ފަޅިމޫނު - 23

(15 ނޮވެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާ މަޑެއް ނުކުރިއެވެ. އެ ދެމަފިރިން ދުވެފައި ގޮސް ކާރާ އަރައި ހަމަކުރެވޭތޯ އުޅުނެވެ. އެކަމަކު އެކަމެއް ނުވިއެވެ. ބާދްޝާ ޖާނީގެ ހުނުމުގެ އަޑު އިވެއެވެ. މައިދައިތަ ވަރުބަލިވެގެން ދުވުން ހުއްޓާލައިފިއެވެ. ފަރީދު އަޙްމަދަކަށް ހަދާނޭ ގޮތެއް ނޭނގުނެވެ. ހުނުމުގެ އަޑު ދުރަށް ގޮސް އޮބައިލައިފިއެވެ.

ބާދްޝާ ޖާނީ ކާރުގައި އިނދެގެން ހިނިތުންވަނީއެވެ. އޭނާގެ ސިކުނޑިއަށާއި ހިތަށް ވެރިވެފައި އޮތް ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ކުޑަވެއްޖެއެވެ. ދުޝްމިނުންގެ ކިބައިން ބަދަލު ހިފުމުގެ ފުރަތަމަ ފިޔަވަޅު އެޅިއްޖެ ކަމުގައި ހީވާން ފަށައިފިއެވެ. ބަދަލު ހިފުނީމާ ހިތަށް ލިބޭ ހަމަޖެހުމާއި ފޮނިކަން އޭނާއަށް އިހުސާސް ކުރެވުނީ އަދި ކިރިޔާއެވެ. އޭނާ ކިޔަމުން ދިޔައެވެ. "ގޮތްކުޑަ. މަކަރު ހަދަނީ އަހަރެމެންނޭ ކިޔައެއްނު. މިއަދު އަހަރެން މިހިރީ ކަލޭމެންގެ ކިބައިން މަކަރު ހަދަން ދަަސްކޮށްގެން. އިއްޒަތްތެރިންނަށް އެމީހުންގެ ހައްގު މަގާމު ހޯދައިދޭން ޖެހޭނެ. މަގުމެދަށް ދޫކޮށްލުމަކީ އެންމެ މޮޅު ގޮތް."

އޭނާ ކަކަކަކައަޅައިފައި ހީނގެންފިއެވެ. އަދި ފަހަތް ބަލާ ލޯގަނޑުން ބަލައިލުމަށް ފަހު ބުންޏެވެ. "ބޮޑެތި މީހުންނަށް އިހުތިރާމު ކުރާށޭވެސް އަދި ބުނެފިއެއްނު. ކަލޭކަލޭ ކިޔާތީވެސް ކަމަކު ނުދެޔޯ. ރަނގަޅަށް ވާހަކަ ދައްކާނޭ ފުރުސަތެއް ކަލޭމެން އަހަންނަކަށް ނުދޭ. ފުރަތަމަ އަހަރެމެން ހަލާކުކޮށްލަނީ. އޭގެ ފަހުން ބުނަނީ ވިޔާނުދައޭ."

އޭނާ ގިއަރު ބަދަލުކޮށްލިއެވެ. ބާރަށް ދުއްވާފައި ގޮސް ގޭދޮށަށް މަޑުކޮށްފިއެވެ. ކާރުން ފައިބައިގެން ބާރަށް ހިނގާފައި ގޮސް ގެއަށް ވަދެއްޖެއެވެ. އިންޖިނޭރުބޭބެ އަހައިލިއެވެ. "މާމުއި ލިބުނުތަ؟ ޚާލިސް މާމުއިތަ؟"

ބާދްޝާ މާމުއި ފުޅި ދިނީމާ އިންޖިނޭރުބޭބެ ރަހަ ބަލައިލުމަށް ފަހު ބުންޏެވެ. "އާނ. ވަރަށް ރަނގަޅު. މިއީ ހަމަ ޚާލިސް މާމުއި. އަވަހަށް ގޮސް ދަރިފުޅަށް ޖައްސާ."

