ފަޅިމޫނު - 110

(14 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާގެ ކުރިމަތީގައި ކުއްލިއަކަށް ސިފަވެގެން ދިޔައީ ކުލިނިކުގެ ދޮރުމަތީން އޭނާއަށް ފެނުނު ބަދަން ކުލައިގެ ބުރުގާ އެޅި އަންހެންމީހާއެވެ.

ދެމީހަކު ވެގެން މުސްކުޅިމީހާ ގެނެސް ކާރަށް އަރުވައިފިއެވެ. އަދި އެހެން ބަޔަކުވެސް ކާރަށް އަރައިފިއެވެ. ކުލިނިކު ހުރީ މާ ދުރަކު ނޫނެވެ. ދެތިން މިނިޓެއްގެ ތެރޭގައި އެތަނަށް ފޯރައިފިއެވެ. އެމީހުން އެ ބޭބެ ކާރުން ބާލައިގެން ގެންގޮސް ކުލިނިކަށް ވައްދައިފިއެވެ. ބާދްޝާ ކާރުގައި އިނީއެވެ.

އޭނާއަށް ޖެހެނީ އެތަނުން އަވަހަށް ގެއަށް ދާށެވެ. ފަންޑިތަވެރިޔާގެ އިރުޝާދަށް އަމަލުކުރަން ޖެހޭނެއެއް ނޫން ހެއްޔެވެ؟ އެކަމަކު މި ކުލިނިކާއި އޭނާޔާ ދެމެދު ފާޑެއްގެ ތެރަހެއް އެބަހުއްޓެވެ. އެތަނުން ދުރަށް ދެވޭ ގޮތެއް ނުވިއެވެ. އޭނާގެ ހަނދާނަށް އެ ވަގުތު އައީ ކުލިނިކުން ފެނުނު މޫނުބުރުގާ އެޅި އަންހެންމީހާއެވެ. ގޭތެރެއިން އެ މީހާ ފެނުނީ ބުރުގާ އަޅައިގެން އިންދައެވެ. އެކަމަކު ފަހުން ހަމަ އެމީހާ ގެއިން ނުކުމެގެން ފިހާރައަށް ދިޔައީ ބުރުގާ އަޅައިގެންނެއް ނޫނެވެ. ގޭތެރޭގައި ބުރުގާ އަޅައިގެން އުޅެފައި ބޭރަށް ނުކުންނާންވީމާ ބުރުގާ ނަގާ ހަމައަކީ އޭނާގެ ބޮލަށް ވަންނަ ކަހަލަ ހަމައެއް ނޫނެވެ.

އޭނާ ކާރުން ފައިބައިފިއެވެ. އަދި ކުލިނިކުގެ ނަން ބޯޑު ކިޔާން ފަށައިފިއެވެ.

ޑޮކްޓަރ އެފް. ވާސްޠީގެ ނަމުގެ ތެރެއިން އޭނާއަށް ފަރުޒާނާގެ މޫނު ފެންނާން ފަށައިފިއެވެ. އެ ވަގުތު ކުލިނިކުން ޒުވާނަކު ނުކުމެ ބޭރުގައި ތިބި މީހުންނާ ދިމާއަށް ބުނެފިއެވެ. "މިއަދު ކުލިނިކު ބަންދު. ޑަކްޓަރުގެ މަންމަ ނިޔާވީ. އެހެންވީމާ އެކަމުގެ ހިތާމައިގައި ބަންދު ކުރީ. އެކަމަކުވެސް މި ހިތާމައިގެ ދަނޑިވަޅުގައިވެސް އެ ބޭބެ ވަރަށް ރަނގަޅަށް އެބަ ބަލާ."

ބާދްޝާ ފަރުވާތެރިކަމާއެކު އެ ވާހަކަ އަޑުއަހައިފިއެވެ. އޭނާގެ ސިކުނޑިން ބުނެލީ އަޑު އިވުނެވެ. "އެ ދުވަހު މި ޚިޔާލު ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އެ މުސްކުޅިމީހާގެ ދަރިފުޅު އެ ދުވަހުވެސް އުޅޭނެއެއް ނޫން ހެއްޔެވެ؟ މަންމަ މަރުވީއޭ އެކަމަކުވެސް ޑަކްޓަރު ބަލިމީހާ އެބަ ބަލައޭ ބުނީމާ އޭގެ މާނައަކީ ޑަކްޓަރަކީ މަންމައެއް ނޫނެވެ. ދަރިފުޅެވެ. ބުރުގާ ނާޅާއި ބޭރަށް ނުކުމެގެން ދިޔައީ މަންމައެވެ. ދަރިފުޅު އޭރު އިނީ ގޭތެރޭގައެވެ."

