(20 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހަދާނެ ގޮތް ބޮޑުވެގެން އޭނާ ހަލުވިކަމާއެކު ކުލިނިކުން ނުކުމެއްޖެއެވެ. ބޭރުން ދޮރު ލައްޕައިލުމަށް ފަހު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޖެހިގެން އޮތް ބޮޑުމަގަށް ނުކުމެއްޖެއެވެ. ތަންކޮޅެއް ދުރުގައި ބޭސް ފިހާރައެއް ހުއްޓެވެ. އޭނާ އެތަނަށް ވަދެ ބުނެފިއެވެ. "އަހަރެންގެ އަންހެނުން ވަރަށް ބޮޑަށް ޒަޚަމް ވެއްޖެ. ލޭ މަނާ ކުރަން ޖަހާނޭ ރަނގަޅު ބޭހެއްދީ."
ބޭސްވިއްކާ މީހާ ބާދްޝާގެ ފައިތިލައިން ފެށިގެން ބޮލާ ހަމައަށް ބަލައިލާފައި ބުންޏެވެ. "ގެ ހުންނަނީ ކޮންތާނކު؟ ހިނގާ އަހަރެން ގޮސް ބޭސް އަޅާއިދީފާނަން."
"ނޫން. ބޭސް ދިނީމާ ފުދިދާނެ. އަހަރެންގެ އަންހެނުން އެއީ މޫނުބުރުގާ އަޅާ މީހެއް. އަންހެން ޑަކްޓަރަކު ލައްވައި ނޫނީ ބޭހެއް ނުކުރުވާނެ."
"މިތާ ކައިރީގައި ޑޮކްޓަރ އެފް، ވާސްޠީގެ ކުލިނިކު ހުންނާނެ. އެތަނަށް ގެންދޭ. އެއީ އަންހެން ޑޮޓަރެއްނު؟"
"އަހަރެން އެތަނަށް ދިޔައިން. އެތަން ހުރީ ބަންދު ކޮށްފައި. މިތަނަށް މި އައީ އެހެން ވެގެން. އަވަހަށް ކޮންމެވެސް ބޭހެއް ދީ."
ބޭސްވިއްކާ މީހާ އޭނާއަށް ކުޑަކުޑަ ބޭސް ދަޅެއް ދީގައި ބުންޏެވެ. "ފަސް ރުފިޔާ."
ބާދްޝާ ފަސް ރުފިޔާ ދީފައި ހިނގައިގަތީމާ ބޭސްވިއްކާމީހާ ބުންޏެވެ. "އޭތް. ތިޔަ ބޭސް އަޅާނެ ގޮތެއްވެސް ނިކަން އަހައިލަބަލަ. އަދި ބެންޑޭޖެއް ކަހަލަ އެއްޗެއްވެސް ގެންދަން ވާނެއެއްނު؟"
"ބޭނުންވާ ހުރިހައި އެއްޗެއް ގޭގައި އެބަހުރި."
ބާދްޝާ ދުއްވައިގެންފިއެވެ. ކުލިނިކުގެ ދޮރު ހުޅުވައިގެން ވަދެ އެތެރެއިން ތަޅުލައިފިއެވެ. އަދި އެތަނުން ބެންޑޭޭޖާއި ބޭނުންވާ އެހެން ސާމާނު ހިފައިގެން ގޮސް ދިރިއުޅޭ ބަޔަށް ވަދެއްޖެއެވެ.
