ފަޅިމޫނު - 101

(20 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖަމްޝީދު ދެތިން ކޯވަރެއް ބޮއިލުމަށް ފަހު ބުންޏެވެ. "އެކަމަކު... ތިޔަހެން ހަދައިފިއްޔާ އޭނާ އަހަންނަށް ނަފުރަތު ކުރަން ފަށައިފާނެ."

"ނުކުރާނެ. ކަލޭގެ ތަޖުރިބާއެއް ނެތީ. އަހަރެންގެ ތަޖުރިބާ އެބަހުރި. ބުނަންތަ؟ ބަލިވާން ނޭނގޭ މީހާއަށް ބަލިވާން ދަސްކޮށްދީ. ރުޚްސާނާ ކަހަލަ އަބުރުވެރި ރަނގަޅު ކުދިންނަށް ބޭނުން ވާނީ އެންމެ ފާތިޙެއް. އެކަހަލަ ކުދިން ފަތަޙަ ކުރެވޭނީ އެންމެ މީހަކަށް. އެ ފާތިޙަށް ކަލޭ ވެގަނޭ. އަހަރެން މި ބުނަނީ... އެޔަށް ފަހު ރުޚްސާނާ ކަލޭ ދޫކޮށްލާފައި ދުވަހަކުވެސް ނުދާނެ."

އޭނާ ގެންދިޔައީ ބޮމުން ވިސްނަމުންނެވެ. ފަޚްރީ އަނެއްކާވެސް ބުންޏެވެ. "ކަލޭ މިހާރު ވިސްނުމުގައި އެތައް އަހަރެއް ނަގާލައިފީމު. އަންހެން ކުއްޖާގެ ހަރަކާތާއި އުޅުން ދަސްކުރޭ. ނިކަން ވިސްނާލަބަލަ. މިހާރު އޭނާ އެހެރީ ކަލޭގެ ބޭނުން ޖެހިފައި. އެ އިނީ ކަލޭގެ ކޮށީގައި. އެކަމަކުވެސް އަތަކު ނުޖެހޭ. މޫނުގެ ސާޖަރީ ހަދައި ރީތި ވެލީމާ ކަލޭގެ މޫނަށް ކުޅު ޖަހާފައި ހިނގައިދާނެ."

ޖަމްޝީދު ބުންޏެވެ. "ކަލޭ އަހަންނަށް ތައުހީނު ކުރަނީ."

"އަހަންނެއް ނޫން. އޭނާ ތިޔަ ކަމެއްވެސް އެ ކުރަނީ."

"އަހަރެން އޭނާގެ ދުވަސް ދުއްވައިލާނަން."

"ދުއްވައިލާ. އަހަރެން މި ބުނަނީވެސް އެހެން. އަހަރެން ދައްކާ ވާހަކަ ނުވިސްނެންޏާ އަދިވެސް ބޮއި. ގިނަ ކަންތައްތައް ވިސްނެނީ ބުއްދިއަކުންނެއް ނޫން. ރަންބުއްދިވީމާ. ރާ އަކީ ބުއްދި ކައި ހުސްކުރާ އެއްޗެއް. ރަންބުއްދިއަކީ ހިތްވަރު ޖައްސާ އެއްޗެއް."

އަނެއްކާވެސް ރާ ގެނެސްފިއެވެ. ބޮމުން ދިޔަ ވަރަކަށް ރުޚްސާނާ ދިޔައީ ޖަމްޝީދުގެ ސިކުނޑިއަށް ވެރިވަމުންނެވެ.

ފަޚްރީ ބުންޏެވެ. "މިއީ ރަނގަޅު ދަނޑިވަޅެއް. ކަލޭގެ ބައްޕައެއް ނެތް. ގޭގައި އޭނާ އެއިނީ އެކަނި."

"އާނ. އޭނާ އިނީ އެކަނި. އެކަމަކު ރޭގަނޑު ދޮރެއް ނުހުޅުވާނެ. ރާ ވަސް ދުވައިފިއްޔާ އަމުދުން އަނގައިންވެސް ނުބުނާނެ."