މި ޚިޔާލު ކުރެވުމާއެކު އޭނާ އެ ދިޔަ ގޮތަށް ގޮސް ކުލިނިކަށް ވަދެއްޖެއެވެ. އެތެރޭގައިވެސް ތިން ހަތަރު މީހަކު ތިއްބެވެ. އެއްފަރާތު ފާރު ކައިރީގައި ހުރި އެނދެއްގައި އެއްކަލަ ބޭބެ އޮތެވެ. ޑޮކްޓަރ ފަރުޒާނާ ވާސްޠީ ކައިރީގައި ހުރެގެން އިންޖިކުސަނެއް ޖަހަން ތައްޔާރު ވަނީއެވެ.

ބާދްޝާގެ ހިތް ހުއްޓުނު ކަހަލައެވެ. އޭނާޔާ ފީކޯތް ކުޅެމުން ދުވި ފަރުޒާނާ މިހާރު އެހެރީ ކުރިމަތީގައި ފެންނާށެވެ. އެއްވެސް ހުރަހެއް ނެތިއެވެ. ބާދްޝާ އަވަސްއަވަހަށް ދެމީހެއްގެ ފުރަގަހަށް ވަދެއްޖެއެވެ. މި ވަގުތު ފަރުޒާނާއަށް ފެންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ފިލައިގެން ދެވޭނޭ ފުރުސަތު ދޭކަށް އޭނާ ބޭނުމެއްް ނޫނެވެ. ބާދްޝާގެ ނަޒަރު ހުއްޓުނީ ކުލިނިކުން ގޭތެރެއަށް ވަންނާން ހުރި ދޮރަށެވެ. ދޮރުގައި ހުރީ ފޮތިގަނޑެއް ދަމައިފައެވެ.

ފަރުޒާނާ އެތަނުން މީހަކު ގާތު ބުނެފިއެވެ. "އެތަނަށް... ކޮޓަރިއަށް ވަދެ ބާލީހެއް ހިފައިގެން އާދޭ."

އެމީހަކު ފޮތިގަނޑު ހިއްލައިލާފައި ވަދެ ބާލީހެއް ހިފައިގެން އަތުވެއްޖެއެވެ. ފަރުޒާނާ ދިރިއުޅެނީވެސް މިތާނގައިކަން ބާދްޝާއަށް އެނގިއްޖެއެވެ.

ފަރުޒާނާ އެމީހާގެ ގަޔަށް އިންޖިކުސަން ޖެހުމަށް ފަހު މޫނަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ހިތަށް އައީ ބައްޕައެވެ. ފުރަތަމަ ނިޔާވީ ބައްޕައެވެ. އޭގެ ފަހުން މަންމަވެސް ވަކިވެ ދިޔައީއެވެ. އޭނާގެ ހާލު ބަލައިލާނޭ މީހަކު މިހާރަކު ނެތެވެ. ހިތާމައިގައި ބައިވެރިވާނޭ މީހަކު ނެތެވެ. އިންސާނުގެ ބައިގަނޑުގެ ތެރޭގައި އެކަނިވީއެވެ.

މުސްކުޅި ބޭބެ ހޭ އަރައިފިއެވެ. ފުރަތަމަވެސް ބަލައިލީ ފަރުޒާނާގެ މޫނަށެވެ. އެހެން އިރުކޮޅަކު އޮވެފައި ފަރުޒާނާގެ ބޮލުގައި އަތް ޖައްސައިލިއެވެ. "ކަނބުލޮ މީހަކާ އިނދެފިންތަ؟"

އެ އާދަޔާ ޚިލާފު ސުވާލުގެ ސަބަބުން ބުނާނޭ އެއްޗެއް ފަރުޒާނާއަކަށް ނޭނގުނެވެ. އެހެންވީމާ ކުޑަކޮށް ހިނިތުންވެލައިފައި ބޯ ހޫރައިލިއެވެ.

