ކޯވިޑް-19 އިން ރައްކާތެރިވާން ނުވަތަ ސަލާމާތް ވާން އަޅަން އޮތް އެންމެ މުހިއްމު ފިޔަވަޅެއް ކަމަށް މިހައިތަނަށް ފެނިފައިވަނީ ވެކްސިންގެ ދެ ޑޯޒު ހަމަކުރުމެވެ. އެކަމަކު ބައެއް މީހުން އަދިވެސް ތިބީ ވެކްސިން ނުޖަހަން ނިންމައިގެން ކަމަށް ޚަބަރުތަކުން ދޭހަވެއެވެ. ވެކްސިން ނުޖަހާ ސަބަބުތަކާއި ނުޖަހަން ގަސްތުކޮށްގެން ތިބި މީސްމީހުން ރުއްސަން ކުރެވިދާނޭ ބައެއް ކަމާ ބެހޭ ގޮތުން ސީއެންއެންގައި ޕެގީ ޑްރެކްސްލަރ ޚިޔާލެއް ލިޔުއްވާފައި ވެއެވެ. އަޅުގަނޑުގެ މި ލިޔުން ބިނާ ކޮށްފައި މި ވަނީ އޭނާގެ ޚިޔާލުގެ މައްޗަށެވެ. އެ ލިޔުމުގެ މައްޗަށެވެ. ރާއްޖެއަށްވެސް އެކަށީގެންވާ ފަދަ ޚިޔާލަކަށް ވެދާނެ ކަމަށް އުއްމީދު ކުރެވޭތީއެވެ.
ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން، ދެކޮޅު ހަދާ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ސަބަބަކީ ވެކްސިނަށް އިތުބާރު ނުކުރުމެވެ. ޚަބަރުތަކުން ފެންނަ ބައެއް ކަހަލަ އިދިކީލި ލިޔުންތަކުގެ އަސަރުގައި ޖެހި ވެކްސިނަކީ ގެއްލުން ބޮޑު އެއްޗެއް ކަމަށް ގަބޫލު ކުރެވުމެވެ. ދެވަނަ ސަބަބަކީ ސަރުކާރު ދެކެ އަންނަން ރުޅިއެކެވެ. އެހެންވީމާ ސަރުކާރުން ކުރާ އެއްވެސް ކަމަކަށް އެއްބާރުލުން ދޭން ބޭނުން ނުވުމެވެ. ތިންވަނަ ސަބަބު ދީނާވެސް ގުޅެއެވެ. މަދު ބަޔަކު ނަމަވެސް ވެކްސިން ޖެހުމަކީ ދީނާ ޚިލާފު ކަމެއް ކަމަށް ގަބޫލު ކުރެއެވެ. ހަތަރު ވަނަ ސަބަބަކީ ޗައިނާ ދެކެ އަންނަ ރުޅިއެވެ. އަދި ޗައިނާގެ އުފެއްދުންތަކަށް އިތުބާރު ނުކުރެވުމެވެ. ޗައިނާގެ އުފެއްދުންތައް ރެޔާއި ދުވާލު ބޭނުން ކުރަމުން އެ އުފެއްދުންތަކުގެ ތެރޭގައި ދިރިއުޅެމުންދާ އިރުވެސް ވެކްސިނަށް އިތުބާރު ކުރެވޭގޮތް ނުވަނީއެވެ. ފަސްވަނަ ސަބަބަކީ އިންޑިއާ ދެކެ އަންނަ ރުޅިއެވެ. މުޅި އޮޑީގައި ހަސަނުގެ ދެފައޭ ބުނާހެން މުޅި ރާއްޖޭގައި އިންޑިއާގެ ސަފީރާއި އިންޑިއާގެ މީހުން އެނބުރޭތީ އަންނަ ރުޅިއެވެ. އެއީ އަލަށް ފެށިގެން އުޅޭ ކަމަކަށް ނުވިޔަސް ހަމަ ރުޅި އަންނަނީއެވެ. ރުޅި އަރުވާ ބަޔަކުވެސް ތިބީއެވެ. ރުޅި މަޑުކުރަން މަސައްކަތް ކުރާ ބަޔަކު ނެތީއެވެ. އަދި ބައެއް ކަންކަމުގައި މުޅީން ސާފުނުވާ ކަންތައްތަކެއްވެސް ހުރީއެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް-19 ގައި ނިޔާވީ މީހުންގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖަހައި ތިބި މީހުންނެވެ. ތަފާސް ހިސާބަކީ ކަމެއް އޮތް ގޮތް ދެނެގަންނާން ބޭނުން ކުރާ ހަމައެކެވެ. އެކަމަކު މި އަދަދުތައް މިހެން ހުރި ކަމުގައި ވިޔަސް ބައެއް މީހުން ވެކްސިން ޖަހާކަށް ބޭނުމެއް ނުވެއެވެ.
