ފަޅިމޫނު - 83

(30 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ތިޔައީ ރަނގަޅު ޚިޔާލެއް. ގައުމުން ބޭރުން ވަޒީފާއެއް ހޯދަން ބޭނުމިއްޔާ ކޮންމެވެސް މީހަކުގެ އެހީތެރިކަން ހޯދަން ޖެހޭނެ. އެކަމަކު ޖަމްޝީދުގެ އެޑްރެހެއް އަހަރެންގެ އަތަކު ނެތް."

"ސިޓީގެ ބޭރުގައިވެސް ޖަމްޝީދުގެ އެޑްރެސް ޖަހައިފައި އޮތް. ނޯޓު ކޮށްލާކަށް އެ ވަގުތަކު ހިތަކަށް ނޭރި. އެކަމަކު އަދިވެސް ހޯދިދާނެ. ރުޚްސާނާގެ މަންމަޔާ ބައްދަލު ކޮށްގެން ކޮންމެވެސް ގޮތެއް ހޯދާނީ."

ފަރުޒާނާ ބުންޏެވެ. "ރުޚްސާނާއާވެސް އޭނާގެ މަންމަޔާވެސް ވާހަކަ ދައްކާނެ ކަމެއް ނެތް. އަހަރެން ޝަހުލާގެއަށް ގޮސް އެޑްރެސް ހޯދައިފާނަން."

"ވަރަށް ރަނގަޅު. އަވަހަށް އެ ގެއަށް ގޮސް އެޑްރެސް ހޯދާ. މަންމަ ތާއަބަދު މި ހުންނަނީ ދަރިފުޅަށް ވެދާނޭ ގޮތަކާމެދު ކަންބޮޑުވޭވެ. އެހެން ގައުމަކަށް ދެވުނީމާ އަމިއްލަ ކަންތައްތަކާމެދު ވިސްނާނޭ ފުރުސަތުވެސް އޮންނާނެ. ޖާނީގެ ބިރުވެސް ކެނޑިދާނެ. އޭރުން ރަނގަޅު ކުއްޖަކު ހޯދައިގެން ދަރިފުޅުގެ ކާވެނި ކުރުވާނަން."

"މަންމާ. ކާވެނީގެ ވާހަކަ ނުދައްކާ. އަހަރެން ގައުމު ދޫކޮށް ދާން ބޭނުން ވަނީ ބާދްޝާ ޖާނީއަށް ދުވަހަކުވެސް ނުފެންނާނޭ ގޮތެއް ހަދަން ވެގެން. އަދި ރުޚްސާނާއަށްޓަކައި އަހަރެން ވީ ގުރުބާނީ ބޭކާރު ވެގެން ދިޔަ ނުދޭން ވެގެން."

"އެކަމަކު މީހަކާ އިންނާންވެސް ވާނެއެއްނު؟ އުމުރު ދުވަހު ތިޔަހެން ހުހަކަށް ނީނދެވޭނެއެއްނު؟"

"ކާވެންޏަކީ އުފާވެރިކަމަށް ކިޔާ ނަމެއް. ހިތްހަމަނުޖެހޭ ކަމަށް ވަންޏާ... އުފާވެރިކަމެއް ނުލިބެންޏާ މީހަކާ އިނުމުގެ ބޭނުމަކީ ކޮބާ؟"

"ހިތުގައި އުފާވެރިކަން އުފެދިއްޖެއްޔާ؟"

"އެހެންނެއް ނުވާނެ. އުފެދިއްޖެއްޔާ މަންމަ ބުނާ ގޮތަކަށް ހަދާނީ."

* * *

ވިދިގެން އައި ދުވަހު ކުއްލިއަކަށް ފެނުނީ ރުޚްސާނާގެ މަންމަ އައިސް ފަރުޒާނާގެ ކުލިނިކަށް ވަން ތަނެވެ. ކުލިނިކުގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހާ ބުންޏެވެ. "ދައްތާ. ބަލި މީހުން ބަލާ ގަޑި ހަމަވެއްޖެ. ހަވީރު އާދޭ. ޑަކްޓަރު މި ވަގުތު އަރާމު ކުރައްވަނީ."

