(18 ފެބްރުއަރީ 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެންމެ ރަނގަޅު. އަޑުއަހާ. އޭނާ ފެނިއްޖެއްޔާ ބީރައްޓެއްސަކު ކަމުގައި ހެދިގަނޭ. ވާހަކަ ދެއްކިޔަސް ދަންނަ މީހަކު ކަމުގައި ނުބުނާތި. އޭނާޔާ ދުވަހަކުވެސް ބައްދަލުނުވާ މީހަކު ކަމުގައި ހެދިގަނޭ. ބީރައްޓެއްސަކަށް ހެދިގަތީމާ އޭނާ ވާހަކަ ދައްކާކަށް ނޫޅޭނެ. އިތުރު މައްސަލައެއް ނުޖައްސާނެ. އޭނާ މައްސަލައެއް ޖައްސަން އުޅުނަސް މަންޒަރު ދެކޭ މީހުން ފަރީގެ ހިމާޔަތުގައި ތިބޭނެ."
ރުޚްސާނާ މަޑުމަޑުން ހިނގައިފައި ދޮރާ ހަމައަށް ގޮސްފައި އަނެއްކާވެސް ހުއްޓިފައި އެނބުރި ބަލައިލިއެވެ. "އަހަރެން މި ބުނި ގޮތަށް ހެދީމާ އެއްވެސް ކަމެއް ގޯހެއް ނުވާނެ. އަހަރެން މިއީ އޭނާ ފުރަތަމަ ދުވަހު ދުށް ރުޚްސާނާ ކަމަށް ބުނެފައި އެބަހުގައި އަހަރެން ބާރަށް ހިފަހައްޓައިގެން ހުންނާނަން. ފަރީވެސް ތިމަން މިއީ ރުޚްސާނާއެއް ނޫނޭ ބުނެފައި އެބަހުގައި ހަމަ އެހައި ބާރަށް ހިފަހައްޓައިގެން ހުންނާތި. ބީރައްޓެއްސަކަށް ވެގެން ހުރޭ. ބާދްޝާ ޖާނީ ދުވަހަކު ނުވެސް ދެކޭ ކަމުގައި ހެދިގެން ހުރޭ. އަހަރެމެން ދެމީހުންވެސް ވައުދުވެފައިވާ ގޮތުގައި ދެމިތިބެއްޖެ ނަމަ އަހަރެންގެ ކާވެނި ސަލާމަތް ކުރެވޭނެ. މަޑުމަޑުން ގޮސް އޭނާ އަހަރެންގެ މައްޗަށް ލެނބިދާނެ. އާދަ ވެދާނެ. މޫނު އެނދީމާ މީހާ މުޅީން ތަފާތު ވެދާނެ ކަމަށް ގަބޫލުކުރަން ފަށައިފާނެ. މީގެ ފަހުން އޭނާގެ ކުރިމަތީގައި ބީރައްޓެއްސަކަށް ވެގެން އުޅޭން އެއްބަސްވަންތަ؟"
"މިހައިތަނަށް ލައްކަ ކަންތައް ކޮށްފީމެއްނު؟ އެހެންވީމާ ތިޔަކަންތައްވެސް ކުރާނަން. އަހަރެން މަސައްކަތް ކުރާނީ ބާދްޝާ ޖާނީއާ ދިމާ ނުވެ އުޅެވޭތޯ. ހިތްހަމަ ޖައްސައިލައިގެން ދޭ."
