ފަޅިމޫނު - 31

(2 ޖަނަވަރީ 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެކަމަކު ރަށު އެންމެންނަކީ ކަނު، ބީރު ބަޔަކު ނޫނީއްޔާއެވެ. ރުޚްސާނާގެ އަނދައިފައިވާ ފަޅިމޫނު އެމީހުންނަށް ފެނެއެވެ. ނުދެކޭ މީހުންނަށް އެހެން މީހުންގެ ފަރާތުން ޚަބަރު ލިބެއެވެ. އެންމެ ފަހުން މުޅީން ތަފާތު ގޮތަކަށް ކަންތައް ވާން ފަށައިފިއެވެ. ރުޚްސާނާގެ މަންމަ ސުވާލެއް ކުރުމުގެ ކުރިން މީސްމީހުން ވާހަކަ ދައްކާން ފަށައެވެ. ތިމަންގެ ދަރިފުޅު ރަށަކު ނެތޭ، ނުވަތަ މިވެނި އެވެނި މީހަކާ އިންނާން ތައްޔާރު ވަނީއޭ ކިޔައިގެން ސަލާމަތް ވާން މަސައްކަތް ކުރާން ފަށައިފިއެވެ. ރުޚްސާނާގެ ހުތުރު ކަމުގެ ވާހަކަ ދައްކާކަށް ނުވަތަ އެކަހަލަ ހުތުރު މޫނަކާ ތިމަންގެ ދަރިފުޅު ނުދެވާނަމޭ ބުނާކަށް ގިނަ މީހުންނަކަށް ނުކެރެއެވެ. އެހެންވީމާ ދެކޮޅު ހަދަނީވެސް މާމުޔަށްވުރެ ފޮނި ވާހަކަކޮޅަކުންނެވެ.

ފަރްޒާނާއަކީ ވަރަށް ޖަޒުބާތީ ކުއްޖެކެވެ. އޭނާ މަންމަ ގާތު ބުންޏެވެ. "މަންމާ. އަހަރެމެން ގެ ވިއްކައިލާނީ. މަދުވެގެން ފަންސާސް ހާސް ރުފިޔާ ލިބޭނެ. އެ ހުރިހައި ފައިސާއެއް ރުޚްސާނާއަށް ދޭނީ. އޭރުން އޭނާ ޕްލާސްޓިކް ސާޖަރީއެއް ހައްދައިފާނެ."

މަންމަ ލޯބިން އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. "ދަރިފުޅާ. މަންމަ މިއީ ދަރިފުޅުހައި މޮޔަ މީހަކީމެއް ނޫން. މަންމަ ވަރަށް ރަނގަޅަށް ދެކޮޅު ހޯދައި ބަލަން. ދަރިފުޅުގެ ބަދަލުގައި ފިރިހެން ދަރިއަކު ހުރިނަމަ ތިޔަ ކަހަލަ ގުރުބާނީއެއް ވުން އެންމެ ރަނގަޅު. މަންމަ އެއްބަސްވެސް ވެއްޖައީމުސް. ފުރަތަމަ ކަމަކަށް އޭނާގެ މޫނު އެނދުމުގައި ދަރިފުޅުގެ އެއްވެސް ޒިންމާއެއް ނެތް. ދެވަނަ ކަމަކަށް މަންމަ ދެކެނީ އެއީވެސް މަންމަގެ ދަރިއެއް ކަމަށް. އެހެންވީމާ އޭނާގެ މޫނު ރީތިވުމަކީ މަންމަވެސް އެދޭ ކަމެއް. އެކަމަކު އެކަމަށްޓަކައި އަމިއްލަ ގެ ވިއްކައިލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން. މަންމަ މިގެ ބަހައްޓައިގެން މި އުޅެނީ ޚާއްސަ ބޭނުމަކު. ދަރިފުޅު ޑަކްޓަރުކަން ކިޔަވައި ނިމިގެން ކުލިނިކެއް ހުޅުވަން ބޭނުންވާ ދުވަހު ފައިސާގެ ބޭނުން ޖެހޭނެ. އެއީ މަންމަ މި ގެ ވިއްކައިލާން ހަމަޖައްސާފައި އޮތް ދުވަސް. އެހައިތަނުން ދަރިފުޅާއި ރުޚްސާނާއާ ދެކުދިން މަސައްކަތް ކޮށްގެން ފައިސާ ހޯދާ. ބުއްދިވެރި ގޮތަކަށް ވާނީ އެގޮތް."

