
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް ވެކްސިން ރާއްޖެ ގެނެސްފި އެވެ.
އިންޑިއާއިން ރާއްޖެ އަށް ހަދިޔާ ކުރި ކޯވިޑް ވެކްސިން ރާއްޖެ ގެނެސް ފައިވަނީ މިއަދު އައި އެއަރ އިންޑިއާގެ ފްލައިޓަކުންނެވެ. އިންޑިއާއިން ރާއްޖެއަށް އެސްޓްރަޒެނެކާ ވެކްސިންގެ އެއް ލައްކަ ޑޯޒް ހަދިޔާ ކުރާނެކަމަށް ރަސްމީކޮށް އޮތީ އިއުލާން ކޮށްފައެވެ.
ރާއްޖޭގެ އިތުރުން އަވަށްޓެރި ބައެއް އެހެން ގައުމުތަކަށް ވެސް އިންޑިޔާއިން މިއަދު ކޯވިޑް ވެކްސިން ހިލޭ އެހީގެ ގޮތުގައި ފޮނުވާނެކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ. އެ ގައުމުތަކަކީ ބޫޓާން، ދިވެހިރާއްޖެ، ނޭޕާލް، ސީޝެލްސް، މިޔަންމާ އަދި ބަންގްލަދޭޝެވެ.
އިންޑިއާއިން މިއަދު ރާއްޖެއަށް އެއްލައްކަ ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކޮށްފައިވާއިރު މިއަދު ދޭއް ޖަހާއިރު ރައީސުލްޖުމްހޫރިއްޔާ ގައުމާ މުޚާތަބު ކުރައްވުމަށް ވަނީ ހަމަޖައްސަވައިފައެވެ.
ކޮވިޑް-19 ބައްޔާ ދެކޮޅަށް ބޭނުންކުރެވޭ ކޮވިޝީލްޑް ވެކްސިން ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް އިންޑިޔާއިން ނިންމުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ އެގައުމަށް ޝުކުރު ދަންނަވައިފިއެވެ.