"މިރޭ ނުވިޔަސް މައްސަލައެއް ނެތް. މާދަމާވެސް އޭނާ އުޅޭނީ އެކަނި."

"އާނ. އެކަމަކު އަހަރެން ސިންގާއަކަށް ވަނީ ބޮއިގެން ހުންނައިރު. ވަސް ދުވީމާ އޭނާ ފުފިގަންނާނެ."

"ބައެއް ރާގައި ވަހެއް ނުހުންނާނެކަން ކަލެއަށްވެސް އެނގޭނެ. އެހެންވީމާ މާދަމާ އެކަހަލަ އެއްޗެއް ބޮއިގެން ދޭ."

ސިންގާ މޭ ފުއްޕާލައިފިއެވެ. "މާދަމާ... އާނ... މާދަމާ ރޭ އަހަރެން ރޭގަނޑު ކާން ދާނަން. އަހަރެން މިއީ މޮޔައެއް ކަމަށް ހީކުރާ މީހާގެ ބުއްދި ހުރި ވަރެއް މާދަމާރޭ ބަލައިލާނަން. އާނ... މާދަމާ..."

އޭނާގެ ކުރިމަތިން ފެންނަ މަންޒަރު ފުސްވާން ފަށައިފިއެވެ.

* * *

ބާދްޝާ މޮޔަވުމަކާ ގާތަށް ހިނގައްޖެއެވެ. ފިކުރު ކޮށްކޮށް ވަރުބަލި ވެއްޖެއެވެ. އެކަމަކު އެ ދިގު، ފަށުއި އިސްތަށީގެ ސިއްރެއް ނޭނގުނެވެ. އެ އިސްތަށި އޭނާގެ ގަމީހުގައި ހަރުލީ ކިހިނެއް ކޮން ތަނަކުން އައިސް ހެއްޔެވެ؟

މުސައްވިރު (ކުރަހާމީހާ) ގާތު އެ ވާހަކަ ދެއްކީމާ އޭނާ ވަރަށް ފުންކޮށް ވިސްނައިލާފައި ބުންޏެވެ. "ވެރިޔާ. އެހެން ކަމެއްވެސް ވިސްނިއްޖެ."

"ކޮން ކަމެއް؟" ބާދްޝާ ހާސްކަމާއެކު އަހައިލިއެވެ. "އަވަހަށް ބުނޭ."

"މި ބުނަނީ. އިހަށް ޒާތީ ސުވާލެއް ކޮށްލާނަން. ރުޅި ނާންނާތި. ފަހަރި ފުރުވައިލުމުގެ ކުރިން ބައްދައިލިންތަ؟"

"ތިޔައީ ކުރާ ކަހަލަ ސުވާލެއްވެސް ނޫން. އަނބިމީހާ ފުރައިގެން ދާއިރު ބައްދައިނުލައެއް ނުހުންނާނަމެއްނު. ބުނަން އުޅޭ އެއްޗެއް އަވަހަށް ބުނޭ."

"ދެން ބުނާނީ ކީކޭ؟ މައްސަލަ ސާފުވެ ނިމުނީނު؟ ތިޔައީ ފަހަރީގެ އިސްތަށި."

"ނޫން. އަހަރެންގެ ރުޚްސާނާގެ އޮންނަނީ ރަން އިސްތަށިގަނޑެއް. މިއީ ސީދާ ކަޅުކުލައިގެ އިސްތަށި."

އޭނާ ޖީބުން ކުޑަކުޑަ ޕުލާސްޓިކު ފޮށްޓެއް ނަގައިފިއެވެ. ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ލައްޕައިފިއެވެ. އަދި އެ ފޮށި މަޑުމަޑުން ހުޅުވައިލިއެވެ. "ނިކަން ބަލާބަލަ. މި އޮތީ އެ ދެ އިސްތަށި. ބިއްލޫރިގަނޑު ލެއްޕީ އުދުހިގެން ހިނގައިދާނެތީ."

