(22 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަރީދު އަޙްމަދުގެ އަންހެނުންގެ މޭގަނޑު ފުންމައިގެން ބޭރަށް ނައީ ކިރިޔާއެވެ. އެތެރޭގައި ޖާނީ އެ އޮތީ ނިދައިފައެވެ. ބޭރުން އެ އިވެނީ މީހަކު ފަރުޒާނާގެ ނަން ކިޔާ އަޑެވެ.
ބޭރުން އަނެއްކާވެސް މީހަކު އެއްޗެކޭ ކިޔައިފިއެވެ. އެކަމަކު ކީ އެއްޗެއް ސާފެއް ނުވިއެވެ. ކުޑައިރުކޮޅަކަށް ފަހު އަނެއްކާވެސް ޓަކި ޖަހައިފިއެވެ. "ދައްތާ... އަޑު އިވޭތަ؟"
އޭނާ ދިޔައީ ސިއްސައިގެންނެވެ. "އާނ. ތިޔަ ކިޔަނީ ކީކޭ؟"
"އަހަރެން މި ބުނަނީ އޭނާ ނިޔާ ވެއްޖެއޭ. އަހަރެން މިއީ އޭނާގެ އަވަށްޓެރިއެއް. އެގޭ މީހުން ބުނީމާ އެ ޚަބަރު ދޭން ވެގެން އައި މީހެއް."
ވީ އުފަލެއްގެ ސަބަބުން އޭނާއަށް ފުންމައިގަނެވިއްޖެއެވެ. އޭނާ ބޭނުންވީ ދުވެފައި ގޮސް އަވަހަށް އެ ޚަބަރު ފިރިމީހާއަށް ދޭށެވެ. އޭގެ ފަހުން ބާދްޝާ ޖާނީގެ ބޮލަށް ހޮނު އަޅާނީއެވެ. އޭނާ އެނބުރިލީ ވަގުތު ފަރީދު އަޙްމަދު އަތުވެއްޖެއެވެ. އަނބިމީހާ ފުމެނަގާތަން އޭނާއަށް ފެނިއްޖެއެވެ. މީހަކު އެހީތެރި ނުވެއްޖެނަމަ އަރި އަޅާލައިގެން ވެއްޓިދާނޭހެންވެސް ހީވިއެވެ. ފަރީދު ހައިރާންވެފައި އަހައިލިއެވެ. "މުސްކުޅިވީ ދުވަހު ތިޔަ ނަށަނީ ކޮންހައި ނެށުމެއްތަ؟ ކިހިނެއްވީ؟"
އޭނާ އުފަލުން ގޮސް ފަރީދުގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. "އޭނާ މަރުވެއްޖެ. އަހަރެމެންގެ ދަރިފުޅުގެ ދުޝްމިނު މަރުވެއްޖެ."
ފަރީދު އަޙްމަދު ހައިރާންކަމާއި ދެރަވުން އެކުލެވޭ ރާގެއްގައި އަހައިލިއެވެ. "ކާކު؟ ފަރުޒާނާތަ؟"
"އާނ. އޭނާ. ދެންމެ މީހަކު އައިސް އެ ޚަބަރު ދިނީ."
ފަރީދު އަޙްމަދު އަނބިމީހާ އެއް ފަރާތް ކޮށްލުމަށް ފަހު ގޮސް މައި ދޮރު ހުޅުވައިލިއެވެ. ފެނުނީ މީހަކު އިސް ޖަހައިލައިގެން ހުރެ ހިނގައިގަތް ތަނެވެ. އޭނާ އެ މީހާއަށް ގޮވައިލިއެވެ. "އޭތް. މަޑުކޮށްބަލަ. ކާކުތަ މަރުވީ؟"
އެމީހާ އެނބުރި ބަލައިލިއެވެ. "ޑަކްޓަރު ފަރުޒާނާ ވާޞްޠީގެ މަންމަ ނިޔާވީ. ޖަނާޒާ އޮތީ މަޣުރިބު ނަމާދަށް ފަހު."
