ފަޅިމޫނު - 122

(30 އޯގަސްޓް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ ބައިވެރިންނަށް އިޝާރާތެއް ކޮށްލިއެވެ. އެމީހުން އައިސް ރުޚްސާނާގެ ސާމާނު ވޭނަށް އަރުވައިފިއެވެ. ރުޚްސާނާވެސް މަޑުމަޑުން ގޮސް ވޭނަށް އަރައިފިއެވެ. ވޭން ސްތިމް ސްޓްރީޓާ ދިމާއަށް އަނބުރައިލީމާ އެކަކު ވޭނުގައި ހުރި ރޭޑިއޯ ސެޓުން ފުލުހަށް ގުޅައިފިއެވެ. ރުޚްސާނާ ބޭނުންވީ ފުލުހުންނާ ހަމައަށް މައްސަލަ ނުގެންގޮސް މަޑުމަޑުން ސަލާމަތްވެގެން ދާށެވެ. އެކަމަކު މިހާރު މައްސަލަ މި ދަނީ ބޮޑުވަމުންނެވެ.

އޭނާ އެންއޭބީގެ މީހުނާއެކު ޖަމްޝީދުގެ ގެއަށް ވަދެއްޖެއެވެ. އޭނާގެ އިޝާރާތަކަށް އެމީހުން ގޮސް ވަނީ ބާޤިރް ޢަލީގެ ކޮޓަރިއަށެވެ. އޭރުވެސް ޖަމްޝީދު ތަޅުގަނޑުމަތީގައި އުއްޑުން އޮތެވެ. ލާފައި ހުރި ހޮޑު އޮތީ މުޅި ތަނަށް ފެތުރިފައެވެ. ދުވާ ނުބައި ވަހުން ނޯއް ދަމައިލާކަށް ނުކެރެއެވެ. އެމީހުންވެސް ތިބީ ނޯއްމަތީގައި ރުމާ އަޅައިގެންނެވެ. އެކަކު ރުމާލުން ހިފައި ފުޅި ނަގައިފިއެވެ. އަދި ތަށިވެސް ވަރަށް ރަނގަޅަށް ބަލައިފިއެވެ. "ފުޅީގައިވެސް އަދި ތަށީގައިވެސް އެކަކުވެސް އަތް ނުލާތި. ފުލުހުން އައިސް މި މަންޖެގެ އިނގިލީގެ ނިޝާން މީގައި ހުރިތޯ ބަލާނެ."

އެކަކު ޖަމްޝީދުގެ ވިންދު ހުރިތޯއާއި ހިތް ހިނގާތޯ ބަލައިލިއެވެ. "މަރެއް ނުވޭ. އެމްބިއުލަންސަށް ގުޅައިލާ. މީނާ ޖެހޭނީ ހަސްފަތާލަކަށް ގެންދަން."

އެވަގުތު ފުލުހުންގެ ޓީމެއް އަތުވެއްޖެއެވެ. ރުޚްސާނާ އިނީ ދެ އަތުން ބޮލުގައި ހިފަހައްޓައިގެން ގޮނޑިއެއްގައި އިށީނދެގެންނެވެ. ފުލުހަކު އައިސް އޭނާޔާ ސުވާލު ކުރަން ފަށައިފިއެވެ. އޭނާ ވަރަށް ވިސްނައިގެން ޖަވާބު ދެމުން ގެންދިޔައެވެ. "އެއްޗެކޭ ހީނުކުރާތި. އަހަރެމެންގެ ވާޖިބަކަށް ވާތީ ކަލޭގެ ސާމާނު ބަލައި ފާސްކުރަން ޖެހޭނެ."

ރުޚްސާނާ ބުންޏެވެ. "ބޭނުން ވަރަކަށް ބަލައި ފާސް ކުރޭ. ދަބަހުގައި އަހަރެންގެ ތިން ހާސް ޕައުންޑު އޮންނާނެ."

އޮފްސަރު އަހައިލިއެވެ. "އެއީ ކަލޭގެ ހަވާލުދާރުގެ ތިން ހާސް ޕައުންޑު ދޯ؟"

"ނޫން. އެއީ އަހަރެންގެ އަމިއްލަ ފައިސާ."

"ޕާކިސްތާނުން އެހައި ގިނަ ފައިސާ ހިފައިގެން އައުމަކީ މަނާ ކަމެއް. ތިން ހާސް ޕައުންޑު ލިބުނީ ކިހިނެއް؟"

"އެއީ އަހަރެންގެ ހަވާލުދާރުގެ ބައްޕަ އަހަރެންގެ ބޭހަށް ޚަރަދު ކުރަން ދިން ފައިސާ."

