ފަޅިމޫނު - 54

(17 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހޫނ... ތިޔައޮތީ ދުވަސް ގޮސް ނިމިފައި. އެކޮޅުގައިވެސް ލޯބި. މިކޮޅުގައިވެސް ލޯބި. ތިޔައީ ރަނގަޅު ގޮތެއް ނޫން. ކޮންމެވެސް އެއް ނަތީޖާއަކާ ހަމައަށް ދާންވާނެ. ކޮންމެވެސް އެއް ގޮތަކަށް ނިންމާން ވާނެ. ނިކަން ވިސްނައިލަބަލަ. ބުއްދިއާއި ފިކުރު ތިޔަހަރީ ނުލާހިކު ރަނގަޅަށް. އަނބިދަރިންނާއި އަންހެނުންނަށް ގަދަރު ކުރުމުގެ ފިލާވަޅު އެބަދެމު. އަންހެނުންނާ ބެހޭ ގޮތުން ކަމުނުދާ މާނައެއް ނުކުންނަ ކަހަލަ ޅެންބައިތެއް ލިޔުންވެސް ނުބައި ކަމަށް އެބަ ބުނަމު. ހަމަ އެގޮތަށް ތިޔަ މައްސަލަޔާ މެދުވެސް ވިސްނާ. ތިޔަ ހޯދަމުން ދުވާ އަނެއް އަންހެން ކުއްޖާއަކީވެސް ކޮންމެވެސް މީހެއްގެ ކޮއްކޮއެއް ނުވަތަ ދަރިއެއް. އޭނާގެ ފަހަތުން ދުވަނީ ކީއްކުރަން؟ އަހަރެން މި ބުނާ ގޮތަށް ވިސްނީމާ ސިކުނޑިއަށް ރަނގަޅު އެއްޗެއް ވަދެދާނެ."

ބާދްޝާ އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "އޭނާޔާ ބައްދަލުވުމުގެ ކުރިއަކުން އަހަރެންގެ ސިކުނޑިއަކަށް އެއްވެސް އެއްޗެއް ނުވަންނާނެ. އެއްކަމެއް އަހަރެންވެސް ގަބޫލު ކުރަން. އަހަރެން އެމީހަކު ދެކެ ލޯބިވާ މީހަކު އަހަރެން ދެކެ ލޯބި ނުވާ ކަމުގައި ވަނީވިއްޔާ އެއީ ގަދަކަމުން ކުރުވޭނޭ ކަމެއް ނޫން. އަހަރެން މި ހޯދާ މީހާ ފެނިގެން ސުވާލު ކުރީމާ އޭނާ އަހަރެން ދެކެ ލޯބިނުވާކަމާއި އަހަންނަށް ނަފުރަތު ކުރާކަން އެނގިއްޖެއްޔާ އޭނާގެ ފަހަތުން ދުވެގެން އަހަރެން ވަކި ކުރާނީ ކޮން ކަމެއް؟ ވަރުބަލި ވެގެން އެންމެ ފަހުން ޖެހޭނީ ހިތާއި ސިކުނޑިން އޭނާގެ ޚިޔާލު ނެރެ އެއްލައިލާން. އޭނާއަށް މަޖުބޫރު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫން. އެކަމަކު މިއިން އެއްވެސް ކަމެއް ކުރެވޭނީ އޭނާޔާ ބައްދަލުވެގެންނެއްނު؟ ހިތް މި އޮންނަނީ ބޮޑު ތޫފާނެއްގެ ތެރޭގައި. މި ތޫފާން މައިތިރިވާނީ އޭނާޔާ ބައްދަލުވީމާ."

މުސައްވިރު ތާއީދު ކުރުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "އެންމެ ރަނގަޅު ވެރިޔާ. އޭނާޔާ ބައްދަލު ވެގެން ސުވާލު ކުރީމާ، އޭނާ ވެރިޔާ ދެކެ ލޯބިނުވަމޭ، ފަހަތުން އަޅައިގަނެގެން އުޅުން ހުއްޓައިލާށޭ ބުނީމާ ތިޔަކަން ހުއްޓިދާނެކަން ޔަގީން. އެކަމަކު އޭނާ ހޯދާނީ ކިހިނެއް؟"

"ނޭނގިގެން އުޅޭ ކަމަކީ ތިޔައީ. އަހަރެން ރެޔާއި ދުވާލު މުޅި ރަށުގައި އެބަ ދުއްވަން. ރަށުގައި ތިބިއްޔާ ތިބި ހުރިހައި އަންހެނުންނެއް އެބަ ފެނޭ. ނުފެންނަނީ ހަމައެކަނި އޭނާ."