މުސައްވިރު އެޔާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލައިލާފައި ބޯ ޖަހައިލިއެވެ. "އާނ. މިއީ ކަޅު އިސްތަށި. ވެރިޔާ. މިއީ އަނެއްކާ ސިހުރެއް ނޫންތަ؟"

ބާދްޝާ ސުވާލުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ސިހުރޭ؟ މިއީ ސިހުރެއް ނޫން. އަހަރެން މިއީ ސިހުރުހާހޫރަ ގަބޫލު ކުރާ މީހެއް ނޫން."

"ވެރިޔާ ގަބޫލު ނުކުރިޔަސް އިސްތަށިގަނޑުގެ މަޅީގައި ވެރިޔާ ޖައްސަން މަސައްކަތް ކުރާ މީހާ ގަބޫލުކުރަނީ ކަމަށް ވެދާނެއެއްނު؟"

"ބަލަ ސިހުރު ނުހެދިޔަސް އަހަރެން މިހިރީ މަޅީގައި ޖެހިފައޭ. ކަލޭ ވިސްނާފައި ބުނެބަލަ. ރޭ އޭނާ އަހަރެން ގާތަށް އައިތަ؟ ނޫނީ ނާދޭތަ؟"

"ދެ ގޮތަކަށް އެބަ ވިސްނޭ. އެއް ގޮތަކީ އޭނާ އައި ނަމަވެސް ވެރިޔާ ހަމަހޭގައި ނެތުން. ހަމަހޭގައި ހުރި ނަމަ އޭނާ ހިފެހެއްޓީސް. އެކަމަކު ތިޔަ ބުނަނީ ތިމަން މުޅިއަކުން ތަންދޮރުކުޑައެއް ނުވެއޭ. ކުރިމަތީގައި ހުންނަ މީހާ އެނގޭވަރަށޭ ހުރީ. އެހެން ވެއްޖެއްޔާ އޭނާ ނާދޭ. އައި ނަމަ ވަކި ކުރަން އެނގުނީސްތާ."

"އެކަމަކު ތިޔަ ވާހަކައަކުން މި އިސްތަށީގެ މައްސަލަ ހައްލެއް ނުވެއެއްނު؟ މިއީ ކޮން ތަނަކުން އައި އެއްޗެއް؟"

މުސައްވިރު ކުއްލިއަކަށް ފުށްޓަތްކެއް ޖަހައިލިއެވެ. "ވެރިޔާ. ވިސްނިއްޖެ. އެނގިއްޖެ. ދިހުންއަރައިފި. ފަހަރި ގޭގައި އުޅުނު އިރު ވެރިޔާގެ ތިޔަ ފަރުޒާނާރާނީ އުޅުނީ ދުރުދުރުން ފިލައިގެންނެއްނު؟ މިހާރަކު ނުއެއް ފިލާނެ. ރޭ އައި ކަމަށް ވަންޏާ މިރޭވެސް އަންނާނެ. އެހެންވީމާ މިރޭ ނުބޯތި."

"ނުބޯނަން. އެކަމަކު އޭނާ ނައިއްޔާޔޯ؟"

"ނައިއްޔާ ރޭވެސް ނާންނަނީ. ކޮންމެވެސް ތަނެއްގައި އިނދެގެން ސިހުރު ހަދަނީ. ވެރިޔާ ފަހަރިއާ ދުރު ކުރުވަން ވެގެން އިސްތަށީގެ ޖާދޫގައި ޖައްސަނީ. މިރޭ ހުރިހައި ކަމެއް ރަނގަޅަށް ސާފުވެދާނެ."

ބާދްޝާ އެ ކުޑަ ފޮށި ލައްޕައިލުމަށް ފަހު ޖީބަށް ލައިފިއެވެ. "އެންމެ ރަނގަޅު. މިރޭ ކަލޭވެސް ހުންނަން ވާނެ. އަހަރެން ހުންނާނީ ހަމަ ހޭގައި. އެކަމަކުވެސް ހެއްކެއް ބޭނުން. އިރުއިރުކޮޅާ ކުރިމައްޗަށް ނުކުމެފައި ގެއްލެނީ ކިހިނެއް ވެގެންތޯ ބަލަން އަހަރެން ބޭނުން. އަދި އެއީ އަހަންނަށް ހީވާ ގޮތެއްތޯ ނޫނީ އޭނާ ހަމަ ހަގީގަތުގައިވެސް އަންނަނީތޯ ކަށަވަރު ކުރަން ބޭނުން. ކަލޭ ހުރީމާ ކަލެއަށްވެސް ފެންނާނެއެއްނު؟"

"މައްސަލައެއް ނެތް. އަހަރެން މިރޭ އަށެއް ޖަހާއިރަށް ތިޔަ ގެއަށް އަންނާނަން."

