މުޅި ދުނިޔެއަށް ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މި މަހަކީ ކޯވިޑު ޖެހިގެން ރާއްޖެއިން އެންމެ ގިނަ ބަޔަކު ނިޔާވި މަހެވެ. ރާއްޖެއަކީ ކޯވިޑްގެ ވެކްސިން އެންމެ ފުރަތަމަ ލިބުނު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ވެކްސިން ޖެހި މީހުން ވެސް ރާއްޖޭގައި ނިސްބަތުން ގިނައެވެ. ނަމަވެސް ތަފާސްހިސާބަށް ބަލާއިރު މިމަހު ކޯވިޑްގައި ނިޔާވި މީހުންގެ ތެރޭގައި ވެކްސިން ނުޖަހާ މީހުން ގިނަކަން ފާހަގަކުރެވެއެވެ.
މިއަހަރު ފެށިގެން އައި އިރު ވެކްސިނާ މެދު އާއްމުންގެ މެދުގައި ތަފާތު ގޮތް ގޮތަށް ވާހަަކަ ދެކެވެވުމުން އައެވެ. މީސްމީޑިއާ އާއި ސުމޭކް (ޑިޖިޓަލް) މީޑިއާގައި އެވިސްނުން ފަތުރަމުންވެސް ދިޔައެވެ. ވެކްސިނާ ގުޅިގެން އެކިކަހަލަ އިލްޒާމު އެޅުވުމާއި، ވެކްސިން އުފައްދާ ކުންފުނިތަކާއި ގައުމުތަކާ މެދު ސުވާލު އުފެއްދުމާއި ވެކްސިން ޖެހުމުން ނިކުމެދާނެ ނަތިޖާއާ މެދު ކަންބޮޑުވުން ފާޅުކުރުމާއި ވެކްސިންގެ ކަށަވަރުކަމާއި ނުކަށަވަރުކަމާ މެދުވެސް ސުވާލު އުފައްދާފައި އެބަހުއްޓެވެ. ވެކްސިނާއި އެއްކޮޅަށާއި ދެކޮޅަށް ގިނަ ވާހަކަތަކެއް އެކި މަންސަތކުގައި ދެކެވުނެވެ. އެއްބަޔަކު ވެކްސިނަށް ތާއީދުކުރިއިރު އަނެއްބަޔަކު ފާޅުގައި ދެކޮޅު ހަދާފައި އެބަހުއްޓެވެ. ނޫސްތަކާއި، މަޖިލީހާއި، ސިޔާސީން އަދި އާއްމުން ވެކްސިންގެ ވާހަކަ އެކި ގޮތްގޮތަށް ދައްކާފައި އެބަހުއްޓެވެ. މިފަދަ ވާހަކަތަކުގެ ނަތީޖާއަކަށް ވަނީ ވެކްސިނާ މެދު އިދިކީލި ވިސްނުން އުފެދި ވެކްސިނާ ދެކޮޅު ފިކުރު އުފަންވުމެވެ.
ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ނުވަދިހަ އިންސައްތަ ގައުމަށް ވެކްސިނާ ދެކޮޅު ވިސްނުން ފެތުރިފައިވާ ކަމަށް ދިރާސާވެރީން ފާހަގަކުރެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯ އަށް އޮތް އެންމެ ބޮޑު ދިހަ ނުރައްކަލުގެ ތެރޭގައި ވެސް ވެކްސިނާ ދެކޮޅު، އަދި ވެކްސިން ޖެހުމާ މެދު ގޮތް ނިންމާން ވަގުތު ނެގުމާއި ވެކްސިން ޖެހުމާ ދެކޮޅު ޚިޔާލު ހިމެނެއެވެ.