"މީހަކާ ނީނދެ އިނިއްޔާ ދިރިހުރީ ކިހިނެއް؟"

މިހެން ބުނުމާއެކު އެ ބޭބެ ބާރަށް ރޯން ފަށައިފިއެވެ. އެތާނގައި ތިބި މީހުން ކައިރިއަށް ޖެހިލިއެވެ. އެކަކު އަހައިފިއެވެ. "ބޭބޭ. ކިހިނެއްވީ؟ މިހާރު ރޮނީ ކީއްވެގެން؟"

ދެވަނަ މީހަކު އަހައިލިއެވެ. "ބޭބެ ހޭނެތުނީ ކިހިނެއް؟"

ތިންވަނަ މީހަކު އަހައިލިއެވެ. "މިހައި ހޫނު ގަދަ ދުވަހަކު މެންދުރު ހޫނު އަވީގައި ބޭބެ ދިޔައީ ކޮން ތަނަކަށް؟"

އެ ބޭބެ ރޮމުން ރޮމުން ބުނެލިއެވެ. "ބޭބެ ދިޔައީ ބޭބެގެ ޒުވާން އަންހެން ދަރިފުޅުގެ ކަފުން ބަލައި."

ހުރިހައި ސުވާލެއް ހުއްޓިއްޖެއެވެ. ބޭބެ މަޑުމަޑުން ތެދުވެއްޖެއެވެ. ދެމީހަކު އެހީތެރި ވެގެން އޭނާ އެނދުން ބާލައިފިއެވެ. "އެއީ ވަރަށް ރަނގަޅު ކުއްޖެއް. ހިތްހެޔޮ ކުއެްޖެއް. ހިތާވެގެން އުޅުނު ފިރިހެން ކުއްޖާއަށް އޮޅުވާލައިގެން އެ ކުއްޖާ ކޮރު އަންހެން ކުއްޖަކާ ދެވީ. އަންހެން ދަރިންނަކީ އަޖައިބެއް ކަހަލަ ބައެއް. އަމިއްލަ އުފާތައް އެހެން މީހުންނަށްޓަކައި ގުރުބާން ކުރަނީ ކީއްކުރަން ބާވައޭ ބޭބެގެ ހިތަށް އަރާ. އަމިއްލަ ލޯބި ގުރުބާން ކުރީ. އަމިއްލަ ހިތް މަރައިލީ. އޭނާ މަރުވީ ކީއްވެގެން؟ މަރުވުމަކީ ހައްލެއް ނޫން. މަރު ވެގެން ކަމެއް ހައްލު ކުރެވޭ ނަމަ ކޮންމެ ގަޔަކުން ކޮންމެ ދުވަހަކު މީހަކު މަރުވާނެ."

ފަރުޒާނާ ޖެހި ބުދެއެްހެން ހުރީއެވެ. އޭނާ އެހެރީ މިހާރު މަރުވެފައެވެ. ދިރުން ހުރީ ހަމައެކަނި ލޮލުގައެވެ. ލޮލުން ކަރުނަ ފައިބަނީ އެހެން ވެގެންނެވެ. ރުޚްސާނާއަށްޓަކައި އޭނާ އަމިއްލަ ހިތް މަރައިލީ ކީއްވެގެން ހެއްޔެވެ؟ އެހެން ހަދާފައި ރޮނީ ކީއްކުރަން ހެއްޔެވެ؟ އެއީ ތެދެކެވެ. މަރަކީ ހައްލެއް ނޫނެވެ. އަލަތު އަނތްބެއްގެ ހެދުން އަޅައިގެން ބާދްޝާ ޖާނީއަށްޓަކައި މަރުވެގަތުމަކީ ކުރެވިދާނޭ ކަމެކެވެ. ހުރިހައި ކަމެއް އޭރުން ނިމިދާނެއެވެ.

ފަރުޒާނާ މަޑުމަޑުން ގޮސް މޭޒުދޮށުގައި އިށީނދެއްޖެއެވެ. ދެރަ ކަމަކީ އެއީއެވެ. އެއްވެސް ކަމެއް ނިމޭ ގޮތެއެް ނުވެއެވެ. ދިރިއުޅުން ދަނީ ކުރިއަށެވެ. ދިރިއުޅުމުގެ ވާހަކަ އޮވެގެން ކުރިއަށް ދެއެވެ. ދިރިއުޅުން ނިމޭނީ އެކަމަށް ހަމަޖެހިފައި އޮންނަ ދަނޑިވަޅުގައެވެ. އޭގެ ފަހުން ދިރިއުޅުން ވެގެން ދާނީ ތާރީޚުގެ ބަޔަކަށެވެ.

އެމީހުން މުސްކުޅި ބޭބެ ގޮވައިގެން ނުކުންނާން ހިނގައިގެންފިއެވެ. އެކަކު ބުނެފިއެވެ. "އެކަކު ގޮސް އެ ކުލީކާރު ޑިރައިވަރު ހުރިތޯ ބަލައިލަބަލަ."