ރުޚްސާނާ ހިނގައްޖެއެވެ. އަނެއް ދުވަހު ހެނދުނު ފަރުޒާނާވެސް އޭނާގެ މަންމަޔާއެކު އެ ރަށް ދޫކޮށް ސައްކަރަށް ހިނގައްޖެއެވެ. އެ ރަށުގައި އޭނާ ފަނަރަ ދުވަސް ހޭދަ ކުރިއެވެ. އެ ފަނަރަ ދުވަސް ހޭދަކުރި ގޮތް އެނގޭނީ ހަމައެކަނި އޭނާއަށާއި އޭނާގެ ވެރި ﷲ އަށެވެ. ރެޔާއި ދުވާލު އޭނާގެ ސިކުނޑީގައި އެނބުރެނީ ބާދްޝާ ޖާނީއެވެ. ބާދްޝާ މިހާރުވެސް އޭނާ ނުފެނިގެން ހޯދާނެއޭ ހިތަށް އަރައެވެ. އޭނާ ގިނަ ފަހަރު ފެންނަނީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިންދައެވެ. އޭނާގެ ހިތަށް އަރައެވެ. މިހާރު ރުޚްސާނާގެ ކާވެނި ކޮށްފާނޭ ބާވައެވެ؟ ދެވަނަ ސިކުންތުގައި ހިތަށް އަރައެވެ. ބާދްޝާ ރުހޭނެ ބާވައެވެ؟ އަނތްބެއްގެ ގޮތުގައި ރުޚްސާނާ ގަބޫލު ނުކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ހެއްޔެވެ؟ ބާދްޝާއަކީ ކަނު މީހެއް ނޫނެވެ. އެހެންވީމާ ފަރުޒާނާގެ ގޮތުގައި ރުޚްސާނާ ގަބޫލު ކުރާންވީ ކީއްވެގެން ހެއްޔެވެ؟
މިހާރު ކަންތައް ގޮސްފައި އޮންނާނީ ކިހައި ހިސާބަކަށް ހެއްޔެވެ؟ އަރައިރުންގަނޑު ފެށިދާނެ ހެއްޔެވެ؟ ބާދްޝާ ޖާނީ މަޑަކުން ނުހުންނާނެއެވެ. ދެމައިންނާއި ދެމައިންގެ މުޅި އާއިލާއަށް ބަވައިނަގާނެކަން ޔަގީނެވެ. މަގުމައްޗަށް ނުކުމެ ހަޅޭއްލަވާނެކަން ގައިމެވެ. މީހުން އެއްކުރާނެއެވެ. މިނޫން ގޮތެއް ވެދާނެ ހެއްޔެވެ؟
ކުޑަ އިރުކޮޅަކަށްވެސް އޭނާގެ ހިތެއް ހަމައެއް ނުޖެހެއެވެ. ރަނގަޅަކަށް ނުއެއް ކެވެއެވެ. ނުއެއް ނިދެއެވެ. ހިތް އޮންނަނީ ތެޅިލަތެޅިލައެވެ. ބާދްޝާ ގާތަށް އުދުހިފައި ހިނގައިދާނަމޭ ހިތަށް އަރައެވެ. އެކަމަކު މިހާރު ކާވެނި ކުރެވިދާނެ ބާވައެވެ؟ ކުރެވިއްޖެނަމަ މިހާރު ބާދްޝާ އުޅޭނީ އޭނާގެ ފަރުޒާނާ ނުފެނިގެންނެވެ. މިފަދަ ދަނޑިވަޅެއްގައި އޭނާގެ ކުރިމައްޗަށް ނުކުންނާނީވެސް ކިހިނެއް ހެއްޔެވެ؟
ބިރުގަނެގެން ކުރެވޭނީ ވަކި ކޮން ކަމެއް ހެއްޔެވެ؟ މަރު ދެކެވެސް ބިރުގަނެއެވެ. އެކަމަކު ލާ ކޮންމެ ނޭވަޔަކާއެކު މަރުގެ ވަސް ހުންނަނީ އެކުލެވިފައެވެ. ބާދްޝާއާ ކޮންމެވެސް ދުވަހަކުން ބައްދަލުވާނޭކަން ކަށަވަރެވެ. މަރުގެ ޔަގީންކަން އޮތުމާއެކުވެސް ބިރު އޮންނަނީ ފޮރުވިފައެވެ. އެހައި ފަސޭހައިން ތިލަނުވާ ކަހަލަ ގޮތަކަށެވެ. ބާދްޝާގެ ބިރުވެސް އޮތީ އެކަހަލަ ގޮތަކަށެވެ. މަޑުމަޑުން ބިރު ފިލަމުންދާން ފަށައިފިއެވެ.
ފަނަރަ ދުވަސް ފަހުން ފަރުޒާނާގެ ދެމައިން އެނބުރި އަތުވެއްޖެއެވެ. އަވަށަށް އޮތީ އަމާންކަން ފެތުރިފައެވެ. ބާދްޝާގެ ފަރާތުން އެއްވެސް ކަހަލަ ފަސާދައެއް ނުވަތަ ގަޑުބަޑެއް އުފެދިފައިވާ ތަނެއް ނުފެނެއެވެ. ގެޔާ ހަމައަށް ދިޔަތަނާ ފެނުނީ ފަރީދު އަޙްމަދު ގޭ ދޮރުމަތީގައި އިށީނދެގެން އިންދައެވެ. ފަރުޒާނާ ސަލާން ގޮވައިލީމާ ސަލާމުގެ ޖަވާބު ދީފައި އޭނާގެ ގާތަށް އައިސް ހުއްޓިފައި ފަރީދު އަޙްމަދު އަހައިލިއެވެ. "ކިހިނެއް ކޮއިފުޅާ؟ ހާލު ރަނގަޅުތަ؟"
"ރަނގަޅު. ބޭބެމެންގެ ހާލު ކިހިނެއް؟"
"ބޭބެމެންގެ ހާލުވެސް އިރާދަކުރެއްވީތީ ރަނގަޅު. ރުޚްސާނާވެސް ފިރިމީހާޔާއެކު އޭނާގެ ގޭގައި އުފާވެރިކަމާއެކު އެބައުޅޭ."