ކާމިޔާބު ވެކްސިން ޕްރޮގްރާމެއް ނުވަތަ ކެންޕޭނެއް ރާވައި ހިންގޭނީ ވެކްސިނާ ގުޅޭގޮތުން ލިޔާލިޔުންތަކާއި ދެކެވޭ ވާހަކަތަކާއި ބަސްމަގު (ޑިސްކޯސް) ގާތުން ބަލައި މޮނީޓަރުކޮށްގެންނެވެ. އާއްމު ސިއްހަތުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މިފަަދަ ހުރިހައި ބަސްމަގެއް ތަހުލީލު ކޮށްގެންނެވެ. ސިޔާސީއަކު ނުވަތަ ނޫސްވެރިޔަކު ނުވަތަ އާއްމު މީހަކު ވަކި ވާހަކައެއް ވަކި ގޮތަކަށް ބުނުމުން ނުކުންނާނެ ނަތީޖާއާއި އެވާހަކައެއް އެހެން ގޮތަކަށް ބުނުމުން ނިކުންނާނެ ނަތީޖާއަކީ ކޮބައިތޯ ބަލައިގެންނެވެ. ސިއްހީ ދާއިރާއިން ވެކްސިނަކީ މުހިއްމު އެއްޗެއް ކަމަށް ބުނެ ވެކްސިން ޖަހާންވާނެއޭ ބުންޏަސް އެކަން ނުކުރާ ބަޔަކު ކޮންމެ މުޖްތަމައެއެްގައިވެސް އުޅޭނެއެވެ. އެހެންކަމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަރުމާކޮށް ރާވާ އިރު ވެކްސިންގެ ބަސްމަގު އެއްކޮށް، އެ ޑާޓާއިން ފެންނަ ކަންބޮޑުވުންތަކާއި އިދިކީލި ޚިޔާލަށް އެޑްރެސް ކުރެވެންވާނެއެވެ.
ވެކްސިންގެ ބަސްމަގާ މެދު އާއްމުން ސުވާލު އުފައްދަނީ ކިހިނެއް؟
ވެކްސިން ޖަހާން ނުވަތަ ނުޖަހާން ނުޖަހާން މީހަކު ނިންމަނީ އެކި ކަންކަމަށް ރިއާޔަތް ކޮށެވެ. ގޮތް ނިންމަނީ ވެކްސިނާ ގުޅޭ ލިޔުންތައް ކިޔާފައެވެ. ނުވަތަ ވެކްސިންގެ އެކިއެކި ވާހަކަ އަޑުއަހާފައެވެ. ނުވަތަ ވެކްސިނާ ގުޅޭގޮތުން ސިޔާސީއަކު ދައްކާ ވާހަކަ އަޑުއަހާފައެވެ. ވެކްސިނާ ގުޅޭ ޚަބަރު ކިޔާފައެވެ. މިސަބަބުތަކަށްޓަކައި ވެކްސިން ކެންޕޭނު ރާވައި ހިންގާ ފަރާތްތަކުން ވެކްސިނާ ގުޅޭގޮތުން އާއްމުވެފައި ހުންނަ ލިޔެކިޔުންތަކަށް އާއްމުން އިޖާބަދެނީ ނުވަތަ ބޭނުންކުރަނީ ކިހިނެއްތޯ ބަލަންޖެހެއެވެ. އެހެނީ ވެކްސިން ޖަހާނެތޯ ނޫންތޯ ނުވަތަ ތިމާގެ ދަރީންނަށް ވެކްސިން ދޭނެތޯ ނޫންތޯ ނިންމަނީ އެކި މަންސަތަކުގައި ހުންނަ އެފަދަ ބަސްމަގަށް ރިއާޔަތްކޮށް ކަމަށްވާތީއެވެ.
އޮންލައިން މަންސަތަކަކީ އޮޅުވާލުމާއި މީހުންގެ ވިސްނުން ވަކި އަތަކަށް ފިރާލުމާއި ހާސްކަމާއި ރުޅިވެރިކަން އުފެއްދުމުގެ ހަރަކާތްތައް ވެސް ހިނގާ ތަންތަނެވެ. "އިންޑިއާ ވެކްސިން"، "މޯދީގެ ވެކްސިން" ނުވަތަ ރާމާ މަކުނާ ގުޅުވައިގެން ދިވެހި ޓުވިޓަރުގައި ވެސް ވެކްސިންގެ ބަހުސްކުރެވިފައި އެބަހުއްޓެވެ. އޯޑިއޯ-ވީޑިއޯ މެސެޖުވެސް އެކި މަންސަތަކުގައި ދައުރުކޮށްފައި އެބަހުއްޓެވެ. ތިރީގައި އެވާ ޓުވީޓު ތުރެޑުން ވެސް ވެކްސިނާ މެދު ގެންގުޅޭ އެކި ވިސްނުން ފެންނާނެއެވެ. އެހެންކަމުން އާއްމު ސިއްހަތުގެ ދާއިރާއިން މިފަދަ މަންސަތައް ގާތުން މޮނީޓަރުކުރަންވާނެއެވެ.