އެއީ ރޭގަނޑުގެ ވަގުތެވެ. ދެމައިން ވާހަކަ ދައްކާން ތިއްބައި ކުއްލިއަކަށް އިވުނީ ބާރު ހަޅޭކެއްގެ އަޑެވެ. ފަރްޒާނާއަށް އެތައް ހާސް ބައެއްގެ ތެރެއިންވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާގެ އަޑު ފާހަގަ ކުރާން އެނގެއެވެ. އޭނާ ކުއްލިއަކަށް ތެދުވެއްޖެއެވެ. "މަންމާ. އެއީ ރުޚްސާނާގެ އަޑު. ކިހިނެއްވީބާ؟"

ދެމައިން ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނުކުމެއްޖެއެވެ. ދިގު ފިޔަވަޅުތަކެއް އަޅަމުން ގޮސް ވަނީ ރުޚްސާނާގެ ގެއަށެވެ. ރުޚްސާނާ ލައިގެން ހުރި ހެދުން ވީދައި ބޮލުގައި ހުރި އިސްތަށިތައް އުފުރަން މަސައްކަތް ކުރަނީއެވެ. އޭނާގެ މައިންބަފައިން އޭނާ ރަމަތަ ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދަނީއެވެ. އެކަމަކު އޭނާ މައިތިރިވާ ގޮތެއް ނުވެއެވެ.

ފަރްޒާނާ އޭނާގެ ގައިގައި އޮޅުލައިގެންފިއެވެ. "ރުޚްސާނާ. އަހަރެން މިއީ ރުޚްސާނާގެ ދައްތައެއްނު؟ އެންމެ ގާތް އެކުވެރިޔާއެއްނު؟ އަހަރެން ގާތު ބުނޭ. ކިހިނެއްވީ؟"

 "އަލިފާން..." ރުޚްސާނާ ހަޅޭއް ލަވައިގަތެވެ. "އަލިފާން ރޯވީ. ހުޅުހިފީ. އަހަރެންގެ އެތެރެހަށީގައި ރޯވީ. އަހަރެންގެ ބޭރުފުށުގައި ހުޅުހިފީ. ކަލޭމެން އަނދިރިތަ؟ ކަނުތަ؟ ކަލޭމެންނަކަށް ނުފެނޭތަ؟ ފެން ގެނޭ... އަހަރެންގެ ގަޔަށް ފެން ޖަހާ. އަހަރެން ގެންގޮސް މޫދަށް ގަންބައިލާ. އަލިފާނޯތް... އަހަންނަކަށް ކެތެއް ނުކުރެވޭނެ."

އޭނާ މަސައްކަތް ކުރަމުން ދިޔައީ ފަރްޒާނާގެ އަތު ތެރެއިން ސަލާމަތް ވާށެވެ. ފަރްޒާނާ ދޫކޮށްލީމާ އަނެއްކާވެސް އިސްތަށިގަނޑުގައި ހިފައި ދަމާން ފަށައިފިއެވެ. ދެވަނަ ފަހަރަށް އެންމެން ވެގެން އޮޅުލައިގެންފިއެވެ. ރުޚްސާނާ ހަޅޭއެްލަވަމުން ގޮސް ކުއްލިއަކަށް މަޑުމައިތިރި ވެއްޖެއެވެ. ބޯ އެއް ފަރާތަކަށް އެލިއްޖެއެވެ. އެޔާއެކު އޭނާގެ މަންމަ ރޮއިގެންފިއެވެ. "އަހަރެންގެ ދަރިފުޅާ... ކިހިނެއްވީ؟ އަވަހަށް ޑަކްޓަރަކު ގެނެސްބަލަ... އަވަސްކުރޭ."

