަހަރެން ރުޚްސާނާއަށް ދެރަވާ ކަހަލަ އެއްވެސް ކަމެއް ނުކުރާނަން. އޭނާއަށް ރަނގަޅު ގޮތް މެދުވެރި ކުރައްވާތޯ އަބަދުވެސް ދުޢާ ކުރާނަން. އަހަރެންގެ ކުރިމަގުގެ މަސައްކަތަކަށްވެސް ވާނީ އޭނާއަށް ރަނގަޅު ގޮތްގޮތް ހޯދައިދިނުން."
މިހެން ބުނެފައި އޭނާ މަންމަގެ އަތުގައި ހިފައިގެން ނުކުމެގެން ހިނގައްޖެއެވެ.
ގެއަށް ވަން ގޮތަށް ފަރުޒާނާ ދިޔައީ ކޮޓަރިއަށެވެ. ކުޑައިރުކޮޅެއް ފަހުން އޭނާގެ މަންމަ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. "ދަރިފުޅާ. ހިނގާ ކާން."
"އަހަރެން ބަނޑުހައެއް ނުވޭ."
މަންމަ އައިސް އެނދުގެ މަގަތަށް ހުއްޓިއްޖެއެވެ. "ރުޚްސާނާއާއި އޭނާގެ މަންމަޔާ ދެމީހުން ދަރިފުޅާއި ބާދްޝާއާ ލާދީ ގޮވަނީ ކީއްވެގެން ކަމެއް މަންމައަކަށް ނުވިސްނުނު. މިއީ ކިހިނެއް ފެށުނު ކަމެއްތަ؟ އެމީހުންގެ ބޮލަށް އެކަހަލަ ޚިޔާލެއް ވަނީ ކީއްވެގެން؟"
"ރުޚްސާނާ އޭނާގެ މަންމަ ގާތު ބުނީ ކަމަށް ވާނީ. އެހެން ނޫނީ އެކަހަލަ ވާހަކައެއް ދެކެވެންވީ ކީއްވެގެން؟ އަހަރެން ބާދްޝާ ޖާނީގެ ކޮޅަށް ބުރަވެގެން ވާހަކަ ދެއްކީ. އޭނާއަށް ވިސްނުނީ އެއީ އަހަރެން ބާދްޝާ ދެކެ ލޯބިވާތީ ދެއްކި ވާހަކައެއް ކަމަށް. ބުނީ އަހަރެން ބާދްޝާއާ ހިތައިވީއޭ. ދެން އެވާހަކަ ބޮޑު ކޮށްގެން ކަންތައް މިހައިތަނަށް ގެނައީ."
މަންމަ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އަދި ފުންކޮށް ފަރުޒާނާއާ ދިމާއަށް ބަލާން ފަށައިފިއެވެ. ބަލަހައްޓައިގެން އިން ގޮތުން ފަރުޒާނާއަށް އުނދަގޫވާން ފަށައިފިއެވެ. އެހެންވީމާ މޭޒުމަތީގައި އޮތް ފޮތެއް ނަގައިގެން ގަނޑުތައް އުކާން ފަށައިފިއެވެ. އެކަމަކު އޭނާގެ މޫނަށް އަރައި ފައިބަމުންދާ ކުލަވަރު މަންމަ ބަލާކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. އިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި މަންމަ ބުންޏެވެ. "މަންމަވެސް މިއީ އެއް ދުވަސްވަރެއްގައި އަންހެން ކުއްޖެއް. ޒުވާނެއް. ދަރިފުޅުހެން މީހަކާ ނީނދެ ހުސްހަށިބަޔަށް އިން ކުއްޖަކީން. މީހަކާ ނީނދެ އިންކަމުގައި ވިޔަސް ކާވެނީގެ ހުވަފެން ދެކެން ފެށިން. ކާވެނީ މިއުޒިކުގެ އަޑު މަންމައަށްވެސް ވަރަށް ރީތި. ތަންގަނޑު ކުއްޖަކު މީހަކާ އިނީމާ އަބަދުވެސް ވިސްނައި އުޅުނިން. އަހަރެންގެ ކާވެނި ކުރެވޭނީ ކޮން ދުވަހަކު ބާވައޭ ހިތަށް އަރާ. އަހަރެންގެ ހަޔާތުގެ ބައިވެރިޔާ އަންނާނީ ކޮން ދުވަހަކު ބާވައޭ ހިތަށް އަރާ. އަދި އެފަދަ މީހަކު ދުނިޔޭގައި އެބަ އުޅޭ ބާވައޭވެސް ބައެއް ފަހަރު ހިތަށް އަރާ. އެކަހަލަ މީހަކު ނައިއްޔާ ހޯދާނީ ކޮން ތަނަކުން ބާވައޭ ހިތަށް އަރައި ފިކުރުވެސް ބޮޑުވޭ. މަންމަ މިހިރީ ބާދްޝާ ޖާނީ ދެކެފައި. އެއީ ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުން ވާނޭ ކަހަލަ ކުއްޖެއް. އޭނާ ހޯދައިގަތީ ދަރިފުޅު. އެހެންވީމާ އޭނާ ލިބުނީވެސް ދަރިފުޅަށް ކަމުގައި ވުމަކީ ނުވާނޭ ކަމެއް ނޫން."
