(30 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ޖާނީ ބުނީ ކީކޭކަން އަހަންނަށް އެނގޭ. އަހަރެމެން ދެމީހުންގެ މެދުގައި ކޮންމެވެސް ކަމެއް އެބަ އުނިވެއޭ. ނޫނީ އުނިވާކަމުގެ އިހުސާސް އެބަ ކުރެވެއޭ."
"އެއީ އަހަންނަށް ވިސްނޭ ގޮތް. ދެމީހުންގެ މެދުގައި އޮތީއަކީ މޫނުގެ މައްސަލައެއް ނޫން. މާ ގިނަ ދުވަސްތަކެއް ނުވެ ރުޚްސާނާގެ މޫނު ރަނގަޅު ވެދާނެކަން އަހަންނަށް އެނގޭ. އޮތީ އެހެން ކަމެއް."
ރުޚްސާނާ ބުންޏެވެ. "އާނ. އަހަރެމެން ދެމީހުންގެ މެދުގައި ފަރުޒާނާގެ މައްސަލައެއް ނެތް. އެހެން ވެއްޖެއްޔާ ދެން އޮތީ ކޮން އުނިކަމެއް؟"
"ރުޚްސާނާ. ރުޚްސާނާއާއި ދަރިފުޅުގެ ގާތަށް އާދެވުނީމާ އަހަރެމެން ދެމީހުންގެ މެދުގައި އެހެން މީހަކު ނުހުރޭ. އަހަންނަށް ފެންނަނީ ހަމައެކަނި ރުޚްސާނާއާއި ދަރިފުޅު."
"އެހެން ވެއްޖެއްޔާ ދެން އޮތީ ކޮން އުނިކަމެއް؟"
"އަހަރެންވެސް ކުރީ ސުވާލެއް. ރުޚްސާނާއަށް އެނގެންޏާ ނިކަން ބުނެބަލަ."
"އަހަރެން މިހައި ތަނަކަށް އަހަންނާ ދިމާއަށް ބާރަށް އެއްޗެކޭ ބުނާނޭ ފުރުސަތެއް، އަހަރެންގެ ގައިގައި ޖަހާނޭ ފުރުސަތެއް ބާދްޝާއަކަށް ނުދެން."
"ތިޔައީ ރަނގަޅު ވާހަކައެއް."
"މިއަދުވެސް އަހަރެން ދެއްކި އެއްވެސް ވާހަކައަކުން ބާދްްޝާ ރުޅިއެއް ނާދޭ. ބާރަށް އެއްޗެކޭ ނުބުނޭ."
"އާނ. ތިޔައީވެސްް ތެދެއް."
"އުނި ކަމަކީ އެއީ. ދެމަފިރިންގެ މެދުގައި ކުދިކުދި އަރައިރުން އުފެދެން ވާނެ. އަހަރެމެން ދުވަހަކުވެސް އަރައިރުމެއް ނުވަން."
ބާދްޝާ ވިސްނައިލިއެވެ. "ތިޔައީ އަހަރެންގެ އެކުވެރިންވެސް ދައްކާ ވާހަކައެއް. އެމީހުން ބުނާ ގޮތުގައި ފިރިމީހާއަށް ޖެހޭނީ އަނބިމީހާގެ ކުރިމަތީގައި ފިސާރި ފިރިހެނަކަށް ވާން. ފިރިހެނަކަށް ވާން އަނބިމީހާގެ ގައިގައި ދޭތެރެދޭތެރެއިން ބޮނޑިއެއް އަޅައިލާން ޖެހޭނެ. ރުޅި އައިސްގެން ހަޅޭއްލަވައިގަންނާން ޖެހޭނެ. ކާތަށްޓެއް ކަހަލަ އެއްޗެއް އަތުގެ ކޮޅަށް ހޫރައިލާން ވާނެ."