ޑޮކްޓަރަކު ގެނެސްފިއެވެ. އޭނާ ރުޚްސާނާ ހޭއަރާ ގޮތް ހަދައިފިއެވެ. އަދި ބޭހެއް ލިޔެދީފައި ކަންތައް ކުރަންވާ ގޮތް ކިޔައިދީފައި ހިނގައްޖެއެވެ.

ރުޚްސާނާ އޮތީ އެނދުގައި އޮށޯވެގެންނެވެ. ފަރްޒާނާ މަގަތުން އިށީނދެގެން އިނދެ އޭނާގެ ހިތްހަމަޖައްސައި ދެވޭތޯ މަސައްކަތް ކުރަނީއެވެ. ފަރްޒާނާ އޭނާގެ ބޮލުގައި ފިރުމައިލާފައި އަހައިލިއެވެ. "ކިހިނެއްވީ؟ ރުޚްސާނާ ކުރަނީ ކޮން ހިތާމައެއް؟ ތިޔަހެން ހަދަނީ ކީއްވެގެން؟"

އޭނާ ސުވާލުގެ ނަޒަރަކުން ފަރްޒާނާއާ ދިމާއަށް ބަލައިލިއެވެ. "އަހަރެން ކީއްކުރީ؟ އަހަންނަށް ކަމެއް ވީތަ؟"

"އާނ. ރުޚްސާނާ ހަޅޭއްލެވީމެއްނު؟ ހެދުން ވީދައިލާން އުޅުނީމެއްނު؟ އެތެރެހަށީގައި ހުޅު ރޯވެއްޖެއޭ ކިޔައި ހަޅޭއް ލެވީމެއްނު؟"

ރުޚްސާނާ މަޑުމަޑުން ލޯމަރައިލިއެވެ.

އޭގެ ދެ ދުވަސް ފަހުން އަނެއްކާވެސް މިފަދަ ކަމެއް ރުޚްސާނާއަށް ލައިގެންފިއެވެ. މިފަހަރު ގެޔަށް ގެނައީ ތަޖުރިބާކާރު އަންހެން ޑަކްޓަރެކެވެ. ދެތިން ހަތަރު ދުވަސް ވާންދެން ބޭސް ކުރުމަށް ފަހު ޑަކްޓަރު ބުންޏެވެ. "މި ކުއްޖާ މިވަނީ ހިސްޓީރިއާގެ ޝިކާރައަކަށް ވެފައި. ބޭހުގެ ސަބަބުން ވަގުތީ ގޮތުން ރަނގަޅު ވެދާނެ. ހިތްހަމަޖެހި ގަރާރުވެދާނެ. މިބަލި ދާއިމީ ގޮތަކަށް ރަނގަޅު ކުރާން ބޭނުމިއްޔާ އޭނާ މީހަކާ ދެވާ. އޭނާގެ ފަރުވާއަކީ ކާވެނި."

ޑަކްޓަރު ދިޔައީމާ ފަރްޒާނާގެ މަންމަ، ރުޚްސާނާގެ މަންމަ ގާތު އަހައިލިއެވެ. "އެއްޗެކޭ ހީ ނުކުރަންޏާ ވާހަކައެއް ބުނަންތަ؟"

ރުޚްސާނާގެ މަންމަ ބުނެލިއެވެ. "މިހާރު ދެން އެއްޗެކޭ ހީކޮށްގެން ވާނޭ އެއްވެސް ފައިދާއެއް އެބައޮތްތަ؟ އަހަރެން މިވަނީ ހުރިހައި ދިމާއަކުން ލޫޓުވި ބަރުބާދު ވެފައި. އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކު ވެއްޖެ."