އޭރުވެސް ފަރުޒާނާ އޮތް ގޮތަށް އެނދުގައި އޮތެވެ. ހެއެއް ނެތެވެ. ބާދްޝާގެ ހިތަށް އެރިއެވެ. ހޭ އަރައިފައި އޮތް ނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ އެހެންވީނަމަ ޝަކުވާ ކުރާނެއެވެ. އެއްޗެހި ގޮވާނެއެވެ. ގޮނަކަށް ގޮނެއް ދޭނެއެވެ. ހިސާބު ހަމަހަމަ ކުރާނެއެވެ. އެކަމަކު އެހެންނެއް ނުވިއެވެ. ފަރުޒާނާ ހަމަ އޮތް ގޮތަށް އޮތީއެވެ. އޭނާ އެ ހިމޭންކަމާއި މައުސޫމުކަން ވަނީ ބާދްޝާގެ ހިތް މުށުތެރެއަށް ލައި ބާރުކޮށްފައެވެ. ބާދްޝާ ވަރަށް ދެރަ ވެއްޖެއެވެ. ހިމޭންކަމާއެކު ފަރުޒާނާގެ ޒަޚަމްތަކުގައި ބޭސް އަޅާން ފަށައިފިއެވެ.
އޭނާއަކީ ޑަކްޓަރެއް ނޫނެވެ. ހަކީމެއް ނޫނެވެ. ބައި ހަކީމެއްވެސް ނޫނެވެ. އެކަމަކު ޒަޚަމެއްގައި ބޭސް އަޅާން ނޭނގޭ ވަރުގެ މީހެއްވެސް ނޫނެވެ. ކުޑަކޮށް މެށިފައި ހުރި ތަންތާނގައި ހަމައެކަނި ބޭސް ހާކައިލީއެވެ. ޒަޚަމް ވެފައި ހުރި ތަންތާނގައި ބޭސް އަޅައި ބެންޑޭޖުވެސް ކޮށްފިއެވެ. ހުރިހައި ކަމެއް ނިންމުމަށް ފަހު އަނެއްކާވެސް ފަރުޒާނާގެ މޫނަށް ބަލާން ފަށައިފިއެވެ. ތަންކޮޅެއް ކައިރިއަށް ޖެހިލައި މޭގައި ކަންފަތް ޖައްސައި ނޭވާލާކަން ޔަގީންކޮށްލިއެވެ.
ހިތް އެބަ ހިނގައެވެ. ހީވަނީ ސިއްރުން ވާހަކަދައްކާ ހެންނެވެ. "ކަންބޮޑު ނުވާށެވެ. އަހަރެން ދިރި އެބައޮތީމެވެ. ލޯތްބަކީ ލޯބިން މަރައިލެވޭނޭ އެއްޗެއް ނޫނެވެ. އެކަމަކު ފުނޑުފުނޑު ކޮށްލެވިދާނެއެވެ. މީސްމީހުން ކުޑަކުދިންނަށްވެސް ދޭ ނަސޭހަތުގައި ބުނެއެވެ. އެއްޗެހި ތަޅައިހަދާކަށް ނުވާނެއެވެ. އެ ނަސޭހަތް ހަނދާން އެބަހުރި ހެއްޔެވެ؟"
ބާދްޝާ ކޮޅަށް ތެދުވެއްޖެއެވެ. ފަރުޒާނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ އަމިއްލަ ނަފުސަށް ބަވަން ފަށައިފިއެވެ. "އަހަރެން މިއީ ބޮޑު މޮޔައެއް. ފުރަތަމަ ތަޅައިގަތީ. ފަހުން މި ހިތާމަ ކުރަނީ. ތަޅައިގަނެވުނީތީ ވަރަށް ބޮޑަށް ދެރަވެއޭ އަހަރެން ބުނާނީވެސް ކިހިނެއް؟"
އޭނާގެ ސިކުނޑިން ބުނެލީ އަޑު އިވުނެވެ. "ތަޅައިގެންފައި އެކަމާ ހިތާމަ ކުރަން ހުންނާނީތަ؟ މޮޔައެއްހެން ނުހުރެ އޭނާ ހޭއެރުވޭތޯ މަސައްކަތް ކުރޭ."