ރުޚްސާނާ ހިނިތުންވެލިއެވެ. "ދެން ހަދާނީ ކިހިނެއް؟ އަރައިރުންވުމުގެ ޕްރޮގްރާމެއް ހިންގަމާ؟"
"އާނ. އެހެން ހަދައިގެން އުނިކަން ފޫބެދޭތޯ ބަލަންވީ ދޯ؟"
"އުނިކަން ފޫބެއްދިދާނެތަ؟ އެހެން ވެއްޖެއްޔާ ޖާނީ ރޭގަނޑު މަސައްކަތުން އަވަދިވެގެން ގެއަށް އައީމާ އަހަރެން އަރައިރުން ވާނަން. ލަހުން އައީ ކީއްވެގެން ހެއްޔޭ އަހާނަން. ގެއަކީ ހޮޓަލެއް ނޫނޭ، ހަމައެކަނި ކާށާއި ނިދަން އަންނަ ތަނެއް ނޫނޭ ބުނެ ޒުވާބު ކުރާނަން."
ބާދްޝާ އުފާވެފައި ބުންޏެވެ. "އާނ. ތިޔައީ ރަނގަޅު ގޮތެއް. ރުޚްސާނާ މާ ބޮޑަށް ޒުވާބު ކުރަން ފަށައިފިއްޔާ އަހަރެން ރުޅި އައިސްގެން އެތިފަހަރެއް ޖަހާނަން. ދެން ރުޚްސާނާ ރޯން ފަށްޓާނީ."
"ޖާނީ އަހަރެންގެ ގައިގައި ޖަހައިފިއްޔާ އަހަރެން އުފަލުން ގޮސް މަރުވެދާނެ."
"ޖެހުމަކީ އެހައި މުހިއްމު ކަމެއްތަ؟" ބާދްޝާ ކުއްލިއަކަށް ސީރިއަސް ވެއްޖެއެވެ. "ނުޖަހަނީސް ތިޔަ ރޮނީނު؟"
ރުޚްސާނާ ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. ކުޑަކޮށް ޖެހިލުންވެފައި އަހައިލިއެވެ. "ތިޔަ ބުނީ ކީކޭ؟"
"މި ބުނީ ރުޚްސާނާ ކަންތައް ކުރާ ގޮތުގެ ވާހަކަ. ދެންމެއަކު ނުރޮންތަ؟"
"ތިޔައީ ޖާނީއަށް ހީވާ ގޮތް. އަހަރެން ރޯންވީ ކީއްވެގެން؟"
އޭނާގެ ވާހަކަ ނިމުމާއެކު ކަންކަށިމައްޗަށް އެރީ ބާދްޝާގެ ވަރުގަދަ އެތިފަހަރެކެވެ. ނުވިސްނައި ހުއްޓައި އެރި އެތިފަހަރަކަށް ވާތީ އަރިއަޅާލައިގެން ގޮސް ފާރުގައި ޖެހިއްޖެއެވެ. ބާދްޝާ އޭނާގެ އިސްތަށިގަނޑުގައި ހިފައި ގަޔާ ކައިރިކޮށްފައި ބުންޏެވެ. "ރުޚްސާނާ ހީކުރަނީ އަހަރެން މިއީ މޮޔައެއް ކަމަށްތަ؟ އަހަރެން ބަލަން ހުންނަތާ ދެ ދުވަސް ވެއްޖެ. ތިޔަ ހުންނަނީ އަބަދު ރޮއިރޮއި. އެހެންޏާ އަހަންނަށް ނާންގައި އެތެރެއެތެރެއިން ރޮނީ. ނޫނީ ސިއްރުން ރޮނީ. ރޮނީ ކީއްވެގެން؟ އަހަރެން މަރުވީތަ؟ އަހަރެން މަރުވީ ކަމަށް ނިންމައި އެކަމާ ހިތާމަ ކުރަނީތަ؟"
އޭނާ ބާދްޝާގެ އަނގައިގައި އަތް އެޅިއެވެ. "ނޫނޭ ޖާނީ. ތިޔަ ކަހަލަ ވާހަކަ ނުދައްކާ. އަހަރެންގެ ދުޢާއަކީ ޖާނީއަށް ދިގު އުމުރެއް ދެއްވުން. ކުރިން މަރުވާނީ އަހަރެން. ތިޔަ ކަހަލަ ވާހަކަ ނުދައްކާ. އަހަރެން ނުރޮމޭ."