ފަރީދު އެނބުރި އަނބިމީހާއާ ދިމާއަށް ބަލައިލިއެވެ. އަނބިމީހާގެ އަނގަ ހުރީ ހުޅުވިފައެވެ. އުސްތަނަކުން ވެއްޓިގެން އައިސް ބިންމަތީގައި ޖެހުނީ ކަހަލައެވެ.
ފަރީދު ދޮރު ލައްޕައިލުމަށް ފަހު ބުންޏެވެ. "ކަލޭގެ ކަންފަތަށް ހުންނަނީ ކިހިނެއް ވެފައިތަ؟ މީހުން ނުދައްކާ ވާހަކައަށް ދާންދެން ކަލެއަށް އެބަ އިވޭ."
އޭނާ މަޑުމަޑުން ރޯން ފަށައިފިއެވެ. "ދުޝްމިނަކު މަރުވެފައި އަލުން ދިރުމަށް ވުރެ ނުބައި ކަމެއް އޮންނާނެތަ؟"
ފަރީދު އަޙްމަދު އޭނާގެ ކޮނޑުމަތީގައި މަޑުމަޑުން ޖަހައިލިއެވެ. "މަޔަކު ބަފަޔަކު ނެތް އެ ފަކީރު މިހާރު އިންނާނީ ރޯން. ކުޑަ އިރުކޮޅެއް ވާންދެން ފަރުޒާނާގެ މަޔަކަށް ވެގެން ވިސްނައިލަބަލަ. އެ ފަކީރު އެ ވަނީ ހާލަތުގެ ސަބަބުން އެތައް ހިތާމައަކާ ކުރިމަތި ލާފައި. އިންސާފުވެރިކަމާއެކު ވިސްނައިލަބަލަ. އެ މަންޖެއަށް އެ ލިބެނީ އެންމެ ކުށެއްގެ ސަޒާ. އެއީ އަހަރެމެންގެ ދަރިފުޅުގެ މޫނު އޭނާގެ ސަބަބުން ހުތުރުވުމުގެ ސަޒާ. އެހެން ނޫން ނަމަ މިއަދު ބާދްޝާ ޖާނީ އިނދެގެން އުޅޭނީ އޭނާޔާ. އެއްކޮޅުން ބަލާއިރު އޭނާ އެ ގެންދަނީ މި ކުރަނީ ކީއްކަން ރަނގަޅަށް ދަނެގެން އިނދެ އަހަރެމެންނަށްޓަކައި ގުރުބާން ވަމުން. އަނެއްކޮޅުން ހިތުގެ މަޖުބޫރީގެ ސަބަބުން މަގުން ކައްސައިލަނީ. އެއީ އިންސާނީ ބަލިކަށިކަން. އަހަރެމެން ދެމީހުންގެ ކިބައިގައިވެސް އެކަހަލަ އިންސާނީ ބަލިކަށިކަން ހުންނާނެ. އަހަރެމެންގެ ދަރިފުޅުގެ ފިރިމީހާޔާ އޭނާ އިނުމަކީ އަހަރެން ރުހޭ ކަމެކޭ އެއްގޮތަކަށްވެސް ނުބުނަން. އެކަމަކު މިއަދު ކަލޭ ގާތު އަހަރެން މި ބުނަނީ އެ މަންޖެގެ މަންމައަށް ވާށޭ."
އޭނާ ވާހަކަ ދައްކާން އުޅުނީމާ ފަރީދު އަޙްމަދު އަތް ހިއްލައިލުމަށް ފަހު އަނެއްކާވެސް ވާހަކަ ފަށައިފިއެވެ. "ވާހަކަ ދެއްކުމުގެ ކުރިން ވިސްނައިލާ. މި ވަގުތު ފަރުޒާނާގެ އަމައެއް ބަފައެއް ނެތް. އަނެއްކޮޅުން އަހަރެމެންގެ ލޯބިވާ ދަރިފުޅު އެހެރީ މަޔަކާ ބަފަޔަކާ ނުލައި ގޮސް ބީރަށްޓެހި ރަށެއްގައި. އޭނާ އެކަނިމާއެކަނި އުޅޭ ހާލެއްވެސް ނޭނގޭ. ކަލޭ މިއަދު ފަރުޒާނާގެ ބޯމަތީގައި މައިވަންތަކަމުގެ އަތް ބާއްވާލައިފިނަމަ އެ ރަށުގައި އަހަރެމެންގެ ދަރިފުޅަށް ދިމާވެދާނޭ މައްސަލައަކުން ސަލާމަތް ކޮށްދޭނޭ މީހަކު ނުކުތުމަކީވެސް ﷲ މެދުވެރި ކުރައްވައިފާނޭ ކަމެއް."