ބާދްޝާ ދިން މާމުއި ފުޅީގައި ހިފަމުން ރުޚްސާނާ އަހައިލިއެވެ. "މަންމަ ނާދޭތަ؟"

"ނާދޭ. މަންމަޔާއި ބައްޕަޔާ ދެމީހުން ހިނގައިލާން ދިޔައީ."

އިންޖިނޭރުބޭބެ ބުނެލިއެވެ. "ތިޔަ ކިޔަނީ ކީކޭ؟ އޭނާ ދިޔައީ އެނބުރި އަންނާނަމޭ ބުނެފައި."

"އާނ. އަންނާން ބޭނުންވެސްވި. އެކަމަކު ބަފާބެ ބުނީ މިގޭގައި ހުންނަނީ އެންމެ ކޮޓަރިއެކޭ... ދެމަފިރިންނާއި ދަރިފުޅާ އެ ކޮޓަރީގައި ނިދީމާ ދެން ޖާގައެއް ނުހުންނާނެއޭ. ހުރިހައި އެންމެނަށް އެއް ކޮޓަރީގައި ނުތިބެވޭނެތީ ނައީ."

އިންޖިނޭރުބޭބެ ބޯ ޖަހައިލިއެވެ. "އެއީ ތެދެއް. އެއް ކޮޓަރީގައި އެންމެން ނިދަންވީމާ ދަތިވާނެ. އެކަމަކު ބާދްޝާ... ކަލެއަށް ކާރުގައިވެސް ނިދިދާނެ. ދަރިފުޅު ކައިރީގައި ބޮޑު އަންހެނަކު އޮތުމަކީ ވަރަށް މުހިއްމު ކަމެއް. ކުޑަސޮރު އަހަރެމެންގެ ޅީދަރިއަށް އުނދަގޫ ކުރާނެ."

އިންޖިނޭރުބޭބެގެ އަންހެނުން ތެދުވަމުން ބުނެލިއެވެ. "ދަރިފުޅާ. ކަނބުލޮ ރީތިކަމުން ދޫކޮށްލާފައި ދާކަށްވެސް ބޭނުމެއް ނޫން. އެކަމަކު މާ ބޮޑަށް ދަންވެއްޖެ. އެހެންވީމާ ދަނީ. މާދަމާ އަންނާނަން."

އޭނާ ރުޚްސާނާގެ ބޮލުގައި ފިރުމައިލުމަށް ފަހު ޖީބުން ސަތޭކަ ރުފިޔާގެ ނޫޓެއް ނެގިއެވެ. އަދި އެ ނޫޓު ކުޑަ ދަރިފުޅުގެ މުށަށް ލާފައި ހެޔޮ ދުޢާ ކުރަމުން ބޭރަށް ނުކުމެއްޖެއެވެ.

ބާދްޝާ ޖާނީ އިންޖިނޭރުބޭބެގެ ދެމަފިރިންނާއެކު ބޭރަށް ނުކުމެއްޖެއެވެ. ދިއުމުގެ ކުރިން ދައްތަ ބުންޏެވެ. "ޖާނީ. ކަލޭގެ އަނބިމީހާއަކީ ވަރަށް ވިސްނުންތެރި ރަނގަޅު ކުއްޖެއް. ކަލެއަކީ އޭނާގެ ފައިދޮވުނު ފެނަށްވެސް ނުވާނެ."

"ދައްތާ. އަހަރެން ތިޔަ ވަރަށް ދެރަ މީހަކަށް ނުހަދާ. އޭނާގެ ހުންނަނީ ފަޅި މޫނެއް. މިއީވެސް ތެދެއްނު؟"

"ފަޅިމޫނަކަށް ވިއްޔާ ވާނީ ކީއް؟ ބަލަންވީއަކީ މޫނަކަށް ނޫން. ހެޔޮ އަމަލަށާއި ރީތި ސުލޫކަށް."

"ދައްތާ. ދައްތައަށް ނޭނގޭ ކަމަކީ ތިޔައީ. މޫނަށްވެސް ބަލަން ޖެހޭ. މޫނަށް ރަނގަޅަށް ބަލައިފިއްޔާ ކޮންމެ މީހަކުގެވެސް ހުންނަނީ ފަޅިމޫނެއްކަން އެނގޭނެ."