އާއްމު ޚިޔާލު މިފަދަ ގޮތަކަށް ބައިބައިވެފައިވާ ދަނޑިވަޅެއްގައި ކުރެވިދާނޭ ކަމެއް އެބައޮތްތޯ ސުވާލު އުފެދެއެވެ. ޕެގީ ދެކެވަޑައިގަންނަވާ ގޮތުގައި ކުރެވިދާނޭ ކަންތައްތަކެއް އެބަހުއްޓެވެ. އޭނާގެ ޚިޔާލު ހުރީ އެމެރިކާއަށެވެ. އަޅުގަނޑު ދިވެހިރާއްޖެއަށް ބޭނުންވާ ގޮތަށް ކުދި ބަދަލާއެކު ލިޔެލާނަމެވެ.
(1) ސަބަބު ދެނެގަތުން: ފުރަތަމަ ކަމަކީ ހަގީގަތް ދެނެގަތުމެވެ. މަތީގައި ދެންނެވުނު ސަބަބުތައް އެއީ މުޅި ހަގީގަތަށް ވުން ލާޒިމެއް ނޫނެވެ. އެ ކަންތައްތަކުގެ ތެރޭގައި އަދި މުޅީން ދެނެނުގަނެވޭ ސަބަބުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ސައިންސާއި ދިމާއަށް ފެންނާން ހުންނަ ހަގީތަތްތަކާ ބަޔަކު ދެކޮޅުހަދާ ސަބަބުތައް ޖެހޭނީ ފުންކޮށް ބަލައި ދިރާސާކޮށްގެން ދެނެގަންނާށެވެ. ދިވެހިރާއްޖޭގައިވެސް ދިރާސާކުރާ އަމިއްލަ ކުންފުނި އެބަހުއްޓެވެ. ސަރުކާރުވެސް އެބައޮތެވެ. އެހެންވީމާ ޚަރަދުކޮށްގެން ނަމަވެސް މިފަދަ ދިރާސާއެއް ހެދުން ވަރަށް މުހިއްމެވެ. ހަގީގަތް އޮތީ އަޅުގަނޑުމެން ހީކުރާ ގޮތާ ތަފާތު ގޮތަކަށް ކަމުގައި ވުމީ ދުރުކަމެއް ނޫނެވެ.
(2) އަޑު އަހާފަދަ ގޮތަކަށް މުވާސަލާތުކުރުން: އާއްމުންނާ ވާހަކަ ދެއްކުމަކީ އެމީހުން ރުއްސުމަށްޓަކައި ކުރާ ކަމަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބައެއް މީހުންނަކީ ބަހުސު ދެކެ ރުޅި އަންނަ ބައެކެވެ. ނުވަތަ ވަކި ގޮތެއް ހަދަން ޖެހޭނެއޭ ބުނެ އަމުރުކުރީމާ ރުޅި އަންނަ ބައެކެވެ. އެފަދަ މީސްމީހުނާ ވާހަކަ ދައްކަން ޖެހޭނީ ވަކި ގޮތަކަށެވެ. ވެކްސިން ޖެހުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކޭ ބުނުމުގެ ބަދަލުގައި ވެކްސިންގެ ސަބަބުން އޭނާއަށް ވާނޭ ފައިދާއަކީ ކޮބައިކަން ވިސްނައި ދިނުން ވަރަށް މުހިއްމެވެ. ލިޔުން ކިއުމަކީ އެންމެން ކުރާނޭ ކަމެއް ނޫނެވެ. ސޯޝަލް މީޑިއާގައި އެންމެންނެއް ނޫޅޭނެއެވެ. ޖަމާއަތަކާ ދައްކާ ވާހަކައެއްގެ ގޮތުގައި މެސެޖުތައް ދިނުމަކީވެސް ބައެއް ފަހަރު އެދެވޭ ނަތީޖާއެއް ފެންނަ ކަމެއް ނޫނެވެ. ސީދާ ވަކި މީސްމީހުނާ ވާހަކަދެއްކުން އެޔަށް ވުރެ މާ ރަނގަޅު ވާނެއެވެ. މިސާލަކަށް އީމެއިލެއް ފޮނުވުން ނުވަތަ ސީދާ އެމީހެއްގެ ނަން ޖަހާފައި އޮންނަ ސިޓީއެއް ފޮނުވުން ފަދަ ކަންތައްތައް ކުރުމަކީ އޭގެ އަސަރު ކުރާނޭ ކަމެކެވެ. މީސްމީހުނާ ވަކިން ބައްދަލުކޮށްގެން ވާހަކަ ދެއްކުމަކީވެސް ރަނގަޅު ކަމެކެވެ. ކޮންމެ މީހެއްގެވެސް މަޑުމައިތިރި މިޒާޖެއް ހުންނާނެއެވެ. އެ މިޒާޖުގެ ބޭނުން ކުރާށެވެ. އެމީހަކަށް އަސަރުކުރާ ގޮތަށް ވާހަކަ ދެއްކީމާ ގަބޫލު ކުރާނެއެވެ. މަޖުބޫރު ކުރުމާއި ގަދަކަން ދެއްކުމާއި އަމުރުވެރި ގޮތް ގެންގުޅުމަކީ ވަރަށް ގިނަ ފަހަރު ނޭދެވޭ ނަތީޖާއާ ކުރިމަތިލާން ޖެހޭ ކަމެކެވެ.
