ފަޅިމޫނު - 5

(2 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ ކުއްޖާ ސަމާލުވެލިއެވެ. "އަހަރެން ހީކުރީ ދޮގެއް ހަދައިލީ ކަމަށް. އަތުވެއްޖައިން ދޯ؟"

"އެއީ ފިރިހެނެއްގެ ވައުދެއް. ކާރުގެ ބުރެކި ހަލާކު ވެދާނެ. އެކަމަކު ފިރިހެނެއްގެ ވައުދެއް އުވައެއް ނުލާނެ."

އެ ކުއްޖާ ކުޑަކޮށް ޖެހިލުންވެފައި ހުރެގެން ކާރާ ދިމާއަށް ހިނގައިގެންފިއެވެ. ވަރުބަލިވެފައި ހުރިކަން ވަރަށް ސާފުކޮށް އެނގެއެވެ. ބާދްޝާ އަހައިލިއެވެ. "ކަންބޮޑުވެފައި ހުރިހެން ހީވޭ. މީހަކު އެއްޗެކޭ ބުނީތަ؟ އެ މީހެއްގެ ނަން ބުނޭ. މިހާރު ދާ ގޮތަށް ގޮސް އެ މީހަކު މަސްހުނިގަނޑެއްހެން މޮޑެލާނަން."

އެ ކުއްޖާ ފަހަތު ދޮރާ ދިމާއަށް ދަމުން ބުންޏެވެ. "ނޫނޭ. އެކަހަލަ ކަމެއް ވީއެއް ނޫން. އަހަންނާ ދިމާއަށް މީހަކު ބުނާނީ ކީކޭ؟"

އޭނާ ދޮރު ހުޅުވައިލިއެވެ. އަރަން އުޅެފައި ކުޑަކޮށް މަޑުޖެހިލިއެވެ. ފުރަތަމަ އަޅައިގަތީ ނުކުތް މީރު ވަހުގައެވެ. ވަރުބަލިކަމުގެ ދިގު ދުވަހަކަށް ފަހު ފިނިފިނި ވައިރޯޅިއެއްގެ މެދަށް ނުކުމެވުނު ކަހަލައެވެ. ދެން ފެނުނީ ގޮނޑީގައި ހުރި ފިނިފެންމަލުގެ ފިޔައެވެ. އޭނާ ހައިރާންވެފައި ބާދްޝާއާ ދިމާއަށް ބަލައިލިއެވެ. އެޔަށް ފަހު ކާރަށް އަރައި ދޮރު ލައްޕައިފިއެވެ. ބާދްޝާ އަވަސް އަވަހަށް ކުރީ ގޮނޑިއަށް އަރައި ހަމަޖެހިލިއެވެ. އޭރުވެސް އެ ކުއްޖާ އިނީ ފިނިފެންމަލުގެ ފިޔަތަކާ ދިމާއަށް ބަލަހައްޓައިގެންނެވެ.

ކުޑައިރުކޮޅަކު އެހެން އިނުމަށް ފަހު އިސް އުފުލައި ބާދްޝާއާ ދިމާއަށް ބަލައިލިއެވެ. އެ ކުއްޖާއާ ހަތަރުކަޅި ހަމަކުރާކަށް ބާދްޝާއަކަށް ނުކެރުނެވެ. އެހެންވީމާ އަވަސްއަވަހަށް ހުންގާނުގައި ހިފައިފިއެވެ. ތެޅިތެޅި އޮތް ހިތަށް އެރިއެވެ. އޭނާޔާ ދިމާއަށް ބަލާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ލޮލާއި މޫނުމަތީގައި ކޮންމެވެސް އެއްޗެއް ލިޔެވިފައި ހުރި ކަހަލައެވެ. އެކަމަކު އަހަރެން މިއީ ނުކިޔަވައި ހުރި މީހަކަށް ވާތީ ކިޔާކަށް ނޭނގެއެވެ. ނަޒަރުގެ ބަހުރުވަ ދަސްކުރާނީ ކޮން މަދަރުސާއަކުން ހެއްޔެވެ؟ އަންހެންކުދިން ވާނީ އަންހެންކުދިންނަށެވެ. މިފަދަ ދަނޑިވަޅުތަކުގައި އެކުދިން ވެގެން ދަނީ ބޮޑެތި އަރަތަށެވެ. އެއިން އަރަތެއް ހައްލުކުރުމަކީ ކުރާކަށް ފަސޭހަ ކަމެއް ނޫނެވެ.

