މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް މުޙްޔިއްދީން ޔާސީން އައްޔަންކުރައްވައިފި

މުޙްޔިއްދީން ޔާސިން

މެލޭޝިޔާގެ ބޮޑުވަޒީރުކަށް ޓާން ސްރީ މުޙްޔިއްދީން ބިން މުޙައްމަދު ޔާސީން (މުޙްޔިއްދީން ޔާސީން) ޢައްޔަންކުރައްވަން އެގައުމުގެ ރަސްގެފާނު ޢަބްދުﷲ ނިންމަވައިފިއެވެ. ޝާހީ ގަނޑުވަރު އިސްތާނާ ނެގާރާއިން ހާމަކުރި ގޮތުގައި މުޙްޔިންދީން ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުން އޮންނާނީ މާދަމާ، 1 މާރިޗު 2020 ވާ އާދީއްތަ ދުވަހު ހެނދުނު 10:30 (ރާއްޖޭ ގަޑިން ހެނދުނު 7:30) ގައެވެ. އޭނާ ވެވަޑައިގަންނަވާނީ މެލޭޝިޔާގެ 8 ވަނަ ބޮޑުވަޒީރަށެވެ.

"ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ލީޑަރުންނާއި، ގާނޫނުހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މިނިވަން މެންބަރުންގެ ޚިޔާލު ހޯއްދެވުމަށް ފަހު ރަސްގެފާނަށް ފެނިވަޑައިގެންނެވި ގޮތުގައި މަޖިލީހުން އަޣުލަބިއްޔަތު ލިބިވަޑައިގަންނަވާ ވަރަށް މުޙްޔުއްދީން ވަނީ ތާއީދުހޯއްދަވާފައި." ކޮންޓްރޯލާ އޮފް ދަ ރޮޔަލް ހައުސް ހޯލްޑް އަޙްމަދު ފާޟިލް ޝަމްސުއްދީން ވިދާޅުވިއެވެ.

"ރަސްގެފާނު ނިންމަވާފައި ވަނީ ރައްޔިތުން އަހަރުމެން ލޯބިވާ ގައުމުގެ ލާބައަށްޓަކައި ގައުމަށް ސަރުކާރެއް ބޭނުންވާކަމުގައި. ރަސްގެފާނު ނިންމަވާފައިވަނީ މިއީ އެންމެ ރަނގަޅު ހައްލު ކަމުގައި." ޝަމްސުއްދީންގެ ބަޔާނުގައި ވެއެވެ.

ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ ނާއިބުކަން 2009 އިން 2015 އަށް ކުރައްވާފައިވާ މުޙްޔިއްދީނަކީ ޕާރްޓީ ޕްރިބުމީ ބެރްސަތު މެލޭޝިޔާ (ބެރްސަތު) ގެ ޗެއާމަނެވެ. މިހާރުގެ ވަގުތީ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދުވެސް ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީއެވެ. މަހާތީރަކީ އެޕާޓީގެ ޗެއާމަނެވެ.

ރަސްގެފާނުގެ މިނިންމެވުން އައިސްފައި މިވަނީ ޕަކަޓާން ހަރަޕާން (ޕީއެޗް) ކޯލިޝަނުން ބެރްސަތު ވަކިވި ނަމަވެސް، ބޮޑުވަޒީރުކަމުގެ މަގާމަށް އަލުން މަހާތީރު ވަޑައިގަތުމަށް އެ ކޯލިޝަނުން ތާއީދުކުރާނެކަން އިއުލާންކޮށްފައި ވަނިކޮށެވެ. އަދި އޭނާއަށް އަޣުލަބިއްޔަތު ހޯއްދެވޭވަރަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް މަހާތީރު މިއަދު ހެނދުނު ވިދާޅުވެފައި ވަނިކޮށެވެ. ޕީއެޗް ކޯލިޝަނުން ބެރްސަތު ވަކިވުމުން މިހާރު އެ ކޯލިޝަނުގައި ތިއްބެވީ 92 މެންބަރުންނެވެ. 222 މެންބަރުން ހިމެނިވަޑައިގަންނަވާ މަޖިލީހުގެ އަޣުލަބިއްޔަތަކީ 112 އެވެ.

މުޙްޔިއްދީން ޔާސިން އަޣުލަބިއްޔަތު ހޯއްދަވާފައި ވަނީ ނަޖީބު ރައްޒާޤުގެ ޔުނައިޓެޑް މެލޭ ނޭޝަނަލް އޮގަނައިޒޭޝަން (އުމްނޯ) ޕާޓީއާއި، ޕާރްޓީ އިސްލާމް ސެ-މެލޭޝިޔާ (ޕާސް) ގެ ތާއީދާއެކުގައި ކަމަށް ބައެއް ނޫސްތަކުން ޚަބަރުދެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.