(8 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަރުޒާނާ ކުޑައިރުކޮޅަކު ހިމޭނުން، އިސް ދަށަށްޖަހައިލައިގެން ހުރުމަށް ފަހު އަނެއްކާވެސް ވާހަކަ ދައްކާން ފަށައިފިއެވެ. "މި ނޫނަސް ވަރަށް ގިނަ ވާހަކަ ރުޚްސާނާ ލިޔެފައި ހުރި. އެކަމަކު ޖާނީއަށް ސިއްރު ކުރާ ވަކި ކަމެއްގެ ވާހަކަ ލިޔެފައެއް ނެތް. ހުސްހަށިބައި މީހަކަށް ހެދިގެން ފުރައިގެން ދިޔަ ސަބަބެއްވެސް ލިޔެފައެއް ނެތް. އެކަމަކު މަންމާ. އަހަންނަށް އެއް ކަމެއް ވަރަށް ރަނގަޅަށް އެނގުނު. ރުޚްސާނާ އަކީ ކޮންމެ ކަހަލަ ކުއްޖަކަށް ވިޔަސް ލަދުހަޔާތް ކުޑަ ބޭވަފާތެރި ކުއްޖެއް ނޫންކަން ވަރަށް ރަނގަޅަށް އެނގުނު. ކިތަންމެ ބޮޑު ނުރައްކަލަކާ، ކިތަންމެ ބޮޑު ދެރަޔަކާ ކުރިމަތިލާން ޖެހުނަސް ޖާނީގެ އިތުބާރަށް ބުރޫ އަރާ ކަހަލަ އެއްވެސް ކަމެއް އޭނާ ނުކުރާނެ. އެހެން ފިރިހެނަކާ ވައިވެސް ނޭޅޭނެ."
"މަންމާ. އެ ވަގުތު އަހަރެން ފައިސަލާ ކޮށް ނިންމައިފިން. މީގެ ފަހުން ދުވަހަކުވެސް ޖާނީގެ ކުރިމައްޗަކަށް ނުނުކުންނާނަން. ފިރިމީހާއަށް ކަންތައްތައް ސިއްރުކޮށްގެން އުޅުމުގެ ސަބަބުން ލިބޭން އޮތް ގެއްލުމެއް ވިއްޔާ ރުޚްސާނާއަށް ލިބޭނެ. ފަހަރެއްގައި ނުލިބިވެސް ހިނގައިދާނެ. އެއީ އެ ދެމަފިރިންގެ އަމިއްލަ ކަމެއް. އެމީހުންގެ ކަންތައްތައް ހައްލު ކުރާނީ އެމީހުން އަމިއްލައަށް. އަހަރެން އެމީހުންނަކާ ކައިރިއެއް ނުވާނަން. ޖާނީއަށް އަހަންނާ ކައިރިއަށް އާދެވޭނޭ ގޮތެއް މެދުވެރި ނުކުރައްވާތޯ މަންމަވެސް ދުއާކުރޭ."
އޭނާ އިސްއުފުލައި ހަރުގަނޑާ ދިމާއަށް ބަލައިލިއެވެ. ބިއްލޫރިގަނޑުން މަންމަގެ ސޫރަ ފެނެއެެވެ. އެކަމަކު މި ފަހަރު ތަފާތެވެ. އެހައި ގިނައިރު ވީއިރުވެސް މަންމަ ހަރަކާތެއް ނުކުރެއެވެ. ފާރާ ދިމާއަށް ބަލަހައްޓައިގެން އޮތީއެވެ. އޭނާ ގޮވައިލިއެވެ. "މަންމާ."
އޭނާ އެނބުރި ބަލައިލިއެވެ. "އަނގައިން ނުބުނެ އޮތީ ކީއްވެގެން؟ މަންމާ. ވާހަކަ ނުދައްކަނީ ކީއްވެގެން؟"
ޖަވާބެއް ނުލިބުނެވެ.
އޭނާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. ދެތިން ފިޔަވަޅެއް ކުރިއަށް ޖެހިލައި ގުދުވެފައި މަންމަގެ ލޮލަށް ބަލައިލިއެވެ. އޭނާއަކީ ޑަކްޓަރެކެވެ. އެހެންވީމާ ވެގެން އުޅޭގޮތް ވަރަށް ސާފުކޮށް އެނގިއްޖެއެވެ. އޭނާ މަންމަގެ ވިންދު ބަލައިލިއެވެ.
