މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދީން އޭނާގެ ސަރުކާރު ދެމެހެއްޓުމަށް އިދިކޮޅުގެ އެހީ ހޯއްދަވަނީ

މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން މިއަދު (13 އޮގަސްޓް 2021 ހުކުރު ދުވަހު) ގައުމާ މުޚާޠަބުކުރައްވަނީ

މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްްދީން ޔާސީން އޭނާގެ ސަރުކާރު ދެމެހެއްޓުމަށް އިދިކޮޅު ޕާޓީތަކުގެ އެހީ ހޯއްދަވަން ނިންމަވައިފިއެވެ.

ބޮޑުވަޒީރު މިއަދު ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރަށް ގާނޫނުހަދާ މަޖިލީހު އަޣުލަބިއްޔަތު މިހާރު ނެތްކަން އޭނާވެސް ގަބޫލުކުރައްވައެވެ. އެެހެންނަމަވެސް، އޭނާ ވިދާޅުވީ، ސަރުކާރު ދެމެހެއްޓުމަށް އިދިކޮޅު ފަރާތްތަކުގެ ތާއީދު ހޯއްދަވާނެ ކަމުގައެެެވެ. އޭނާ ވަނީ އަންނަ 2022 ވަނަ އަހަރުގެ ޖުލައި މަހު އިންތިޚާބު ބާއްވަވާނެ ކަަމަށް ވައުދުވެވަޑައިގެންފައެވެ.

ވެރިކަންކުރާ ޕެރިކަޓަން ނާސިއޮނާލް (ޕީއެން) ގައި ހިމެނޭ އަމްނޯ (ޔުނައިޓެޑް މެލޭ ނޭޝަނަލް އޮގަނައިޒޭޭޝަން) ޕާޓީގެ 11 މެންބަރަކު ތާއީދު އަނބުރާ ގެންދެވުމާއެކު ބޮޑުވަޒީރަށް ވަނީ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެެއްލިފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓު އަވަހަށް ނެގުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެެވެ. ބައެއް ފަރާތްތަކުން ބޭނުންވަނީ މިމަހުގެ 18 ވާ ބުދަ ދުވަހު އެ ވޯޓު ބޭއްވުމަށެވެ. މެލޭޝިޔާގެ ރަސްގެފާނު، ސުލްޠާން ޢަބްދުﷲ އަޙްމަދު ޝާހު ވެސް ވަނީ އެ ވޯޓު ވިހާ އަވަހަކަށް ބޭއްވުމަށް އެދިވަޑައިގެންފައެވެ.

މުޙްޔިއްދީން ބޭނުންފުޅުވަނީ އަންނަ މަހު ގާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ފެށުމުން އިތުބާރު ނެތްކަމުގެ ވޯޓު ނަގާށެވެ. އޭނާ ވިދާޅުވާ ގޮތުުގައި ފަސޭހަ ގޮތް އިޚްތިޔާރުކުރައްވައި އޭނާއަށް އިސްތިއުފާދެއްވެވިދާނެއެވެ. އެެހެންނަމަވެސް، މިތަންވަޅު ގާނޫނުހަދާ މަޖިލީހުގެ އެއްވެސް މެންބަރަކަށް އަޣުލަބިއްޔަތުގެ ތާއީދެއް ނެތެވެ. މިފަދަ ހަލާތެއްގައި ސަރުކާރެއް ނެތި ގައުމު ވެއްޓޭނީ ހަލަބޮލިކަމުގެ ތެރެއަށެެވެ.

އިދިކޮޅުގެ ތާއީދަށް ބޮޑުވަޒީރު މުޙްޔިއްދީން އެދިވަޑައިގެންފައި ވަނީ މިއަދު ގައުމާ މުޚާޠަބުކުރައްވައި އޭނާ ދެއްކެވި ވާހަކަފުޅުގައެވެ.

"ގާނޫނުހަދާ މަޖިލީހުގައި ނަގާ ވޯޓުގައި ބޮޑުވަޒީރުގެ އިތުބާރު އޮތްކަމަށް ފާސްކުރުމާ ބެހޭގޮތުން ޕީއެން ފިޔަަަވައި އެހެން ޕާޓީތަކުގެ ލީޑަރުންނާ ވާހަކަދެއްކުމަށް ކެބިނެޓުން ވަނީ އެއްބަސްވެފައި." މުޙްޔިއްދީން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން ޕަކަޓާން ހަރަޕަން (ޕީއެޗް) އިން ވަނީ ބޮޑުވަޒީރުގެ ހުށަހެޅުމާ "ވަރަށް ބޮޑަށް ދެކޮޅު"ކަން ހާމަކޮށްފައެެވެ.

"މިއީ ގާނޫނީ ހައިސިިއްޔަތެއް ނެތް ބޮޑުވަޒީރަކު ރިޝްވަތު ހުށަހަޅުއްވާ ފުރަތަމަ ފަހަރު." އިދިކޮޅު ކޯލިޝަންގެ ރިޔާސަތުން ބުނެފައި ވެއެވެ.

ޕީއެޗް ކޯލިޝަނުން ބޭނުންވަނީ އެ ކޯލިޝަންގެ ލީޑަރު ދާތުކް ސެރީ އަންވަރު އިބްރާހީމަށް ތާއީދު އިތުުރުކޮށް ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށެވެ. އެ ކޯލިޝަނުގައި މިވަގުތު ތިއްބެވީ 88 މެންބަރުންނެވެ. ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް 112 މެންބަރުންގެ ތާއީދު ބޭނުންވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.