"މި މީހާ ހޭ އަރައިގެން ވާހަކަ ދެކެވި ކަލޭ ތިޔަ ދައްކާ ވާހަކަ އެއީ ތެދެއްކަން ޔަގީން ވާންދެން ހުންނަން ޖެހޭނީ އަހަރެމެންގެ ބެލުމުގެ ދަށުގައި."

އޭގެ ބައިގަޑި އިރު ފަހުން އޭނާ އިނީ ފުލުސް އޮފީހުގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. މޫނުގައި އަތް އަޅައިގެން އިނދެ ރޮއިރޮއިފައި ﷲ އަށް ދުޢާ ދަންނަވަނީއެވެ. "ޔާ ﷲ. މި އަޅާ މި ޖެހުނީ ކޮންފަދަ މަޅިއެއްގައިތޯ؟ ދެން ހަދާނީ ކިހިނެއްްތޯ؟ ދާނީ ކޮން ތަނަކަށްތޯ؟ މަދަދަށް އެދޭނީ ކާކުގެ ކިބައިންތޯ؟ އެއްވެސް އެހީތެރިޔަކު ނެތް މީހުނާއެކުވެސް އިބަ ﷲ ވޮޑިގެންވޭ. މިއަޅާގެ ހާލާމެދު ރަހުމު ކުރައްވާ. މި ދަތި ހާލަތުން މިންޖުކޮށް ދެއްވާ. މީގެ ފަހުން ދުވަހަކުވެސް ފިރިމީހާއަށް ދޮގު ނުހަދާނޭ ކަމަށް މިއަޅާ ވައުދުވަން. ދުވަހަކުވެސް މަކަރެއް ނުހަދާނަން. މިފަދަ ގޮތަކަށް އެކަނި ގެއިން ނުކުމެގެން ނާންނާނަން."

އޭނާ ރޮމުން ކަރުނަ ފޮހެމުން ދުޢާ ކުރަމުން ދިޔައެވެ. ކުރެވިފައިވާ ކުށްތަކަށް ތައުބާވިއެވެ.

ގަޑިން ދިހައެއް ޖަހައިފިއެވެ. ހަސްފަތާލުން ޚަބަރެއް ނާދެއެވެ. ޖަމްޝީދު ހޭއެރިކަމެއް ނާރާކަމެއްވެސް ނޭނގެއެވެ. އެގާރަ ޖެހީމާ އޭނާ ފުލުހަކާ ސުވާލުކޮށްލިއެވެ. "ހަސްފަތާލުން ޚަބަރެއް ނުވޭތަ؟ އަހަންނަށް ވާނުވާ އެނގެން ވާނެއެއްނު؟"

ފުލުހުމީހާ އޭނާގެ ހިތް ހަމަ ޖައްސައިދިނުމުގެ ގޮތުން ބުންޏެވެ. "ކަންބޮޑު ނުވޭ. ހަމަޖެހިލައިގެން އިނދޭ. ކަލޭގެ ކުށެއް ނެތްކަމުގެ ހެކި ލިބުމާއެކު މިތަނުން ނުކުމެގެން ދިއުމުގެ ހުއްދަ ދޭނެ."

އޭނާ ކަންބުޑުވެގެން ހުރެ ކޮޓަރި ތެރޭގައި ދެކޮޅަށް ކުރުކާލި ކަނޑަން ފަށައިފިއެވެ. އަދި ވިސްނަމުން ދިޔައެވެ. ޖަމްޝީދު މަރުވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އެހެން ވެއްޖެ ނަމަ މުޅި އުމުރު ދުވަސް ޖަލުގައި ހޭދަ ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާ އުމުރަށް ޖަލަށް ލާނީ ހެއްޔެވެ؟ ނުވަތަ ލިބޭނީ އެހެން އަދަބެއް ބާވައެވެ؟ މި މައްސަލައިގައި އޭނާގެ ގައުމުގެ އެންބަސީން ކޮށްދެވޭނީ ކޮން ކަމެއް ބާވައެވެ؟

މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ދޭއް ޖަހައިފިއެވެ. ތިނެއް ޖަހައިފިއެވެ. އޭނާ ގޮނޑީގައި އިށީނދެގެން އިނެވެ. ފާރުގައި ބޯ ޖައްސާލައިގެންނެވެ. ނިންޖެއް ނާދެއެވެ. އެކަމަކު މޫނުމައްޗަށް އަނދިރިވާ ގޮތް ވާން ފަށައިފިއެވެ. އަނދިރިކަމުގެ ތެރެއިން ބައެއް ފަހަރު ފެންނަނީ ބާދްޝާ ޖާނީގެ މޫނެވެ. ބައެއް ފަހަރު އޭނާގެ ތުއްތު ދަރިފުޅުގެ މޫނެވެ. އޭނާއަށް ހިތުގެ އަޑިން ކިޔައިލެވުނެވެ.  "ދަރިފުޅާއެވެ. މަންމައަށް މި އާދެވުނީ ކޮން ތަނަކަށް ހެއްޔެވެ؟ ދަރިފުޅާ ދުރަށް ، މާދުރަށް އާދެވިއްޖެއެވެ. މީގެ ފަހުން ދަރިފުޅު އުރާލައި ލޯބިކޮށްލައި ހެދުމަކީ ކުރެވޭނޭ ކަމެއް ނޫން ކަމުގައިވެސް ވެދާނެއެވެ. ދަރިފުޅަށް ކުރެވޭނޭ ނަމަ މަންމައަށްޓަކައި ދުއާކޮށް ދޭށެވެ. ޔާ ﷲ. މިއަޅާގެ ދަރިފުޅު މިހާރު މަންމަ ނުފެނިގެން ރޮނީ ކަމުގައިވެސް ވެދާނެއެވެ. ރުއިމުގެ ރާގާއި ކަރުނަ އޮހޮރާ އަންދާޒުން އެ ދަރިފުޅު މަންމައށް އެދި ގޮވަނީއެވެ. ޔާ ﷲ. އެ މައުސޫމު ކުއްޖާފުޅަށް ރަހުމަތް ލައްވައިފާނދޭވެ."

ހަތަރެއް ޖަހައިފިއެވެ. އޭނާ އަނެއްކާވެސް ތެދުވެ ކުރުކާލި ކަނޑަން ފަށައިފިއެވެ. "ޖާނީއެވެ. ތިޔަ އުޅެނީ ކޮން ތަނެއްގައި ހެއްޔެވެ؟ މިހާރު ތިޔަ ރަށަށް ކިތަކެއް ޖަހައިފި ހެއްޔެވެ؟ ތިޔަ އޮތީ ނިދާފައި ހެއްޔެވެ؟ ހޭލައި އެބައުޅެމު ހެއްޔެވެ؟ ހޭލައި ހުރިއްޔާ ނިކަން ބުނެބަލާށެވެ. ޖާނީގެ ހަޔާތުގެ ބައިވެރިޔާ މިފަދަ ބޮޑު މުސީބާތެއްގެ ތެރެއަށް ވެއްޓިދާނޭ ކަމަށް ހީކުރިން ހެއްޔެވެ؟ އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޖާނީއަށް ޚަބަރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. އަންގައިފިއްޔާ ޖާނީ މާ ބޮޑަށް ހާސްވެގެން އުޅެގެންފާނެއެވެ. އެހެން ނޫނަސް މިއީ ގާނޫނީ މައްސަލައެކެވެ. ޖާނީއަކަށް ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނެއެވެ. މިހާރު ހުރިހައި ކަމެއް ބިނާވެފައި އޮތީ ޖަމްޝީދުގެ ބަޔާނުގެ މައްޗަށެވެ. މުސީބާތަކީ އެންމެންގެ މައްޗަށްވެސް އަންނަ އެއްޗެކެވެ. އެކަމަކު އަހަންނަށް މި ކުރިމަތިވީ ކަހަލަ މުސީބާތެއް ކުރިމަތިވެފައި ވާނީ މަދު މީހަކަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް މިހާރު ހުންނާން މި ޖެހެނީ އަހަންނަށް މި ގެއްލުން ދިން މީހާގެ ބަޔާން ރަނގަޅު ވާނޭ ކަމަށް އުއްމީދު ކޮށްގެންނެވެ. އަހަރެންގެ ދުޝްމިނު ހޭއަރައިގެން އަހަންނާ އެއްކޮޅަށް ބަޔާން ދީފާނެ ހެއްޔެވެ؟"

އޭނާގެ ހިތް ގެނބެމުން ދަނީއެވެ. އަނެއްކާވެސް ބާރަށް ރޮއިގަނެވިއްޖެއެވެ. ފުލުހަކު ދޮރު ހުޅުވައިލާފައި އެތެރެ ބަލައިލިއެވެ. "އަޖައިބެއް ކަހަލަ އަންހެނެއް. އަދިވެސް ނުނިދާ."