ފަރުޒާނާ ސިހިފައި އޭނާގެ މަންމަޔާ ދިމާއަށް ބަލައިލިއެވެ. ހަތަރުކަޅި ހަމަވުމާއެކު އިސްދަށަށް ޖަހައިލިއެވެ. މަންމަ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ދަރިފުޅުގެ އެކުވެރިއަކަށް ރުޚްސާނާ ވުމާއެކު އެހެން އެކުވެރިއެއްގެ މަތީން ހަނދާން ނައްތާލައިފި. އެ އެކުވެރިޔަކީ މަންމަ. މަންމަ މިއީ ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރި މީހާ. ދަރިފުޅު މަންމައަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރޭ. މިހާރުވެސް ސިއްރު ކުރާނެ ކަމެއް ނެތް. ހިތުގައި އޮތް އެއްޗެސް މަންމަ ގާތު ސާފުކޮށް ބުނޭ. ދަރިފުޅުގެ މަގަށް ހުރަސްއަޅާ މީހަކަށް މަންމަ ދުވަހަކުވެސް ނުވާނަން."
ފަރުޒާނާ ފުން ނޭވައެއް ލިއެވެ. "މަންމާ. ބާދްޝާއާ މެދު އަހަރެންގެ ވިސްނުން ހުރި ގޮތެއް އަހަންނަކަށްވެސް ކަށަވަރެއް ނުވޭ. މީހަކު ހޯދުމާއި، ހޯދުމަށް ފަހު އެމީހަކު ލިބުމާއި، އަމިއްލަ ކޮށްގަތުމަކީ މުޅިން ތަފާތު ކަންކަން. އަހަރެން ބާދްޝާއާމެދު މަންމަ ތިޔަ ހީކުރާ ކަހަލަ ގޮތަކަށް ވިސްނަންތޯ ނުވަތަ ނޫންތޯ އަދި ޔަގީނެއް ނުކުރެވޭ."
"ދަރިފުޅަކީ ކިޔަވައިގެން ހުރި ކުއްޖެއް. އަމިއްލަ އިހުސާސްތައް ކޮނެގެން ހާވައި ބަލާ. އެތެރޭގައި ފޮރުވިފައި ހުރީ ކޮން އެއްޗެއްތޯ ދެނެގަނޭ."
"މަންމާ. އަހަންނަށް މިހާރުވެސް އެއްކަމެއް ކަށަވަރު. އަހަރެންގެ ހިތުގައި ބާދްޝާ ޖާނީގެ މައްޗަށް ވަރަށް ބޮޑު ހަމްދަރުދީއެއް އުފެދިއްޖެ. އަހަރެން ވަރަށް ގާތުން އޭނާ ދެކެފިން. އޭނާޔާއެކު ހޭދަކުރެވުނީ ހައެއްކަ ގަޑިއިރު. އެކަމަކު އަހަރެންގެ ކުރިމަތީގައި އޭނާ ހުރީ ހުޅުވިފައި އޮތް ފޮތެއްގެ ސިފައިގައި. އޭނާގެ ކިބައިގައި އެއްވެސް އުނިކަމެއް ނެތް. އޭނާ ދޮގެއް ނުހަދާ. ދައްކަނީ ތެދު ވާހަކަ. އަދި ދައްކާ ތެދު ވާހަކައަށް އަމަލުވެސް ކުރޭ. އެކަހަލަ މީހަކަށް މަކަރު ހަދާއިރު ޒަމީރު ކިޔާނީ ކީކޭކަން މަންމައަށް މާ ރަނގަޅަށް އެނގޭނެ. އަހަރެންގެ ޒަމީރުވެސް ދިޔައީ މަލާމާތް ކުރަމުން. އަހަރެންގެ ވިސްނުން އިރުއިރުކޮޅާ އެނބުރެނީ އޭނާޔާ ދިމާއަށް. ވިސްނެނީ އޭނާޔާމެދު. އަހަރެންގެ އުމުރުގެ ކުއްޖަކު އެކަހަލަ ފިރިހެން ކުއްޖަކާ މެދު ވިސްނާން ފަށައިފިއްޔާ ބުނާނީ ލޯބިވީއޭ. އަހަރެންގެ ސިކުނޑީގެ ކޮންމެވެސް ކަނެއްގައި ލޯބި ފޮރުވިފައި އޮތުންވެސް އެކަށީގެންވޭ. ފޮރުވިފައި ހުންނަ އެއްޗެހީގެ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް. ފާޅުކޮށް ފެންނާން އޮތް ކަމަކީ ބާދްޝާ ކަތިލެވެނީ އޭނާގެ އެއްވެސް ކުށެއް އޮވެގެން ނޫންކަން. ކަތިލާ މީހަކަށް މިހިރީ އަހަރެންކަން."