އެއީ ފަރުޒާނާ ހީކޮށްގެން ހުރި ގޮތާ ޚިލާފު ވާހަކައެކެވެ. ބާދްޝާ އޭނާގެ ބަދަލުގައި އެހެން މީހަކު އަނތްބަކަށް ގަބޫލު ކޮށްފާނޭ ކަމަކަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. އެއީ ވަކި މީހަކު ދެކެ ލޯބިވެފައި އެހެން މީހަކާ އިންނަ ކަހަލަ މީހެއް ނޫނެވެ.
ގެއަށް އައި އިރު އޭނާ ހުރީ ހިތް މަރުވެފައެވެ. ކާވެނި ކާމިޔާބު ވީތީ މަންމަ އިނީ ވަރަށް ބޮޑަށް ހިތް ހަމަޖެހިފައެވެ. ފަރުޒާނާގެ އަތުން ރުޚްސާނާގެ މޫނު އެނދިއެނދުމުގެ ބަދަލު ދައްކައި ނިމުނީއެވެ. މީހަކު މިހާރު އެވަނީ އަނތްބެއްގެ ގޮތުގައި މުޅި އުމުރަށް ރުޚްސާނާ ގަބޫލުކޮށްފައެވެ. ފަރުޒާނާގެ ބޮލުގައި އަޅުވާފައި އޮތް ނުބައި ތުހުމަތުން ސަލާމަތްވީއެވެ. އެކަމަކުވެސް ހިތުގައި ވަނީ ވަރުގަދަ ހައިޖާނެއް އުފެދިފައެވެ. އޭނާ ލަފާވެސް ކޮށްފައި ނުވާ ކަމެއް މިހިރަގެން ދަނީ ވަމުންނެވެ. ބާދްޝާ ހަމަ ހަގީގަތުގައިވެސް މިވީ ކުލީކާރު ދުއްވާ މީހަކަށެވެ. ފަސިންޖަރު ބަދަލު ކުރުމަކީ އޭނާގެ މަސައްކަތެވެ. އެހެންވީމާ އެހެރީ ފަސިންޖަރު ބަދަލު ކޮށްގެންނެވެ.
އެ ދުވަހު ހަވީރު ރުޚްސާނާ އޭނާގެ މަންމަޔާއެކު ގެއަށް އަތުވެއްޖެއެވެ. ފަރުޒާނާމެން އައި ޚަބަރު ލިބުނީމާ ދެމައިން އެގެއަށް އަތުވެއްޖެއެވެ. ރުޚްސާނާ ލައިގެން ހުރީ ރީތި ހެދުމެކެވެ. ހުރީ ގަހަނާ އަޅައި ޒީނަތްތެރި ވެގެންނެވެ. އޭނާގެ ސިފައާއި ހަރަކާތުންވެސް އެއީ މީހަކާ އިނދެގެން ހުރި މީހަކުކަން އެނގޭހައި ވެއެވެ. މޫނުމަތީން އަލިކަން ފައުޅުވެއެވެ. އޭނާ ދެއަތް ފުޅާކޮށްލުމަށް ފަހު ފަރުޒާނާއާ ދިމާއަށް ބަލައިލިއެވެ. "އަހަންނަށް ތަހުނިޔާއެއް ނުކިޔާނަންތަ؟"
ފަރުޒާނާ ސަލާން ކޮށްލުމަށްޓަކައި އަތް ދިއްކޮށްލިއެވެ. "އަހަރެންގެ ތަހުނިޔާ. ރުޚްސާނާގެ ހަޔާތް ބާއްޖަވެރި ކުރައްވަތްތޯ އަހަރެން އަބަދުވެސް ދުޢާ ކުރަން."