Your first concern seemed to be that it was an "Indian" vaccine and not the #AstraZeneca AZD1222
Later the concern morphed in to "it wasn't a vaccine approved by WHO"
Now it is a "monkey vaccine" suddenly today, because one pseudo-science doctor said it is so?
— Mohamed Visham ❓🎈 (@vichalhey) February 2, 2021
އާއްމުންނާއެކު އެމީހުންގެ ކަންބޮޑުވުންތަކާ ނުރުހުންތަކާމެދު މާނަވީ ގޮތެއްގައި މަޝްވަރާކުރާނީ ކިހިނެއްކަން ދެނެގަނެވޭނީ އޭރުންނެވެ. ވެކްސިނާ ގުޅިގެން އުފެދޭ ކަންބޮޑުވުމާއި މާޔޫސީ ދެނެގަނެ، މައުލޫމާތު ފޯރުކޮށްދިނުމުން އެ މައުލޫމާތަަށް ބަރޯސާވެ ގޮތް ނިންމުމަށް ބާރުއެޅިދާނެއެވެ. ކޮންމެ މީހަކަށް އެމީހަކު ބޭނުން ގޮތް ނިންމުމުގެ ހައްގު އޮންނާންވާނެއެވެ. އެހެނަސް އެ ނިންމުމަކީ އިތުބާރު ހިފޭ، ރަނގަޅު މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމޭ ނިންމުމެއްކަން ކަށަވަރުކުރަން ވާނެއެވެ. ހަމައެހެންމެ ބައެއް މައުލޫމަތުގެ ފަހަތުގައި ފޮރުވިފައި ހުންނަ އެޖެންޑާތައް ވެސް ދެނެގަންނާން ވާނެއެވެ. މައުލޫމާތު ކިޔާފައި މީހުން ދަނީ ކޮން މިސްރާބަކަށްތޯ އާއި އެ މިސްރާބަށް ދާން މެދުވެރިވީ ކޮން ކަމެއްތޯއާއި އެމިސްރާބަށް ދަނީ ކީއްވެތޯއާއި ފަހު ނިންމުމަކަށް ވާނީ ކޮން ނިންމުމެއްތޯ މިއީ ހައްތާވެސް ބަސްމަގަށް ބަލައިގެން ދެނެގަނެވިދާނެ ނުވަަތަ ހޯދޭނެ ކަންކަމެވެ.
ވެކްސިން މުހިއްމު ވަނީ ކީއްވެ؟
ވެކްސިނަކީ ގައިންގަޔަށް އަރާބަލިތައް ފެތުރުން މަދުކުރުމަށް އޮތް އެންމެ އަސަރުވެރި ހައްލެވެ. ގައިންގަަޔަށް އަރާ ބަލިތަކަކީ ކްލިނިކަލް ގޮތުންނާއި އިގްތިސާދީ ގޮތުން މުޖްތަމައަށް ނުއުފުލޭވަރު ބުރައަކަށް ވާފަހަރުވެސް އާދެއެވެ. އެެހެންކަމުން އެފަދަ ބަލިތައް ފެތުރުނަ ނުދިނުމަށްޓަކައި ބަވަނަ (ގްލޯބަލް) ވެކްސިން ޕްރޮގްރާމްތައް ހިންގެއެވެ. އެފަދަ ޕްރޮގްރާމްތަކުގެ ދަށުން ނުރައްކާތެރި ބައެއް ބަލިތައް ނައްތާލެވިފައި ވެސް ވެއެވެ. އަދި ބައެއް ބަލިތައް ފެތުރޭ މިންވަރު ހިފެހެއްޓިފައި އެބަހުއްޓެވެެ. ހިމަބިއްސަކީ މިފަދަ ޕްރޮގްރާމެއްގެ ދަށުން ނައްތައިލެވިފައިވާ ބައްޔެކެވެ. ޕޯލިއޯ ވެސް މުޅީންހެން ނައްތައިލެވުނެވެ. ދަހަރެއް (ޑިކޭޑް) ދެދަހަރެއް ތެރޭ އެކަށް ނައްތައިލެވޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. 