ފަރުޒާނާ ދިޔައީ ސިއްސައިގެންނެވެ. ބިރުގެންފައި އެތާނގައި ތިބި މީހުންގެ މޫނަށް ބަލާން ފަށައިފިއެވެ. އެކަކު ބޭރަށް ބޯދީ ބަލައިލާފައި ބުންޏެވެ. "ކާރު އެބައޮތް. އެކަލޭގެ ފެންނާކަށް ނެތް. ހޮޓަލަކަށް ސައި ތަށްޓެއް ބޯން ވަނީ ކަމަށް ވާނީ."

މަޑުމަޑުން ގޮސް އެންމެން ހުސްވެއްޖެއެވެ. ފަރުޒާނާ އެކަނިވެއްޖެއެވެ. ބޭރުން އިވޭ އަޑުއަޑަށް އޭނާ ސަމާލުކަން ދިނެވެ. އެޔަށް ފަހު ގޮނޑިން ތެދުވެއްޖެއެވެ. ވިސްނަމުން ދޮރާ ހަމައަށް އަތުވެއްޖެއެވެ. އަދި ދޮރުން ބޭރު ބަލައިލިއެވެ. ދޮރާ ދިމާގައި މަގުގެ އަނެއް ފަރާތުގައި ކުލީކާރެއް އޮތެވެ. އެ ކާރު ފެނުމާއެކު އޭނާ ބިރުގެންފިއެވެ.

އަވަސްއަވަހަށް ދޮރު ލައްޕައިފިއެވެ. ރަނގަޅަށް މަކުޑިވެސް އަޅުވައިފިއެވެ. އެއްހާސް ކާރު އޮތް ތަނަކުންވެސް އެ ކާރު ފާހަގަ ކުރުމަކީ އޭނާއަކަށް އުނދަގޫ ކަމެއް ނޫނެވެ. އޭނާއަށް އެ ކާރުގެ ނަންބަރުވެސް ރަނގަޅަށް އެނގެއެވެ. ބާދްޝާ ޖާނީ އަނެއްކާވެސް އޭނާގެ ގޭ ދޮށަށް އައީތާއޭ ހިތަށް އެރީމާ ބާރަށް ހިތް ތެޅޭން ފަށައިފިއެވެ.

އޭނާގެ މުޅި ހަށިގަނޑު ރޫރުއަޅަނީއެވެ. ބިރުންގޮސް ދާވެސް ހިއްލާން ފަށައިފިއެވެ. ހަށިގަނޑުގެ އެތެރޭގައި ދަތުރުކުރަނީ ވަގު ޖަޒުބާތުގެ ރާޅެކެވެ. އޭނާ ގޭގެ ދިރިއުޅޭ ބަޔާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާ ބޭނުންވީ އެބައިގެ ކުޑަދޮރުންވެސް ބޭރު ބަލައިލާށެވެ. ކާރުދުއްވާ މީހާ ފެނޭތޯ ބަލާށެވެ.

މީހެއްގެ މިލްކަކަށް ވުމަކީ އެއްވެސް މީހަކުގެ ބާރެއް އޮން ކަމެއް ނޫނެވެ. ވާންވީމާ ވަނީއެވެ.

މީހެއްގެ މިލްކަކަށް ވީމާ މުޅި ދުނިޔެ އެއްކޮޅަށް އަރައި ބާރުލިޔަސް ހިތަކަށް ބާރެއް ނުފޯރުވެއެވެ. އެންމެ ފުރަތަމަ ފަރުޒާނާގެ ހިތް ހަލާކުކޮށްލީ އަޚްލާގީ ތަސައްވުރެކެވެ. އޭނާ ބޭނުންވީ އެކުވެރިޔާގެ ހައްގުގައި ގުރުބާން ވާށެވެ. އެކަމަކު ލޯބިވެރިޔާ ދޫކޮށްލާއިރުވެސް އެމީހާގެ ވަހުގެ ކޮންމެވެސް މިންވަރެއް ހިތާއި ހަށިގަނޑުގައި ހަރުލާފައި ހުރެދެއެވެ.

އޭނާ ގޭތެރެއަށް ވަދެއްޖެއެވެ. ގޭތެރެ އޮތީ ހުހަށެވެ. ކުޑަދޮރުގެ ފޮތިގަނޑު ހުރީ ދަމައިފައެވެ. އޭނާ ފޮތިގަނޑު ކަހައިލުމަށް ފަހު ބޭރު ބަލައިލިއެވެ. އެ ވަގުތު ބާދްޝާ ޖާނީގެ އަޑު އިވުނެވެ.

"އަހަރެން މިހިރީ މިތާނގައި."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.