މަންމަ ކޮޅަށް ތެދުވެއްޖެއެވެ. އަދި އިސްޖަހައިލައިގެން ހުރެ ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ.
ފަރުޒާނާ އަހައިލިއެވެ. "މަންމާ. އަހަރެންގެ ކުށުގެ އިހުސާސާއި، މަންމަގެ އިސް ޖަހައިލުމުން އަހަރެމެން މި ކުރާ ކުށުގެ ބަދަލު ދެވުނީތަ؟"
މަންމަ އެނބުރި ބަލައިލިއެވެ. "އަހަރެމެން މިތިބީ މިހެން ކަންތައް ކުރަން މަޖުބޫރު ވެފައި. ބާދްޝާ ޖާނީގެ މައްޗަށް ހަމްދަރުދީ އުފެދުމަކީ ހައްގު ކަމެއް. މަންމަގެ ހިތުގައިވެސް އެ ހަމްދަރުދީ އެބައޮތް. އެކަމަކު ދަރިފުޅުގެ ބޮލުގައި އެޅިފައި އޮތީއަކީ ކުޑަ އިލްޒާމެއް ނޫން. ދަރިފުޅުގެ މަސައްކަތުން އޭނާ މީހަކާ ދެވިއްޖެއްޔާ އަދި ބާދްޝާ އޭނާގެ ފިރިއަކަށް ހަދައި ދެވިއްޖެއްޔާ އެ އިލްޒާމުގެ ކޮންމެވެސް ބައެއް ފޮހެވިގެން ދާނެ. އޭނާގެ މޫނު ފިއްސައިލީ ދަރިފުޅޭ ބުނާ ކޮންމެ ފަހަރަކު އޭނާ މީހަކާ ދެވީވެސް ދަރިފުޅޭ ބުނަން ޖެހޭނެ. އޭނާގެ ހިސްޓީރިއާގެ ބަލިމަޑުކަން ދުރުކޮށް ދިނީ ދަރިފުޅޭ ބުނަން ޖެހޭނެ. އަމިއްލަ ދިފާއުގައި ކޮންމެވެސް ވާހަކައެއް ދަރިފުޅަށް ދެއްކިދާނެ. އެކަމަކު އަމިއްލަ ހައިސިއްޔަތަށްވުރެ ދަށު ދަރަޖައަކަށް ވެއްޓިގަނެ މިކަހަލަ ކަމެއް ނުކޮށެއް އެ އިލްޒާމަކުން ސަލާމަތެއް ނުވެވޭނެ."
އެރޭ ފަރުޒާނާގެ ގާތަކަށް ނިންޖެއް ނައެވެ. އޭނާ ނުނިދާކަން މަންމައަށް އެނގިދާނެތީ އޮތީ ކޮޓަރީގެ ބޮކި ނިއްވާލައިގެންނެވެ. އެކަމަކު އެންމެ ލޮލުފިޔައެއްވެސް ނުޖަހައެވެ. ގަސްތުގައި ނުނިދައި އޮތީއެއް ނޫނެވެ. އޭނާގެ އެތެރެހަށި އެކަމާ ދެކޮޅު ހަދަނީއެވެ. ހިތުގެ ގޮވުމުގައި އެކުލެވޭ ލަފުޒުތަކެއް އެބަހުރިކަން އޭނާއަށް އެނގެއެވެ. އެ ލަފުޒުތައް އޭނާއަށް ފާހަގަ ކުރެވެއެވެ. އެކަމަކު މާނައެއް ނޭނގެއެވެ. އޭނާގެ ހިތަށް އެރިއެވެ. އަހަރެންގެ ހިތުގައި ބާދްޝާ ޖާނީގެ މައްޗަށް އޮތީ ހަމައެކަނި ހަމްދަރުދީއެއް ހެއްޔެވެ؟ އެހެން ކަމުގައި ވަނީ ނަމަ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ބާދްޝާއާ ބައްދަލު ކުރަނީ ކީއްކުރަން ހެއްޔެވެ؟ ހަމްދަރުދީގެ ސަބަބުން ހެއްޔެވެ؟ ހަތުރުވެރިކަމެއްގެ ސަބަބުން ހެއްޔެވެ؟
