ފަޅިމޫނު - 67

(14 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާ ކާރުގެ ކުރީ ދޮރު ހުޅުވައިލުމަށް ފަހު ފޮތިގަނޑެއް ނަގައިގެން ކާރު ފޮހޭން ފަށައިފިއެވެ.

ރުޚްސާނާ ބުންޏެވެ. "ތިޔައީ އަހަރެންގެ ކަމެއް. ފޮތިގަނޑު އަހަރެންގެ އަތަށް ދީ."

"ނޫނޭ. އަންހެނުންގެ ކަމަކީ ގޭތެރެ ސާފުކުރުން. އެހެންވީމާ އެތެރޭގައި އޮތް ފޮތިގަނޑު ނަގައިގެން ކާރުގެ އެތެރެ ސާފުކޮށްލާ."

ދެމީހުން މަސައްކަތުގެ ތެރެއަށް ވަދެއްޖެއެވެ. ރުޚްސާނާ ކާރަށް އަރައި ސާފު ކުރާން ފެށުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެތެރޭގައި ލިޔެފައި އޮތް ޅެންބައިތެވެ. ލިޔެފައި އޮތީ މީހަކު ނުފެނިގެން ހޯދާން އުޅެއުޅެ ނުފެނުނު ވާހަކައެވެ.

އޭނާ މަސައްކަތް ހުއްޓައިލާފައި އިށީނދެއްޖެއެވެ. ބާދްޝާ ކާރުގެ ބޭރު ފޮހުމާއިގެން އަވަދި ނެތި އުޅެނީއެވެ. މުޅި ކާރުގެ ބޭރު ރަނގަޅަށް ފޮހެ ނިންމުމަށް ފަހު ކާރަށް އަރައިފިއެވެ. "އަހަނ... ނުފޮހެ އިށީނދެގެން އިނީ ކީއްވެގެން؟"

ރުޚްސާނާ އަނގަޔަކުން ނުބުންޏެވެ. ހިމޭނުން އިނީއެވެ. ބާދްޝާ އޭނާގެ ލޮލަށް ބަލައިލިއެވެ. ދެން ބަލައިލީ އޭނާގެ ނަޒަރު ހުއްޓިފައި ހުރި ދިމާއަށެވެ. ޅެންބައިތު ފެނިފައި ވެގެން އުޅޭ ގޮތް ވިސްނިއްޖެއެވެ. އެޔާއެކު ކަންބޮޑުވެސް ވެއްޖެއެވެ. ކުޑަކޮށް ޖެހިލުންވެފައި އިނދެގެން ބުނެލިއެވެ. "އެ އުޅޭ މުސައްވިރު ދަންނަންތަ؟ އެއީ ވަރަށް މޮޅު ޅެންވެރިއެއް. ކާރެއް ފެނުމާއެކު ހުންނާނީ ޅެންބައިތެއް ލިޔަން ތައްޔާރަށް. ވިޔާނުދާ އެއްޗެއް ނުލިޔާށޭ އަހަރެން ބުނިން. އޭނާ ބުނީ ޅެންވެރިކަމަކީ ރަނގަޅު ކަމެކޭ. ޅެންވެރިކަމުގައި އޮންނަނީ މަޖާޒީ ލޯތްބާއި ހަގީގީ ލޯތްބޭ. މި ޅެންބައިތު ކިޔާފައި ކޮންމެ މީހަކަށްވެސް ހީވާނީ އަހަރެން ލޯބިވެރިޔާ ނުފެނިގެން ހޯދަނީއޭ. އެކަމަކު މި ޅެންބައިތުގެ އަސްލު މާނައަކީ އެޔެއް ނޫން. މީގައި މި އޮތީ ﷲ ގެ ވާހަކަ. ﷲ ހޯދާ ވާހަކަ. އެހެން ގޮތަކަށް ނުވިސްނާތި."

ރުޚްސާނާ އޭނާއާ ދިމާއަށް ބަލައިލިއެވެ. ރުޚްސާނާގެ ލޮލުން ފެންނާން ހުރި ހިތާމައިގެ އަސަރު ފެނިފައި އޭނާއަކަށް ސީދާ ބަލަހައްޓައިގެން އިންނާކަށް ނުކެރުނެވެ. އިސްޖަހައިލައިގެން އިރުކޮޅަކު އިނުމަށް ފަހު ކާރުން ފައިބައިފިއެވެ. އަދި ކާރުގެ ފަހަތް ހުޅުވައިލިއެވެ. އެތެރޭގައި ޕެޓްރޯލު ހަމެއް ހުއްޓެވެ. އޭނާ ޕެޓްރޯލުން ފޮތިކޮޅެއް ތެންމައިލިއެވެ. އެޔަށް ފަހު ކާރަށް އަރައި ޅެންބައިތު ލިޔެފައި ހުރި ތާނގައި ފޮތިގަނޑު ކާއްތާން ފަށައިފިއެވެ.