ދައްތަ އޭނާޔާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. "ތިޔަ ދައްކަނީ ފަލްސަފާގެ ވާހަކަތަ؟ ނޫނީ މަސްތުވެގެން ހުރެ ދަމާ ހާސަރެއްތަ؟"

"މި ދައްކަނީ އަހަރެންގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކުގެ ވާހަކަ. ދައްތައަށް ރުޚްސާނާ ފެނިއްޖެ. އެކަމަކު އޭނާގެ ފޮރުވިފައި އޮތް މޫނެއް ނުފެނެއެއްނު؟"

"އޭނާގެ ފޮރުވިފައި އޮތް މޫނުގައި ހުރީ ކޮން ކަމެއް؟"

"ދޮގާއި މަކަރު. ދެން އެވާހަކަ ބާއްވާ... މިހާރު މާ ލަސްވެއްޖެ. ދައްތަމެން މިހާރު ތިޔަ ތިބީ ނިދިވެސް އައިސްފައި. އިތުރަށް ބަހުސު ކުރާކަށް އަހަރެން ބޭނުމެއް ނޫން."

އެ ދެމަފިރިން ހިނގައްޖެއެވެ. ބާދްޝާ އޭނާގެ ކާރު ގޯތިތެރެއަށް ވައްދައިފިއެވެ. ދެ ކާރުވެސް ތަޅުލުމަށް ފަހު ގޭތެރެއަށް ވަދެއްޖެއެވެ.

ރުޚްސާނާ ވަރަށް ލޯބިން ދަރިފުޅު ލޮއްސަނީއެވެ. މައިވަންތަ ލޯބީގެ ނަޒަރަކުން ދަރިފުޅާ ދިމާއަށް ބަލަނީއެވެ. ފައިހިލަވަޅު ވެގެން އޭނާ ބަލައިލީއިރު މިހިރީ އޭނާގެ ބާދްޝާ ޖާނީއެވެ. ދޮރު ލައްޕައިލުމަށް ފަހު ބާދްޝާ ދޮރުމަތީގައި ހުއްޓި ހުރެ، ރުޚްސާނާއާ ދިމާއަށް ބަލާން ފަށައިފިއެވެ. ރުޚްސާނާ ލަދުން ނަޒަރު އެއްފަރާތް ކޮށްލިއެވެ.

"އަހަރެން ފެނުނީމާ ތިޔަ ލަދު ގަންނަނީ އަހަރެން ކައިރިއަށް އަންނާނެ ކަމަށް ހީކޮށްގެންތަ؟"

ރުޚްސާނާ ސުވާލުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. އަދި ފުރިހަމަ ޔަގީންކްމާއެކު ބުންޏެވެ. "ޖާނީ އަންނާނެ."

އޭނާ އެކި ލަފުޒުތަކަށް ވަކިވަކިން ބާރުލަމުން ބުންޏެވެ. "އަހަރެން ނާންނާނަން."

"އަންނާނެ. ކުރިން ގޮވަމުން ދިޔައީ އަހަރެން އެކަނި. މީގެ ފަހުން އަހަންނާއެކު އަހަރެމެންގެ ދަރިފުޅުވެސް ބާދްޝާއަށް ގޮވާނެ. އެހެންވީމާ ބާދްޝާ އަންނާނެ."

ބާދްޝާ ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. އެޔަށްފަހު އިސްޖަހައިލިއެވެ. އަދި އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "ރުޚްސާނާއަކީ ވަރަށް ރަނގަޅު އަނތްބެއް ކަމަށް އަހަރެން ގަބޫލުކުރަން. އެކަމަކު ރުޚްސާނާއާއެކު ކަށްޓެއްވެސް އެބަހުރި. އެއީ ދޮގާއި މަކަރުގެ ކަށި. އެ ކަށި ނަގައި އެއްލައިލެވޭނޭ ގޮތެއް ހަދާ."

