ފަޅިމޫނު - 121

(29 އޯގަސްޓް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ލޯބިވެރިޔާގެ ގޭ ދޮށަށް އޭނާއަށް ދެވިއްޖެއެވެ. އެ ހިސާބުގަނޑު އޮތީ މުޅީން ފަޅުވެފައެވެ. ދުރުދުރަށް ދާންދެން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ފިހާރަތައް ހުރީ ލައްޕައިފައެވެ. ދޭތެރެއަކުން ކުރިމަތީގައި އޮތް ބޮޑު މަގުން ދުއްވާ އެއްޗެއް ހުރަސްކޮށްލާތަން ފެނެއެވެ. ބާދްޝާ ކާރު ބޭއްވީ ކާރުގެ ބޮކީގެ އަލި ގޭގެ ކުޑަދޮރަށް އެޅޭ ގޮތަށެވެ. އިންޖީނު ނިއްވައިލުމުގެ ކުރިން ރޭހަށް ދެތިން ފަހަރަކު ފިތައިލިއެވެ. ބޭނުމަކީ ގޭތެރެއަށް އަޑު އިވޭގޮތް ހެދުމެވެ. ތަންގަނޑު މީހުން ހީކުރާނީ ކާރަކަށް ކޮންމެވެސް މައްސަލައެއް ދިމާވެގެން އުޅެނީ ކަމުގައެވެ. ފަރުޒާނާއަށް އެ އަޑު އިވުމާއެކު ބާރަށް ހިތް ތެޅޭން ފަށާނޭކަން ކަށަވަރެވެ.

ފަރުޒާނާގެ ކަންފަތް މަގުމައްޗާ ދިމާއަށް ހުޅުވިފައި ހުންނަތާ ކިތަންމެ އިރެކެވެ. ހިތް އޮތީ ހަމަ ހަގީގަތުގައިވެސް ތެޅިލަތެޅިލައެވެ. ބާދްޝާއަކީ ކިހައި ވަރެއްގެ ގޮތް ދޫނުކުރާ މީހެއްކަން އޭނާ ދަނެއެވެ. މިހާރު ކުޑަދޮރުން އަލި އެބަ ފެނެއެެވެ. ދޮރުފޮތި ދަމައިފައި ހުރި ނަމަވެސް އަލިކަން ވަރަށް ރީތިކޮށް ކޮޓަރި ތެރެއަށް އެބަ ވަދެއެވެ. އެ އިވުނީ އިންޖީނުގެ އަޑެވެ. އެއީ އިޝާރާތެކެވެ. މާނައަކީ އޭނާ ނުނުކުމެއްޖެއްޔާ މިހާރަށްވުރެ އަޑު ގަދަ ކޮށްލާނަމޭ ބުނުމެވެ.

އޭނާ އެނދުން ތެދުވެއްޖެއެވެ. މަޑުމަޑުން ގޮސް ދޮރު ބުޑަށް ހުއްޓިއްޖެއެވެ. އެކަމަކު މަކުޑި ނައްޓައެއް ނުލައެވެ. ފާރަށް ލެނގިލައިގެން ހުރީއެވެ. ފާރުގެ މި ފަރާތުގައި މިހިރީ އޭނާއެވެ. އަނެއް ފަރާތުގައި ހުރީ ބާދްޝާއެވެ. ދެމީހުންގެ ދެމެދުގައި އޮތީ ދެދަން ހުސްވާން ގާތްވެފައިވާ ރޭގަނޑެކެވެ.

* * *

އެ ވަގުތު ލަންޑަނަށް ހަތެއް ޖަހަނީއެވެ. ތަގުދީރުން ވަނީ ކޮޅުފައިން ޖަހައި ރުޚްސާނާ ގެއިން ބޭރަށް، މަގުމައްޗަށް ނެރެލައިފައެވެ. އޭނާ ކަރުނައިން ތެމިފައިވާ ދެލޮލުން ވަށައިގެން އޮތް ބީރައްޓެހި މާހައުލަށް ބަލަނީއެވެ. އޭނާ ރޮމުން އެ ގެންދަނީ ފިނޑިކަމަކުންނެއް ނޫނެވެ. ރޮވެނީ ބާދްޝާ ޖާނީ މި ވަގުތު ހުރިނަމަ އޭނާގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮވެ ރޮވޭނެއޭ ހިތަށް އެރީމައެވެ. ހިތުގެ ހިނގުން ޖާނީގެ ހިތުގެ ގުޅުމާ އެއްވެގެން ދިޔައީހޭ ހިތަށް އެރީމައެވެ. އެހެން ވީނަމަ މިއޮތް ބޮޑު ރަށް ބޮޑު ދެޔޯއެއްހެން އޭނާ ދިރުވައިލަފާނޭ ކަމުގެ އިންޒާރެއް ނުދިނީހޭ ހިތަށް އެރީމައެވެ.