އޭނާ މޭގައި އަތް ޖައްސައިލިއެވެ. ލޯމަރައިލިއެވެ. މެރިފައިވާ ލޮލުން ފެންނަނީ އޭނާ ފުރާނައަށްވުރެވެސް ބޮޑަށް ލޯބިވާ ދަރިފުޅު ރުޚްސާނާގެ ފަޅި މޫނު ހިނިތުންވާ މަންޒަރެވެ. މަންމަގެ ހިތުގެ އަޑިން އާހެއް ނުކުތެވެ. މެރިފައިވާ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. "ﷲ ރަހުމު ކުރައްވާށި. އަހަރެން ހަމަ މިހާރު ގޮސް ދުޝްމިނާ ކަރާއިކަރު ޖައްސައި ސަލާން ކުރާނަން. މާތް ﷲ މި އަޅާގެ ދަރިފުޅު ދުޝްމިނުންގެ ކިބައިން ސަލާމަތް ކުރައްވާށި."
އޭނާ ރޮމުންރޮމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
ބާދްޝާއަށް ހޭލެވިއްޖެއެވެ. ގަޑި ބަލައިލީއިރު ހައެއް ޖަހަން ދިހަ މިނިޓަށް ވެއްޖެއެވެ. އޭނާ އަވަސްއަވަހަށް ތެދުވެ އިށީނދެއްޖެއެވެ. ބޭނުން ވަނީ މަޣްރިބަށް ގޮވުމުގެ ކުރިން ގެއަށް ދާށެވެ. އެ ފީކޯތްކުޅޭ މަންޖެ އަންނާނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ. އޭނާ އެނދުމަތީގައި އޮތް ކުޑަކުޑަ ފޮށި ހުޅުވައި ބަލައިލިއެވެ. އެއް ފަހަރު ބަލައިލުމަށް ފަހު ފޮށި ލައްޕައި، ޖީބަށް ލައިފިއެވެ.
ދަރިފުޅު ހިމޭނުން އޮވެގެން އޭނާއާ ދިމާއަށް ބަލަނީއެވެ. އޭނާ ދަރިފުޅު އުރައިލިއެވެ. އިރުކޮޅެއް ވާންދެން އެހެން އިނދެފައި އެ ކޮޓަރިން ނުކުމެގެން ގޮސް އަނެއް ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ފަރީދު އަޙްމަދު ކޮޓަރީގައި އިނެވެ.
"ދަރިފުޅާ ހަވާލުވޭ. މާގިނަ އިރު ނިދިއްޖެ. މަސައްކަތު ނުކުންނަން އެބަޖެހޭ."
ފަރީދު ދަރިފުޅު އަތުލައިފިއެވެ. "މޫނު ދޮވެލައިގެން ސައި ބޮއިގެން ދާންވީނު؟"
އޭނާ ނުކުންނާން ހިނގައިގަންނަމުން ބުންޏެވެ. "ވަގުތެއް ނެތް. ބޭރުން ސައި ބޮއިފާނަން. މިރޭ ކާކަށް ނާންނާނަން."