އޭނާ ބޯ ކަހައިލުމަށް ފަހު ވިސްނައިލިއެވެ. ހޭއަރުވާނީ ކިހިނެއް ކަމެއް ފުރަތަމަ ވިސްނައެއް ނުގަނެވުނެވެ. އެކަމަކު ކުޑަ ހިނދުކޮޅަކަށް ފަހު ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ކުޑަ ޕުލާސްޓިކު ޖަގަކަށް ފެން އަޅައިގެން އަތުވެއްޖެއެވެ. އަދި އެއިން އަތްގޮށްޓެއްގެ ނަގައިފައި ފަރުޒާނާގެ މޫނަށް ޖަހައިފިއެވެ. މިހެން ދެތިން އަތްގޮށި ޖެހުނުތަނާ ފަރުޒާނާ ފުން ނޭވައެއް ލައިފިއެވެ. ހަށިގަނޑަށް ލުއި ހަރަކާތެއް އަތުވެއްޖެއެވެ. އެކަމަކު އަނެއްކާވެސް ހުއްޓިއްޖެއެވެ.
އޭނާ އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނުކުންނަނީއެވެ. ސިކުނޑި މަޑުމަޑުން ހޭލަނީއެވެ. ކަންފަތަށް އަޑު އިވެން ފަށަނީއެވެ. ބޭރުން ދުއްވާ އެއްޗެހީގެ އަޑު އެބައިވެއެވެ. އެންމެ ފަހުން އޭނާއަށް ތަދުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ. ޒަޚްމް ވެފައި ހުރިތަންތަނުގައި ވޭން އަޅާން ފަށައިފިއެވެ. ބާދްޝާގެ އެތިފަހަރުތައް އެރި ތަންތަނަށް ތަދުވާން ފަށައިފިއެވެ. އެކަމަކު އަދިވެސް މީގެ ކުޑައިރުކޮޅެއް ކުރިން އޭނާޔާ މެދު ކަންތައް ހިނގައި ދިޔަގޮތް ސާފުކޮށް ވިސްނައެއް ނުގަނެވެއެވެ. ކެތްކުރީ ކިހައި ވަރެއްގެ އަނިޔާއަކަށް ކަމެއް އިހުސާސެއް ނުކުރެވެއެވެ.
އޭނާ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. ކުރިމަތިން ފެންނަ މަންޒަރު ހުރީ ފުސް ވެފައެވެ. އެޔަށް ފަހު މަޑުމަޑުން ސާފުވާން ފަށައިފިއެވެ. އޭނާގެ ކުރިމަތީގައި ބާދްޝާ ޖާނީ އިސްޖަހައިލައިގެން ހުއްޓެވެ. ބާދްޝާ ފެނުމާއެކު ހުރިހައި ކަމެއް ސާފު ވެއްޖެއެވެ. ފާއިތު ވެގެން ދިޔަ ހުރިހައި ލަމަހާއެއް މޮޅިވެރިކަމާއެކު އޭނާ ހިތަށް ގެންނާން ފަށައިފިއެވެ.
އަނެއްކާވެސް އޭނާ ލޯ މަރައިލިއެވެ. މެރިފައިވާ ދެ ލޮލާއެކު އޭނާ ގެންދިޔައީ ވިސްނަމުންނެވެ. ހަމަ ހަގީގަތުގައިވެސް އެހެން ވީ ހެއްޔެވެ؟ އަހަރެންގެ ކުރިމަތީގައި ކޮޅަށް އެހެރީ ހަމަ ހަގީގަތުގައިވެސް އޭނާ ހެއްޔެވެ؟ އަހަރެން މިއޮތީ ހަމަ ހަގީގަތުގައިވެސް ޒަޚަމް ވެފައި ހެއްޔެވެ؟
އޭނާ ލޯ މަރައިލައިގެން އޮވެ ހަށިގަނޑުގެ އެކި ތަންތާނގައި އަތް ކާއްތާން ފަށައިފިއެވެ. މަޑުމަޑުން ގޮސް ޒަޚަމްތަކުގައި އަތް ލެވިއްޖެއެވެ. ބައެއް ތަންތާނގައި ބެންޑޭޖު ހުރިކަމުގެ އިހުސާސް ކުރެވުމާއެކު ހައިރާން ވެފައި އޭނާ ކުއްލިއަކަށް ލޯ ހުޅުވައިލިއެވެ.