އެކި ހާލަތްތަކާ ގުޅިގެން މުޖުތަމައުން ބާކީ ވެފައި ތިބޭ ދެ ލައްކައެއްހައި މީހުން ލަންޑަނުގައި އުޅޭ ކަމަށް ވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ކާނޭބޯނޭ އެއްޗެއް ނުލިބި ފަގީރު ހާލުގައި އުޅޭ މީހުންނެވެ. ނުވަތަ ސިކުނޑީގެ ބައްޔެއްގައި އުޅޭ މީހުންނެވެ. އެފަދަ މީސްމީހުން ވަންނާނޭ ގެދޮރެއް ނުހުރެއެވެ. ކާން ލިބޭނޭ ގޮތެއް ނޯވެއެވެ. މިކަހަލަ މީސްމީހުންނަށް ކިޔައި އުޅެނީ "ޑައުން އެންޑް އައުޓް" މީހުންނޭއެވެ. ރުޚްސާނާ މިހާރު އެހެރީ "ޑައުން" ވެފައެވެ. ގެއެއްގެ މާހައުލުން ދުވާރުމައްޗަށް ބަދަލު ވެފައެވެ. އެހެންވީމާ "އައުޓް" ވެސް ވެފައެވެ. ލަންޑަނުގެ އެއްވެސް ތަނަކަށް "އިން" ވެވޭނޭ ގޮތެއް ނެތެވެ. ގާތްތިމާގެ މީހަކު ނެތެވެ.

އޭނާ މިހާރު އެހެރީ ސްމިތް ސްޓްރީޓްގައެވެ. މިތަނުން ހައެއްކަ ފިޔަވަޅުގެ ދުރުމިނުގައި އެއޮތީ ކިންގްސްޓަންގެ ހައިވޭ ނުވަތަ މައި މަގެވެ. އެ މަގުން ކުލީކާރެއް ނުވަތަ ބަހެއް އަތު ޖެހިދާނެއެވެ. އެކަމަކު އެއްޗަކަށް އަރައިގެން ދާނީ ކޮން ތަނަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ.

ދުރަށް ވިސްނުމުގެ ހުނަރަކީ މަދު ބައެއްގެ ކިބައިގައި ހުންނަ ހުނަރެކެވެ. އެހެންވީމާ ރަށް ދޫކޮށް ބީރައްޓެހި ގައުމަކަށް އައުމުގެ ކުރީން އޭނާ ވަރަށް ބޮޑަށް ވިސްނިއެވެ. އެކަމަކު ޖަމްޝީދު އެހައި ވިޔާނުދާ މީހަކަށް ވެދާނެއެކޭ ހިތަކަށް ނާރައެވެ. މިހާރު ވަރަށް އިބުރަތްތެރި ފިލާވަޅެއް ލިބިއްޖެއެވެ. އަންހެނަކު އޭނާގެ ފިރިމީހާ ދޫކޮށްލާފައި ކުރާ ދަތުރަކީ ފެންމަތީގައި ހިނގުން ކަހަލަ ކަމެކެވެ. ކުޑަކުޑަ ލޮޅުމަކާއެކު ގެނބިދާނެއެވެ. އެހެންވީމާ އަބަދުވެސް ހުންނާން ޖެހޭނީ އަޑިއަށް ނުދާނޭ ކަހަލަ ގޮތަކަށް ތައްޔާރު ވެގެންނެވެ.