މާ ގިނަ އިރުތަކެއް ނުވެ އިރު އަރައިފިއެވެ. ހައެއް ޖަހައިފިއެވެ. ވަގުތު ފާއުތުވަމުން ގޮސް އަށެއް ޖަހައިފިއެވެ. ދިހައެއް ޖެހިތަނާ ފުލުސް އޮފްސަރަކު އެ ކޮޓަރި ތެރެއަށް ވަދެ ބުންޏެވެ. "މިސް ރުޚްސާނާ. ރޭ ހަތަރުދަމު ކަންބޮޑުވެފައި ހުންނާން ޖެއްސުނީތީ ހިތާމަކުރަން. އެއީ ގާނޫނީ ގޮތުން އަހަރެމެންނަށް މަޖުބޫރު ވެގެން އެޅި ފިޔަވަޅެއް. އަހަރެމެން މިސްޓަރ ޖަމްޝީދުގެ ބަޔާން ނަގައިފިން. އޭނާގެ ބަޔާން އޮތީ ރުޚްސާނާޔާ އެއްކޮޅަށް. ތިން ހާސް ޕަައުންޑާއި ރުޚްސާނާގެ އެހެނިހެން ސާމާނު ރައްކާތެރިކަމާއެކު ބަހައްޓާފައި އެބަހުރި. ރަނގަޅަށް ބަލާފައި ހަވާލުވެވިދާނެ. އޭގެ ފަހުން ބޭނުންވާ ތަނަކަށް އަހަރެމެން ރުޚްސާނާ ގެންގޮސް ދޭނަން." އޭނާއަކަށް އޮފްސަރުގެ ހުރިހައި ވާހަކައެއް ނީވުނެވެ. ޖަމްޝީދު އޭނާގެ ކޮޅަށް ބަޔާން ދިން ވާހަކަ އިވުނެވެ. އެޔާއެކު އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. ރޭ ހަތަރުދަމު އޭނާ އިނީ ހޭލައެވެ. ވުމާއެކު ވެއްޓުމާއެކު ހޭވެސް ނެތިއްޖެއެވެ.

ލޯ ހުޅުވައިލެވުނު އިރު އޮވެވުނު ތަނެއް އޭނާއަކަށް ނޭނގެއެވެ. ކޮން މާހައުލެއް ކަމެއް، ކޮން ގައުމެއް ކަމެއްވެސް ނޭނގެއެވެ. އޭނާ ލޯ މަރައިލާފައި މަޑުމަޑުން ގޮވައިލިއެވެ. "ޖާނީ!"

މުޅިން ހޭއެރީ ޖާނީއަށް ގޮވައިލެވުނު ވަގުތުއެވެ. މި އޮތީ ޖާނީގެ ރަށުގައި ނޫންކަމާއި މުޅީން އެހެން ގައުމެއްގައިކަން ހަނދާންވީ ދެނެވެ. އޭނާ ވަށައިގެން ހޯދައި ބަލައިލިއެވެ. މިއީ ހަސްފަތާލެކެވެ. އޭނާ އޮތީ ވަރަށް ސާފު ތާހިރު އެނދެއްގައި އޮށޯވެގެންނެވެ. އެއީ ޚާއްސަ ވޯޑެއްހެން ހީވެއެވެ. ލަންޑަނުގެ ހަސްފަތާލުތަކަކީ ވަރަށް އަގު ބޮޑު ތަންތަންކަން އޭނާ ދަނެއެވެ. ބޭސްވެސް އެހައި އަގު ބޮޑެވެ. އޭނާ ތެދުވެ އެނދުގައި އިށީނދެއްޖެއެވެ. އަދި ހައިރާންކަންމަތީ އިނދެ ވިސްނާން ފަށައިފިއެވެ. ފުލުހުން މިހައި ހިތް ހެވެއް ނުވާނެއެވެ. ތުހުމަތެއްގައި ބަންދުކުރުމަށް ފަހު ހަސްފަތާލަށް ގެނެސް ޚާއްސަ ވޯޑެއްގައި ބާއްވާފައި ހަސްފަތާލުގެ ބިލު ދައްކައި ދޭހައި އެމީހުން ރަނގަޅެއް ނުވާނެއެވެ.

އޭނާގެ ހިތަށް އެރިއެވެ. އަހަރެން މިތަނަށް ގެނައީ ކާކުބާވައެވެ؟

އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ދޮރުން ބޯދީ އެ ބަލައިލީ މީހަކީ ސައްޔިދު ބާޤިރް ޢަލީއެވެ. ރުޚްސާނާއާ ދިމާއަށް ބަލައިލާފައި އޭނާ ހިނިތުންވެލިއެވެ. "ދަރިފުޅާ. ބައްޕަ އެތެރެއަށް ވަނަސް އެންމެ ރަނގަޅުތަ؟"

ރުޚްސާނާއަށް ރޮވިއްޖެއެވެ. މޫނުގައި ދެ އަތް އަޅަމުން ބުންޏެވެ. "އެހެން މީހަކު ނެތިއްޔާ އެންމެ ރަނގަޅު."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.