އިންޑިއާ ސަރުކާރުން 30،000 ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފި

އަލުން ފެތުރެންފެށި ހިމަބިހި ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިންޑިއާ ސަރުކާރުގެ އެހީގެ ގޮތުގައި 30،000 ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން ވެކްސިން ހަދިޔާކުރި ކަމުގެ ލިޔުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާ ޙަވާލު ކޮށްދެއްވީ، އެ ގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

ރާއްޖޭން ނައްތާލައިފައިވާ ހިމަބި އަލުން ފެތުރެން ފެށުމާއެކު އެބަލިން ދިފާޢުވުމަށް އަޅަން ހަމަޖައްސަވައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ދެ ލައްކަ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ސަރުކާރުން ވަނީފަށްޓަވައިފައެވެ. އިންޑިޔާ ސަރުކާރުން ދިން 30 ހާސް ޑޯޒްގެ ވެކްސިނަކީ މި ޕްރޮގްރާމަށް އިންޑިއާ ސަރުކާރުން ދިން އެހީއެކެވެ. ހިމަބިހިން ދިފާޢުވުމަށް ވެކްސިން ދިނުމުގެ ޕްރޮގަރާމްގެ ދަށުން މިހާތަނަށް 3،363 މީހަކަށް ވަނީ ވެކްސިން ދީފައެވެ. މިހާރު ވެކްސިން ދެމުން އަންނަނީ ބަލި ޖެހުނު މީހުން ދިރިއުޅުނު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން، ވެކްސިން ނުދެވި ތިބި މީހުންނަށް އިސްކަން ދެއްވައިގެންނެވެ. ރާއްޖޭގައި ހިމަބިހި އަލުން ފެތުރެން ފެށުމާއެކު އެބައްޔަށް ޓެސްޓްކުރި މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވީ ހަތަރު މީހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.