އަނގަޔަކުން ނުބުނެއެވެ. އެކަމަކު ލޮލުގައި ވަނީ ސުވާލެކެވެ. "ޒަޚަމް ކުރި މީހާ އަހަރެންގެ ޒަޚަމްތަކުގައި ބޭސް އަޅައި ދިނީ ހެއްޔެވެ؟ މިހާރު އޭނާގެ ކުރިމަތީގައި އިސްޖަހައިލައިގެން އެހެރީ ހަރުކަށިކަމާއެކު އޭނާޔާ ކުރިމަތިލީ މީހާ ހެއްޔެވެ؟"
ބާދްޝާ ލަދުން ހުރެފައި އިސް އުފުލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު ފަރުޒާނާ ލޯ މަރައިލިއެވެ. އޭނާގެ ކުރިމަތީގައި މުޖުރިމަކަށް ވެގެން، އަނިޔާވެރިއަކަށް ވެގެން މިހިރަ މީހާ އޭނާޔާ ހަތަރުކަޅި ހަމަ ކުރާންވެސް ޖެހިލުންވާ ކަން އެ ހިނދުކޮޅުގެ ތެރޭގައި ފަރުޒާނާއަށް އެނގިއްޖެއެވެ. އޭނާ ބޭނުން ވަނީ ކޮންމެވެސް އެއްޗެއްކޭ ބުނަންކަންވެސް އެނގިއްޖެއެވެ. ލޯ ލަމައިލައިގެން އޮތަސް ފަރުޒާނާއަށް އޭނާގެ އަޑު އިވޭ ކަހަލައެވެ. އެކަމަކު އެ އަޑަކު އެއްވެސް ލަފުޒެއް ނެތެވެ. އޭނާ އެއްޗެއްކޭ ބުނަން އުޅެފައި ހުއްޓައިލީއެވެ. ވާހަކަ ދައްކާން ބޭނުމެވެ. އެކަމަކު ނުއެއް ދެއްކުނެވެ.
އޭނާ ކުޑަ ކުއްޖަކަށް ވީނަމަ މާ ރަނގަޅު ވީހެވެ. އެހެންވީނަމަ އޭނާއަކަށް ވާހަކައެއް ނުދެއްކޭނެއެވެ. ލަފުޒުގެ ބޭނުން ކުރާކަށް ނޭނގޭނެއެވެ. ވާހަކަ ދައްކާން އުޅޭނެއެވެ. ލޯބި ހަރަކާތްތައް ކުރާނެއެވެ. އެ ހަރަކާތްތައް ފެނުނީމާ ދެކޭ މީހާގެ ހިތް ލޯބިން ފުރޭނެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ ވާހަކަ ދެއްކިއެވެ. އޭރު ފަރުޒާނާ އޮތީ ހޭނެތިފައެވެ. ފަރުޒާނާ ހޭ އެރީމާ ވާހަކައެއް ނުދެއްކުނެވެ. މިއީވެސް ކަންތައް ވާ ގޮތެކެވެ. އަޑު އަހާނޭ މީހަކު ނުހުންނަ ތަނެއްގައި ވަރަށް ގިނަ ވާހަކަ ދެއްކެއެވެ. އެކަމަކު އަޑު އަހާނޭ މީހަކު ހުރެއްޖެ ނަމަ ވާހަކަ ދެއްކުމުގެ ބާރު ކެނޑިގެން ހިނގައިދެއެވެ. ދެމީހުންވެސް ތިބީ ހިމޭނުންނެވެ. ވަގުތު ފާއިތުވަމުން ދަނީއެވެ. ދެމީހުން ވަނީ އެކަކު އަނެކަކަށްޓަކައި ބީރައްޓެހިންނަށް ވެފައެވެ.
