(28 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ގޮސް ވަނީ ރާޚާނާއަކަށެވެ. ކާރުގެ ފަހަތުގައި މިރެއަށް ބޭނުންވާ ފުޅި ފޮރުވައިފައި އެބައޮތެވެ. އޭނާ ބިއަރު ބޯން ފަށައިފިއެވެ. އޭނާގެ ކުރިމަތީގައި އެނބުރެނީ ރުޚްސާނާގެ މޫނު ފުރިހަމަވީމާ ހުންނާނޭ ގޮތުގެ ތަސްވީރެކެވެ. ހާދަހާ ރީތި މޫނެކެވެ. އިސްކޮޅާއި ރޫފަ ހެޔޮވަރެވެ. ޖިސްމާނީ ދުޅަހެއުކަމާއި ޖާޒުބިއްޔަތުގެ ވާހަކަ ދެއްކުމެއް ނެތެވެ. އެހައިވެސް ފުރިހަމައެވެ. ފަޅިމޫނަކާއެކުވެސް އެހައި ފުރިހަމައެވެ. މުޅީން ފުރިހަމަވީމާ އަދި ކިހައިވަރެއް ވާނެހެއްޔެވެ؟
އޭނާ ކިބުރުވެރިވާނެކަން ގައިމެވެ. ކިބުރުވެރިކަމަކީ ދުނިދަނޑިއެއް ނޫނެވެ. އެއީ އެ އަމާޒު ކުރެވޭ އެއްޗެއް ފޫއަޅުވައިލާފައިދާ ތޫނު ދުންޏެކެވެ.
މި ވަގުތު އެއީ އެދުމެކެވެ. ފުރިހަމަ ކުރެވިދާނޭ އެދުމެކެވެ. މޫނު ފުރިހަމަވެއްޖެ ނަމަ އެ އެދުން އޮންނާނީ ހަމައެކަނި އެދުމެއްގެ ގޮތުގައެވެ. ފުރިހަމަ ނުކުރެވޭނޭ އެދުމެއްގެ ގޮތުގައެވެ.
އޭނާ ފުން ނޭވައެއް ލިއެވެ. ހީވަނީ އިސާހިތަކު ނޭވާ އުފުރިދާނެހެންނެވެ. އޭނާ ރޭލުން ފައިބައިގެން ގޮސް ހަސްފަތާލަށް ވަންއިރު ގަޑިން ބާރަ ޖަހައި ފަނަރަ މިނިޓު ހިނގައިފިއެވެ. މާގިނަ އިރު އިންތިޒާރު ކުރާކަށް ނުޖެހެއެވެ. ކުޑައިރުކޮޅެއް ފަހުން ރުޚްސާނާ ގޮވައިގެން އައިސް ކާރަށް އަރައި އޭނާ ސުވާލު ކޮށްލިއެވެ. "ކާނީ ކޯނޗެއް؟ އިނގިރޭސި ކެއުންތަ؟ ޗައިނާ ކެއުންތަ؟ އިންޑިއާ ކެއުންތަ؟"
ރުޚްސާނާ އުފަލާއެކު އަހައިލިއެވެ. "އަހަރެމެންގެ ގައުމުގެ ކެއުން ކާން ބޭނުންހޭ ނޭހީ ކީއްވެގެން؟"
"އެއީ މިއަދު ގެއަށް ގޮސް ކާނޭ އެއްވެސް އެއްޗެއް ކައްކާފައި ގޭގައި ނުހުންނާނެކަން އެނގޭތީ. ގެއަށް ގޮސް ކައްކައިގެން ކާނޭ ވަގުތެއް ނެތް."
"އެހެންވެއްޖެއްޔާ އަހަރެން ކާނީ ސާމުޖީއެއް. ދެން ބޯނީ ސައިތަށްޓެއް."
"މިއަދު ނުކާނީތަ؟"
"އުފާވެފައި ހުރި ވަރުން މިއަދަކު އަހަންނަކަށް ނުކެވޭނެ. އެއީ ވަރަށް ރަނގަޅު ޑޮކްޓަރެއް. އަހަންނަށް ވަރަށް ހިތްވަރުދީފި. އަހަރެންގެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދިން."
ޖަމްޝީދު އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ރުޚްސާނާއަކީ ސަމާލުކަން ދޭ ވަރުގެ ކުއްޖެއް. މީހަކާއެކީ ގަޑިއެއްހައި އިރު ހޭދަކޮށްލުމާއެކު އެ މީހަކު ރުޚްސާނާގެ މީހަކަށް ވެ ނިމިދާނެ."
