ދަރިނަށް ވެކްސިން ދިނުމަށް ދެކޮޅު ހެދިމީހުންނަށް ދައުވާ ކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ ޝަމީމް މިހެން ވިދާޅުވީ އޭނާގެ ދަރިފުޅަށް ވެކްސިން ދެއްވުމަށްފަހު ނަންގަވައިފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވަމުންނެވެ. ޝަމީމް ވިދާޅުވީ ވެކްސިން ދިނުމަށް ދެކޮޅު ހެދި ބެލެނިވެރިންނަށް ކުރިއަށް އޮތް 22 ދުވަސް ފަހުން ދައުވާ ކުރަން ފަށްޓަވާނެ ކަމަށެވެ. އެހެންކަމުން އެފަދަ ބެލެނިވެރިންނަށް ފެބުރުއަރީ މަސްތެރޭގައި ދައުވާ ކުރައްވަން ފަށްޓަވާނެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުގައި ބުނެފައިވަނީ ކޮންމެ ކުއްޖަކަށް މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ވިހެއުމަށްފަހު ބޭނުންވާ ސިއްހީ ފަރުވާއާއި، ހިދުމަތްތައް ލިބިދިނުމުގައި އަދި އެފަދަ ހިދުމަތްތަކަށް ވާސިލްވެވޭނެ މަގު ފަހިކޮށްދިނުމަކީ އެ ކުއްޖާގެ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި އެ ގާނޫނުގައި ބެނެފައިވަނީ ސިއްހީ ފަރުވާއާއި ހިދުމަތްތައް ލިބިދިނުމުގައި، ބަލިތަކުން ސަލާމަތްވުމަށް ދޭންޖެހޭ ވެކްސިން ދިނުމަކީ މައިންބަފައިގެންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ވެކްސިން ޖެހުމަށް އިއުތިރާޒުކުރުމުގެ ޙައްޤު މައިންބަފައިންނަށް ލިބިގެން ނުވާ ކަމަށް ވެސް އެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާނީ ފެބްރުއަރީ 20 ގައެވެ.
ވެކްސިން ދިނުމަށް އިންކާރުކުރާ މީހުންގެ ދަރިންނަށް ވެކްސިން ދޭނެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވެސް ވަނީ ވިދާޅުވެފައެވެ.
ވެކްސިންގެ މައްސަލަ ފެންމަތިވެ އެކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވަނީ ރާއްޖެއިން، ހިމަބިހި ނައްތާލައިފައި ވަނިކޮށް އަލުން އެބަލި ފެތުރެން ފެށުމާއެކުއެވެ.