ފަޅިމޫނު - 152

(20 ފެބްރުއަރީ 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސިޓީ ނިމިއްޖެއެވެ. ފަރުޒާނާ ހިމޭނުން އިނދެގެން ސިޓީއާ ދިމާއަށް ބަލަނީއެވެ. އެ ކަރުދާސްގަނޑުން ރުޚްސާނާގެ މޫނު ފައުޅުވެއްޖެއެވެ. އޭނާ ރޮނީއެވެ. ފަރުޒާނާ އޭނާގެ ކަރުނަ ފޮހެލައިދެނީއެވެ. އޭނާ ކާން ދެކޮޅުހަދަނީއެވެ. ފަރުޒާނާ އޭނާއަށް ކާންދޭން މަސައްކަތް ކުރަނީއެވެ. އޭނާ ނުނިދިގެން ދެ އަތަކަށް ފުރޮޅެނީއެވެ. ފަރުޒާނާ އޭނާ ލޮއްސަނީއެވެ.

އެކަމަކު މިއިން އެއްވެސް ކަމަކުން ކުރާނޭ ފައިދާއެއް ނެތެވެ. ކާންދިނުމާއި ކަރުނަ ފޮހެދިނުމާއި ލޮއްސުން ފަދަ ކަންކަމަކީ މައްސަލައަށް އޮތް ހައްލެއް ނޫނެވެ. ވާހަކައެއް ނުނިމޭނެއެވެ. ގެއެއް އާބާދެއް ނުކުރެވޭނެއެވެ. އެކަމަށްޓަކައި އަޅަން އޮތީ އެންމެ ފިޔަވަޅެކެވެ. ރުޚްސާނާ އެ އޮތީ އެވާހަކަ ވަރަށް ރަނގަޅަށް ލިޔެފައެވެ. މިއަދު ފަރުޒާނާއަށްވެސް އެކަން ވަރަށް ރަނގަޅަށް ވިސްނިއްޖެއެވެ. ރުޚްސާނާގެ ދިރިއުޅުން ފަހިވާނީ ފަރުޒާނާ މީހަކާ އިނީމައެވެ. ނުވަތަ ގައުމު ދޫކޮށް އެހެން ގައުމަކަށް ދިޔައީމައެވެ.

އޭނާ ގެންދިޔައީ ވިސްނަމުންނެވެ. ވިސްނުމާއެކު ކަންބޮޑުވުންވެސް ދިޔައީ އިތުރު ވަމުންނެވެ. އަމިއްލަ ކާވެންޏަކީ ކަންބޮޑުވާން ޖެހޭ ކަމަކަށް ވެއްޖެއެވެ. ހިތްހަމަ ނުޖެހޭ ކަމެއްގެ މައްޗަށް އަމަލު ބިނާކުރާނީ ކިހިނެއް ހެއްޔެވެ؟

އެ ވަގުތު ކުލިނިކަށް ބަލިމީހުން އަންނާން ފަށައިފިއެވެ. މަސައްކަތް ބުރަވެއްޖެއެވެ.

މަސައްކަތުން އަވަދިވެގެން ރޭގަނޑު ނިދަން އޮށޯތުމާއެކު ހާސްކަން ބޮޑުވާން ފަށައިފިއެވެ. ދެ އަތަކަށް ފުރޮޅިފުރޮޅި އޮތީއެވެ. ނިދި އައީ އެތައް އިރެއް ފަހުންނެވެ. އެ ރޭ ފަތިހު މާ އަވަހަށް ހޭލެވިއްޖެއެވެ. ހޭލެވުމާއެކު އިހުސާސް ކުރެވުނީ ނިދީގައިވެސް ހޭލައި އޮވެވުނު ކަމުގައެވެ.

އޭނާ ފެންވަރައި ތައްޔާރު ވެގެން ބޭރަށް ނުކުމެއްޖެއެވެ. ކުލިނިކު ބަންދު ކުރުމަށް ފަހު ތަޅުދަނޑި އަރުޝަދާ ހަވާލު ކޮށްފިއެވެ. "ކުލިނިކު ހުޅުވާ ގަޑި ޖެހުނީމާ އަހަންނަށް އިންތިޒާރު ކުރާތި. ފަހަރެއްގައި ލަސް ވެދާނެ. އެކަމަކު ހުޅުވާ ގަޑިއަށް އާދެވޭތޯ ބަލާނަން."