"އޭތް... އަހަންނަށް ދޮގު ނުހަދާ. ދޮގު ހެދުމަކީ އަހަރެން ނަފުރަތުކުރާ ކަމެއް. އަހަރެން މިހިރީ ކާވެނީގެ ދޮގު ގަބޫލުކޮށްގެން. އިތުރު ދޮގެއް ގަބޫލެއް ނުކުރާނަން. ދޮގު ހަދަންޏާ ހެސްކިޔާފައި ތަޅައިގަންނާނަން. ސިއްރުސިއްރުން ރޯ ސަބަބެއް ހަމަ މިހާރު ބުނޭ."
"ތިޔައީ ޖާނީއަށް ހީވާ ގޮތް."
އޭނާ ބައްދައިލާން އުޅުނީމާ ބާދްޝާ އޭނާ ފޮޅުވައިލިއެވެ. "އަހަރެން ހައްލައިލާން މަސައްކަތް ނުކުރޭ. މިހާރު މިހިރީ ނުލަފާވެފައި. ތަޅައި..."
"ޖާނީ. އަހަރެން ރޯން ޖެހޭ ކަހަލަ އެއްވެސް ކަމެއް މިހައިތަނަކަށް ޖާނީއެއް ނުކުރޭ. އަހަންނަކަށް ތުރާލެއް ނުކުރޭ. އަނިޔާއެއް ނުކުރޭ. އެހެންވީމާ އަހަރެން ރޯން ޖެހޭ ސަބަބެއް ނެތެއްނު؟"
އެޔާއެކު ދެވަނަ އެތިފަހަތު ކަންފަތްމައްޗަށް އަރައިފިއެވެ. މި ފަހަރު ވީ ތަދެއްގެ ބޮޑު ކަމުން ރުޚްސާނާއަށް ހަޅޭއްލަވައިގަނެވުނެވެ. ބަދިގެތެރޭގައި އިން މަންމަ ހަޅޭއް ލަވަމުން ކޮޓަރިއާ ދިމާއަށް ދުއްވައިގެންފިއެވެ. "އަހަރެންގެ ދަރިފުޅާ... ކިހިނެއްވީ؟"
މަންމަ ދުވެފައި އައިސް ދޮރުމައްޗަށް އަރައިފިއެވެ. އެތެރެއަށް ވަންނާން އުޅުނީމާ ބާދްޝާ އަތް މައްޗަށް ނެގިއެވެ. "ޚަބަރުދާރު. އެތެރެއަށް އެންމެ ފިޔަވަޅެއްވެސް އަޅައިގެން ނުވާނެ. ދުރަށް ދޭ."
"އޭތް. އަނގަ މަޑުން ލައިގެން ހުރޭ. އަހަރެންގެ ދަރިފުޅަށް ތިޔަ ކުރަނީ ކީއް؟"
"އަހަރެން މިއަދު ކަލޭގެ ދަރިފުޅު ކުދިކޮށް ކޮށައިލާނަން. ކަލޭމެން ދެމީހުން ހީކޮށްގެން އުޅެނީ އަހަރެން މިއީ މޮޔައެއް ކަމަށްތަ؟ ދޮގަކަށް ފަހު ދޮގެއް ހަދަމުން އެބަގެންދޭ. ރަނގަޅަށް ތެދުވެރިކަމާއެކު ދިރިއުޅެން ފެށްޓީމާ އޭގެ މާނައަކީ އަހަރެންގެ ގާތަށް ރުޅިވެސް ނާންނާނީއޭތަ؟ ހަމަ މިހާރު މިގެއިން ނުކުމެގެން ދޭ."
މިހެން ބުނެފައި ގޮސް މައިދައިތަ ބޭރަށް ކޮއްޕައިލުމަށް ފަހު ދޮރު ލައްޕައި އެތެރެއިން ތަންޑު އަޅައިފިއެވެ. ބޭރުން އިވެނީ ކުޑަ ދަރިފުޅު ރޯ އަޑެވެ. އެތެރޭގައި ހިފާފައި ހުރީ ރުޚްސާނާގެ ރުއިމުގެ އަޑެވެ. ބާދްޝާ ރުޚްސާނާއާ ގާތަށް ޖެހިލިއެވެ. ރުޚްސާނާ ބުންޏެވެ. "ޖާނީ. ﷲ ގަންދީފައި ބުނަން. ބާދްޝާއަށް ގެއްލުމެއް ވާކަހަލަ އެއްވެސް ދޮގެއް އަހަރެން މިހައިތަނަކަށް ނުހަދަން. އަހަރެން ކަމެއް ސިއްރު ކުރިއްޔާ ކޮށްފައި އޮންނާނީ ދެމީހުންގެވެސް ހެވަށްޓަކައި."
