ފާއިތުވި ހަފުތާގައި 142 މީހަކަށް ރާއްޖެއިން ކޮވިޑު ޖެހިފައިވާ ކަމަށާއި މިއީ ކުރީ ހަފުތާ އާ އަޅާބަލާއިރު، 69 އިންސައްތަ އިތުރު ޢަދަދެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް ސާމްޕަލް ޕޮސިޓިވިޓީ އާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށެވެ. އަދި ފާއިތުވި މެއި މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައިވަނީ 15 މީހުން ކަމަށާއި އެކަމަކު ޖޫން މަހުގެ 12 ވަނަ ދުވަހާއި ހަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނުކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
އެހެންވެ އެޗްޕީއޭ އިން ވަނީ ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށާއި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރާ ކޮށްފައެވެ.
އެގޮތުން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓްކުރުމަށާއި މާސްކް އެޅުމަށް (ޚާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެފަދަ ފަރާތްތަކާ އެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި އެތަންތަނަށް ޒިޔާރާތްކުރާއިރު މާސްކް އެޅުން) ހަނދާންކޮށްދީފައިވެއެވެ.
މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި ވެކްސިން ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުން ވެކްސިން ފުރިހަމަކުރުމަށް (12 އަހަރާ 18 އަހަރާ ދެމެދުގެ ކުދިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން އަދި 18 އަހަރުން މަތީގެ މީހުން ދެ ޑޯޒް ފުރިހަމަކޮށް ހަ މަސްވެފައިވާ ނަމަ ބޫސްޓަރ ޖެހުން) ވަނީ އެދިފައެވެ.
ބައެއް ގައުމުތަކުގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން ދާކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ ރާއްޖޭގައި އަލުން ހާލަތު ގޯސްވިޔަ ނުދިނުމުގެ ގޮތުން އެންމެން ވެސް ބަލިން ރައްކާތެރިވުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.