އޭނާ އިރުކޮޅަކު ހިމޭނުން އިނެވެ. ކާރު އިސްޓާޓު ކުރާކަށްވެސް ހަނދާނެއް ނެތެވެ. އިންތިޒާރު ކުރަމުން ދަނީ އެ ކުއްޖާ ކޮންމެވެސް އެއްޗެކޭ ބުނާނޭ ވަގުތަކަށެވެ. މިއީ ކޮން ކަމެއްހޭ އެ ކުއްޖާ އަހާނެއެވެ. މި ގޮނޑީގައި މިހިރީ ކޮން ފިޔަތަކެއްހޭ އަހާނެއެވެ. ކާރުގައި މި ދުވަނީ ކޮން މީރު ވަހެއްހޭ އަހާނެއެވެ. މީގެ ކުރިން ކަލޭ ހުރީއަކީ މިހާރު ތިޔަހަރަ ގޮތަކަށް ނޫނޭ ބުނާނެވެ. އެނބުރި އައި އިރު ސިފައަށް އައިސްފައި ތިޔަހުރީ ކޮން ބަދަލެއް ހެއްޔޭ އަހާނެއެވެ. މި ހުރިހައި ކަމެއްގެ ބޭނުމަކީ ކޮބައި ހެއްޔޭވެސް އަހާނެއެވެ. އޭނާ އިންތިޒާރު ކުރަމުން ދަނީ މި ސުވާލުތަކަށެވެ.

އެންމެ ފަހުން ކާރު އިސްޓާޓު ކޮށްފިއެވެ. ބަންދަރް ރޯޑު ހުރަސް ކުރުމަށް ފަހު އޭނާ ކާރު ދުއްވަމުން ދިޔައެވެ. ހިތުގެ ހަމަނުޖެހުން މިހާރު އިހަށްވުރެ ބޮޑު ވެއްޖެއެވެ. ސިކުނޑީގައި އެތައް ސުވާލެއް އުފެދޭން ފަށައިފިއެވެ. އޭނާ ހިމޭނުން އެ އިނީ ކީއްވެގެން ހެއްޔެވެ؟ މާބޮޑަށް ފަރުވާތެރިވަނީ ހެއްޔެވެ؟ އޭނާގެ ޖަޒުބާތަށް ކުއްލި ލޮޅުމެއް އައިސްގެން ނަމަވެސް ހިނިތުންވެލާނޭ ނަމަ ހާދަހާ ރަނގަޅެވެ. އޭނާ ހިނިތުންވެލައިފި ނަމަ އޭނާގެ އަގު ހިފެހެއްޓުނީއެވެ. އަދި އަހަރެން ބޭޒާރު ނުވެވެސް ފަރުޖެހުނީއެވެ.

ކާރު އާރާމް ބަގީޗާއާ ދިމާއިން ގޮސް އަނެއްކާވެސް ބަންދަރް ރޯޑަށް ނުކުމެއްޖެއެވެ. އެވަގުތު ފަހަތު ގޮނޑިން މާނޭވާ ލާއަޑު އިވޭން ފަށައިފިއެވެ. ބާދްޝާއަކަށް ކެތެއް ނުވިއެވެ. ފަހަތްބަލާ ލޯގަނޑު އަނބުރައިލުމަށް ފަހު ބަލައިލިއެވެ. އެ ކުއްޖާ ފަހަތު ގޮނޑިއަށް ލެނގިލައިގެން ލޯ މަރައިލައިގެން އިނެވެ. ބޯ އޮތީ އެއް ފަރާތަކަށް އަރިވެފައެވެ. ބާދްޝާ ބުންޏެވެ. "އަހަންނަށް ކޮންމެވެސް ކަމެއް އެބަ ފޮރުވަމު. ﷲ އަށްޓަކައި ބުނޭ. މާ ބޮޑަށް ހާސްވެފައި ތިޔަ އިންނަނީ ކީއްވެގެން؟ މައްސަލައެއް އޮތިއްޔާ ހައްލުކޮށްދޭން އަހަރެން މަސައްކަތް ކުރާނަން. ޔަގީން ކުރޭ. މައްސަލަ ހައްލު ކުރުމުގެ ތެރޭގައި އަހަރެންގެ ފުރާނަ ދުއްވައިލާން ޖެހުނަސް ފަހެއް ނުޖެހޭނަން."

