ޗައިނާގެ އެހީގައި ހަދާ ކޮލޮމްބޯ ޕޯޓް ސިޓީގެ ބިލްގެ ބަހުސު ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުން ފަސްކޮށްފި

ކޮލޮމްބޯ ޕޯޓް ސިޓީގެ މަސައްކަތް ނިމޭއިރު އޮންނާނެ ގޮތުގެ ތަސައްވުރެއް

ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގައި މާދަމާ ފަށަން ތާވަލްކޮށްފައި އޮތް ކޮލޮމްބޯ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަންގެ ބިލްގެ ބަހުސު ފަސްކުރަން އެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ކޮލޮމްބޯ ޕޯޓް ސިޓީ އިކޮނޮމިކް ޒޯން މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ބިޔަ ކުންފުންޏެއް ކަމަށްވާ ޗައިނާގެ ކޮމިއުނިކޭޝަންސް ކޮންސްްޓްރަކްޝަން ކޮމްޕެނީގެ 1.4 ބިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގާ މަޝްރޫއެކެވެ. ފައިނޭންޝަލް ޑިސްޓްރިކްޓަކާ އެކު ހަދާ މި ބޮޑު ބަނދަރަކީ ޗައިނާގެ 'މިޒަމާނުގެ ސިލްކް ރޫޓް، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މުހިއްމު އެެއް ބޮޅެވެ.

ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ އެއްބަސްވުމާއެކު މިބިލުގެ ބަހުސް ފަސްކުރަން ނިންމީ މި ބިލުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު އެ ކޯޓުން ނިންމި ނިންމުން މަޖިލީހަށް އަދި ލިބިފައި ނުވާތީއެވެ.

ސްރީލަންކާގެ އެންމެ މަތީ އަމިއްލަ ފަރުދުންނާއި ޖަމާއަތްތައް ހިމެނޭހެން 20 ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފަށާފައި ވަނީ ފާއިތުވި އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެެވެ.

ޕެޓިޝަން ހުށަހެޅި ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ބިލަކީ ސްރީލަންކާ މިނިވަންކަމަށް ނުރައްކާވާ ފަދަ ކަންކަން ހިމެނޭ ބިލެކެވެ.

24 މާރިޗުގައި ގެޒެޓްކޮށް ގާނޫނުހަދާ މަޖިލީހުގެ ޝެޑިއުލްގައި އެޕްރީލް މަހުގެ 9 ވަނަ ދުވަހު އެ މަޖިލީހުގެ ޝެޑިއުލްގައި ހިމެނި ބިލުގެ ބަހުސް ތިން ދުވަހަށް ކުރިއަށް ގެންދަން އިދިކޮޅު ޕާޓީތަކުން އެދެމުން ދިޔަ ނަމަވެސް، ސަރުކާރުން ނިންމާފައި އޮތީ ބަހުސް އެއްދުވަހަށް ކުރިއަށް ގެންދާށެެެވެ.

އެއާމެދު ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާ މިބިލުގެ މަގުސަދަކީ ޕޯޓް ސިޓީ އިކޮނޮމިކް ޒޯންގައި ހިންގާ ވިޔަފާރިތައް ރަޖިސްޓަރީ ކުރުމާ، ވިޔަފާރި ލައިސަންސް ދިނުމާ، އެހެނިހެން ހުއްދަތައް ދިނުމުގެ ބާރު ލިބިގެންވާ ކޮމިޝަނެއް އުފެއްދުމެވެ.

ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ޗައިނާއިން 8 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ނަގާފައެވެ. މި ލޯނުތަކާމެދު ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުުކުރަން ފެށީ ހަންބަންޓޯޓާ ބަނދަރު ހަދަން ނެގި 1.2 ބިލިއަން ޑޮލަރުގެ ބަދަލުގައި 99 އަހަރަށް އެބަނދަރުގެ ހިންގުން ޗައިނާއާ ހަވާލުކުރުމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.