ބާދްޝާ އެ ތަނުން ސީދާ އައީ ނިޒާމްއާބާދަށެވެ. އެއީ މެންދުރުގެ ވަގުތެވެ. ދަރިފުޅު އުރައިލެވުނީމާ ކުއްލިއަކަށް ރުޚްސާނާގެ މަތީން ހަނދާން ވާން ފަށައިފިއެވެ. ކަޅު އިސްތަށިގަނޑުލީ އަންހެނަކާ ހެދި ލޯބިވާ އަނބިމީހާގެ މަތީން ހަނދާން ނެތޭތީ ލަދުވެސް ގަތެވެ. އޭނާ ކާމްރާން މޭގައި ޖައްސާލައިގެން ހުރެ ހިތާހިތާ ކިޔައިލިއެވެ. "ރުޚްސާނާ ކޮބައި ހެއްޔެވެ؟ ލަންޑަނަށް ދެވިއްޖެ ހެއްޔެވެ؟ ވަރަށް ބޮޑަށް ރުޚްސާނާގެ މަތީން ހަނދާން އެބަވެއެވެ. ކަޅު އިސްތަށީގެ ސަބަބުން ކުޑަކޮށް ހަނދާން ނެތުނު ކަމުގައި ވިޔަސް މި ދަރިފުޅު އަހަރެމެން ދެމީހުން އެކަކު އަނެކަކުގެ މަތީން ހަނދާން ނައްތައިލިޔަ ނުދޭނެކަން ޔަގީނެވެ."

މައިދައިތަ ހުރީ ވަރަށް މީރުކޮށް ކައްކައިފައެވެ. ބަނޑު ފުރޭންދެން ކައިލެވުނީމާ ކުޑަކޮށް ލޮޑުކަން އިހުސާސް ކުރެވޭން ފަށައިފިއެވެ. ނިދައިލާ ހިތް ވެއްޖެއެވެ. މިރޭ ނުނިދައި ހުންނާން ޖެހޭ ހަނދާންވެސް ވެއްޖެއެވެ. އެހެންވީމާ އެންމެ މޮޅު ގޮތަކީ ރޭގަނޑުގެ ނިދި، ދުވާލު ހަމަކޮށްލުމެވެ. އޭނާ ދަރިފުޅު ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެނދުގައި އޮށޯވެ ކާމްރާނާ ސަކަރާތް ޖަހައިލަޖަހައިލާ ރުޚްސާނާއާމެދު ވިސްނައިލަވިސްނައިލާ އިރުކޮޅަކު އޮތެވެ.

ބައިގަޑިއެއްހާއިރު ފަހުން މައިދައިތަ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ކާމްރާން އޮތީ ހޭލައެވެ. ބާދްޝާއަށް ހޭލެވިދާނެތީ ވަރަށް ފަރުވާތެރިކަމާއެކު ކާމްރާން ނަގަން މައިދައިތަ ގުދުވެލިއެވެ. އެ ވަގުތު އެނދުމަތީގައި އޮތް ކުޑަކުޑަ ޕުލާސްޓިކު ފޮށްޓެއް ފެނިއްޖެއެވެ. އަނބިމީހާއަށް ވުރެ ބޮޑަށް ޝައްކު ކުރަނީ މައިދައިތަ ކަމުގައިވެސް ވެދާނެއެވެ. ހަމަ ވަގުތުން ފޮށި ނަގައި ހުޅުވާލައިފިއެވެ. އެތެރޭގައި އޮތް އެއްޗެއް ފެނުމާއެކު ކިޔައިލެވުނެވެ. "ޔާރައްބީ. މިއީ އަނެއްކާ ކޮން ހަންޑިއެއްގެ އިސްތަށްޓެއް؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.