މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް އިސްމާޢީލު ޞަބްރީ ޔަޢުޤޫބު އައްޔަންކުރައްވައިފި

މެލޭޝިޔާގެ އާ ބޮޑުވަޒީރު ޑާޓުކް ސެރީ އިސްމާޢީލު ޞަބްރީ ޔަޢުޤޫބު

މެލޭޝިޔާގެ ރަސްގެފާނު ސުލްޠާން ޢަބްދުﷲ އަޙްމަދު ޝާހު އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ. އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ޔުނައިޓެޑް މެލޭ ނޭޝަނަލް އޮގަނައިޒޭޝަން (އަމްނޯ) ގެ ނާއިބު ރައީސު އިސްމާޢީލު ޞަބްރީ ޔަޢުޤޫބުއެވެ. މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަގާމު ހުސްވީ އެގަމާގައި ހުންނެވި މުޙްޔިއްދީން ޔާސީނުއަށް ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމާއެކު، ފާއިތުވި ހޯމަ ދުވަހު އޭނާ އިސްތިއުފާދެއްވުމުންނެވެ.

ޢަބްދުﷲ ރަސްގެފާނު ވަނީ މިއަދުގެ ވަގުތެއްގައި މެލޭޝިޔާގެ ސްޓޭޓްތަކުގެ ވެރިންނާ ބައްދަލުކުރައްވައި ބޮޑުވަޒީރަކު އައްޔަންކުރެއްވުމާ މެދު މަޝްވަރާކުރައްވާފައެވެ. މަޝްވަރާ ބައްދަލުވުމުން ނިމުމާއެކު މިއަދު ހަވީރު 4:30 ގައި (ރާއްޖޭ ގަޑިން މެންދުރު ފަހު 1:30 ގައި) ގަނޑުވަރުން ނެރުނު ބަޔާނެއްގައި ވަނީ ޑާޓުކް ސެރީ އިސްމާޢީލު ޞަބްރީ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރެއްވުމަށް ސުލްޠާން ޢަބްދުﷲ ނިންމަވައިފިކަމަށާ، ހޮނިހިރު ދުވަހު މެންދުރު ފަހު 2:30 ގައި އޭނާ މަގާމުގެ ހުވައިކުރައްވާނެ ކަމުގައެވެ.

"އެމަނިކުފާނު އުއްމީދުކުރައްވަނީ ބޮޑުވަޒީރަކު އައްޔަންކުރެއްވުމުން ސިޔާސީ ހަލަބޮލިކަން އަވަހަށް ނިމުމަކަށް އައިސް، ގާނޫނުހަދާ މަޖިލީހުގެ މެންބަރުން އެ ބޭފުޅުންގެ ހަނި ސިޔާސީ އެޖެންޑާތައް އެއްފަރާތްކުރައްވައި، ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކޮވިޑް-19 އާ ހަނގުރާކުރުމަށް އެެއްބައިވަންތަވެ ވަޑައިގެން އެކަމުގައި ބައިވެރިވުންދެއްވާނެކަމަށް." ގަނޑުވަރުގެ ބަޔާނުގައި ވެއެވެ.

އުމުުރުފުޅުން 61 އަަހަރުގެ އިސްމާޢީލު ޞަބްރީއަށް ގާނޫނުހަދާ މަޖިލީހުގެ 114 މެންބަރުންގެ ތާއީދުއޮތްކަން ރަސްގެފާނު ވަނީ އެމަނިކުފާނު އަމިއްލަފުޅަށް ކަށަވަރުކުރައްވާފައެވެ. އިސްމާޢީލު ޞަބްރީއަތް ތާއީދުކުރައްވާކަން ހާމަކޮށް ރަސްްގެފާނަށް ފޮނުވި ބަޔާނެއްގައި ސޮއިކުރެއްވި 114 މެންބަރުން އިއްޔެ ގަނޑުވަރަށް ހާޒިރުކުރައްވައި، ރަސްގެފާނު ވަނީ ކޮންމެ މެންބަރަކާ ވަކިން ސުވާލުކުރަައްވައި، އެއްވެސް މަޖުބޫރުކަމެއް ނެތި އިސްމާޢީލު ޞަބްރީއަށް އެ މެންބަރަކު ތާއިދުކުރައްވާކަން ޔަގީންކުރައްވާފައެވެ.

ކުރީގެ ބޮޑުވަޒީރު މުޙްޔިންދީން ޔާސީންގެ 18 މަސް ވީ ސަރުކާރު ނިމުމަކަށް އައީ އަމްނޯގެ 15 މެންބަރަކު އޭނާއަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވުމުން ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިވަޑައިގަތުމުންެނެވެ. 220 މެންބަރުން ހިމެނިވަޑައިގަންނަވާ މަޖިލީހުގެ އަޣުލަބިއްޔަތަކީ 111 އެެވެ.

އިސްމާޢީލު ޞަބްރީއަކީ ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންގެ ދައުރުގައި ބޮޑުވަޒީރުގެ ނާއިބުގެ ކަމުގައި ހުންނެެވި ބޭފުޅެކެވެ. އޭނާ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމާއެކު 3 އަހަރުގެ މެދުކެނޑުމަކަށް ފަހު އަމްނޯއަށް އަނެއްކާވެސް މެލޭޝިޔާގެ ވެރިކަން ލިބުނީއެވެ. އަމްނޯއަކީ މެލޭޝިޔާ މިނިވަންވި ފަހުން އެގައުުމުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަންކުރި ޕާޓީއެވެ.

މެލޭޝިޔާގެ ގާނޫނުހަދާ މަޖިލީހުގެ ބައްދަލުވުމެއް ދެން އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހުއެެވެ. އެ ބައްދަލުުވުމުގައި އިސްމާޢީލު ޞަބްރީއަށް އިތުބާރުއޮތްކަމުގެ ވޯޓުނެގުން އޮންނާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.