ދެވަނަ ސިކުންތުގެ ތެރޭގައި ކޮޓަރިތެރެއަށް އަރައިގެން ދިޔައީ އޭނާގެ ބާރު ރުއިމުގެ އަޑެވެ.
* * *
ލަންޑަނުގެ ފަޒާއަށް ވެރިވެފައި ވަނީ ދުންފިނީގެ އަސަރެވެ. ޖައްވުގެ ފިނިކަމުގެ ސަބަބުން އަމިއްލަ ވަޒަނުގެ ޖައްވުން ލިބޭ އަވީގެ ހޫނުކަން ނެތްކަމުގެ އިހުސާސް ރުޚްސާނާއަށް ކުރެވުނެވެ. ވައިގެބަނދަރުގެ އިމާރާތުގެ ތެރެއިން އެކި ނަސްލުގެ އެކި ގައުމުގެ މީހުން ފެނުނެވެ. ގިނައީ އިނގިރޭސި އަންހެނުންނެވެ. އެމީހުން އަޅައިގެން ތިބީ ޒަމާނީ ހެދުމެވެ. މޫނުމަތީން ފެންނަނީ އުފާވެރިކަމުގެ އަސަރެވެ. ހަށިގަނޑު ތެދުވެފައި ރީއްޗެވެ. ރުޚްސާނާ ހުރީ އޭނާގެ މޫނުގެ އެއްފަޅި ފޮރުވައިގެންނެވެ. ވީހައިވެސް އަވަހަކަށް ފަރުވާގެ ކަންތައް ނިމިގެން ރީތި އަދި ފުރިހަމަ މޫނަކާއެކު މީހުންގެ ތެރެއަށް ނުކުމެ އުޅެވޭނޭ ދުވަހެއް އަވަހަށް ދައްކަވާތޯ އޭނާ ހިތުގެ އަޑީން ދުއާ ކުރަމުން ގެންދިޔައެވެ.
އެއީ ވަރަށް ބީރައްޓެހި މާހައުލެކެވެ. ޖަމްޝީދު ނެތްނަމަ އޭނާ ބިރުން އަވަދިވީހެވެ. ޖަމްޝީދު އޭނާގެ ސާމާނު އަތްމަތީ ގާޑިޔަލަކަށް އަރުވަމުން ބުންޏެވެ. "ހިނގާ. މިއީ ލަންޑަން. މިތާކުން ދާގީނާ އުފުލައިދޭ މީހުންނެއް ނުފެންނާނެ. އެމީހެއްގެ ދާގީނާ އުފުލަން ޖެހޭނީ އެމީހަކު އަމިއްލައަށް."
ދެމީހުން އެކީގައި ހިނގައިގެންފިއެވެ. އަނެއްކާވެސް ވާހަކަ ދައްކާން ފެއްޓީ ޖަމްޝީދެވެ. "ހުރިހައި ސާމާނެއް ނުގެންދިޔަޔަސް އެންމެ ރަނގަޅު ވާނެ. ބޭނުމިއްޔާ ބައެއް ތަކެތި މިތާނގައި ރައްކާކޮށްފައިވެސް ބެހެއްޓިދާނެ."
ރުޚްސާނާ ބުންޏެވެ. "އެންމެ ފުރަތަމަ ބަލަންވީ އަހަރެން ހުންނާނޭ ތަނެއްނު؟ ސާމާނު ބޭނުންވާނޭ ވަރެއް އެނގޭނީ އޭރުންތާ."
ޖަމްޝީދު ހިނިތުންވެލިއެވެ. "އަހަރެން ހުންނާނީ ޗެލްސީން އެޕާޓްމަންޓެއް ހިފާފައި. ވަރަށް އަރާމު ތަނެއް. މި ހުރިހައި އެއްޗެއް އެތާނގައި ބެހެއްޓޭނެ. އަހަރެމެން އުޅޭނީ އެތާނގައި."
"ޖަމްޝީދުވެސް އުޅޭނީ އެތާނގައިތަ؟"
"އާނ."