މަންމަ އަތް ހޫރައިލިއެވެ. "ކަލޭގެ ލޮލަށް ތިޔަހަރީ ކިހިނެއް ވެފައި؟ ކަނުވީތަ؟ އަހަރެން މިއީ ބަލިމީހެއްތަ؟ ކަލެއަށް ވަޒީފާ ދިނީ ކާކު؟"

އޭނާ އެ ދިޔަ ގޮތަށް ގޮސް ގޭތެރެއަށް ވަންނާން ހުންނަ ދޮރުން އެތެރެއަށް ވަދެއްޖެއެވެ. ފަރުޒާނާގެ ދެމައިން އޭރު ތިބީ ކާށެވެ. އޭނާ ފެނުމާއެކު ދެމީހުންވެސް ކޮޅަށް ތެދުވެއްޖެއެވެ. ރުޚްސާނާގެ މަންމަ ބުންޏެވެ. "އިށީނދޭ. މިހެން ލައިގެން ދަމުން ހާލު ބަލައިލާން ވަދެލާނަމޭ ހިތަށް އެރީ."

ފަރުޒާނާ ބުންޏެވެ. "އަހަރެމެންގެ ހާލު ރަނގަޅު. އެކަމަކު ދައްތަގެ ހާލު ރަނގަޅު ހެންނެއް ހިޔެއް ނުވޭ. އަސްލު ބޭނުމުގެ ވާހަކަ ދައްކާ."

"ކޮއިފުޅާ. އަބަދުވެސް ސިކުނޑިން ނުކުންނަނީ ތިޔަ ކަހަލަ ޚިޔާލު ދޯ؟ ދައްތަގެ ހިތުގައި ތިޔަ ދެމައިންގެ މައްޗަށް އެއްވެސް ލޯތްބެއް ޖަޒުބާތެއް ނެތީކަމަށް ހީކުރަނީތަ؟"

ފަރުޒާނާގެ މަންމަ ބުންޏެވެ. "ޖަޒުބާތު އުތުރި އަރާ ވަރަށް އެބަހުރިކަން ޔަގީން. ކާން އާދޭ."

"އަހަރެން މި އައީ ގެއިން ކައިގެން. ފެން ތަށްޓެއް ބޮއިލެވިދާނެ."

މިހެން ބުނެފައި އަމިއްލައަށް ފެން ތަށްޓެއް އަޅައިގެން ބޯން ފަށައިފިއެވެ. ހުސްކޮށްފައި މޭޒުމަތީގައި ތަށި ބެހެއްޓުމާއެކު ފަރުޒާނާ ބުންޏެވެ. "ދެން ފަށްޓާ."

އޭނާ ކުޑަކޮށް ނުރުހުން ވެފައި ފަރުޒާނާއާ ދިމާއަށް ބަލައިލިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި ހިނިތުންވެލިއެވެ. "ޖަމްޝީދުގެ ސިޓީއެއް ލިބުނެއްނު ދޯ؟ އެ ސިޓީ ގެނައީ ކޮންމެވެސް ރައްޓެއްސެއްގެ ގެއިންނެއްނު ދޯ؟"

"އެއީ ސޮސައިޓީގައި އުޅޭ ކުއްޖެއް. ނަމަކަށް ކިޔަނީ ޝަހުލާ. ޖަމްޝީދު ޢަލީއާ ދެބެއިންގެ ދެދަރި ކުއްޖެއް. އަހަންނާ ސިޓީ ހަވާލުކުރީ އޭނާ."