"ސުވާލަކީ އޭނާ ނުފެންނަނީ ކީއްވެގެންހޭ. އޭނާ ތާއަބަދު އޮންނަނީ ގޭގެ ހަތަރުފާރުން އެތެރޭގައިތަ؟ އެއީ ވާނެ ގޮތެއް ނޫން. ބޭރަށްވެސް ނުކުންނާނެ."

"އާނ. ބޭރަށް ނުކުންނަކަން ކަށަވަރު. އިމްޕްރެސް މާކެޓު ކުރިމަތިން އެއްފަހަރު ފެނުނު."

"ކޮންއިރަކު؟"

"މީގެ ކުޑަދުވަސްކޮޅެއް ކުރިން."

"އެހެންވެއްޖެއްޔާ އަދިވެސް ފެންނާނެ. އޭނާ މިހާރު ހުންނާނީ ބިރުން. މަކަރު ހަދައިފައި އޮތީމާ ފެނިއްޖެއްޔާ ކޮށްލާނެވަރު އޭނާއަށް އެނގޭނެ."

ބާދްޝާ އުޑާދިމާއަށް ބަލައިލިއެވެ. އޭނާގެ ލޮލުގެ ކުރިމަތީގައި ސިފަވެގެން ދިޔައީ އޭނާއަށް ފަރުޒާނާ ފެނުނު ދުވަހުގެ މަންޒަރެވެ. އޭނާ އެ ދުވަހު ދިޔައީ ފަރުޒާނާއަށް ގޮވަމުންނެވެ. ރެކިސާ މަޑުކުރުވަން މަސައްކަތް ކުރަމުންނެވެ. "ނޫނޭ. އަހަރެން ދެކެ ބިރުގަންނާނެ ކަމެއް ނެތް. އަހަންނަށް އޭނާ ފެނުނު ދުވަހު އަހަރެން ގޮވީ ނުލާހިކު ލޯބިން. ދިވާނާއެއްހެން އަހަރެން އޭނާގެ ފަހަތުން ދުވިން. އެއީ މޮޔައެއް ނޫން. އަހަރެންގެ ލޯތްބާއި ދީވާނާވެފައި ހުރިވަރު އޭނާއަށް ވިސްނެންވާނެ. ބިރުގަންނާނެ ކަމެއް ނެތް."

"އެކަމަކު އޭނާ ބިރުން ފިލީކަން ޔަގީން. ފިލަން ވެގެން އޭނާ މޫނުބުރުގާ އެޅީ ކަމަށްވެސް ވެދާނެ."

ބާދްޝާ ދިޔައީ ސިއްސައިގެންނެވެ. ކުޑައިރުކޮޅަކު ވިސްނައިލުމަށް ފަހު އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ނޫނޭ. އޭނާ މޫނުބުރުގައެއް ނާޅާނެ."

"މޫނުބުރުގާ އެޅުމަކުން އޭނާއަށް ވާނޭ ގެއްލުމެއް ނެތް. ވިއްޔާ ވާނީ ފައިދާއެއް. ފިލައިގެން އުޅެން ފަސޭހަވާނެ. ކުރިމަތިން ހުރަސް ކުރިޔަސް ކާކު ކަމެއް ނޭނގޭނެއެއްނު؟"

ބާދްޝާ މާޔޫސްވެފައި ބުންޏެވެ. "ތިޔައީ ވެދާނެ ގޮތެއް. އަހަރެންގެ ކާރުގައި ޅެންބައިތެއް ލިޔެލަދީ. އަހަންނަށް އޭނާ ނުފެނުނަސް އޭނާ ޅެންބައިތު ކިޔާނެއެއްނު؟ އަހަރެންގެ ހިތުގެ އުދާސް ކޮންމެވެސް ވަރަކަށް އޭނާއަށް އެނގޭނެއެއްނު؟"

"ބަލަ ތިޔައީ ޅެންލިޔުމާ ދެކޮޅު މީހެއްނު؟"

"އާނ. މިހާރުވެސް އެއްކޮޅެއް ނޫން. ޅެންބައިތުގައި ފަރުޒާނާގެ ނަންވެސް ލިޔާތި. އޭރުން އެނގޭނެ އެއީ ހަމައެކަނި ފަރުޒާނާއަށް ޚާއްސަކޮށްގެން ލިޔެފައިވާ ޅެންބައިތެއްކަން. އެހެންވީމާ އެހެން މީހަކަށް ކުރެވޭ ތައުހީނަކަށް ނުވާނެ."

މުސައްވިރު ބޯ ޖަހައިލިއެވެ. "އާނ. ތިޔައީ މޮޅު ގޮތެއް."