"އެކަމަކު އަހަރެން ބުނީމެއްނު..."
"އާނ. އެކަނި އުޅެން ބޭނުން ވާހަކަ ބުނި. އެކަމަކު މިއީ ވަރަށް އަގުބޮޑު ރަށެއް."
"އަގުގެ ކަންތައް ހަމަޖައްސައިލެވިދާނެ. އަހަރެން އައުމުގެ ކުރިން ވަޒީފާއެއް ހަމަޖައްސައިދޭށޭވެސް ބުނީމެއްނު؟"
"ހަމަޖައްސައިދޭނަން. ބުނި ގޮތަކަށް ކަންތައް ކޮށް ދޭނަން."
"ޖަމްޝީދު. އަހަރެންގެ މިޒާޖު ތަފާތު. އެހެން މީހަކާ އެކީގައި އެއް ތަނެއްގައި އުޅުމަކީ އަހަރެންގެ މިޒާޖާ ގުޅޭ ކަމެއް ނޫން."
"ބަލަ، އައިސް ފޭބުމާއެކު އަރައިރުންވާން ފެށްޓީތަ؟ ފުރަތަމަ ގެއަށް ހިނގާ. ބައްޕަޔާވެސް ބައްދަލު ކުރަން ވާނެއެއްނު؟"
"ބައްޕައޭ؟ ކޮން ބައްޕައެއް؟"
"އަހަރެންގެ ބައްޕަ. އަހަރެންގެ ބަފާ. އަހަރެންގެ ފާދަރު. އަހަރެންގެ ކާފަގެ ދަރި. އެނގިއްޖެ؟"
ރުޚްސާނާ ބާރަށް ހީނގެންފިއެވެ.
ކުޑައިރުކޮޅެއް ފަހުން އޭނާ އިނީ ޖަމްޝީދާއެކު ކާރެއްގައެވެ. ކާރު ލަންޑަނުގެ މަގުތަކުގައި އޮވެގެން ދުވެފައި ދަނީއެވެ. "އަހަރެމެން ޑޮކްޓަރަށް ދައްކަން ދާނީ ކޮން އިރަކު؟"
"ގަޑި ހަމަޖެހިފައި އޮތީ މާދަމާ ހެނދުނު ދިހަޔަކަށް. އެވާހަކަ ފަހުން ދައްކާނީ. އިހަށް މި ރަށް ބަލައިލަބަލަ. މިއީ މީގެ ކުރިން ހަމައެކަނި ފޮތްފޮތުން ކިޔައި އުޅޭ ލަންޑަނެއްނު؟"
"ލަންޑަނުގެ މައްޗަކަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އަހަރެންގެ ޝައުގުވެރިކަން ހުރީ ހަމައެކަނި އަހަރެންގެ މޫނުގެ މައްޗަށް."
"ސީދާ ތެދަށް ވާހަކައެއް ބުނަންތަ؟ އަމިއްލަ ނަފުސުގެ މައްޗަށް ޝައުގުވެރިކަން ބަހައްޓަން ބޭނުމިއްޔާ އެހެން މީހުންގެ މައްޗަށްވެސް ކޮންމެވެސް ވަރެއްގެ ޝައުގުވެރިކަމެއް ބެހެއްޓުމަކީ މުހިއްމު ކަމެއް."
"އަހަރެން ކުޑަކޮށް ގަބު ވާނެ. ތިޔަ ކިޔާ އެއްޗެއް ތަންކޮޅެއް ތަފުސީލުކޮށް ކިޔާބަލަ."
"ރުޚްސާނާ ކަހަލަ ރީތި ބައިވެރިޔަކު..."
ރުޚްސާނާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ޖަމްޝީދުގެ ފުރަތަމަ ވާހަކަވެސް ނުބައި. އަހަރެން މިއީ ރީތި މީހެއް ނޫން."
"ހޫނ... އަހަރެން މިހިރީ ކޮލެޖުގެ ދުވަސްވަރު ރުޚްސާނާގެ ރީތިކަން ފިސާރި ރަނގަޅަށް ދެކެފައި. ބަލަން ހުންނާތި. ހަމަ އެ ރީތިކަން އެނބުރި އަންނާނެ."