ރުޚްސާނާ ބުންޏެވެ. "ފަރީ. އަހަރެން އަތް ފުޅާކޮށްގެން މިހިރީ ކަރާކަރު ޖައްސައި ސަލާން ކުރަން ވެގެން. އެކަމަކު ފަރީ ތިޔަ އުޅެނީ އާދައިގެ ސަލާމެއް ކުރަން. އަދިވެސް ރުޅިގަނޑު މަޑު ނުވަނީތަ؟ އަހަރެންގެ ދިރިއުޅުން ހަމަޔަކަށް އެޅުނީމާ އުފާ ނުވަނީތަ؟"
"އަހަރެން ވަރަށް ބޮޑަށް އުފާކުރަން. އަހަންނަށް ކުރެވުނު ކުށުގެ ބަދަލުގައި ކުޑަނަމަވެސް ހެޔޮކަމެއް ކުރެވުނީތީ ހިތްހަމަވެސް ޖެހޭ. ދެން ތިޔަ ބުނާ ކަރާއި ކަރު ޖެއްސުމުގެ ވާހަކައަށް ބުނަން އޮތީ އަހަރެމެން ދެމީހުންގެ މެދުގައި ވަކި ވަރެއްގެ ދުރުކަމެއް ބަހައްޓަން އެބަޖެހެއޭ. ދެމީހުންނަށް އެކަކު އަނެކެއްގެ މޫނު ފެންނަވަރުވީމާ އެ އޮތީ ނިމިފައި. ކަރާއި ކަރު ޖެއްސީމާާ އެކަކަށް އަނެކެއްގެ މޫނެއް ނުފެންނާނެ."
ރުޚްސާނާގެ މަންމަ ހިނިތުންވެލިއެވެ. "ދަރިފުޅާ. ފަރީ ހިތްހަމަޖެހޭ ގޮތަކީ އަހަރެމެންވެސް ރުހޭ ގޮތް. އަތުގައި ހިފައި ސަލާންކޮށްލާ."
ރުޚްސާނާ ފަރުޒާނާގެ އަތުގައި ހިފައި ސަލާން ކޮށްލިއެވެ. އެޔަށް ފަހު އެންމެން އިށީނދެ ހަމަޖެހުނީމާ ރުޚްސާނާގެ މަންމަ އަހައިލިއެވެ. "ސައްކަރުގައި ހޭދަކުރި ދުވަސްތައް ރަނގަޅުތަ؟ އެތާނގެ މޫސުން ކިހިނެއް؟"
ފަރުޒާނާ ބުންޏެވެ. "ދައްތާ. ތިޔަ ކަހަލަ ރަސްމީ ވާހަކަ ނުދައްކައި މިގެއަށް އައި ބޭނުމުގެ ވާހަކަ ދައްކާ."
"ކޮއިފުޅު ހީކުރަނީ އަހަރެމެން މިގެއަށް އަންނާނީ ބޭނުމެއް އޮވެގެން ކަމަށްތަ؟"
"ދައްތަމެން ސައްކަރަށް ދިއުމުގެ ކުރިން އަހަރެމެން ވާހަކަ ދެއްކީމެއްނު؟ އެ ދުވަހު އަހަންނާއި މަންމަޔާ ދެމީހުން އޮންނާނީ ވަކި ގޮތެއް ކަނޑައަޅައި އެވާހަކަ ބުނެފައި. އަހަރެމެން ބައްދަލު ކުރާނީ ވަރަށް މުހިއްމު ކަމެއް އޮވެގެން ކޮންމެހެން ބައްދަލުކުރަން ޖެހިއްޖެއްޔާއޭ ބުނިން. އެ ވާހަކަ އަނެއްކާވެސް ތަކުރާރު ކޮށްލާނަން. މުހިއްމު ބޭނުމެއް އޮތިއްޔާ ބުނޭ. ކަމެއް ކޮށްދެވެން އޮތިއްޔާ މިއަދުވެސް ކޮށްދޭނަން."
ރުޚްސާނާގެ މަންމަ ބުންޏެވެ. "ކޮއިފުޅަކީ ވަރަށް ރަނގަޅު، ޚުލްގު ހެއު ކުއްޖެއް. ދައްތަގެ ދުޢާއަކީ ކޮއިފުޅުގެ ދިރިއުޅުން ބާއްޖަވެރި ކުރެއްވުން. ދައްތަ މިއައީ ބާދްޝާ ޖާނީ ހުރީ ވަރަށް އުފަލުންނޭ ބުނެލަން ވެގެން. އޭނާ މިހާރު ރުޚްސާނާ ގަބޫލުވެސް ކޮށްފި. ދިމާވީ ހިތާމަވެރި ހާދިސާއެއްގެ ސަބަބުން އެމަންޖެގެ މޫނަށް އައި ބަދަލެއް ކަމަށް އޭނާ ގަބޫލުކޮށްފި. އޭނާ ގަބޫލުކުރާ ގޮތުގައި އެއީ ކޮއިފުޅުގެ މޫނަށް އައި ބަދަލެއް."