އޭނާ އަތްމަތީ ދަބަހުން ލަންޑަނުގެ ޗާޓެއް ނަގައިފިއެވެ. އެޔަށް ފަހު ކުޑަ ޑައިރީއެއް ނަގައިފިއެވެ. އޭގައި ވަނީ ލަންޑަނުގެ މުހިއްމު އެޑުރެސްތައް ނޯޓުކޮށްފައެވެ. އަދި ބިމުއަޑިން ދަތުރުކުރާ ރޭލުން ދަތުރު ކުރާނޭ ގޮތްވެސް އޭނާ ވަނީ ކުރަހައި ލިޔެފައެވެ. މި ހުރިހައި މައުލޫމާތެއް އޭނާ ހޯދާފައި ވަނީ ލަންޑަނުގެ އާރުކާޓީ ފޮތުންނާއި ބައެއް ދަތުރުނާމާއިންނެވެ. ޑައިރީގެ ސަފުހާއެއްގައި ލިޔެފައި އޮތެވެ. "ޑަބްލިޔޫޕީޔޫކޭ" މާނައަކީ ވިމެންސް ޕްލޭސް ޔުނައިޓެޑް ކިންގްޑަމްއެވެ. ތިރީގައި ލިޔެފައި އޮތެވެ. "ވިމެންސް ޕްލޭސްއަކީ ހާލުގައި ޖެހިގެންދާ އަންހެނުންނަށް ހެޔޮ އަގެއްގައި ރައްކާތެރިކަމާއެކު ތިބެވޭނޭ ގޮތަކަށް ހަދާފައި ހުންނަ މަރުކަޒު ތަކެކެވެ. އެފަދަ ތަންތަނުން ވަރަށް އަގު ހެޔޮކޮށް ކާންވެސް ލިބޭން ހުރެއެވެ." އެއީ ކުރިއަށް އޮތް ދުވަސްކޮޅު ހިތްހަމަ ޖައްސާލައިގެން އުޅެވިދާނޭ ތަނެކެވެ. އެތަނުގެ އެޑުރެސް ވެސް އޭނާ އޮތީ ނޯޓު ކޮށްފައެވެ. އެތަން ހުންނަނީ އާރލް ހޯމްގައެވެ. އެއީ އެތާނގެ 42 ނަންބަރެވެ.

އޭނާ ޑައިރީ ދަބަހަށް ލުމަށް ފަހު ﷲ އަށް ވަކީލު ކޮށްފައި ސާމާނު ހިފައިގެން ކިންގްސްޓަން ރޯޑާ ދިމާއަށް ހިނގައިގެންފިއެވެ. ސާމާނު ވަރަށް ބަރެވެ. އެހެންވީމާ ތަންކޮޅަކަށް ހިނގާފައި ސާމާނު ބިންމަތީގައި ބަހައްޓައިލައެވެ. ބައެއް ފަހަރު ފޮށި ގެންދަނީ ދަމައިފައެވެ. އަނެއްބައި ފަހަރު އުފުލައިގެންނެވެ. ކިންގްސްޓަން ރޯޑް އޮތީ ދުރެއްގައެއް ނޫނެވެ.

ލަންޑަނުގެ ޗާޓު މިހާރު ވަނީ އޭނާގެ ސިކުނޑީގައި ކުރެހިފައެވެ. ބައެއް ޚާއްސަ ތަންތަން ވަނީ ބިންވަޅު ނެގިފައެވެ. އޭނާ ބިމުއަޑީގައި ދުއްވާ ރޭލުން ދަތުރުކޮށްފައި ދާނަމަ މިހާރު އެހެރަ ތަނުން ފުރަތަމަ ދާން ޖެހެނީ ސެލޫނީ ސްކްވަޔަރ އަށެވެ. ޗާޓުން ފެންނަ ގޮތުގައި އެއީ ވަރަށް ކައިރީގައި އޮތް ތަނެކެވެ. އެކަމަކު ހަގީގަތުގައި އެއީ އެތައް މޭލެއްގެ ދުރެވެ. އެހެންވީމާ ސާމާނު ހިފައިގެން އެހައި ހިސާބަށް އެހެން ގޮތަކުން ދިއުމަކީ ވަރަށް ދަތި ކަމަކަށް ވާނެއެވެ.

ހައިވޭގައި ދުއްވާ އެއްޗެހި ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. އޭގެ އަލި އޭނާގެ ގަޔަށް އެޅިލީމާ މުޅި މީހާ ދިއްލިދެއެވެ. އެޔަށް ފަހު އިރުކޮޅަކުން އަނެއްކާވެސް އަނދިރިގަނޑަކަށް ވެދެއެވެ. އޭނާ މިހާރު ވެފައި ވަނީ އިރުއިރުކޮޅާ ދިއްލިފައި ނިވެމުންދާ ބައްތިއަކަށެވެ.

ފިނި މޫސުން ފެށެން ގާތްވެފައި ވުމާއެކު މަޑުމަޑުން ފިނިވާން ފަށައިފިއެވެ. އެޔާއެކުވެސް ބަރު އެއްޗެއް އުފުލަމުން ހިނގާފައި ދިއުމުގެ ސަބަބުން އޭނާ ދާހިއްލާ ފޯވެއްޖެއެވެ. ވުމާއެކު ދުވާރުމަތީގައި އެއްޗެހި ބެހެއްޓުމަށް ފަހު ދޯޕައްޓާއިން މޫނާއި ކަރުދޮށުގައި ހުރި ދާ ފޮހެލިއެވެ.