އޭނާ ރީތި ޅެންބައިތެއް ކިޔައިލިއެވެ. ޅެންބައިތުގައި ވަނީ ލޯބިވެރިޔާ ހޯދަން ގޯޅިގޯޅިން ދުވާ ވާހަކައެވެ.

"މި ބައިތުގެ ކުރީފައި ފަރުޒާނާގެ ނަން ލިޔެލާނަން. އެންމެ ރަނގަޅެއްނު؟"

ބާދްޝާ ބުންޏެވެ. "އާނ. ބަރާބަރު. ތިޔަ އޮތީ ސީދާ އަހަރެންގެ ހިތުގެ ހާލަތުގެ ވާހަކަ. އެކަމަކު ތިޔަށްވުރެ އަދި ވަރުގަދަ ކުރަން ވާނެ. އޭނާ ވީ ތަނެއް އަހަންނަކަށް ނޭނގޭ. ހޯދަން ދާނެ ތަނެއްވެސް ނޭނގޭ. އެހެންވީމާ އަހަރެން މި ބުނާ ގޮތަށް ކޮންމެވެސް އެއްޗެއް ލިޔެލާ. ލޯބިވާ ފަރުޒާނާ ކޮބައިހޭ މިހާރު... ޖާނީ ހާދަ ވަރަކަށް އެބަ ހޯދައޭ..."

މުސައްވިރު ހީނގެންފިއެވެ. "ވެރިޔާ. ތިޔައީ ޅެންބައިތެއް ނޫނެއްނު؟ އެކަމަކު ތިޔައީ ހިތުގެ ވާހަކަތާ. އެހެންވީމާ ތިޔަހެން ލިޔެލާނަން. ދެމީހުންގެ ވާހަކަވެސް ތިޔައިގައި އެބައޮތެއްނު؟"

މުސައްވިރު ގޮސް ކާރަށް އަރައިފިއެވެ. ބާދްޝާ ކާރު ގެންގޮސް ފިހާރައިގެ ދޮރުމަތީގައި ބާއްވައިފިއެވެ. "ކަލޯ. އަހަރެން އޮންނާނީ އަނބިމީހާ ގާތު ވައުދެއް ވެފައި. މީގެ ފަހުން ފަރުޒާނާގެ ނަންވެސް ނުގަންނާނެ ކަމަށް ހުވައި ކޮށްފައި. އެހެންވީމާ ކާރުގައި ފަރުޒާނާގެ ނަން ލިޔެގެން އުޅެނިކޮށް ފެނިއްޖެއްޔާ އޭނާގެ ހިތުގައި ޖެހިދާނެ. އޭނާ ދެރަ ކުރާކަށް އަހަރެން ބޭނުމެއް ނޫން."

"ދެން ހަދާނީ ކިހިނެއް؟"

"އެހެންވީމާ ޅެންބައިތުގައި އެއްވެސް ނަމެއް ލިޔާނެ ކަމެއް ނެތް. ނަން ނުލިޔެ ކާރަށް އަރާ އެހެން ކުދިން ނުގަބޫލު ނުވާކަހަލަ ގޮތެއް އަހަންނަށް އެބަ އެނގޭ. ނަން ނުހިމަނައި އަހަރެން ބުނި ގޮތަށް ލިޔެލީމާ ރަނގަޅު ވާނެ."

މުސައްވިރު އޭނާގެ މަސައްކަތް ނިންމައިލީތަނާ މީހަކު އައިސް އަހައިފިއެވެ. "ޢަޒީޒު ބައްޓީ ޕާކަށް ދެވޭނެތަ؟"

ބާދްޝާ ބޭނުންވީ އިންކާރު ކުރާށެވެ. އެކަމަކު އުއްމީދުގެ ހުޅުކޮޅު އަނެއްކާވެސް ދިއްލިއްޖެއެވެ. ފަހަރެއްގައި ޕާކުން ފަރުޒާނާ ފެނިދާނޭއޭ ހިތަށް އަރައިފިއެވެ. އެމީހާ އަރުވައިގެން ކާރު ދުއްވަމުން ދިޔައިރު ހިތުގެ އަޑިން ދުޢާ ކުރަމުން ދިޔައެވެ. މޫނުބުރުގާ އަޅައިގެން ހުރިނަމަވެސް އޭނާ ފެނުނީމާ ނުވަތަ ކާރަށް އަރާ ވަގުތު ކާރުގައި ލިޔެފައި އޮތް ޅެންބައިތު ފެނުނީމާ އޭނާޔާ ވާހަކަ ދައްކާނޭ ގޮތް މެދުވެރި ކުރައްވާތޯ ދުޢާ ކުރަމުން ދިޔައެވެ.