ރުޚްސާނާ ފުން ނޭވައެއް ލިއެވެ. "އަހަރެންގެ ހިތަށްވެސް ތޫނު ކަށްޓެއް އެބަހެރޭ. އެއީ ބާދްޝާގެ މޮޔަކަމުގެ ކަށި. ބާދްޝާގެ އަނިޔާއަށް ކެތްކޮށްގެން ހުރެ އަހަރެން މަރުވެދާނަން. އެކަމަކު އަހަރެން ދޫކޮށްލާފައި އެހެން މީހެއްގެ ފަހަތުން ދުވާ ދުވުމަކަށް ކެތެއް ނުކުރެވޭނެ. އަހަރެން ވިސްނައިގެން ހުރީ އަހަރެންގެ ލޯތްބާއި އިޚްލާސްތެރިކަމާއި ތެދުވެރިކަމުން ބާދްޝާގެ ހިތް ފަތަހަ ކުރަން. އަހަރެން ގަބޫލުކޮށްގެން މި ހުންނަނީ އެހެން މީހަކާ ދިމާއަށް ބާދްޝާ ނުވެސް ބަލާވަރަށް އަހަންނާ ދިމާއަށް ދަމައިގަނެވޭނޭ ކަމަށް. މި ވަގުތު އަހަރެން މަޔަކަށް ވާކަށް ބޭނުމެއް ނޫން. ކުރިމަގަށްޓަކައި ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި. ޑަކްޓަރުކަންވެސް ދުވަސްކޮޅަކު ކުރަން އަހަރެން ބޭނުން. އަހަރެން ވިސްނައިގެން ހުރީ އެކަންކަން ހަމަޖެހުނީމާ ދަރިއަކު ހޯދަން. އެކަމަކު މަންމަ އަހަންނަށް ވިސްނައިދިނީ. މަންމަ ބުނީ ދަރިއަކު ހޯދުމަކީ ބޭނުން ކަމެކޭ. ދަރިއަކު ލިބުނީމާ ބާދްޝާ އަހަރެން ދެކެ އިންތިހާއަށް ލޯބިވާނެއޭ. އަހަރެން ދޫކޮށްލާފައި އެހެން އަންހެނެއްގެ ފަހަތަކުން ނުދުވާނެއޭ."

ބާދްޝާ ޖާނީ އެއް ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. "ތިޔަ ބުނާ އެހެންމީހާއަކީ ކާކު؟ އޭނާ ކޮބާ؟ އަހަންނަށް އޭނާ ފޮރުވައިގެން އުޅެނީ ކީއްވެގެން؟"

ރުޚްސާނާ އެނދުގައި ދެއަތް ވިއްދައިފައި ދަތި ގޮތަކަށް ތެދުވެ އިށީނދެއްޖެއެވެ. "ޖާނީ. އަހަންނާ ދިމާއަށް ބަލައިލަބަލަ. އަހަންނާ ދިމާއަށް ބަލައިލީމާ ފެންނަނީ ފަޅިމޫނެއްކަން އަހަންނަށްވެސް އެނގޭ. އެއްފަޅި މިހިރީ ބުރުގާއިން ފޮރުވާފައި. އަނެއް ފަޅިޔާ ދިމާއަށް ރީތިކޮށް ބަލައިލަބަލަ. ތެދުވެރިކަމާއެކު ބުނޭ. އަހަރެން ރީއްޗެއް ނޫންތަ؟ އަހަރެންގެ އެއްވެސް އުނިކަމެއް އެބަހުރިތަ؟ ބާދްޝާއަށް ޚިދުމަތް ކުރުމުގައި ފަރުވާ ކުޑަ ކުރިންތަ؟ އަހަރެން މި ތުއްތު ފުރާނަ ދުނިޔެއަށް ގެނައީ ބާދްޝާއަށްޓަކައި. އަހަރެންގެ ވަފާތެރިކަމާއި ޚިދުމަތުގެ އިނާމެއްވެސް އޮންނާން ވާނެއެއްނު؟"

"އިނާމު ދޭނަން. މުޅި އުމުރު ދުވަހު ރުޚްސާނާ ދެކެ ލޯބިވާނަން."