ބާދްޝާ އޭނާގެ ދެކޮނޑުގައި ބާރަށް ހިފަހައްޓައިލިއެވެ. "ރޯ ސަބަބެއް ބުނާނީތަ؟ ނޫނީ ނުބުނާނަންތަ؟"
"ޖާނީ. އަހަންނާ ތިޔަ ސުވާލު ނުކުރޭ."
ބާދްޝާގެ ރުޅި މައިތިރިއެއް ނުވިއެވެ. އަނެއްކާވެސް ރުޚްސާނާގެ ގައިގައި އެތިފަހަރެއް ޖަހައިފިއެވެ. އަދި ދެ އަތުގައި ހިފައި ދަމައިފައި ގެންގޮސް އެނދުމައްޗަށް އެއްލައިފިއެވެ. ރުޚްސާނާއަށް އަނެއްކާވެސް ބާރަށް ރޮއިގަނެވިއްޖެއެވެ.
އެތެރެއިން އޭނާގެ ދަރިފުޅު ރޯ އަޑު އިވުނީމާ މަންމަ ކަންބޮޑުވެއްޖެއެވެ. ކުޑަ ކުއްޖާފުޅު ތަޅަންމަތީގައި ބާއްވާފައި ދުވެފައި ގޮސް ދޮރުގައި ތަޅައިގެންފިއެވެ. "ޖާނީ. ދޮރު ހުޅުވާ. އަހަރެންގެ ދަރިފުޅު ދޫކޮށްލާ. އެހެން ނޫނީ ކުޅި ދައްކައިލާނަން... މީހެކޭ... އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ. މި ނުލަފާ ކަލޭގެ އަހަރެންގެ ދަރިފުޅު މަރައިލާނެ."
އޭނާގެ ގޮވުމަކަށް އެތެރެއަކުން އެއްވެސް ޖަވާބެއް ނުލިބުނެވެ. މަންމަ ދުވެފައި ބޭރަށް ނުކުމެއްޖެއެވެ. ގޭގެ އެއް ފަރާތުން ކޮޓަރީގެ ކުޑަދޮރާ ދިމާއަށް ޖެހިލައި ހުޅުވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ކުޑަދޮރުވެސް ހުރީ އެތެރެއިން ތަންޑުއަޅައިފައެވެ. އޭނާ ކަންފަތް ޖަހައިގެން އެތެރެއިން އަޑެއް އިވޭތޯ ބަލައިލިއެވެ. އެތެރެއިން ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އޭނާ އަނެއްކާވެސް ދުވެފައި އައިސް ގޭތެރެއަށް ވަދެއްޖެއެވެ. އޭރު ކުޑަދަރިފުޅު ރޮނީއެވެ. އޭނާ ދަރިފުޅު ނަގައި މޭގައި ޖައްސައިލިއެވެ. "ހުއްޓައިލާ. އެކަލޭގެ އެތެރޭގައި އަހަރެންގެ ދަރިފުޅުގެ ގައިގައި ތަޅަނީ. އަހަރެން މިތާނގައި އޭނާގެ ދަރިފުޅުގެ ގައިގައި ތަޅައިގެންފާނަން."
މިހެން ބުނެވުމާއެކު އޭނާއަށް ޚިޔާލެއް ކުރެވިއްޖެއެވެ. ކުޑަދަރިފުޅު ގޮވައިގެން ގޮސް ކޮޓަރީގެ ދޮރު ކައިރިއަށް ޖެހިލިއެވެ. "ބާދްޝާ. އަހަރެންގެ ދަރިފުޅު ދޫކޮށްލާ. އެހެން ނޫނީ ކަލޭގެ ދަރިފުޅުގެ ކަރުގައި ހިފައި މަރައިލާނަން."
(ނުނިމޭ)
HAADHA REECHE MVAAHAKA