ޢަޒީޒު ބައްޓީ ޕާކު ދޮށަށް އޭނާ ކާރު މަޑުކޮށްފިއެވެ. އެމީހާ ފައިބައިގެން ދިޔައީމާ އިރުކޮޅަކު މަޑުކޮށްލާނީއޭ ހިތައި ކުރިއަށް ނުގޮސް އޭނާ އޮތީއެވެ. ކުއްލިއަކަށް މީހަކު އައިސް ކާރުގެ ކުރީ ގޮނޑިއަށް އަރައި އށީނދެއްޖެއެވެ. "ހިނގާ."

ބާދްޝާ ޖާނީ ބުންޏެވެ. "މިހާރަކު ނުދެވޭނެ. އަހަރެން މި އޮތީ މީހެއްގެ އިންތިޒާރުގައި."

އެމީހާ ޖީބުން ފިސްތޯލައެއް ނަގައި ބާދްޝާގެ ބަނޑުގައި ޖައްސައިލިއެވެ. "އަޑު ގަދަ ނުކުރާތި. އަހަރެން ބުނާ ގޮތަކަށް ހަދާ. ކާރު ދުއްވައިލާ. އަހަރެން ބުނާ ތަނަކަށް ހިނގާ."

ބާދްޝާ އެމީހާގެ އަތުގައި އޮތް ފިސްތޯލައަށް ބަލައިލިއެވެ. އެމީހާގެ އިނގިލި ހުރީ ސީދާ ޓްރިގަރުގައެވެ. އެންމެ ފަހަރަކު ފިތައިލުމާއެކު އޭނާގެ ބަނޑަށް އުންޑައެއް ވަދެގެން ހިނގައިދާނޭކަން ބާދްޝާއަށް އެނގިއްޖެއެވެ. އޭނާ ކާރު ދުއްވައިލަމުން އަހައިލިއެވެ. "ކިހިނެއްވީ؟ ވަގު ވިޔަފާރިއެއް، މަސްތުވާތަކެތީގެ ކަމެއް، ފޭރުމުގެ ކަމެއް ކަމަށް ވަންޏާ އަހަންނަށް މާފުކުރޭ. އަހަރެން މިއީ އެކަހަލަ ކަންތައް ކުރާ މީހަކީމެއް ނޫން."

އެމީހާ ބުންޏެވެ. "އެކަހަލަ ކަމެއް ނޫން. ކުރިއަށް ދުއްވާ. ކުރަން އުޅޭ ކަމެއް ފަހުން އެނގިދާނެ."

ކުރަން އުޅޭ ކަމެއް ބަލާކަށް މާ ދުރަކަށް ދާކަށް ނުޖެހުނެވެ. ތަންކޮޅެއް ދުރުން ބާއްވައިފައި އޮތް ހުދު ކާރެއް ފެނުނީމާ އެމީހާ ބުންޏެވެ. "އެ ކާރު އެބަ ފެނެއެއްނު؟ އެތާނގައި... ބޮނެޓް ހުޅުވާފައި އެ އޮތް ކާރު. އެކާރުގެ ކައިރިއަށް މަޑުކުރޭ."

އޭނާ ކަންތައް ކުރީ އެމީހާ ބުނި ގޮތަށެވެ. އެ ދިޔަ ގޮތަށް ގޮސް މަޑުކުރީ އެ ކާރުގެ ކައިރިއަށެވެ. ހީވާ ގޮތުގައި ކާރުގެ އިންޖީނުގައި ކޮންމެވެސް މައްސަލައެއް ޖެހުނީއެވެ.

ބާދްޝާ ކާރު މަޑު ކުރުމާއެކު އެ ކާރުން ބަޔަކު ފައިބައިފިއެވެ. އެއީ ދެ ފިރިހެނުންނާއި މޫނުބުރުގާ އަޅައިގެން އިން އަންހެނަކާއި ތިން މީހުންނެވެ. ތިން މީހުން އައިސް ބާދްޝާގެ ކާރުގެ ފަހަތަށް އަރައިފިއެވެ. އަންހެންމީހާ އިށީނީ މެދުގައެވެ. ދެ ފިރިހެނުން އޭނާގެ ދެ ފަރާތުގައި އިށީނދެއްޖެއެވެ. އެރި ގޮތުންވެސް އެ އަންހެންކުއްޖާގެ ނުރުހުންތެރިކަން އޮތްވަރު އެނގުނެވެ. އެމީހުން އޭނާ އެރުވީ ގަދަކަމުން ކޮއްޕައިފައި ކަހަލަ ގޮތަކަށެވެ. އެ ކުއްޖާ ގިސްލާއަޑު ބާދްޝާއަށް އިވުނެވެ. ރޮނީކަން ގައިމެވެ.

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.