އޭނާ ދިޔައީ ނާޒިމްއާބާދަށް، ފަރީދު އަޙްމަދުގެ ގެއަށެވެ. ގޭ ދޮރުމަތީގައި ޖަމްޝީދުގެ ކާރު އޮތެވެ. އޭނާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ގޭތެރޭގައި ޖަމްޝީދާއި ރުޚްސާނާގެ މަންމަ އޮލަ ވާހަކައެއްގައި ތިއްބެވެ. އެއް ފަރާތުގައި ހިމޭނުން އިށީނދެގެން އިނީ ފަރީދު އަޙްމަދެވެ. ފަރުޒާނާ ފެނުމާއެކު ޖަމްޝީދާއި ރުޚްސާނާގެ މަންމަ ހިމޭން ވެއްޖެއެވެ. ދެ މީހުން އޭނާޔާ ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލާން ފަށައިފިއެވެ.

"ދައްތާ. އިއްޔެ މާމަ ދަރި ގެއްލިގެން ރޮއި ނެގީ. މިހާރު ބާރަށް ހެނީ މާމަދަރި ފެނުނީމާތަ؟"

ރުޚްސާނާގެ މަންމަ ރުޅި އައިސްފައި ބުންޏެވެ. "އަހަރެމެންގެ މައްސަލަތަކުގެ ތެރެއަށް ވަދެ ވާހަކަދައްކަން ތިޔައީ ކާކު؟ މިތަނަށް އައީ ކީއްކުރަން؟ ނުކުމެގެން ދޭ."

"އަހަރެން މި އައީ އެނބުރި ދާ ގޮތަކަށް ނޫން. އަހަރެން މި ގެ ހަލާކުވެ ބަރުބާދު ވެގެން ދިޔަކަ ނުދޭނަން."

"މިގެ ކަލެއަށް އާބާދު ކުރެވޭނީ ކިހިނެއް؟ ބަރުބާދީގެ މުގުލުގައި ހުރީ ކަލޭ. ހުރިހައި ކަމެއް އިސާހިތަކު އެނގިދާނެ. ޖަމްޝީދު އެ އައީ ބާދްޝާއާ ދެކޮޅަށް މައްސަލަ ޖައްސާފައި. އަހަރެމެންގެ ދަރިފުޅު ވަގަށް ނެގި މައްސަލަ ފުލުސް އޮފީހަށް ރިޕޯޓު ކޮށްފައި. ފުލުހުން އޭނާ ހައްޔަރު ކުރާނެ. ކޯޓަށް ގެންދާނެ. މަދު ވެގެން ހަތް އަހަރަށް އަހަރެމެންނަށް ދަރިފުޅު ލިބޭނެ. ޖާނީގެ އަތުން އަހަރެމެންގެ ދަރިފުޅު ޖަހައިގަންނާނަން."

ފަރީދު އަޙްމަދު ތެދުވެއްޖެއެވެ. "ކަނބުލޯ އިށީނދޭ. މި އަންހެންމީހާ އެ ދައްކަނީ ހޮޅިވާހަކަ. މި ދެ މީހުންގެ ވާހަކަ އަޑު އަހަން ބޭބެ އިންނަތާ ވަރަށް ގިނައިރު ވެއްޖެ. މި މީހުން އަދި ފުލުސް އޮފީހަކަށް ރިޕޯޓެއް ނުކުރޭ. އަހަރެންގެ ދަނބިދަރިފުޅާ ދެކޮޅަށް ރިޕޯޓު ކުރިޔަކަ ނުވެސްދޭނަން. މިސްޓަރ ޖަމްޝީދު. އަހަރެން މި ބުނަނީ ވަރަށް މަޑުމައިތިރިކަމާއެކު ވަރަށް ރީތިކޮށް. މި ގެއިން ނުކުމެގެން ދޭ. މީގެ ފަހުން މި ގެއަށް ވަދެގެންވެސް ނުވާނެ."