ފަރުޒާނާގެ މަންމަ ހައިރާންވެފައި ބުންޏެވެ. "ތިޔަ ވާހަކަ ވިސްނައިގަނެވޭ ގޮތެއް ނުވި. ރުޚްސާނާގެ މޫނާއި ފަރުޒާނާގެ މޫނުގައި ވަރަށް ބޮޑު ފަރަގެއް އެބަހުރި. ދެ ކުދިންވެސް ދޮން. ދެ ކުދިންވެސް ރީތި. އެކަމަކު ނޭފަތާއި މޫނުގެ އެހެން ވަނާތައް ތަފާތު. ބާދްޝާއަށް އެކަންތައްތައް ފާހަގަ ނުކުރެވެނީތަ؟"
"ފާހަގަ ކުރެވުނު. ފުރަތަމަ ރޭ ވަރަށް މައްސަލަ ބޮޑުވެސް ކުރި. އަނެއް ދުވަހު އަހަރެމެން އިންޖިނޭރުބޭބެ ގެނެސްގެން އެމަންޖެޔާ ސުވާލުތަކެއް ކުރުވިން. އެ ސުވާލުތަކަށް ރަނގަޅަށް ޖަވާބު ދިނީމާ ބާދްޝާގެ ހިތްހަމަ ޖެހިއްޖެ."
ފަރުޒާނާގެ މަންމަ ބުންޏެވެ. "ހުރިހައި ކަމެއް ހަމަޖެހުނުކަން ރަނގަޅު. ތިޔައީ ވަރަށް އުފާވެރި ވާހަކައެއް. މައްސަލަ ހައްލުވެ ނިމިއްޖެނު؟ ދެން ބޭނުންވަނީ ކޮން ކަމެއް؟"
"ކޮއްކޯ. މައްސަލަ ވަރަށް ސާފު. ބާދްޝާ ޖާނީ އަހަރެންގެ ދަރިފުޅު ގަބޫލުކޮށްގެން އެހެރީ ފަރުޒާނާ ކަމަށް ހިތައި. ބާދްޝާއަކީ ރަނގަޅު މީހެއް. އެކަމަކު ވަރަށް ބޯހަރުވެސް މީހެއް. ދޮގާއި މަކަރު ބޭޒާރުވީމާ ވަރަށް މައްސަލަ ބޮޑުވެގެން ދާނެ."
"މަޑުމަޑުން ގޮސް ފިރިމީހާއަށް ކަންތައްތައް ރަނގަޅަށް އޮޅުންފިލުވައި ދިނުމަކީ ރުޚްސާނާގެ ވާޖިބެއް. ދޮގުގެ މަތީގައި ދިރިއުޅެނީ ކިހައި ދުވަހެއް ވާންދެން؟"
"ސިއްރު ކުރެވެން އޮތްހައި ދުވަހަށް އަހަރެމެން ސިއްރު ކުރާނަން. އެއީ އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތްވެސްމެ. ކާވެންޏަށް އަދި މާ ގިނަ ދުވަހެއް ނުވޭ. އަހަރެންގެ ދަރިފުޅު ބާދްޝާ ޖާނީއަށް ޚިދުމަތް ކުރާނެ. އެމަންޖެގެ ލޯބީގެ އަސަރު ބާދްޝާއަށް ކުރާނެ. މަޑުމަޑުން ގޮސް ލޯބީގައި ކުލަޖެހި ހަމަޔަކަށް އެޅިގެންދާނެ. އެ ފުރުސސަތު އައީމާ ބާދްޝާއަށް ހުރިހައި ކަމެއް ރަނގަޅަށް ކިޔައިދޭނެ. އެކަމަކު އެ ފުރުސަތު ލުބުމުގެ ކުރިން އޭނާއަށް ފަރުޒާނާ ފެނިއްޖެއްޔާ ހުރިހައި ކަމެއް ބޮއްސުންލައިގެން ދާނެ."
(ނުނިމޭ)
V reethi.. mifaharu avas kohlla dheyne kamah unmeedhu kurann