"އަހަރެން ދައްކާން ބޭނުންވާ ވާހަކައަކީ ތިޔައީ. ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އޭނާގެ ކާވެނި ކުރުވުން މިހާރު މި އޮތީ މަޖުބޫރު ވެފައި. ކާވެނި ކުރުވާ މީހާއަކީ މާބޮޑު މީހަކަށް ވޭތޯ ބެލުމުގެ މަރުހަލާ މިހާރު ފާއިތުވެއްޖެ. އާދައިގެ އާއިލާތަކުގެ މީހުނާ ދަރިން ދެވައިގެން ތިބި އެތައް ބަޔަކު އަހަރެމެންގެ މި އަވަށުގައިވެސް އެބައުޅޭ. އެ އުޅުއްވާ މިރްޒާއަކީވެސް ނުލާހިކު އަބުރުވެރި، ރަނގަޅު މީހެއް. އޭނާގެ ފިރިހެން ދަރިފުޅަކީ ރަނގަޅު އާމްދަނީއެއް ހޯދާ ކުއްޖެއް. އޭނާގެ އަންހެން ދަރިފުޅު ދެވީ ފައިވާން ހަދާ ކާރުޚާނާއެއް ހިންގާ މީހަކާ. އެމީހާއަކީ އަމިއްލައަށްވެސް ފައިވާން ހަދާ މީހެއް. އަމިއްލަ ކާރުޚާނާއެއް ހުރުމާއެކުވެސް އަހަރެމެން އޭނާޔާ ދިމާއަށް ފައިވާން ހަދާ މީހެކޭ ކިޔަންވީތަ؟"

"ފައިވާން ހަދަންޏާ ކިޔާނީ ފައިވާން ހަދާ މީހެކޭ."

"ނޫނޭ. އޭނާގެ މަސައްކަތަށް ނުބަލާ. އޭނާގެ ހުނަރަށް ބަލާ. އޭނާގެ އާމްދަނީއަށް ބަލާ. އޭނާ މިހާރު އެހެރީ މުޖުތަމައުގައި އެކަށީގެންވާ މަގާމެއް ހޯދައިގެން. އޭނާ ގެ އަޅައި ހަލާލު ފައިސާއިން ކައިބޮއި އުޅެންޏާ އެ ނިމުނީނު؟ އެއްވެސް މީހެއްގެ ފަހަތުން ސަލާން ޖަހަމުން ނުދުވަންޏާ އޭނާގެ ހުރި އުނި ކަމަކީ ކޮބާ؟ އޭނާއަކީ މިހާރު ފުދިގެން އުޅޭ މީހެއް. އަހަރެމެންގެ އަތުގައި ހުރީ ކޮން އެއްޗެއް؟ އަހަރެމެން ދެމީހުންނަކީ ދެ ޓީޗަރުން. ކައިގެން ބޮއިގެން މި އުޅެވެނީ ކިރިޔާ. އަހަރެމެން މި ތިބެނީ އެހެން ގޭގޭގެ ހާލަތުވެސް ބަލަބަލައި. އަމިއްލަ ހާލަތު ފޮރުވައިގެން އުޅުމަކީ އަހަރެމެންގެ އާދައެއް. އެއީ ބަޔަކަށް އަހަރެމެން މިއީ ފަގީރުންކަން އެނގިދާނެތީ. އެކަމަކު އަހަރެމެންނަކީ ހަމަ ފަގީރުން."

ރުޚްސާނާގެ މަންމަ އަހައިލިއެވެ. "އެހެންވީމާ އަހަރެންގެ ދަރިފުޅު ތަނަކުން ފެންނަ ލަޓޯފަޓޯ މީހަކާ ދެވަންވީތަ؟"

"ލަޓޯފަޓޯ މީހަކީ ކާކު؟ މިތާނގައި މިތިބީ ހައްތަހާވެސް އެއްވަރުގެ މީހުން. ގުދާރު ބިންދައިގެން ކައިބޮއި އުޅޭ މީހުން. އެކަކަށްވުރެ ވަކީން ދެރަ މީހަކީ ކޮބާ؟ ކުރާ މަސައްކަތް ދެރަ ވުމަކީ މީސްމީހުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނަ ކަމެއް ނޫނެއްނު؟ އެންމެންނަކީވެސް އަބުރުވެރިން. އެމީހުން ކުރާ މަސައްކަތުގެ ސަބަބުން ދެރަ ބައެއް ކަމަށް ހަދައިގެން އުޅެުމަކީ އަހަރެމެން އަމިއްލައަށް ކުރާ ކަމެއް. އެއިން މީހަކާ އަހަރެމެންގެ ދަރިން ދެވުމަކީ އަހަރެމެން ކުދިވާ ކަމެއް ނޫން. އަހަރެމެންގެ އަގު އަރާ ކަމެއް."