އަންހެންކުއްޖާ ލޯ ހުޅުވައިލިއެވެ. އަދި ދެލޯ ބޮޑުކޮށްގެން ސުވާލުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލާން ފަށައިފިއެވެ. އޭނާ އަހާ ކަހަލައެވެ. ފުރާނައިން އަތް ދޮވެލައިގެން އަހަރެންގެ މައްސަލަތައް ހައްލުކޮށްދޭން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މިއީ ކަލޭގެ ކާކު ހެއްޔެވެ؟ ކަލޭ ތިޔައީ އަހަރެންގެ ކާކު ހެއްޔެވެ؟

ބާދްޝާ އަނގައިންވެސް ނުބުނެ ކާރު ދުއްވަމުން ދިޔައެވެ. އެޔާއެކު ލޯގަނޑުން އަންހެންކުއްޖާއާ ދިމާއަށް ބަލަމުންވެސް ގެންދިޔައެވެ. އޭނާގެ ސިކުނޑިން ގެންދިޔައީ ވާހަކަ ދައްކަމުންނެވެ. އޭ އަންހެންކުއްޖާއެވެ. ކަލޭ ތިޔައީ އަހަންނާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ހެއްޔެވެ؟ އަހަރެންގެ ލޮލަށް ނިކަން ބަލައިބަލާށެވެ. އަހަރެންގެ ލޮލުގެ ނޫރު މިވަނީ ކަލެއަށްޓަކައި ޚާއްސަ ކުރެވިފައެވެ. އަހަރެންގެ ކަންފަތް ވަނީ ކަލޭގެ އަޑަށް ޚާއްސަ ކުރެވިފައެވެ. އަހަރެންގެ ފުރާނަ މިވަނީ ކަލެއަށްޓަކައި ވަގުފުކޮށްފައެވެ. ކަލެޔާ ނުލައި އަހަރެންގެ އެއްވެސް ހައިސިއްޔަތެއް ނެތެވެ. އަހަރެންގެ ކޮންމެ ނޭވައެއް ވަނީ ކަލެޔާ ގުޅިފައެވެ. އެކަމަކުވެސް ކަލެއަކީ އަހަންނާ އެއްވެސް ގުޅުމެއް ނެތް މީހެއް ހެއްޔެވެ؟

އެކުއްޖާ ބުންޏެވެ. "އަހަރެން މި އިންނަނީ ކަންބޮޑުވެފައެއް ނޫން. ބުނާނީވެސް ކީކޭ؟ އަހަރެންގެ ވާހަކަ ފަހުމު ކުރެވޭނޭ ހެންނެއް ހިޔެއް ނުވޭ."

"އެޔޯ؟ އަހަންނަށް ފަހުމު ނުކުރެވޭ ވަރުގެ ވާހަކައަކީ ކޮން ވާހަކައެއް؟ އަހަރެން މިއީ މިއޮތް ބޮޑު ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ކާރު ދުއްވާ މީހަކީން. އަހަންނާ ދިމާނުވާ ބާވަތެއްގެ އާދަމުގެ ދަރިއަކު ކަލާނގެ ނުހައްދަވާ. އެންމެންގެ ވާހަކައާއި ހަރަކާތްތައް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ."

"އެހެން ވެއްޖެއްޔާ އަޑުއަހާ. މިއަދު އޮތީ އަހަރެންގެ ޑިސެކްޝަން ކުލާސް. ޑިސެކްޝަން އެއީ ކޮން އެއްޗެއްކަން އެނގޭތަ؟ އަހަރެން މިއައީ ގަބުރެއް ކޮށައި، ފަޅައި، ފަހައި ހަދާފައި."