"އެހެން ދޯ؟ ކޮއިފުޅު އަބަަދުވެސް އަހަރެންގެ ރުޚްސާނާއަށް އެހީތެރިވޭ... ދައްތާ އަހައިލާން އުޅުނީ ރުޚްސާނާ އުޅެނީ މީހަކާ އިނދެގެންނޭ އެ ކުއްޖާ ގާތު ބުނިންހޭ."

ފަރުޒާނާ ހިނދުކޮޅަކަށް ވިސްނައިލިއެވެ. "ރުޚްސާނާގެ ވާހަކަ މާގިނައިން ދެއްކުނު ހަނދާނެއް ނުވޭ. ޝަހުލާ މިގެއަށް އައީ އޭނާގެ ފިރިމީހާއާއެކު. މާ ގިނަ އިރަކު މަޑެއް ނުކުރޭ. އަހަރެން އެ ގެއަށް ދިޔައިރު ވަރަށް ގިނަ މީހުން އެ ގޭގައި އުޅޭ. އޭނާވެސް އުޅުނީ ވަރަށް އަވަދިނެތި. އެހެންވީމާ މާ ގިނަ ވާހަކައެއް ނުދެކެވޭ. އަހަރެން ސިޓީ ހިފައިގެން އަވަހަށް އައީ."

"މައްސަލައެއް ނެތް. ހަމަ އަހައިލީ. ދައްތަގެ ހިތަށް އެރީ ރުޚްސާނާގެ ޒާތީ ދިރިއުޅުމާ ބެހޭ ވާހަކަ ހިލޭ މީސްމީހުން ގާތު ދައްކާނެ ކަމެއް ނެތޭ. އެއީ ފައިދާއެއް ކުރާނޭ ކަމެއް ނޫނޭ. ޖަމްޝީދުގެ އެހެން ސިޓީއެއް ލިބިގެން ބަލައި ދިޔަޔަސް ރުޚްސާނާގެ ކާވެނީގެ ވާހަކަ ނަމަނަމަ ނުދައްކާތި އިނގޭ."

ފަރުޒާނާގެ ދެމައިން ހައިރާން ވެފައި އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ. "ހައިރާން ވާވަރުގެ ކަމެއް. ދައްތަ ބޭނުން ވަނީ ރުޚްސާނާގެ ކާވެނިވެސް ސިއްރު ކުރަންތަ؟ ދަނބިދަރިއަކީ ކުލީކާރު ދުއްވާ މީހަކަށް ވާތީތަ؟ އެއީ މާ ދެރަ މީހަކު ކަމަށް ދެކެނީތަ؟"

"ނޫނޭ. އަހަރެންގެ ދަނބިދަރިއަކީ ވަކި އެހެން މީހަކަށް ދޫކުރާނޭ ކުއްޖެއް ނޫން. އެހެން އެކަކަށްވުރެވެސް ދެރަ ކުއްޖެއް ނޫން. ކަނބުލޮ ތިޔަ ދައްކަނީ ދައްތަގެ ހިތަށް ނުވެސް އަރާ ކަހަލަ ވާހަކަ. އަސްލު ގޭގެ ވާހަކަ އެހެން މީހުން ގާތު ދައްކަން ދައްތަ ބޭނުން ނުވަނީ. މީގެ ފަހުން ޝަހުލާއާ ދިމާވިޔަސް އަދި އެހެން މީހަކާ ދިމާވިޔަސް ރުޚްސާނާއަކީ ދަންނަ މީހަކު ކަމުގައިވެސް ނުހެދޭތި. ރުޚްސާނާ އެހެން ގެއަކަށް ހިނގައްޖެއޭ މިހާރު އުޅޭ ތަނެއް ނޭނގެއޭ ބައްދަލެއް ނުވެއޭ ބުނެލާތި. ރުޚްސާނާގެ އެއްވެސް ޒާތީ މައުލޫމާތެއް ނޭނގެއޭވެސް ބުނެލާތި."