"ޖާނީ. ތިޔައީ އިނާމެއް ނޫން. އަންހެނަކު އޭނާގެ ފިރިމީހާގެ ކިބައިން ބޭނުން ވާނޭ އެންމެ އަގު ބޮޑު އިނާމަކީ ހަމައެކަނި އޭނާ ދެކެ ލޯބިވުން. އެ ލޯބީގައި އެހެން އަންހެނަކު ބައިވެރި ނުކުރުން. އެހެން އަންހެނަކާ ބެހޭ ގޮތުން ސުވާލުވެސް ނުކުރުން. އެހެން އަންހެނެއްގެ ފަހަތުން ނުދުވުން. ބާދްޝާ އަހަންނާ ތިޔަ ސުވާލު ކުރަނީ އެހެން އަންހެނަކާ ބެހޭ ގޮތުން. އެ ސުވާލުގެ ޖަވާބު އަހަރެން ދޭނީ ކޮން ހިތަކުން؟"

"ޖަވާބު ދޭނީ އަހަންނަށް ފުރަތަމަ ފަހަރު މަކަރު ހެދި ހިތުން."

"އާހ... މަކަރު..." ރުޚްސާނާ ކަރު އެލުވައިލިއެވެ. "އަހަރެން ހެދި މަކަރުގެ މިސާލު ކިޔައިދެންތަ؟ ކޮންމެވެސް މީހަކު ތަނަކުން ބޮޑު ޚަޒާނާއެއް ވަގަށް ނަގައިގެން ގެޔަށް ގެނެސްފި. އެޔަށް ފަހު އޭނާ މުޅި ދިރިއުޅުން ވޭތުކުރީ ތެދުވެރިކަމުގައި. ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވޭ. ނިކަމެތިންނަށް ޚަރަދު ކުރޭ. ހެޔޮ އަމަލުތައް ކޮށްގެން އޭނާގެ ވައްކަމުގެ ބަދަލު ދެނީ. އެކަމަކު ފައިސާގެ ބޭނުންކޮށްގެން އަމިއްލަ ދިރިއުޅުން ގެންދިޔައީ އާބާދު ކުރަމުން... ދެވަނަ މިސާލަކީ ސުމަގުލަރެއް. އޭނާ އެތައް ކުރޯޑު ރުފިޔާގެ މުދާ ވަގަށް އެތެރެކޮށްގެން ވިއްކާ. ރެޔަކާއި ދުވާލެއްގެ ތެރޭގައި މުއްސަނދި ވެއްޖެ. ދެން އޭނާގެ ފާފަ ފޮހެލުމަށްޓަކައި ރަށުގައި މިސްކިތެއް ބަހައްޓައިފި. ޔަތީމުޚާނާއަކަށް ޗަންދާ ދޭން ފަށައިފި. ގޭގައި ޞަލަވާތް ފާތިޙާއާއި މާލޫދު ކިޔުން ބާއްވަން ފަށައިފި. ރަށު ތެރޭގައި ހެޔޮ ކަމެއް ކުރެވޭނޭ ފުރުސަތެއް އޮތިއްޔާ އެ ފުރުސަތެއްގެ ބޭނުން އޭނާ ކުރޭ. އެކަމަކު މި ހުރިހައި ކަމެއްގެ އަޑީގައި ފޮރުވިފައި އޮންނަނީ ކުށެއް. މިއީ އަހަރެންވެސް ވިސްނި ގޮތް. އެންމެ ދޮގެއް ހަދާފައި... އެންމެ މަކަރެއް ހަދާފައި... އޭގެ ފަހުން ބާދްޝާގެ ފައިތިލަދަށުގައި އޮންނާނީއޭ. އެހެން އަންހެނުންނަށް މިސާލަކަށް ވާވަރުގެ ވަފާތެރި ޚިދުމްތަތެރި އަނތްބަކަށް ވާނީއޭ. މިހައިތަނަށް ކަންތައް ކުރީވެސް އެހެން."