ހެނދުނު ވީއިރު އޭނާގެ ލޯ ހުރީ ދުޅަވެފައެވެ. ރޭ ނުނިދާކަން ވަރަށް ސާފުކޮށް އެނގޭހައި ވެއެވެ. ހަމައެކަނި ހޭލައި އޮތީއެއް ނޫނެވެ. ސިއްރުސިއްރުން ރުއިވެސް މެއެވެ. އޭނާ ފާޚާނާއަށް ވަދެފައި ނުކުމެ ހެދުމެއް ނަގާން އަލަމާރި ހުޅުވައިލިއެވެ. ވަރަށް ރީތި ރަތްކުލައިގެ ހެދުމެއް ނަގައިފައި ހިތަށް އެރިއެވެ. އަހަރެން މިވަރަކަށް މި ތައްޔާރުވަނީ ކާކަށްޓަކައި ހެއްޔެވެ؟ މިހައި ރީތި ހެދުމެއް މި ލަނީ ކާކަށް ދައްކާން ހެއްޔެވެ؟ އޭނާ ރީތި ވެގެން ހުއްޓައި ރުޚްސާނާއަށް ފެނިއްޖެއްޔާ ވަރަށް ރުޅި އަންނާނެއެވެ. އެޔާއެކު ހިތަށް އެރިއެވެ. އަހަރެން ރުޚްސާނާ ދެކެ ގަންނާންވީ ކޮން ބިރެއް ހެއްޔެވެ؟ އަހަރެން އަބަދުވެސް ރުޚްސާނާއަށްވުރެ މާ ރީތި ހެދުން ލައި އުޅެމެވެ.
މި ޚިޔާލު ކުރެވުމާއެކު އޭނާގެ ހިތް އޭނާއަށް ނަސޭހަތް ދިނެވެ. ރުޚްސާނާ ދެކެ ބިރު ނުގަތަސް ބާދްޝާ ޖާނީގެ ކުރިމައްޗަށް ނުކުންނާން ވާނީ ސާދާ ގޮތަކަށެވެ. އެހެން ނޫނީ ބާދްޝާ މޮޔަ ވެދާނެއެވެ. އެހެން ވެއްޖެނަމަ ފަހުން ރުޚްސާނާއަށް އޭނާ ރުއްސަން ޖެހޭ ވަގުތު އޭނާ ދުއްވައިގަންނާނީ ފުރަތަމަ ފެނުނު މީހާ ހޯދާށެވެ.
ފަރުޒާނާ ތަންކޮޅެއް އާދައިގެ ސާދާ ހެދުމެއް ލައިފިއެވެ. ހެނދުނު ރުޚްސާނާގެ މަންމަ އެގެއަށް އަތުވެއްޖެއެވެ. ހުރީ ދެކަންފަތާ ހަމައަށް ހިނި އައިސްފައެވެ. "ދަރިފުޅުމެންގެ އެކުވެރިކަން ތިޔަ އޮންނަ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ. އިރުއިރުކޮޅާ އަރައިރުންވާނެ. ފަހުން އެކަކު އަނެކަކަށްޓަކައި ފިދާވާން ތައްޔާރުވާނެ. މިހާރު ރުޚްސާނާ އެބައިން ފަރީ ގެންނާށޭ ކިޔައިގެން ކުސްތަޅަން. އޭނާއަށް އެވާ ގޮތެއް ވީމާ އެނދުން ނުވެސް ތެދުވެވޭކަން ދަރިފުޅަށް އެނގޭނެ. މިއަދު ކޮލެޖަކަށްވެސް ނުދެވޭނެ. އޭނާ ބޭނުންވަނީ ދަރިފުޅާ ވާހަކަ ދައްކައިލާން."
ފަރުޒާނާ ބުންޏެވެ. "އަހަންނާއި މަންމަޔާ ދެމީހުންގެ އެންމެ ފަހުގެ ނިންމުން ރޭ އޮންނާނީ ބުނެދީފައި. އަހަރެމެންނާއި ދައްތަމެންނާ ދެމެދު އޮތް ގުޅުން މިހާރު ވަނީ ކެނޑިފައި. ދެ އާއިލާގެ މެދުގައި އެއްވެސް ގުޅުމެއް ނެތް. އެކަމަކު އަހަރެންގެ ވައުދުގެ މަތީން ހަނދާން ނައްތައެއް ނުލާނަން. ބާދްޝާ ޖާނީ ތިޔަ ގެއަށް އަންނާނެ. އެކަން އަހަރެން ކޮށްދޭނަން. އޭނާ އައުމަށް ފަހު ހިނގާ ކަންކަމުގައި އަހަރެމެންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ. ކާވެންޏަކަށްވެސް އަހަރެމެންނެއް ނާންނާނަން."
(ނުނިމޭ)
Up vaaleh lahakamun varah foohivay
vvv. reethi ehenas up vaaleh laskamun v.undhagoovey
V reethi.... Thankolheh avahah up kohdheveytho try kohlabala alhe...