ދުއްވާފައިވާ ކުލީކާރު ވަރަށް ގިނައިން ފެނުނެވެ. އެކަމަކު އެއިން އެއްވެސް ކާރެއް ހުހެއް ނޫނެވެ. އެ ވަގުތު ހުދުކުލައިގެ ކުޑަ ވޭނެއް އައިސް މަޑުކޮށްފިއެވެ. ވޭނުގެ ބޭރުގައި "ނޭޝަނަލް އެސިސްޓަންސީ" މިހެން ލިޔެފައި އޮތެވެ. އެއީ ރަށު ތެރޭގައި އާވާރާ ވެގެން އުޅޭ ކަމަށް ފެންނަ މީހުންނާއި މަސްތުގެ ހާލަތުގައި ތިބޭ ކަމަށް ފާހަގަ ކުރެވޭ މީހުންނާއި ދުވާރުމަތީގައްޔާއި ޕާކުތަކުގެ ދިގުގޮނޑިތަކުގައި ނިދާފައި ތިބޭ މީހުން ނަގާ ވޭނެއެވެ.

ވޭނުން ފޭބި މީހަކު އައިސް ރުޚްސާނާއާ ސުވާލު ކޮށްލިއެވެ. "ކަލޭ ލައިގެން ތިޔހަރަ ހެދުމުން ހީވަނީ އިންޑިއާ ނުވަތަ ޕާކިސްތާނު މީހަކުހެން."

"އަޅުގަނޑަކީ ޕާކިސްތާނު މީހަކީން."

"ވަރަށް ކުރުކޮށް ކިޔައިދީ... ތިޔަ ހުރިހައި ސާމާނު ހިފައިގެން ތިޔަ އަންނަނީ ކޮން ތަނަކުން؟ ދަނީ ކޮން ތަނަކަށް؟"

ރުޚްސާނާ ކަންބޮޑު ވެފައި ވިސްނާން ފަށައިފިއެވެ. ދޮގު ހަދާނީ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ދޮގު ހެދުމުގެ ސަބަބުން މިހައިތަނަށް އުފުލާން ޖެހުނު ތުރާލުގެ މަތީން ހަނދާނެއް ނުނެތެއެވެ. އެމީހާ ޖީބުން ކާޑެއް ނަގައި އޭނާގެ އަތަށް ދިނުމަށް ފަހު ބުންޏެވެ. "މި ރަށަށް ބީރައްޓެހި މީހަކު ކަމަށް ވަންޏާ މި ކާޑު ކިޔައިލާ. އެންއައިބީ އަކީ ކޮން އިދާރާއެއްކަން މި ކާޑުން އެނގޭނެ."

އޭނާ ކިޔައިފައިވާ ފޮތަކުން އެންއައިބީއަކީ ކޮން ކަހަލަ އިދާރާއެއްކަން އޮތީ މާކުރިން އެނގިފައެވެ. އޭނާ ބުންޏެވެ. "އަހަރެން މި ރަށަށް އައީ ބޭހަކަށް. އުޅުނީ ސްމިތް ސްޓްރީޓްގައި ހުރި ގެއެއްގައި. އަހަންނާ ހަވާލުވެގެން ހުރި މީހާގެ ގޭގައި. އޭނާ މަސްތުގެ ހާލުގައި ހުރެގެން އަހަންނާ ބެހެން އުޅެގަތީމާ ސާމާނު ހިފައިގެން ގެއިން ނުކުތީ."

"ކަލޭގެ ހަވާލުދާރަކީ ތިޔަހެން ނުކުމެގެން އަޔަދޭހައި ބަލިކަށި މީހެއްތަ؟"

"މަސްތުގެ ހާލަތަށް ދިޔައީމާ ކޮންމެ މީހަކުވެސް ބަލިކަށި ވެދާނެ. އޭނާ މިހާރު އޮތީ ހޭނެތިފައި."

"ހޭނެތުނީތަ؟ ނޫނީ ކަލޭ ކަމެއް ކުރީތަ؟ އެންމެ ބުއްދިވެރި ގޮތަކީ އަހަރެމެންނާ އެކީ އައިސް މި ވޭނަށް އެރުން. ތިޔަ ބުނާ ގެއަށް އަހަރެމެން ގޮވައިގެން ހިނގާ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.