(3) ނުރުހުންތެރިކަން ނުދެއްކުން: ވެކްސިން ނުޖަހާ މީހުން ލަދު ގަންނަ ޒާތުގެ ވާހަކަ ދެއްކުމާއި އެމީހުން އެ ތިބެނީ ބޮޑު ކުށެއް ކޮށްގެންނޭ ހީވާ ކަހަލަ ވާހަކަ ދެއްކުމަކީ އެދެވޭ ނަތީޖާއެއް ނުކުންނާނޭ ކަމެއް ނޫނެވެ. ވާހަކަ ދައްކައިގެން އެއްބަސް ނުވާ މީހާ ދެކެ ރުޅި އައުމަކީވެސް ނުބައި ނަތީޖާއެއް ނުކުމެދާނޭ ކަމެކެވެ. އެހެންވީމާ އެއް ފަހަރު ވާހަކަ ދައްކައިގެން އެއްބަސް ނުވިއްޔާ އެހެން ދުވަހަކުން އަނެއްކާވެސް މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކުން ރަނގަޅެވެ. އެއް ގޮތުން ނުވިއްޔާ އެހެން ގޮތެއް ޚިޔާރު ކުރާނީއެވެ. މިސާލަކަށް އީމެއިލް ކުރުން ނުވަތަ މީހަކު މެދުވެރި ވެގެން ވާހަކަ ދެއްކުން ފަދަ ކަމެއް ކުރެވިދާނެއެވެ.
(4) ފުރިހަމަ އިޚުތިޔާރުގައި އަމިއްލައަށް ކުރާ ކަމަކަށް ހެދުން: ދިވެހިރާއްޖޭގައި ވެކްސިން ޖަހަން ފެށުމާއެކު އެޗްޕީއޭއިން ބުނަމުން ގެންދިޔައީ އެއީ މަޖުބޫރު ކަމެއް ނޫން ކަމުގައެވެ. ޖަހަން ބޭނުން މީހަކު ޖަހަންވީއެވެ. ބޭނުން ނޫން މީހަކު ނުޖެއްސަސް އެންމެ ރަނގަޅެވެ. މިއީ ރަނގަޅަށް ކުރި ކަމެކެވެ. ވެކްސިން ޖެހުމަކީ ރުހުމުގައި އައިސް އަމިއްލައަށް ކުރާ ކަމަކަށް ހެދުމަކީ އެންމެ ރަނގަޅު ގޮތެވެ. އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ މުވައްޒަފުން ވެކްސިން ޖަހަން އިލްތިމާސް ކުރައްވައިފައެވެ. އަމިއްލަ ކުންފުނިތަކުންވެސް މި ގޮތަށް އިލްތިމާސް ކުރަމުން ގެންދެވިދާނެއެވެ. ދިވެހިންނަކީ ވަރަށް ގައުމީ ބައެކެވެ. ހޮޓާހޮޓަލުންނާއި މީސްމީޑިއާއިން މިކަން ވަރަށް ރަނގަޅަށް ފެނެއެވެ. ގައުމުގެ ކަންތައްތައް ބޮއްސުންލަމުންދާ ކަމަށް ފެންނާތީ ދައްކަމުންދާ ވާހަކަ ވަރަށް ގިނައެވެ. ވެކްސިން ޖެހުމުގެ ސަބަބުން ގައުމަށް ކުރާނޭ ފައިދާ އެފަދަ މީސްމީހުނަށް ވިސްނައި ދެވިދާނެއެވެ. ގައުމީ މީހުނަށް ވިސްނައި ދިނުމުގައި ގައުމީ ކުލަ ޖެއްސުމަކީ ކުރެވިދާނޭ ކަމެކެވެ.