ފަރީދުގެ ޖަވާބީ ވާހަކައަކަށް އިންތިޒާރު ކުރުމެއް ނެތި އޭނާ ނުކުމެގެން ގޮސް ކާރަށް އަރައިފިއެވެ. ސިކުނޑީގައި އެނބުރެނީ ފަރުޒާނާއެވެ. އޭނާ ވަރަށް ބާރަށް ދުއްވާފައި ގެއަށް ހިނގައްޖެއެވެ. ގެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. މިރޭ އޭނާ އެ އިންތިޒާރުކުރާ މީހާ އިނީ މަންމަގެ މަރުގެ ހިތާމައިގައި ރޯންކަން އޭނާއަށް އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟
ވައުދުވެފައިވާ ގޮތަށް ގަޑިން އަށެއް ޖެހުމާއެކު މުސައްވިރު އަތުވެއްޖެއެވެ.
ދެމީހުން އިންތިޒާރު ކުރަމުން ގޮސް މެންދަމު ބާރަ ޖެހީމާ މުސައްވިރު ކިޔައިފިއެވެ. "ވެރިޔާ. ދެން ނިދާ."
ބާދްޝާ މާޔޫސީއާއެކު ބުނެލިއެވެ. "އޭނާ އަހަރެންގެ ނިދި ނަގާލައިފި. އެވަރަށް އަހަރެން ތަޅުވަނީ ކީއްވެގެން ކަމެއްވެސް ނޭނގޭ."
"މިރޭ އޭނާ ނައީމާ އެނގޭ ކަމަކީ ރޭވެސް ނާންނަކަން. އޭނާގެ ޖާދޫގައި ޖެހިގެން ވެރިޔާ މޮޔަ ގޮވަނީ. އޭނާ އެހެރީ ވެރިޔާ އޭނާގެ އިސްތަށީގެ ސިހުރުގައި ޖައްސައިފައިކަން ޔަގީން."
ބާދްޝާ ޔަގީން ނުވާ ކަހަލަ ގޮތަކަށް އަހައިލިއެވެ. "އެކަހަލަ ސިހުރުވެސް ހުރޭތަ؟"
"އާނ. ހުރޭ. އަހަރެމެން ކުޑައިރު އަހާ ވާހަކައެއް އޮވޭ. ފުރޭތައެއްގެ އިސްތަށްޓެއް އަތުޖެހިއްޖެއްޔާ އެ ފުރޭތަ އަޅަކަށް ހަދައިގެން ގެންގުޅެވިދާނެ. އެ އިސްތަށި އަންދައިލުމާ އެކީ ފުރޭތަ އަންނާނެ. އެއީ ކީއްވެގެންކަން އެނގޭތަ؟"
"ކީއްވެގެން؟"
"ސިހުރު ހަދާފައި ހުންނަ އިސްތަށި އަންދައިލީމާ އެ އިސްތަށީގެ ވެރިޔާގެ ހަށިގަނޑުގައި ވޭން އަޅާނެ. އެހެންވީމާ ތެޅެމުންފޮޅެމުން އަންނާނެ. ބުނާ ކޮންމެ ކަމެއް ކުރާނެ."
"ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ ފަރުޒާނާއަކީ ފުރޭތައެއް ނޫން."
"އިސްތަށްޓައް މަންތަރު ހަދާ މީހަކުވެސް ވާނީ ބާވަތެއްގެ ފުރޭތައަކަށް. ރުޅި ނާންނާންޏާ ވާހަކައެއް އަހައިލަންތަ؟ އޭނާ އެކުރާ ކަންތައްތަކުގެ ސަބަބުން ވެރިޔާއަކަށް ތަދެއް ނުވޭތަ؟"
"ތިޔަ ވާހަކަ ނުދައްކާ. އަހަރެން މި އުޅެނީ ވަރަށް ބޮޑު ވޭނެއްގައި."
"އެންމެ ރަނގަޅު. ތިޔައީ މަންތަރު ހަދާފައި ހުރި އިސްތަށިތޯ ބަލަމާ ހިނގާ. މަންތަރު ހަދާފައި ހުރިއްޔާ އިސްތަށި އަންދައިލުމާއެކު އޭނާ އަންނާނެ."
(ނުނިމޭ)
މިބައި ހާދަކުރޭ ވވވވ.ރީތި