"އޭނ..." ބާދްޝާ ކާރުގެ ދުވެލި މަޑުކޮށްލިއެވެ. "ތިޔަ އެނިވަސިޓީގައި ކުރާ ކަމަކީ ގަބުރު ފެޅުންތަ؟"

"އާނ. އެނަޓޮމީ ކިޔަވާއިރު އެއީ ކުރަން ޖެހޭ ކަމެއް. ދެން ޖެހޭނީ އެނަޓޮމީ ވަކި އެއްޗެއް ކިޔައިދޭން ދޯ؟"

އޭނާ އަވަސްއަވަހަށް ބުނެލިއެވެ. "ނޫނޭ. އަހަރެން މިއީ ކުޑަ ކުއްޖަކީމެއް ނޫން. ހުރިހައި އެއްޗެއް ދަންނަން. ތިޔައީ ޑަކްޓަރެއްނު؟ އެހެންވީމާ ގަބުރު ފަޅާނެތާ. އެއީ ކަންބޮޑުވާ ވަރުގެ ކަމެއްތަ؟"

"އާނ. މީގެ ކުރިންވެސް އަހަރެން ޑިސެކްޝަން ކުލާހަށް ދިޔައިން. މިއަދު އަހަރެންގެ ކުލާހުގެ މީހަކު ގަބުރުގެ މޫނު ކޮށައި ކުދި ކުރީ. މޫނުގެ އެއްފަޅި ފަޅައިލީތަނާ އަހަރެން އަނބުރައިގަންނަ ގޮތް ވާން ފެށީ."

"އެޔޯ؟ އަނބުރައިގަތީ ކީއްވެގެން؟"

"އެއީ ވަރަށް ރީތި އަންހެން ކުއްޖެއްގެ ގަބުރެއް. އާދަޔާ ޚިލާފަށް ރީތި ކުއްޖެއް. އެ ކުއްޖާގެ މޫނުގެ އެއްފަޅި ވަކިކޮށްލީމާ އަހަރެން އަނބުރައިގަންނަގޮތް ވީ. އަހަންނަށް ފެނުނީ ރީތިކަމާއި ހުރުތުކަމުގެ ގުޅުން. އެއް މޫނަކުން. އަހަރެމެން މިއީ ފުރިހަމަ ބައެއް ނޫންކަމުގެ އިހުސާސް ކުރެވުނީ އެ ވަގުތު. އަހަރެމެން މި ތިބެނީ މޫނުގެ އެއްފަޅި ފޮރުވައިގެން. މީހުންނަށް ދައްކަނީ އެއްފަޅި. އެއީ ރީތި ފަޅި. އަހަރެމެން ސިއްރުކޮށްގެން ފޮރުވައިގެން ގެންގުޅެނީ ހުތުރު ފަޅި. އެއީ ބަޔަކަށް ދެއްކޭ ވަރަށްވުރެ މާ ބިރުވެރި އަދި ހުތުރު ފަޅިއެއް. ދުނިޔޭގެ އެންމެންވެސް މި ތިބެނީ މޫނުގެ ރީތިފަޅި ދައްކައިގެން... އަހަރެން ފެންބޮވައިގެންފި."

ޖޫސް ވިއްކާ ތަނެއްގެ ކައިރިއަށް ބާދްޝާ ކާރު މަޑުކޮށްލިއެވެ. އޭނާ ކާރުން ފައިބަމުން ބުންޏެވެ. "ޖޫސް ހިފައިގެން އެބަ އަންނަން."

ބާދްޝާ ގޮސް ޖޫހަށް އޯޑަރު ކުރިތަނާ ތަންކޮޅެއް ދުރުގައި ހުރި ފުލުހަކު އަތުން އިޝާރާތް ކޮށްފައި އަންނާށޭ ބުނެފިއެވެ. އޭނާ ކައިރިއަށް ދިޔައީމާ އަހައިފިއެވެ. "ކާރުގައި އެއިނީ ކާކު؟"

އޭނާ ފުލުހުމީހާޔާ ތަންކޮޅެއް ކައިރިއަށް ޖެހިލުމަށް ފަހު މަޑުމަޑުން ބުނެލިއެވެ. "އެއީ ޑަކްޓަރެއް. އެ އަންނަނީ ގަބުރެއް ފަޅައި ކުދިކޮށްލާފައި. ބަކަރި ކަތިލާ މީހަކަށްވެސް އޭނާޔާ ފައި ހަމަކޮށެއް ނުލެވޭނެ."

"އެހެންތަ؟" ފުލުހުމީހާ ހައިރާންވެފައި އަހައިލިއެވެ.

"އާނ. ޖޫސް ބޮއިގެން ދާނީ ދެވަނަ ގަބުރު ކޮށަން."

ފުލުހުމީހާގެ އަނގަ ތަންމިނަށް ހުޅުވިއްޖެއެވެ. ކާރުގައި އިން އަންހެންކުއްޖާޔާ ދިމާއަށް ބަލާން ފަށައިފިއެވެ.