މި ވާހަކަ ރުޚްސާނާގެ މަންމައަކަށް ފުރަތަމަ ވިސްނޭ ގޮތެއް ނުވިއެވެ. އެކަމަކު ދަރިފުޅު ކުރީގެ ހާލަތަށް ދިޔް ތިންވަނަ ދުވަހު އޭނާއަށް އެކަމާ ވިސްނާން މަޖުބޫރު ވެއްޖެއެވެ. ދަރިފުޅު އަވަހަށް މީހަކާ ދެވުން ނޫން ގޮތެއް ނެތްކަން އެނގިއްޖެއެވެ. އާއިލާއަށް ބެލުމުގެ ބަދަލުިގައި ފިރިހެން ކުއްޖާއަކީ އަބުރުވެރި ރަނގަޅު ކުއްޖަކުތޯ ބަލާފައި އަވަހަށް ދެވަންވީއެވެ.

ދެ އެކުވެރިން މިހާރު ނިދަނީ އެއް އެނދެއްގައި އެކީގައެވެ. އެ ދެމީހުންގެ ވާހަކައިގެ މަވްޟޫއަކީވެސް މިއީއެވެ. ދެމީހުންވެސް އެއްބަސްވާ ގޮތުގައި ފިރިހެންކުއްޖާ މިނަން ވާނީ ތެދުވެރިކަމާއި، އަބުރުވެރިކަމުގެ ތިލަފަތުންނެވެ. ފަރްޒާނާ ބުންޏެވެ. "ބުރަކޮށް މަސައްކަތް ކުރާ މީހުންނަކީވެސް އިންސާނުންނެއްނު؟ އެމީހުންގެ ހަށިގަނޑުގައިވެސް ހިތެއް އޮންނާނެ. ލޮލުގައި ލަދުވެތިކަން ހުންނާނެ. އެމީހުން އަހަރެމެން ފެނުނީމާ އިސް ޖަހައިލަނީ އެމީހުންނަށް އަހަރެމެން ގަދަރު ނުކުރާކަން އެނގޭތީ ލަދުން. ކުދި ވިޔަފާރި ކުރާ މީހުންނާއި މަސައްކަތު މީހުންނަކީ އަހަރެމެންގެ ކުރިމަތީގައި މާ އާދައިގެ ބައެއް. އެއިން މީހެއްގެ ފިހާރައަށް އަހަރެމެން ދިޔައީމާ ކިހައި ބޮޑަކަށް އިހުތިރާމުކުރޭ؟ އެމީހުން ޚުޝާމަދުކުރާ ވަރުން އަހަރެމެންގެ ހިތަށް ބޮޑާކަން ވަންނަނީ. އަހަރެމެންނަކީ ގަދަރު ކުރަން ޖެހޭ ބައެއް ކަމާއި އަހަރެމެންނަށް ގަދަރު ކުރުމަކީ އެމީހުންގެ މައްޗަށް އޮތް ވާޖިބެެކޭ ހިތަށް އަރާގޮތް ވަނީ. އަހަރެމެން ދެކޭ ގޮތުގައި އެމީހުން ދުނިޔެއަށް އައީވެސް އަހަރެމެންނަށް ގަދަރު ކުރަން ވެގެން. އެހެންވީމާ މި ތިބެނީ އަހަރެމެން މިއީ އިއްޒަތްތެރިންނޭ، އެމީހުންނަކީ ކުނިބުންޏޭ ހީކޮށްގެން. އެކަމަކު އެއީ ވަރަށް ބޮޑު ކުށްހިއެއް."