ދެމީހުން އެ ދުވަހު މެންދުރު ކެއީ ރެސްޓޯރަންޓެއްގެ ހާމަފެންޑާގައި ތިބެގެންނެވެ. ބަރާބަރު ދޭއް ޖަހަންވާ އިރަށް އޭނާ ރުޚްސާނާ ގެންގޮސް ހަސްފަތާލަށް ލައިފިއެވެ. އެޔަށް ފަހު އެނބުރި ދިޔައީ ގެއަށެވެ. ޝިކާރަ ކުރުމުގެ ކުރިން މައިދާން އޮތް ގޮތެއް ރަނގަޅަށް ބަލައި ތައްޔާރު ވުމަކީ މުހިއްމު ކަމެކެވެ. ގޭގެ ބޭރު ދޮރުގެ ތަޅުދަނޑި އޮތީ ރުޚްސާނާގެ އަތުގައެވެ. އޭނާ މިއަދު ތަޅުދަނޑި އަތުލައިގެން އައީ ގެ ހުންނަނީ ހަސްފަތާލާ ކައިރީގައި ކަމަށް ވާތީ ގެއަށް ގޮސް ކުޑަކޮށް އަރާމު ކޮށްލާނީއޭ ކިޔައިފައެވެ. ރާވައިފައި އޮތީ މިރޭގެ ކަންތައް ނިމެންދެން އަތުގައި ތަޅުދަނޑި ބާއްވާށެވެ.
ރޭގަނޑު ރުޚްސާނާ ކެއްކުމާއިގެން އުޅޭ ވަގުތު ބަލައިފައި ދޮރު ތަޅުލާނީއެވެ. އެހައިތަނުން ހުރިހައި ކަމެއް އޭނާގެ ބާރުގެ ދަށަށް ގެނެވުނީއެވެ. ރުޚްސާނާ ފިޔަތަޅަތަޅައި އިންނާނީއެވެ. އުދުހިގެންނެއް ނުދެވޭނެއެވެ.
އޭނާ ކާރުގައި ފޮރުވާފައި އޮތް ރާފުޅި ގެނެސް ބައްޕަގެ ކޮޓަރީގައި ފޮރުވައިފިއެވެ. އަދި ބޮޑު ކޮޓަރީގައި ޖަހާނޭ ލަވަވެސް ޚިޔާރުކޮށް ނިންމައިފިއެވެ. ޖަހާނީ ހަޅޭކުގެ އަޑު ގަދަ އިނގިރޭސި ލަވައެވެ. އައްޔާޝީ ކުޅިގަނޑުގެ ތެރެއިން ތޯތާގެ އަޑު ބޭރަށް ނީވޭނީ އޭރުންނެވެ.
ހުރިހައި ކަމެއް އިންތިޒާމުކޮށް ނިންމުމަށް ފަހު އޭނާ ގެއިން ބޭރަށް ނުކުމެއްޖެއެވެ. ރުޚްސާނާ ހަސްފަތާލުން ނިމޭނީ ފަހެއް ޖަހާއިރުއެވެ. މިހާރު ގަޑިން ތިން ގަޑި ވިހި މިނިޓު ހިނގައިފިއެވެ. އޭނާ ކާރު އޮތް ތާނގައި ބާއްވާފައި ހަސްފަތާލާ ދިމާއަށް މަޑުމަޑުން ހިނގައިގެންފިއެވެ.
މީހުން ގިނަ ކުށް ކުރަނީ ކުށަކަށް ނުވެސްވާ ކަހަލަ ގޮތަކަށެވެ. ކުށެއް ކަމަށް ގަބޫލުވެސް ނުކުރާ ހާލުގައެވެ. ޖަމްޝީދުވެސް ގަބޫލު ކުރާ ގޮތުގައި އޭނާ އެހެރީ ހައްގުގެ މަގުގައެވެ. ރުޚްސާނާގެ މޫނު އެނދީ އޭނާގެ ސަބަބުންނެވެ. މިހާރު ލަންޑަނުގައި އެ މޫނު ރީތިވެސް ވާން އެ އުޅެނީ އޭނާގެ ސަބަބުންނެވެ. އެހެންވީމާ ރުޚްސާނާއަކީ އޭނާގެ މީހެކެވެ. އަމިއްލަ މީހަކަށް ވީމާ އެ މީހަކު ހަލާކު ކުރުމާއި އާބާދުކުރުމާ ދެކަމަކީީވެސް އަމިއްލަ ހައްގެއްގެ ގޮތުގައި ކުރާ ކަމެކެވެ. އަމިއްލަ މީހަކު ކަމުގައި ހީކުރާ މީހާ ލޯބިން ނުވަތަ ކެތްތެރިކަމުން ނުވަތަ ގަދަކަމުންވެސް ހާސިލު ކޮށްގަތުމަކީ ޖާއިޒު ކަމެކެވެ. ރުޚްސާނާގެ ރަވައްޔާއިން އެނގުނު ގޮތުގައި ކެތްތެރިކަމުގެ ބޭނުން ކޮށްގެން އޭނާ ހާސިލުކޮށްގަތުމަކީ ވާނޭ ކަމެއް ނޫންކަން އެނގިއްޖެއެވެ. އެހެންވީމާ ދެން އޮތް ގޮތަކީ ގަދަކަމުން ފޭރިގަތުމެވެ. އެއީ ގިނަ އަންހެނުން ފުރަތަމަ ގަބޫލުކުރާ ގޮތެއް ނޫނެވެ. ޖެހޭނީ ރުއްސާށެވެ. ޖަނާވަރުހެން އޮޅުކުރާށެވެ. މަސައްކަތް ކޮށްލީމާ އޮޅުވެދާނެއެވެ.