"ﷲ ޖަމްޝީދުގެ ދުލުގައި ބަރަކާތް ލައްވާށި. ތަހުޒީބު އަބުރުވެރި އިންސާނެއްގެ ހިތުގައި އޮންނަ ހުރިހައި އުފާވެރިކަމެއް އަހަރެން ފުރިހަމަ ކުރާނަން. އެކަމަކު އެއްވެސް ކަހަލަ މަޖުބޫރުކަމެއްގެ ތެރެއަށް ވަނުމަކީ އަހަރެން ކުރާނޭ ކަމެއް ނޫން."
"ސާބަހޭ. ތިޔައީ ވަރަށް އުފާވެރި ވާހަކައެއް."
ގާތްގަނޑަކަށް ސާޅީސް ފަސް މިނިޓެއްހާއިރު ކާރު ދުއްވުމަށް ފަހު ޖަމްޝީދު ބުންޏެވެ. "މިހާރު އަހަރެމެން މި ވަންނަނީ ޗެލްސީގެ ސަރަހައްދަށް. އެހެރަ ފެންނަ ބޮޑު އިމާރާތަށް ބަލައިލަބަލަ. އެއީ ޗެލްސީ ރޯޔަލް ހޮސްޕިޓަލް. ރުޚްސާނާގެ މޫނުގެ އެކްސްރޭއާއި ފޮޓޯތައް މިހާރު ހުންނާނީ އެ ހަސްފަތާލަށް ފޮނުވާފައި. އަހަރެމެން އުޅޭ ތަނުން ހިނގާފައި ދިހަވަރަކަށް މިނިޓުން ހަސްފަތާލަށް ދެވޭނެ. ރަނގަޅެއްނު ދޯ؟ ޑޮކްޓަރަށް ދައްކަން ދާކަށް ދުއްވާ އެއްޗެއްގެ ބޭނުމެއް ނުޖެހޭނެ. ހިނގާލާފައި ދެވޭނެ."
(ނުނިމޭ)
ޙަފްޞާގެ ލިސްޓަށް (ދިވެހި ބަހާއި, ލިޔުންތެރިކަމާއި, އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވައި, ތަރުޖަމާކުރުމުގެ ދާއިރާއިން ގައުމީ އިނާމު ލިބިލެއްވި) ޢަބްދުއްޝުކޫރު ޢަލީ އިތުރުކޮށްލާނަން.
ރާއްޖޭގައި އެންމެ ގިނަ ދުވަސްވާންދެން ނެރުނު އެއް މަޖައްލާ "އާބާރު"ގެ އެއް ބާނީ, ،ޝުކޫރުގެ ލިޔުއްވުންތަކުގެ ތެރޭގައި ކުރު ވާހަކައާއި, ނާވިލާއި, ޖޯކު ވެސް ހިމެނޭ.ތަރުޖަމާ ވާހަކައިގައި އަޅުގަނޑުގެ ފުރަތަމަ ހޮވުން ކަމަށްވާ ޝުކޫރު ތަރުޖަމާ ކުރެއްވި ޖާސޫސީ ވާހަކައާއި, ބިރުވެރި ވާހަކައާއި, ލޯބީގެ ވާހަކައިގެ ތެރެއިންް އެތައް ވާހަކައެއް ކިޔުމުގެ ނަސީބު ލިބުނު. ޝުކޫރު ނެތުމަށްފަހު ތަރުޖަމާ ވާހަކައިގައި އަޅުގަނޑަށް ނަޢީމު ވަރެއްނެތް. އިތުރު ކުރިއެރުން ދެއްވާށި
vvv. reethi furihama
މާޝާ ﷲ ސަމީމާ ޔަޙްޔާ އާއި ގައްދޫ މުޙައްމަދު ރަޝީދަށް ފަހު ދިވެހި އަދަބިއްޔާތުގެ ތަރުޖަމާ ކުރުމުގެ ފަންނުގައި ކުރިއަރަމުން އަންނަ ތަރި ޢަބްދުﷲ ނަޢިމު ތިޔަ ކުރައްވާ މަސައްކަތަށް އައްސަރި ބަހާ ސާބަސް👏👏👏👏👏👏👏👏😍😍😍😍😍💯😂💯😂😂💯💯