ރުޚްސާނާ ހިމޭނުން ބަލަހައްޓައިގެން އިނީއެވެ. ޅެންބައިތު މަޑުމަޑުން ފިލާން ފަށައިފިއެވެ. މާ ގިނައިރުތަކެއް ނުވެ މުޅީން ފިލައިފިއެވެ. އޭނާ ރުޚްސާނާގެ ކޮނޑުގައި ހިފައިލުމަށް ފަހު އަހައިލިއެވެ. "އަދިވެސް ރުޅި އައިސްފައިތަ؟"

ރުޚްސާނާ ފުން ނޭވައެއް ލުމަށް ފަހު ސީދާ އޭނާގެ ލޮލަށް ކަޅި ހުއްޓައިލިއެވެ. "ކާރުން ފިލައިފި. ހިތާއި ސިކުނޑިން ފިލުވާނީ ކިހިނެއް؟"

"ކީކޭ؟" އޭނާ ކަންބޮޑުވެފައި ބުންޏެވެ. "ދެންމެ ބުނީމެއްނު އަންހެނުންނަކަށް އިތުބާރު ކުރާކަށް ނޭނގެއޭ. އެކަމަކު ފުރިހަމައަށް އިތުބާރުކޮށް ޔަގީންކަމާއެކު ދިރިއުޅުން ވޭތުކުރާން ފަށައިފިއްޔާ ފިރިމީހާ ރަނގަޅު ވެދާނެ. ނުބައި މަގުން އެއްކިބާ ކުރެވިދާނެ."

ރުޚްސާނާ ތާއީދު ކުރުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "އާނ. އަހަރެން ހަނދާން ނެތުނީ. ހަމައެކަނި އަހަންނެއް ނޫން. ދުނިޔޭގެ ކޮންމެ އަންހެނަކަށް ވިޔަސް، އޭނާގެ ކުރިމަތީގައި އެހެން އަންހެނަކަށް އިސްކަން ދީފިއްޔާ ސިކުނޑީގައި ހުރިއްޔާ ހުރި ތެތްކަމެއް ފިލައިދާނެ. ފިރިމީހާ މުޅީން އަތްދަށަށް ލުމުގެ މަސައްކަތް ފަށައިފާނެ. އަނެއް އަންހެންމީހާއާ ދިމާއަށް ބަވަން ފަށައިފާނެ. އޭގެ އިތުރަކަށް އެއްވެސް ކަމެއް ނުވިސްނޭނެ. ތިޔަ ބުނީ ރަނގަޅު ވާހަކައެއް. އަހަރެން ބާދްޝާއަށް ސައްތައިންސައްތަ އިތުބާރު ކުރާނަން."

"ރުޚްސާނާ. އަހަރެން މިއީ ކުލީކާރު ދުއްވާ މީހަކީން. އެހެންވީމާ ކަންކަންމައްޗަށް ހުއްޓުމަކީ ތާއަބަދު ކުރާ ކަމެއް. އަހަރެމެން އަޅަންވާ ގޯޅިއާއި އަޅައިގެން ނުވާނޭ ގޯޅިތައް ބުނެދެނީ ޓުރެފިކު ބައްތި. އެއްކޮޅަށް ދުއްވާ މަގާއި ވަދެގެން ނުވާނޭ މަގުތައް ބުނެދެނީ މަގުމަތީގެ ނިޝާންބޯޑު. ރުޚްސާނާއަކީވެސް އަހަރެންގެ ދިރިއުޅުމުގެ ޓުރެފިކުބައްތިއެއް. ލޯބީގެ ބައްތިއެއް. އަހަރެން ނުބައި މަގަކަށް އަނބުރާލައިފިއްޔާ އެކަން އަންގައިދޭތި. ހުތުރު އެއްޗެހި ކިޔުމަކުން ދެމީހުންކުރެ މީހަކަށް ވާނޭ ފައިދާއެއް ނެތް. އެކަހަލަ ވާހަކައިގެ ސަބަބުން ހިތުގައި ޖެހޭ ލައްތައް ނުފިލައި ހުރެދާނެ. އެހެންވީމާ އަހަރެން ނުބައި މަގަކަށް ވަނަ ނުދޭތި. ދެމީހުންގެ މެދުގައި މި އެއްބަސްވުން ރަނގަޅަށް ގާއިމު ކުރެވިއްޖެނަމަ އަހަރެންގެ ފަރާތުން އެއްވެސް ދެރައެއް ހިތާމައެއް ނުލިބޭނެ. އަހަރެން މި ދައްކަނީ ނުބައި ވާހަކައެއްތަ؟"