1980ގެ އަހަރުތަކުގެ ތެރޭގައި ޅަފަތުގައި ކުދީން މަރުވަމުން ދިޔަ ބައްޔެއް ކަމަށްވާ ހިމަބިހި މުޅި ދުނިޔެއިން ނައްތައިލެވުނީވެސް ކާމިޔާބު ކަމާއެކު ހިންގުނު ބަވަނަ ވެކްސިން ޕްރޮގްރާމްތަކުގެ ސަބަބުންނެވެ. ރީނދޫހުމާއި ޑިފްތީރިއާ، ރުބެއްލާ، ޓެޓެނަސް (އިދިފުށަށްދަމާބަލި)، ޓައިފޮއިޑް، ރޭބީސް ކޮލެރާ އަދި ހޯއްގޮވާ ކެއްސުން ފަދަ ސިއްހީ ނިޒާމަށް ބުރަބޮޑުވި ބޮޑެތި ބަލިތައް ނިޒާމަށް މިހާރު އެހައި ބޮޑު ބުރައަކަށް ނުވަނީ ވެސް ވެކްސިން ޕްރޮގްރާމް ތަކުގެ ސަބަބުންނެވެ. ވެކްސިން ޕްރޮގްރާމް ތަކުގެ ސަބަބުން ދުނިޔެއިން އަހަރަކު ދެމިލިއަނާއި ތިން މިލިއަން މީހުންގެ ފުރާނަ ސަލާމަތް ކުރެވެއެވެ.
ވެކްސިން ޖަހަން ފަސްޖެހެނީ ކީއްވެ؟
ވެކްސިން ޖަހަން ފަސްޖެހެނީ ދުނިޔަވީ އެހެން ކަންކަމަށް ވެސް ފަސްޖެހޭ ބީދައިންނެވެ. ވެކްސިން ޖަހަން ފަސްޖެހެނީ ތިމާ ވެކްސިން ޖަހާނެތޯ ނޫންތޯ ނުވަތަ ދަރީންނަށް ވެކްސިން ޖަހާނެތޯ ނޫންތޯ އާއި މެދު ގޮތް ނިންމާން ޖެހުމުންނެވެ. އެހިސާބުން ޝައްކާއި ވަހުމު އުފެދި ގޮތް ނުނިންމި ދިގުލައިދަނީއެވެ. ދިރާސާތަކުން ފެންނަ ގޮތުގައި ވެކްސިން ޖެހުމަކީ ހުރިހާ މުޖްތަމައަކުން ވެސް ފެންނަ ކަމެކެވެ. މާލީ ގޮތުން ނުވަތަ ތައުލީމީ ގޮތުން އެކި ފަންތީގެ މީހުން ނުވަތަ ދުނިޔެއާ މެދު ގެންގުޅޭ ވިސްނުމުގެ ސަބަބުން ވެސް ވެކްސިން ޖަހަން ފަސްޖެހެއެވެ. އެއީ ވަކި މިވެނި ސަބަބަކާ ހެދި ހިނގާ ކަމެއް ކަމަށް ކަނޑައެޅިގެން ބުނެވެން ނެތްކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ. އެހެންކަމުން ކިތަންމެ ސަބަބަކާ ހުރެ ވެކްސިން ޖެހުމަށް ބަޔަކު ފަސްޖެހިދާނެއެވެ.
ވެކްސިންގެ ބަސްމަގު މޮނީޓަރުކުރަންވީ ކީއްވެ؟
ވެކްސިން ޖެހުމާއި ނުޖެހުން ބިނާވެފައި އޮންނަނީ ވެކްސިން ލިބޭން ހުރުމާއި އޭގެ ރައްކާތެރިކަމާއި ސަލާމަތްތެރި ކަމަށް އެކަންޏެއް ނޫނެވެ. ނަމަވެސް ތިމާއާއި ތިމާގެ ދަރީންނަށް ވެކްސިން ޖެހުމާއި ނުޖެހުމާއި މެދު މީހުން ނިންމާ ނިންމުންތަކުގެ މައްޗައްވެސް މެއެވެ. މި ނިންމުންތައް ނިންމަނީ އެވެކްސިނެއްގެ ސަބަބުން މެދުވެރިވެދާނެ ހިރާހަކަށް (ރިސްކަކަށް) ނުވަތަ އެވެކްސިނަކަށް ކުރާ އިތުބާރާއި އެއާ މެދު މީހުން ދެކޭ ގޮތުގެ މައްޗަށެވެ. މައިގަނޑު ގޮތެއްގައި އެނިންމުންތައް ނިންމަނީ ލިޔުމެއް ނުވަތަ ޚަބަރު ކިޔާފައެވެ. ނުވަތަ ސިޔާސީންގެ ވާހަކަ އަޑުއަހާފައެވެ. ނުވަތަ މީސްމީޑިއާ ހިމެނޭހެން އެހެން މީހުންނާއި މިލިއުޅުމުގެ ތެރެއިންނެވެ.