ދެމައިން އެކަކު އަނެކާ ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. ރުޚްސާނާގެ ކަންތައްތައް، ޚާއްސަކޮށް ކާވެނީގެ ކަންތައްތައް ސިއްރު ކުރާން އެވަރަކުން އުޅޭ ސަބަބެއް ދެމައިން ކުރެ މީހަކަށް ވިސްނައެއް ނުގަނެވުނެވެ.

ފަރުޒާނާ ބުނެލިއެވެ. "ޝަހުލާ ބުނި ގޮތުގައި ޖަމްޝީދު ލަންޑަނުގެ ޑަކްޓަރަކާ ވާހަކަ ދައްކައިގެން ރުޚްސާނާގެ މޫނުގެ ޕްލާސްޓިކް ސާޖަރީ ހެދޭނޭ ގޮތް ހަމަޖައްސައިފި. އެހެންވީމާ އޭނާ ބޭނުން ވަނީ ރުޚްސާނާ ލަންޑަނަށް ގެންދަން. އެއީ ތެދެއްތަ؟"

"އާނ. އެއީ ތެދެއް. އެއީ ޖަމްޝީދުގެ ހެޔޮކަން. އޭނާ އޮތީ ޑަކްޓަރުގެ ހުރިހައި ކަމެއް ހަމަޖައްސާފައި. އެކަމަކު ދަތުރުފަތުރާއި ބޭހުގެ ހުރިހައި ޚަރަދެއް ކުރަން ޖެހޭނީ އަހަރެމެން އަމިއްލައަށް. އަހަރެން މިހާރު ދޮޅު ލައްކަ ރުފިޔާ ހަމަޖައްސައިފިން. ދެން އޮތީ ޕާސްޕޯޓު ހެއްދުން. އަހަރެން ވަރަށް އަވަހަށް ރުޚްސާނާ އެ ރަށަށް ފޮނުވައިލާނަން."

ފަރުޒާނާ އަހައިލިއެވެ. "ލަންޑަނަށް ގޮސް ޖަމްޝީދާ ދިމާވެ ބޭހުގެ ކަންތައްތަކުގައި އުޅޭ އިރު ރުޚްސާނާ އޭނާގެ ފިރިމީހާއާއި ދަރިފުޅުގެ ވާހަކަ ނުދައްކާނެތަ؟"

އެ ސުވާލަށް ދޭނޭ ޖަވާބެއް ފުރަތަމަ ރުޚްސާނާގެ މަންމައަކަށް ނޭނގުނެވެ. އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "ނުދައްކާނެ. އޭނާ ބޭކާރު ވާހަކައެއް ނުދައްކާނެ. އެތަނަށް ގޮސް މޫނަށް އެ ހަދާ އެއްޗެއް ހަދައިގެން އަވަހަށް އެނބުރި އަންނާނީ. އާއިލީ ވާހަކަ ދައްކަން ޖަމްޝީދު އެއީ އަހަރެމެންގެ ގާތްތިމާގެ މީހެއް ނޫނެއްނު؟"

"ގާތްތިމާގެ މީހަކަށް ވިޔަސް ނުވިޔަސް އަންހެނަކަށް އެންމެ މުހިއްމު ވާނީ އޭނާގެ ފިރިމީހާއާއި ދަރިން. އެހެންވީމާ އެ ވާހަކަ ދައްކާކަށް ކޮންމެހެން އަޑުއަހާ މީހާއަކީ ގާތް މީހެއްތޯ ހިލޭ މީހެއްތޯއެއް ނުބަލާނެ. ކޮންމެ މީހެއްގެ ކުރިމަތީގައިވެސް އެމީހުންގެ ވާހަކަ ދައްކާނެ. ބާދްޝާ ދެކެ ރުޚްސާނާ ނުލާހިކު ބޮޑަށް ލޯބިވޭ. އެހެންވީމާ އޭނާގެ ވާހަކަ ދައްކާނެކަން ޔަގީން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.