ރުޚްސާނާ ބާދްޝާއާ ދިމާއަށް ބަލައިލާފައި ކައިރިއަށް ޖެހިލިއެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާގެ ކާރު ސަހަރުގެ ބޮޑެތި މަގުތަކުން ދުއްވަމުން ދިޔައެވެ. ދުއްވަމުން ދިޔައިރު އޭނާގެ ނަޒަރު ބައެއް ފަހަރު އެއްކަލަ ޅެންބައިތު ލިޔެފައި އޮތް ތަނަށް ހުއްޓެއެވެ. މިހާރު އެތާނކު އެއްވެސް އެއްޗެއް ނެތެވެ. އެކަމަކު އިންސާނާއަކީ ވަރަށް ޗާލާކު މަޚްލޫގެކެވެ. ލޮލަށް ފޮރުވާ އެއްޗެއް ސިކުނޑީގެ ލޮލަށް ފެންނާން ފަށައެވެ.

އޭނާ ފަހަތް ބަލާ ލޯގަނޑުން ފަހަތަށް ބަލައިލިއެވެ. ލޯގަނޑު އެ ވަގުތު ހުރި ގޮތުން އޭނާއަށް ފެންނަނީ އޭނާގެ މޫނުގެ އެއްފަޅިއެވެ. ފަޅި މޫނެއް ހުރި ކަމުގައި ވިޔަސް އަނބިމީހާ ދެރަވާ ކަހަލަ ކަމެއް ކުރުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ. ދޮގު ހެދީއޭ ކިޔައިގެން ހިތުގައި ޖައްސާކަށްވެސް ބޭނުމެއް ނޫނެވެ. ފަރުޒާނާ ދެކެ ލޯބިވާ ވާހަކަ ބުނާކަށްވެސް ބޭނުމެއް ނޫނެވެ. ފަރުޒާނާ ހޯދުމުގެ މަސައްކަތް ކުރާ ސަބަބަކީ އެއީއޭ ބުނާކަށްވެސް ބޭނުމެއް ނޫނެވެ.

ބޭނުން ނަމަ އޭނާ ރުޚްސާނާ ގާތު ކޮންމެ އެއްޗެކޭވެސް އެއްވެސް ޖެހިލުމެއް ނެތި ބުނެފާނެއެވެ. އޭނާ ކުޑަކޮށްވެސް ބިރެއް ނުގަނެއެވެ. ރުޚްސާނާގެ ގައިގައި ތަޅައިގަތްގަތީނުން މަސްހުނިގަނޑަކަށްވެސް ހަދައިލަފާނެއެވެ. އެކަމަކު އެއީ އޭނާގެ މިޒާޖެއް ނޫނެވެ. ގޭތެރޭގެ ހަމަޖެހުން ދެމިއޮންނާނީ އަނބިދަރިންނަށް އޯގާތެރިވެގެންނެވެ. ބާދްޝާގެ ކިބައިގައި ހުންނަ ބުއްދިއަކީ ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ހުންނަ އާދައިގެ ބުއްދިއެވެ. ކޮންމެ މީހަކުވެސް ދިރިއުޅެނީ ލޯތްބާއި މުރުއްވަތްތެރިކަމާއެކީގައެވެ. އެކަމަކު އެ ސިފަތައް ދައްކާން ބޭނުން ކޮންމެ މީހަކަށްމެ ޖެހެނީ އެ މީހެއްގެ އެތެރެ ހަށީގައި އޮންނަ އިންސާނާގެ އެއްފަޅި ސިއްރު ކުރާށެވެ. ދެފަޅި އެކީގައި ފެނިއްޖެއްޔާ އެ މީހަކު އުޅެނީ ހިތަށް އެރި ގޮތަކަށެވެ. އަމިއްލަ އެދުން އިސްކޮށްގެންނެވެ،