ރުޚްސާނާ ޑަކްޓަރުގެ ކޮޓަރިން ނުކުތީ ފަހެއް ޖެހިއިރުއެވެ. މުޅި ދުވަސް އެކީގައި ކަހަލަ ގޮތަކަށް ހަސްފަތާލުގައި ހޭދަކުރާން ޖެހުނު ކަމުގައި ވިޔަސް އޭނާ ހުރީ އުފަލުން ފޮޅިފައެވެ. ވަރުބަލިވެފައި ހުރިކަމެއް ޖަމްޝީދަށް ހިލަންވިޔަކަ ނުދެއެވެ. ހޮޓަލުން ކާން ކުރާ ޚަރަދުން ސަލާމަތްވާން އޭނާ ބޭނުންވަނީ ގޭގައި ކައްކާށެވެ. މަޑުމަޑުން ހިނގާފައި އަންނަމުން ޖަމްޝީދު އޭނާޔާ ދިމާއަށް މާނައިން ފުރިފައިވާ ގޮތަކަށް ބަލައިލިއެވެ. "އަހަރެން ރުޚްސާނާޔާމެދު ވަރަށް ބޮޑަށް ވިސްނައިފިން. ވަކި ނަތީޖާއަކާ ހަމައަށް ދެވިއްޖެވެސްމެ."
އޭނާ ހިނިތުންވެލިއެވެ. "ތިޔަ ބުނާ ނަތީޖާއަކީ ރަނގަޅު ނަތީޖާއަކަށް ވާނޭކަން އަހަންނަށް ޔަގީން."
"އާނ. އަހަރެން މިހާރު ނިންމައިގެން މިހިރީ ލޯބީގެ ވާހަކަ ދެއްކުމަކީ ރުޚްސާނާގެ މިޒާޖާ ނުގުޅޭ ކަމަކަށް ވާތީ އެކަހަލަ ވާހަކަ މީގެ ފަހުން ނުދައްކަން."
ރުޚްސާނާ އުފާވެފައި ބުނެލިއެވެ. "ޖަމްޝީދަކީ ވަރަށް ވިސްނުން ތޫނު މީހެއް."
ޖަމްޝީދަށް ހިތުގެ އަޑީގެ ގިލަނުގެ ތެރެއިން ފިކުރުކޮށްލެވުނެވެ. "ހާދަހާވާ މަކަރުވެރި އަންހެނެކެވެ. ލޯބި ނުވިޔަސް ލޯބިން ވާހަކަ ދައްކާށޭވެސް ބުނެލާކަށް ނުކެރުނެވެ. އެހެންނެއް ނުވެސް ބުނާނެއެވެ. އެ ބުނީ ރަނގަޅު ވާހަކައެކެވެ. އަހަރެން މިއީ ވިސްނުންތޫނު މީހަކީމެވެ. ވިސްނައިދިނުމަކީވެސް އަހަރެން ދަންނަ ކަމެކެވެ."
ޖަމްޝީދު ހިނިތުންވެލިއެވެ. "އަހަރެންގެ އެންމެ ސުވާލަކަށް ޖަވާބު ދިނީމާ ކާވެނީގެ ވާހަކަ ދުވަހަކުވެސް ނުދައްކާނަން."