ރުޚްސާނާގެ މަންމަ ފުންމައިގެން ތެދުވެއްޖެއެވެ. "ތިޔަ ކިޔަނީ ކީކޭ؟ އަހަރެންގެ ގެއިން ޖަމްޝީދު ނެރެން ތިޔައީ ކާކު؟"

ފަރީދު އަޙްމަދު ވަރަށް ބާރަށް ބުންޏެވެ. "އަނގަ މަޑުން ލައިގެން އިނދޭ. މިއަދު އަހަރެންގެ ފިރިހެންކަން ކަލެއަށް ދައްކައިލާނަން. މި ކަހަލަ ގޮތަކަށް ކަންތައް ކޮށްގެން ނޫނީ އަންހެނަކަށް ނުއެއް ވިސްނޭނެ. ހިމޭނުން އިނދޭ. އަހަރެން ލައްވައި ހުތުރު އެއްޗެހި ކިޔުއްވާށާއި ފައިވާން ކިބައިން ދެތިން ބޮނޑި އަޅަން މަޖުބޫރު ނުކުރާތި."

ރުޚްސާނާގެ މަންމަ ހައިރާންވެ އާގަމަވެފައި ހުރެއްޖެއެވެ.

ފަރީދު އަޙްމަދު ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެން މިހައި ތަނަށް ހުރީ ކަލޭ ކުރާ ކަމެއް އެއީ ރަނގަޅު ކަމަކަށް ވިޔަސް ނުބައި ކަމަކަށް ވިޔަސް ގަބޫލުކޮށްގެން. އެކަމަކު ހަނދާންކުރާތި. އަހަރެންގެ ދަރިފުޅު ވަރިކުރުވުމުގެ ކުރިން އަހަރެން ކަލޭ ވަރިކޮށްފައި ގެއިން ނެރެލާނަން."

ދެން އޭނާ ރުޅިވެރިކަމާއެކު ޖަމްޝީދާ ދިމާއަށް ބަލައިލިއެވެ. "އަދިވެސް ކަލޭ އިނީތަ؟" ދެން ބުނެލީ އިނގިރޭސި އިބާރާތެކެވެ. "ގެޓް އައުޓް!"

ޖަމްޝީދު ތެދުވެގެން ނުކުންނާން ހިނގައިގެންފިއެވެ. ދޮރާ ހަމައަށް ގޮސްފައި އެނބުރި ބަލައިލިއެވެ. "ކަލޭމެން އަހަންނަށް ތިޔަކުރީ ވަރަށް ބޮޑު ތައުހީނެއް. ކޯރުގައި އޮވެގެން ކިނބުލާ ދެކޮޅުވެރި ވެގެން ނުވާނެކަން ހަނދާން ނެތުނީތާ! ކަލޭމެންގެ ދަރިފުޅު އަދިވެސް އިނީ އަހަރެންގެ ބެލުމުގެ ދަށުގައި ލަންޑަނުގައި. އަހަރެން ބޭނުމިއްޔާ…"

ފަރުޒާނާ ޖަމްޝީދާ ދިމާއަށް ރުޅިވެރިކަމާއެކު ބަލައިލިއެވެ. "ކަލޭ ކަމެއް ބޭނުންވާ އިރަކަށް އެކަމެއް ވުން ލާޒިމެއް ނޫން. ދޮގު ހެދުމުން ދުރުހެލިވެ، ތައުބާވެ ތަދުމަގަށް އެނބުރި އަމިއްލަ ދިރިއުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާ މީހަކާއެކު ﷲ ވޮޑިގެން ވާނެ. އަހަރެމެންނަށް ބިރު ދައްކާނެ ކަމެއް ނެތް. ނުކުމެގެން ދޭ."

ތައުހީނުގެ އިހުސާސާއެކު ޖަމްޝީދު ނުކުމެގެން ހިނގައްޖެއެވެ. ރުޚްސާނާގެ މަންމަ ހިމޭނުން ދޮރާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ.