"ތިޔަހެން ހެދީމާ އަހަންނަށް ކުރި އަނިޔާ ނިމިގެން ދިޔައީތަ؟"

"އަހަރެން ހީކޮށްގެން ހުރީ އެ އަނިޔާ ނިމިގެން ހިނގައިދާނޭ ކަމަށް. ބާދްޝާ އެކަން އެހައި ބޮޑަށް އިހުސާސް ނުކުރާނޭ ކަމަށް. މަޑުމަޑުން ގޮސް މުޅި މީހާ އަހަރެންގެ މީހަކަށް ވެދާނޭ ކަމަށް. ބާދްޝާގެ ވިސްނުމާއި ފިކުރު ހަމައެކަނި އަހަންނާ ދިމާއަށް އެނބުރިދާނޭ ކަމަށް. ބާދްޝާގެ ތިޔަ މޮޔަކަން ދެމިހުރެދާނޭ ކަމަކަށް އަހަރެންވެސް އަދި އަހަރެންގެ ގޭގެ މީހަކުވެސް ހިއެއް ނުކުރޭ."

"މި މޮޔަކަން މަރުދުވަހާ ހަމައަށް ދެމިގެން ދާނެ. އަހަރެން ގާތު ބުނޭ... އެއީ ކާކު؟ އޭނާ އުޅެނީ ކޮންތާނކު؟"

"ބުނަން ޖެހިއްޖެ ކަމަށް އަހަންނަށް ޔަގީންވީމާ ބުނާނަން. އެ ވަގުތު ޖެހުމުގެ ކުރިން އަހަރެން ދައްކަން ޖެހޭ ވާހަކަ އެބަހުރި. އަހަންނާއި އަހަރެންގެ ދަރިފުޅުގެ ލޯބި ހިތުގެ ތަރާދުން ކިރައިލަބަލަ. މިއީ ބާދްޝާގެ ދަރިއެއް. މި ދަރި ދުނިޔެއަށް އައީ އަހަރެންގެ ފަރާތުން. އަހަރެންގެ ލޯތްބާއި، ވަފާތެރިކަމާއި، އަހަރެންގެ ފުރާނައާއި ހަށިގަނޑަކީވެސް ބާދްޝާގެ މިލްކެއް ކަމަށް ބުނާނަމަ..."

އޭނާ ރުޚްސާނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަރެން ގަބޫލު ކުރަން. ތިޔަ ދެއްކި ހުރިހައި ވާހަކައެއް ގަބޫލު ކުރަން. އަހަރެން ރުޚްސާނާއަށް ގަދަރު ކުރަން. ލޯބިވެސްވަން. ރުޚްސާނާއާ ދުރުގައި އަހަންނަކަށް ނޫޅެވޭނެ. ރުޚްސާނާ ދޫކޮށްލުމުގެ ޚިޔާލެއް އަހަރެން ނުކުރަން. އަހަރެން އެފަދަ ކަމެއް ކޮށްފިއްޔާ އެއީ ހަމައެކަނި ރުޚްސާނާއަށް ކުރެވޭ އަނިޔާއެއް ނޫން. އެއީ އަހަރެންގެ އަމިއްލަ ނަފުސަށްވެސް ކުރެވޭ ބޮޑު އަނިޔާއެއް. މީހަކު ދެކެ މިއަށްވުރެ ބޮޑަށް ލޯބިވާނީ ކިހިނެއް؟"

"އަހަރެންގެ ޖާނީ. އަހަރެން ދެކެ ތިޔަހައި ބޮޑަށް ލޯބިވަންޏާ ދީނީ ގޮތުންނާއި، ގާނޫނީ ގޮތުންނާއި، އަޚްލާގީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓި، ތިމާގެ އަނބިމީހާގެ ކުރިމަތީގައި ހިލޭ އަންހެނެއްގެ ވާހަކަ ދައްކަނީ ކީއްވެގެން؟ ހިލޭ އަންހެނަކު އުޅޭތަން އަނބިމީހާ ގާތު އަހަނީ ކީއްވެގެން؟"

(ނުނިމޭ)

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.