ރުޚްސާނާ އޮތީ އަޑު އަހާށެވެ. ފަރްޒާނާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އޮވެފައި ބުންޏެވެ. "ކޮންމެ ކަހަލަ މީހަކަށް ވިޔަސް ހެޔޮ. ކުޑަ ފިހާރައެއް ހިންގިޔަސް، މަޖޫރީ ކުރިޔަސް މައްސަލައެއް ނެތް. ހަލާލު ގޮތުގައި ދެއިރު ކެވޭ ވަރުގެ އާމްދަނީއެއް ހޯދަންޏާ އެންމެ ރަނގަޅު. އަހަރެންވެސް މިއީ ނުކުޅެދޭ މީހަކީމެއް ނޫން. މިއީ އެންމެ ފަހުގެ އަހަރު. ކިޔެވުން ނިމުމާއެކު މަސައްކަތް ފަށާނަން. އާމްދަނީގެ ފިކުރެއް ނެތް. ފިރިހެންމީހާ ރަނގަޅު މީހަކަށް ވީމާ އެ އޮތީ ނިމިފައި. އަބުރުވެރި ރަނގަޅު މީހަކު އައިސް އަހަންނާ އިނދެފިއްޔާ އެމީހަކަށްޓަކައި ގުރުބާންވާން އަހަރެން ހުންނާނީ ތައްޔާރަށް. އަހަންނާ އިންނަ މީހަކަށް ޚިދުމަތް ކުރުމުގައި އަހަރެން އުމުރު ދުވަހަށް ދެމިހުންނާނަން. އަންހެނުންނަށް މިސާލަކަށް ވާ ކަހަލަ ވަފާތެރިއަކަށް ވާނަން."

އަނެއް ދުވަހު ކޮލެޖަށް ދިޔައީ ދެމީހުން އެކީގައެވެ. ރުޚްސާނާއާ އެކީގައި މެންދުރު ކައިގެން ފަރްޒާނާ ގެއަށް އަތުވެއްޖެއެވެ. އެނދުގައި އޮށޯވެގެން އިރުކޮޅަކު އޮތެވެ. އޭނާ ނިންމައިގެން ހުރީ ހަވީރު ސައިބޯން އެގެއަށް އަންނާށޭ ރުޚްސާނާ ގާތު ބުނާށެވެ. އެކަމަކު ޚަބަރު ބަލައިލީމާ އެނގުނު ގޮތުގައި ރުޚްސާނާ މޫނުބުރުގާ އަޅައިގެން ކޮންމެވެސް ތަނަކަށް ހިނގައްޖެއެވެ. އެއީ އޭނާ ވަރަށް ބޮޑަށް ހައިރާންވީ ކަމެކެވެ. އޭނާ ގާތު ނުބުނެ ދިޔައީމައެވެ. އެނބުރި އައީމާ އޭނާ ސުވާލު ކުރިއެވެ. "ކޮން ތަނަކަށް ދިޔައީ؟"

އޭނާ ބުރުގާ ނަގަމުން ބުނެލިއެވެ. "ކުޑަކޮށް އަޖުމަ ބަލައިލީ."

"ކީކޭ؟"

އޭނާ އިށީނދެއްޖެއެވެ. "ޕާޕޫޝް ނަގަރްގައި ހުންނަ ގަހަނާ ފިހާރައެއްގެ ވެރިމީހާ އަހަރެން ދަންނަން. އެއީ ގަދަރުވެރި އާއިލާއެއްގެ މީހެއް. ޒުވާނެއް. ބަލާބެލުމަށް ހުތުރެއްވެސް ނޫން. ހުންނަނީ ވަރަށް ނަލަހެދިގެން. އަހަރެން ފެނުމާއެކީ ހިތުގެ އެދުންތައް ބަންޑުން ކޮށްލާނެ. އަހަރެން އަޅާނުލައި، ނުދެނަހުރި ކަމަށް ހެދިގެން ދަނީ. މިއަދު އަހަރެން ކުރި ކަމަކީ މޫނުގެ ހުތުރު ފަޅި ފޮރުވައިގެން އެ ފިހާރައަށް ދިޔައީ. ފެނުމާއެކީ އެއްކަލަ ބަނދިވަރު އަމުނަން ފަށައިފި. ދެން އަހަރެން ހެދި ގޮތަކީ އަނދާފައި ހުރި ފަޅި ދެއްކީ."

ފަރްޒާނާ އަހައިލިއެވެ. "ދެނޯ؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.