ފަރީދު އަޙްމަދު ބުންޏެވެ. "އަހަރެންގެ ވާހަކަ ނިކަން ރަނގަޅަށް އަޑުއަހާ. މީގެ ފަހުން ރުޚްސާނާއަށް ލިޔާ ކޮންމެ ސިޓީއެއް ލިޔަން ވާނީ އަހަރެން ބުނާ ގޮތަކަށް. ޖާނީއަށް ހުރިހައި ކަމެއް އެނގިއްޖެކަން ރުޚްސާނާއަށް އެއްގޮތަކަށްވެސް އެނގުނަދީގެން ނުވާނެ. ދަރިފުޅު ގޮވައިގެން ދިޔަކަންވެސް އަންގައިގެން ނުވާނެ."

ފަރުޒާނާ ބުންޏެވެ. "ބޭބޭ. އަހަރެން މި އައީވެސް ތިޔަހެން ބުނަން ވެގެން. އަހަންނަށް ރުޚްސާނާގެ ސިޓީއެއް ލިބިއްޖެ. އޭނާ އެ ހުންނަނީ ޖާނީއާއި ކާމީގެ ކަންތަކާ ވަރަށް ބޮޑަށް ހާސްވެފައި. އޭނާގެ އެ ހާސްކަން ފިލުވައި ދިނުމާއި ލަންޑަނުގައި ހަމަޖެހިލައިގެން އުޅެވޭނޭ މަގު ފަހިކޮށް ދިނުމަކީ އަހަރެމެންގެ މައްޗަށް އޮތް ވާޖިބެއް. އަހަރެމެން ފަރުވާ ކުޑަ ކޮށްލައިފިއްޔާ އެ ފަކީރަށް އުޅެން ޖެހޭނީ ވަރަށް ދަތި ހާލެއްގައި."

ރުޚްސާނާގެ މަންމަ ބުންޏެވެ. "އަހަރެމެން ސިޓީ ނުލިޔުނިއްޔާ އޭނާއަށް ނޭނގޭނީތަ؟ ޖަމްޝީދު ގޮސް ހުރިހައި ވާހަކައެއް ކިޔައިދޭނެ."

ފަރުޒާނާ ބުންޏެވެ. "ޖަމްޝީދު ކިޔާހައި އެއްޗެއް ރުޚްސާނާ ގަބޫލެއް ނުކުރާނެ. އޭނާ ގަބޫލުކުރާނީ ދައްތަ ދައްކާ ވާހަކަ. އޭނާ އިތުބާރު ކުރަނީ ދައްތައަށް. ދައްތަ ލިޔާ ކޮންމެ ވާހަކައެއް އޭނާ ގަބޫލުކުރާނެ. މީގެ ފަހުން ދައްތަ ލިޔަންވާނީ އަހަރެމެން ބުނާ ވާހަކައެއް."

ފަރުޒާނާގެ ވާހަކަ އިވިފައި ރުޚްސާނާގެ މަންމަގެ ރުޅި ގަދަވެއްޖެއެވެ. "އަހަރެން ލިޔަންޖެހޭ ވާހަކައެއް ބުނަން ތިޔައީ ކާކު؟"

ފަރީދު އަޙްމަދު ވަރަށް ބާރަށް ބުނެލިއެވެ. "އަނެއްކާ އަނގަގަދަ ކުރަން ފެށްޓީތަ؟ މީގެ ފަހުން ފަރުޒާނާޔާ އަރައިރުން ވިޔަސް އޭނާގެ ހިތުގައި ޖެހޭ ކަހަލަ އެއްޗެކޭ ބުންޏަސް ކަލޭ މުޅި އުމުރުދުވަހު ރޯން ޖެހޭ ކަހަލަ ކަމެއް ކޮށްލާނަން."

ފަރުޒާނާ އަހައިލިއެވެ. "ޖާނީގެ ޚަބަރެއް ވެއްޖެތަ؟"

"އަދި އެއްވެސް ޚަބަރެއް ނުވޭ. އަހަރެމެން ރޭ ހަތަރުދަމު ތިބީ އޭނާގެ ގޭ ދޮށުގައި. އެ ގޭ ދޮރު އަދިވެސް ހުރީ ތަޅުލާފައި."