މީހަކު ބުނާ އެއްޗެއް ބުނާގޮތާއި، ވާހަކައެއް ބުނާއިރު އެބުނިގޮތަކަށް ބަސްމަގު ބައްޓަން ކުރުމުގެ ބަދަލުގައި އެހެން ގޮތަކަށް ބަސްމަގު ބައްޓަންކުރުމުން ނިކުން ނަތީޖާ ތަފާތުވާނެއެވެ. ބަސްމަގަށް ފާރަވެރިވެ ބަސްމަގު މޮނީޓަރު ކުރަން ޖެހެނީ މިސަބަބަށްޓަކައެވެ.
މިފަހަރު މިކުރިމަތިވީ ކޯވިޑް-19 އެވެ. ދެން ކުރިމަތީވާނީ ކޮންފަދަ ނުރައްކާތެރި ބައްޔެއް ކަމެއް ނޭނގެއެވެ. ގައިންގަޔަށް އަރާ ބަލިބަލީގެ ނުރައްކާ ބޮޑުވަނީ އެބަލިތައް އަވަހަށް ފެތުރިގަންނާތީއެވެ. ގައިންގަޔަށް އަރާ ބަލިތައް ކާމިޔާބު ކަމާއެކު ނައްތައިލުމަށް ނުވަތަ ބަލިބަލީގެ ނުރައްކާ ކުޑަކުރުމަށް އާއްމު ސިއްހަތުގެ ދާއިރާއިން އަބަދުވެސް ތަފާތު ޕްރޮގްރާމްތައް ވެސް ހިންގާނެއެވެ. ވެކްސިން ކެންޕޭނު ފަރުމާކޮށް އެފަދަ ހޭލުންތެރި ޕްރޮގްރާމްތައް އުފައްދާ ފަރާތްތަކުން ބަހުގެ ޑާޓާ އެއްކޮށް އެ ޑާޓާ ރަނގަޅަށް ދިރާސާކޮށްގެން މެނުވީ މީހުން ވެކްސިން ޖަހާން ނުވަތަ ނުޖަހާން ނިންމާ ސާފު ސަބަބު ނުހޯދޭނެއެވެ. އަދި އެކަމާ ގުޅިގެން އެމީހުންނާ ވާހަކައެއް ވެސް ނުދެއްކޭނެއެވެ. ބަހުގެ ޑާޓާއޭ މިދަންނަވަނީ ސިޔާސީންގެ ވާހަކައާއި ގާނޫނު ހަދާ މަޖިލީހުގައި ދެކެވޭ ވާހަކައާއި ޓީވީ ރޭޑިއޯ ޕްރޮގްރާމްތަކުގެ ބަސްމަގާއި މީސްމީޑިއާ ހިމެނޭހެން އާއްމުންގެ ބަސްމަގުގެ ވާހަކައެވެ. ޕަބްލިކް ހެލްތު ކެންޕޭނުތައް ވަރުގަދަ ކުރުމަށްޓަކައި މިފަދަ ދިރާސާތައް މިހާރުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދެއެވެ. ރަށުތެރޭގައި ބައްޔެއް ފެތުރި ބޮއްސުންލައިދިއުމުން ސިއްހީ ނިޒާމުގެ އިތުރުން މާލީ އަދި އިގްތިސާދީ ނިޒާމަށްވެސް ނޭދެވޭ އަސަރުކުރެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ޖެެހެނީ މި ސަބަބަށްޓަކައެވެ. ބަހުގެ ޑާޓާ އެއްކޮށް، ތަހުލީލު ކުރުން މުހިއްމުވަނީ އެފަދަ ފިޔަވަޅުތަކުގެ ތެރެއިން ހިންގޭ ޕްރޮގްރާމްތައް ކާމިޔާބުކުރާށެވެ.