"ކޮން ސުވާލެއް؟"
"އެއީ އެންމެ ފަހުގެ ސުވާލު. ރުޚްސާނާ އިންނާނީ އަހަންނާތަ؟"
ރުޚްސާނާ ފުން ނޭވައެއް ލުމަށް ފަހު މަޑުމަޑުން ބުނެލިއެވެ. "ޖަމްޝީދު ތިޔައެހީ އަހަރެން އިންނާނީ ތިމަންނާޔާހޭ. އަހަންނާ ކުރަންވީ ސުވާލަކީ އަހަރެން މީހަކާ އިންނާނަންހޭ."
ޖަމްޝީދު އޭނާގެ ހިތްހަމަނުޖެހުން ފޮރުވޭތޯ މަސައްކަތް ކުރިއެވެ. "މީހަކާ ނީންނާނީތަ؟ އަހަރެން ރުޚްސާނާގެ މޫނު ރީތިކުރަން މި އުޅެނީ ހަމައެކަނި ބަލަހައްޓައިގެން ހުންނަންތަ؟ ރީތި އަންހެނަކު ކުރިމަތީގައި ބައިންދައިގެން އަތްވެސް ޖައްސާ ނުލައި އުމުރު ދުވަހު ބަލަހައްޓައިގެން ހުރެ މަރުވީ އެއްވެސް ފިރިހެނަކު ދަންނަންތަ؟ ދުނިޔޭގައި އެކަހަލަ މީހަކު އުޅުނު ކަމުގައި ވިޔަސް އަހަންނަކީ އެކަހަލަ މީހަކީމެއް ނޫން."
ދެމީހުންނަށް ގޭގެ ދޮރުމައްޗަށް އާދެވިއްޖެއެވެ. ޖަމްޝީދު ޖީބުން ތަޅުދަނޑި ނަގައި ދޮރު ހުޅުވައިލިއެވެ. އަދި އެއް ފަރާތަކަށް ޖެހިލުމަށް ފަހު ރުޚްސާނާ ވަންނާން ތަން ދައްކައިފިއެވެ. ރުޚްސާނާ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ. "އަހަރެން ހެދުން ބަދަލު ކޮށްލައިގެން އަންނާނަން. ކައްކަން ޖެހޭނެއެއްނު؟"
"އެންމެ ރަނގަޅު. އަހަރެން މި ދަނީ ބޭރަށް. ފަހުން އަންނާނަން."
ޖަމްޝީދު ބޭރަށް ނުކުމެ ބޭރުން ދޮރު ތަޅުލައިފިއެވެ. އެ ވަގުތު އޭނާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. އެތެރެހަށީގައި ބިރުވެރިކަމުގެ ރާޅެއް ހިލިގެންފިއެވެ. އޭނާ ބޭނުންވީ ހާމަ ވައިގެ ތެރެއަށް ނުކުމެ ނޭވާ ހަށްޓައް ފައްތާށެވެ. ވާން އުޅޭ ކަމަކީ ބުއްދިއާއި ހިތްވަރުގެ ބޭނުން ނިހާޔަތަށް ބޭނުންވާނޭ ކަމެކެވެ. ބުއްދީގެ ބޭނުން ޖެހޭނީ އަމަލު ވާންދެނެވެ. އަމަލުވުމަށް ފަހު ހިތްވަރު އަމިއްލައަށް ޖެހިދާނެއެވެ.
ފަނަރަވަރަކަށް މިނިޓު ވާންދެން ބޭރުގައި އުޅެފައި އޭނާ އެނބުރި އައިސް ގެއަށް ވަދެއްޖެއެވެ. ބަދިގެތެރެއިން ރުޚްސާނާގެ އަޑު އިވުނެވެ. "ކާކު؟"
"އަހަރެން." އޭނާ މަޑުމަޑުން އައިސް ބަދިގެތެރެއަށް ވަދެއްޖެއެވެ. "އަހަރެން އެހީވަންތަ؟"
"ނޫން."
"ކުޑަކުޑަ ކަމެއް ނަމަވެސް އަހަރެން ލައްވައި ކުރުވަންވީނު؟"
އޭނާ ކެއްކުމާއިގެން އަވަދިނެތި އުޅެމުން ބުނެލިއެވެ. "ފިރިހެނުން ބަދިގޭގައި ކައްކަން އުޅުމަކީ ބަލަން މާ ރިތީ މަންޒަރެއް ނޫން."
"އެންމެ ރަނގަޅު އަހަރެން މި ދަނީ ބައްޕަގެ ކޮޓަރިއަށް ފޮތެއް ކިޔައިލާން. ބޭނުމެއް ޖެހިއްޖެއްޔާ ގޮވައިލާ."
(ނުނިމޭ)
ކޮބާތޯ ވާހަކަ މިހާރު ހާދަ ލަހޭ އަރާލެއް؟
ވވވ.ރީތި