(5) ރިޝްވަތު ދިނުން: އެމެރިކާގައި ވެކްސިން ނުޖަހާ މީހުންގެ އަދަދު ގިނަ ކަމުން ކަންބޮޑުވެވަޑައިގެން ރައީސް ޖޯ ބައިޑެން ވަނީ ވެކްސިން ޖަހާ ކޮންމެ މީހަކަށް ސަތޭކަ ޑޮލަރު ދެއްވަން އިއުލާނު ކުރައްވައިފައެވެ. މިއީވެސް ދެރަ އުކުޅެއް ނޫނެވެ. ފައިސާ ނުދިން ކަމުގައި ވިޔަސް ރަނގަޅު ރެސްޓޯރަންޓަކުން ކެއުމެއް، ފިހާރައަކުން ގިފްޓް ވައުޗަރެއް ކަހަލަ އެއްޗެއް ދިނުމަކީވެސް ކުރެވިދާނޭ ކަމެކެވެ. މިފަދަ ސްކީމެއްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިވެރިންނަށް ހުޅުވާލައިގެން ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންދެވިދާނެއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް މުހިއްމު އެއްޗަކަށް ދަހިވެތިވާނެއެވެ. މުހިއްމު ކަމެއް ކުރަން ދަހިވެތިވާނެއެވެ. އެހެންވީމާ މިފަދަ ކަމަކުންވެސް ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރު ވެގެން ދާނެއެވެ.
(6) ދަންނަބޭކަލުންގެ ދައުރު ފުޅާކުރުން: ދިވެހިންނަކީ ދީން ދެކެ ލޯބިވާ ބައެކެވެ. ޒުވާނުން ދީނުން ބޭރުވަނީއޭ ކިޔައި ވާހަކަ ދެކެވުނު ނަމަވެސް ހަގީގަތް އޮތީ މުޅިއަކުން އެހެންނެއް ނޫނެވެ. ދީނާ ޚިލާފު ކަންތައްތައް ކުރާ މީހުން ޒުވާނުންގެ ތެރޭގައިވެސް، ހަރު މީހުންގެ ތެރޭގައިވެސް އަދި މުސްކުޅިންގެ ތެރޭގައިވެސް އުޅޭ ކަމީ އެންމެން ދަންނަނަ ހަގީގަތެކެވެ. ދީނާ މެދު ނުވަތަ ދީނީ ކަންކަމާމެދު ސުވާލު ކުރުމަކީ ދީނުން ބޭރުވުމެއް ނޫނެވެ. އެހެންވީމާ ވެކްސިންގެ ކަންތަކުގައިވެސް ސުވާލު ކުރާ އަދި ސުވާލު އުފައްދާ މީހުން އުޅޭނެއެވެ. އެފަދަ މީސްމީހުނަށް ވިސްނައި ދިނުމަކީ ދަންނަބޭކަލުން ކުރަން ޖެހޭ ކަމެކެވެ. ދީނުގެ ރީތިކަމާއި ފުރާނައާއި ރައްކާތެރި ކަމަށް ދީނުގައި ދީފައި އޮންނަ އަހުމިއްޔަތުކަން ހާމަކޮށް ދެވުނީމާ ދެކޮޅު ހަދާ މީހަކު ނޫޅޭނެއެވެ. އެހެންވީމާ އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ނަމަވެސް ބޮޑު ކެމްޕޭނެއް ހިންގިދާނެއެވެ.
(7) ދިގުލައިގެން ހިނގައިދާނޭ ކަމެއް ކަމަށް ގަބޫލު ކުރުން: މިއިން އެއްވެސް ކަމަކުން އެދެވޭ އަވަސް ނަތީޖާއެއް ނުނުކުތުމަކީ އެކަށީގެންވާ ކަމެކެެވެ. އެހެންވީމާ ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދިއުމަކީ ކުރަން ޖެހޭނޭ ކަމެކެވެ. މީސްމީހުންގެ ޚިޔާލު ބަދަލު ކުރުމަކީ ވަގުތު ހޭދަވާ ކަމެކެވެ. އިތުބާރު ހޯދުމާއި ދެމެހެއްޓުމުގެ މަސައްކަތަކީ ނިމޭ މަސައްކަތެއް ނޫނެވެ.