ތެދުވެ އަމިއްލަ ސިފަ މި ވަގުތު ހުރިގޮތް ބަލައިލައި ހަމައަކަށް އެޅިލުމުގެ ހިތްވަރު އެބަހުރި ކަމުގެ އިހުސާސް ކުރެވުނީމާ ފަރުޒާނާ ލޯ ހުޅުވައިލިއެވެ. އެކަމަކު ބާދްޝާއާ ދިމާއަކަށް ނުބަލައެވެ. ހިތާއި ސިކުނޑިއާއި ކަންފަތް އަމާޒު ވެފައި ހުރީ އޭނާޔާ ދިމާއަށް ކަމުގައި ވިޔަސް މެއެވެ. ފަރުޒާނާ މަޑުމަޑުން ތެދުވާން އުޅުނުހެން ހީވީމާ ޖެހިލުންވެފައި ހުރެމެ ބާދްޝާ އެހީތެރިވާން ކުރިއަށް ޖެހިލިއެވެ. އޭނާޔާ ދިމާއަށް އަތް ދިއްކޮށްލާފައި ކުއްލިއަކަށް ސިހިފައި އަތް ދަމައިގެންފިއެވެ.
ޒަޚަމްވެފައި އޮންނަ ފުއްލާއެއް ފިލާކަށް ނުދުވާނެއެވެ. ސިހިސިހި އޮންނާނީއެވެ. ބާދްޝާ ފަހަތަށް ޖެހިލިއެވެ.
ފަރުޒާނާ އަލަމާރިއާ ދިމާއަށް ބަލައިލިއެވެ. އަދި ކޮޓަރި ތެރެއަށްވެސް ނަޒަރު ހިންގައިލިއެވެ. ބިންމަތީގައި އެކި ދިމަދިމާއަށް ފުޅިތޮށި ބުރައިގެން ގޮސްފައި ހުއްޓެވެ. އެހެން އެއްޗެހީގެވެސް ތަރުތީބު ހުރީ ގެއްލިފައެވެ. އެހެންވީމާ މީގެ އިރުކޮޅެއް ކުރީން ކޮޓަރި ތެރޭގައި ބޮޑު ހައިޖާނެއް ހިންގާފައި އޮތްކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެ ހައިޖާނު ހިންގި މީހާ އަދިވެސް ކޮޓަރި ތެރޭގައި އެބަހުއްޓެވެ.
އޭނާ އެހެރީ ކީއްވެގެން ހެއްޔެވެ؟ ނުދިޔައީ ކީއްވެގެން ހެއްޔެވެ؟ ފަރުޒާނާގެ ހިތަށް އެރިއެވެ. އެކަމަކު އަނގަޔަކުން ނުބުނެއެވެ. އެނދުގައި ފިރުކެމުން ލޫދެމުން ކަހަލަ ގޮތަކަށް އައިސް ދެފައި ބާލައިފިއެވެ. އަދި މަޑުމަޑުން ކުކުރަމުން ކޮޅަށް ތެދުވެއްޖެއެވެ. އޭނާ ލަސްލަހުން ހިނގާފައި ދިޔައީ ބަނޑަހަގެއާ ދިމާއަށެވެ. ބާދްޝާ ހިމޭނުން ބަލަހައްޓައިގެން ހުރީއެވެ. ފަރުޒާނާ އިލޮށިފައްޗެއް ހިފައިގެން އައިސް ފުޅިތޮށި ކަހަން ފަށައިފިއެވެ.
ބާދްޝާ ވަރަށް ހިތްވަރު ކޮށްފައި ވާހަކަ ދައްކާން އުޅުނެވެ. "ފަރުޒާނާ... އަހަރެން ވަރަށް ދެރަ ވެއްޖައިން."
(ނުނިމޭ)