ބާދްޝާ ބުންޏެވެ. "އެދިމާއަށް ނުބަލައި އަހަންނާ ދިމާއަށް ބަލާ. އެނަޓޮމީ އަކީ ކޮން އެއްޗެއްކަން ކަލެއަށް އެނގޭތަ؟"

ފުލުހުމީހާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ނޭނގޭ."

"އަޑުއަހާ. އަހަރެން ކިޔައިދޭނަން. އެނަޓޮމީގެ މާނައަކީ ފަޅިމޫނު. ފަޅިމޫނަކީ ކޮބައިކަން އެނގޭތަ؟"

ފުލުހުމީހާ އަނެއްކާވެސް ބޯ ހޫރައިލިއެވެ. "ނޭނގޭ."

ބާދްޝާ ބުންޏެވެ. "އަޑުއަހާ. ކަލޭ މެންދުރު ނަމާދު ކޮށްފިންތަ؟"

"އާނ. މެންދުރު ނަމާދު ކުރީ ދާދި ދެންމެއަކު."

"އެހެން ދޯ؟ މިތާގައި ކާރު ޕާކު ކުރުމަކީ މަނާ ކަމެއްނު؟ އެކަމަކު ކާރު ޕާކު ކުރާ މީހާ ކަލެއަށް ލާރިކޮޅެއް ދިނީމާ މިތަން ހުއްދަ ތަނަކަށް ހަދަމެއްނު؟ ގާނޫނާ ޚިލާފަށް މަނާކަމެއް ހުއްދަ ކުރަމެއްނު؟"

ފުލުހުމީހާ ހީނގެންފިއެވެ. "ބާދްޝާ. ކަލެއަކީ ވަރަށް ބުއްދިވެރި މީހެއް. އަވަހަށް ދެ ރުފިޔާ ގެނޭ."

ބާދްޝާ ޖީބުން ދެ ރުފިޔާ ނަގައި އޭނާއަށް ދީފައި ބުންޏެވެ. "ފަޅިމޫނޭ ކިޔަނީ ތިޔަށް."

ޖޫސް ބޮއި ނިމުމަށް ފަހު ފައިސާ ދޭން އަންހެން ކުއްޖާ އުޅުނެވެ. އެކަމަކު ފައިސާ ދެއްކީ ބާދްޝާއެވެ.

ކާރު ދުއްވައިލީމާ އަންހެންކުއްޖާ އަހައިފިއެވެ. "އަހަރެންގެ އަތުން ފައިސާ އަތުލާން ދެކޮޅު ހަދަނީ ކީއްވެގެން؟"

"ކަމެއް ނުވޭ."

"ކަމެއް ނުވެއޭ؟ އަހަންނަށްޓަކައި އިތުރު އެއްވެސް މީހަކު ކާރަށް ނާރުވައި މާ ބޮޑަށް އުފާވެގެން އުޅެނީ ކޮން ކަމަކާ؟ މިހާރު ޖޫސްވެސް ދީފީމު. އަހަރެން ބަނޑުހައި ވެއްޖެއޭ ބުނެފިއްޔާ އަމިއްލަ ޖީބުން ޚަރަދު ކޮށްފައި ކާންވެސް ދޭނަންތަ؟"

"އާނ. އެކަހަލަ ފުރުސަތެއް ދީފިއްޔާ ވަރަށް ބޮޑަށް އުފާވާނެ."

"މާ އަވަހަށް ގެއަށް ދާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ގޮވައިގެން އަތިރިމައްޗަށް ދެވިދާނެތަ؟ ވައިޖައްސައިލާން ބޭނުން."

ބާދްޝާ އުފާވެލައިފައި ބުންޏެވެ. "ތިޔައީ އަހަރެންގެ ހިތުގައި އޮތް ގޮތް. ހިނގާ އަވަހަށް."

ވީ އުފަލެއްގެ ބޮޑުކަމުން މި ބުނެވުނު ވާހަކައަކީ އޭނާގެ ހިތުގެ ހާލަތުގެ ވާހަކައެވެ. އެ ވާހަކައިގެ ސަބަބުން ލައްކަ ގިނަ ކަންތައް ބޭޒާރު ވެއްޖެއެވެ. އެހެން ނޫނަސް ފަހަތުގައި އިނީއަކީ ގަމާރެއް ނޫނެވެ. މާ ކުރީއްސުރެ އޭނާއަށް ވަރަށް ގިނަ ކަންތައްތައް ދިޔައީ އެނގެމުންނެވެ.