އޭނާއަށް ފަސިންޖަރުން ލިބޭން ފަށައިފިއެވެ. މީސްމީހުން އެމީހުންގެ މަންޒިލަށް ގެންގޮސްދޭން ފަށައިފިއެވެ. އޭނާގެ ހިތުގައި އެނބުރެނީ މުސްކުޅި ފިލްމެއްގެ މަންޒަރެކެވެ. މަންޒަރުގައި ފެންނަނީ ވަގަކު ގަނޑުވަރަކަށް ވަދެ ވައްކަންކުރާ ތަނެވެ. އެވަގުތު ފަތިސް ނަމާދަށް ބަންގި ގޮވައިފިއެވެ. ވަގުކަލޭގެ ވަގަށް ނެގި ތަކެތި އެއް ފަރާތުގައި ބަހައްޓައިފައި ނަމާދު ކުރާން ފަށައިފިއެވެ. އެނދުދާންކޮޅުގައި އޮންނެވި ޝެހެޒާދީއަށް ހޭފުޅު ލެއްވިއްޖެއެވެ. އަދި ހައިރާންފުޅުވެފައި ނަމާދުކުރާން ހުރި މީހާއާ ދިމާއަށް ބައްލަވާން ފަށްޓަވައިފިއެވެ. ނަމާދުން އަވަދިވީމާ ސުވާލު ކުރެއްވިއެވެ. "ކަލޭ ނަމާދުވެސް ކޮށްފައި ވައްކަންވެސް ކުރަނީ ހެއްޔެވެ؟" ވަގުކަލޭގެ ޖަވާބު ދިނެވެ. "ވައްކަން ކުރުމަކީ އަހަރެންގެ މަސައްކަތެވެ. ނަމާދުކުރުމަކީ އަހަރެންގެ ފަރުޟެވެ."

ވަގުކަލޭގެ ދެއްކި ވާހަކައަކީ ހަލީސާއެކެވެ. ހެއްވާ ވާހަކައެކެވެ. ނަމާދުކުރާ މީހުންނަށް އެކަން އިހުސާސް ކުރެވޭނެއެވެ. ބައެއް މީހުން އެ ވާހަކަޔާ ދެކޮޅު ހަދާނެއެވެ. އާއްމު ވިސްނުމަށް ބަލާއިރު ވަގުކަލޭގެ ދެއްކި ވާހަކައަކީ ތާކުންތާކު ނުޖެހޭ ވާހަކައެކެވެ. އެކަމަކު އެ ވާހަކައިން ފެންނަނީ އިންސާނާގެ ތަބީއަތެވެ. އިންސާނާގެ އެއްބައި ހުންނަނީ މިތާނގައި ހުރިއްޔާ އަނެއް ބައި ހުންނަނީ އެތާނގައެވެ. އެއްބަޔަކީ ތެދުވެރި ބައެކެވެ. އަނެެއް ބަޔަކީ ދޮގުވެރި ބައެކެވެ. އެއްބައިން ފެންނަނީ އަނބިމީހާއަށް ވަފާތެރި ފިރިއެކެވެ. އަނެއް ބައިން ފެންނަނީ ލޯބިވެރިއާއަށް ތެދުވެރި ލޯބިވެރިއެކެވެ.

މެންދުރުފަހު އޭނާ މަޑުކޮށްލީ އެއްކަލަ މުސައްވިރު މަސައްކަތްކުރާ ތަނުގެ ކުރިމައްޗަށެވެ. އޭނާ އައިސް ކާރުގެ އެތެރެއަށް ބަލައިލާފައި އަހައިލިއެވެ. "މިއޮތީ ކިހިނެއް ވެފައި؟"

"ތިޔަ ސުވާލު ނުކުރޭ. މިހާރު މި ކުރެވެނީ އެހެން ބުއްދިއެއް. ކާރުގައި ލިޔުނު ޅެންބައިތު ކަރުދާސްގަނޑެއްގައި ލިޔެލަދީ. ހެނދުނު މަސައްކަތް ފަށައިގަންނަމުން ކާރުތެރޭގައި ކަރުދާސްގަނޑު ތަތްކޮށްލާނީ. ހަވީރު ގެއަށް ދާންވީމާ ނައްޓައިލާނީ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.