ފަރުޒާނާ އަހައިލިއެވެ. "ޖާނީ ރުޚްސާނާއަށް ސިޓީ ލިޔާ ގޮތް އެނގޭތަ؟ މި ބުނީ އޭނާ ލިޔަނީ އަމިއްލައަށް ހެއްޔޭ… ނޫނީ މީހަކު ލައްވައި ލިޔުއްވަނީހޭ."

"އޭނާ ލިޔަން ކިޔަން ދަނޭ. އެކަމަކު އެހައި ފޮނިކޮށް ލިޔަން ނޭނގޭތީ އޭނާގެ ރައްޓެހި ޅެންވެރިޔަކު ލައްވައި ލިޔުއްވާ ކަމަށްވޭ. އެއީ ކުރަހާވެސް މީހެއް. ނަމަކަށް ކިޔާތީ އަހަނީ މުސައްވިރޭ."

"ބޭބޭ. ތިޔަ ބުނާ މީހަކު ހޯދުމަކީ ވަރަށް މުހިއްމު ކަމެއް. އެމީހާ ލައްވައި ސިޓީ ލިޔުއްވާނީ. ގޭގެ ހުރިހައި ކަމެއް ރަނގަޅު ކަމަށް ރުޚްސާނާއަށް ދެއްކުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނޭ ކަމެއް."

"ކަނބުލޯ. ރުޚްސާނާގެ ހިތް ހަމަޖައްސައިދޭން ތިޔަ ކުރީ ވަރަށް މޮޅު ބުއްދިއެއް. ތިޔަ ވިސްނުމާއިގެން ކުރިއަށް ދާންވީ. އެކަމަކު އެމީހާ ހޯދާނީ ކިހިނެއް؟"

"ޖާނީ ކާރު ގެންދާ ގަރާޖު އަހަރެން ދަންނަން. އެއީ އިންޖިނޭރުބޭބެގެ ގަރާޖު."

"ބޭބެވެސް އެތަން ދަންނަން. ހިނގާ ދާން."

ދެ މީހުން އެކުގައި ބޭރަށް ނުކުންނާން ހިނގައިގެންފިއެވެ. ދޮރާ ހަމައަށް ގޮސްފައި ފަރީދު އަޙްމަދު އެނބުރި ބަލައިލިއެވެ. "މިއަދުން ފެށިގެން އަހަރެންގެ ހުއްދަޔަކާ ނުލައި ގެއިން ބޭރަށް ނުކުމެގެން ނުވާނެ. ޖަމްޝީދު މިގެއަށް ވަނަދީގެންވެސް ނުވާނެ. އޭނާޔާ ވާހަކަވެސް ދައްކައިގެން ނުވާނެ. އަހަރެން އެބަ އަންނަން."

މިހެން ބުނެފައި ދެ މީހުން އެކީގައި ބޭރަށް ނުކުމެއްޖެއެވެ. ރުޚްސާނާގެ މަންމަ އިރުކޮޅެއް ވާންދެން ދޮރާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެޔަށް ފަހު ތެދުވެގެން ރުޅި އައިސް ރަތްވެފައި ހުރެގެން ގޭތެރޭގައި ކުރުކާލި ކަނޑަން ފަށައިފިއެވެ. އެޔަށް ފަހު ގޮސް ފަރީދު އަޙްމަދާއި ފަރުޒާނާ ހިނގާފައި ދާތަން ބަލަން އިރުކޮޅަކު ހުރުމަށް ފަހު ވަރަށް ބާރަށް ދޮރު ލައްޕައިފިއެވެ. ގޭތެރޭގައި ހުރި އެއްޗެހި ތަޅައި ސުންނާފަތި ކޮށްލައިފާނަމޭވެސް ހިތަށް އެރިއެވެ. އެކަމަކު އެހެން ހުރެފައި ގޮސް ސޯފާއަށް ވެއްޓިގެންފިއެވެ.

(ނުނިމޭ)

1 ޚިޔާލު

  1. ނައިންބޭ ތިޔަ ތަންކޮޅެއް އަވަހަށް ބައިތައް މަތިކޮށްބަލަގަ. މިހާރު ކިޔާ ހިތުން ލޮލުފިޔަ ނުޖެހޭ................

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.