އެކުއްޖާ އަހައިލިއެވެ. "މި ގޮނޑީގައި މިހިރީ ކޮން ފިނިފެންމަލެއް؟"

"އެއީ... އެއީ... ކާވެންޏަކަށް ދިޔަ އަންހެންކުއްޖަކު ގޮވައިގެން ދާން ޖެހުނީ..."

"ދޮގު ނުހަދާ. މި ގޮނޑީގައި މީހަކު އިށީންނަމަ މި ފިޔަތައް ހުރީހީ ހަލާކު ވެފައި. މިލައިފައި. އެކަމަކު މި ފިޔަތައް މިހިރީ ތާޒާކޮށް."

ބާދްޝާ އަނގަޔަކުން ނުބުންޏެވެ. ޖަވާބުގައި ދައްކާނޭ ވާހަކައެއް ނެތެވެ.

އަންހެންކުއްޖާ ބުންޏެވެ. "އަހަރެން މިއީ މޮޔައަކީމެއް ނޫން. ހިލޭ ފިރިހެނަކާއެކު އަތިރިމައްޗަށް ގޮސް، ފިނިބުރު ޖަހައި އުޅޭ ޒާތުގެ ކުއްޖަކީމެއް ނޫން. އަދި ލަދެއް ހަޔާތެއް ނެތި ހިލޭ މީހުނާ މިލިގެން އުޅޭ މީހަކީމެއް ނޫން. އަހަރެން މި އައީ އަމިއްލަ ނަފުސަށް ކުރާ ބޮޑު އިތުބާރެއްގެ ސަބަބުން. އަހަރެން އަމިއްލަ ނަފުސަށް ވަރަށް ބޮޑަށް އިތުބާރު ކުރަން. އަހަރެން ދެކޭ ގޮތުގައި އަމިއްލައަށް ބަލިކަށިވެގަތީމާ ނޫނީ ދުނިޔޭގެ އެއްވެސް މީހަކަށް އަހަރެން ބަލިކަށްޓެއް ނުކުރެވޭނެ."

"އަހަރެން ދެން ބުނާނީ ކީކޭ؟ ތިޔަ އަޑު އިވުނީމާވެސް އަހަރެން އުފާވޭ."

"އެންމެ ފުރަތަމަ ބުނެބަލަ... ތިޔައީ ކާކު؟"

"މި ފެންނަނީ އަހަރެން. އަހަންނަކީ ކުލީކާރު ދުއްވާ މީހަކީން."

"އެހެން ހެންނެއް ހިޔެއް ނުވޭ. ފެންނަފެނުމުގައި ތިޔައީ ރަނގަޅު އާއިލާއެއްގެ ރަނގަޅު މީހެއް. ވަރަށް މޮޅަށް ކިޔަވައިގެން ހުރިހެންވެސް ހީވޭ. ހާލަތުގެ ސަބަބުން މަޖުބޫރު ވެގެން ކުލީކާރު ދުއްވަނީ ދޯ؟"

"ނޫނޭ. ހާލަތު ކޮންމެ މީހަކަށްވެސް ވަކި ކަހަލަ ކަމެއް ކުރާން މަޖުބޫރު ކުރުވަފާނެ. އެކަމަކު އަހަރެން މިއީ ތިޔަ ބުނި ކަހަލަ މީހަކީމެއް ނޫން. އަހަރެން ފުރަތަމަ ވަޒީފާ އަދާކުރީ ސަޢޫދީ ޢަރަބިއްޔާގައި. އެތަނުން އެނބުރި އައީ އަށްޑިހަ ހާސް ރުފިޔާ ހިފައިގެން. އޭގެ ތެރެއިން ވިހި ހާސް ރުފިޔާ ޚަރަދު ކޮށްފައި ކުޑަވަރެއްގެ ގެއެއް އެޅީ. ބާކީ އޮތް ފަންސާސް ހާސް ރުފިޔާއަށް މި ކާރު ގަނެގެން ދުއްވާތާ މިހާރު ފަސް އަހަރު ވެއްޖެ."

"މީހަކާ ނީންނަންތަ؟"

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.