ސްރީލަންކާގައި އާ ހައިވޭއެއް އަޅަން ޗައިނާއިން 989 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ

ހަންބަންޓޯޓާގައި ޗައިނާއިން ހަދާފައިވާ ބައިނަލްއަގްވާމީ ބަނދަރު

ސްރީލަންކާގެ ސެންޓްރަލް ޕްރޮވިންސުންގެ އެ ގައުމުގެ ދެކުނުގައި ޗައިނާއިން ހަދާފައިވާ ބައިނަލްއަގްވާމީ ބަނދަރަށް އާ ހައިވޭއެއް އަޅަން 989 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ޗައިނާއިން ނަގަން އެއްބަސްވެ ދެގައުމުން ސޮއި ކޮށްފިއެވެ. ސްރީލަންކާގެ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީއާ ޗައިނާގެ އެގްޒިމް ބޭންކާ ދެމެދު މި ލޯނުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުގެ ވަގުތެއްގައެވެ.

"ވަތުއޮނިގަނޑު ތަރައްގީކުރުމުގެ މައިދާނުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް (އެގްޒިމް ބޭންކް) އިން މިވަނީ 989 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނެއް ދިނުމަށް އެއްބަސްވެފައި." ޗައިނާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެންބެސެޑަރު ޗެންގ ޒުއޭޔުއާންއާއެކު ލޯނުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފިނޭންސް މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އާރް.އެޗް.އެސް. ސަމަރަތުންގާ ވިދާޅުވިއެވެ.

ސެންޓްރަލް އެކްސްޕްރެސްވޭ މަޝްރޫޢުގެ ފުރުތަމަ ފިޔަވަހީގެ ގޮތުގައި ހަދާ މި ހައިވޭ ސެންޓްރަލް ޕްރޮވިންސްގެ ކެންޑީގައި ހެދުމަށް ޕްލޭންކުރެވިފައިވާ ސިނާއީ ސަރަހައްދާއި، ދެކުނުގައި އޮންނަ ހަންބަންޓޯޓާ ބަނދަރާއި ގުޅުވާލާނެއެވެ.

މި ލޯނަކީ ސްރީލަންކާގެ މަޝްރޫޢަކަށް ޗައިނާގެ އެގްޒިމް ބޭންކުން ދިން އެންމެ ބޮޑު ލޯނެވެ.

"މުތީތަކުގެ ހާރު"ގެ ސިޔާސަތުގެ ދަށުން އިންޑިޔާ ކަނޑުގައި ޗައިނާއާއި ރައްޓެހި ބަނދަރުތަކުގެ ވިއުގައެއް އިންޑިޔާ ކަނޑުގައި ހެދުމަށް ޗައިނާއިން ކުރާ މަސައްކަތުގައި އެގައުމުން ވަނީ ސްރީލަންކާގައި ބަނދަރާއި، ހައިވޭއާއި، އިންޖީނުގެ ހެދުމަށް ބޮޑު އިންވެސްޓެއް ކޮށްފައެވެ.

ހަތަރު އަހަރަށް ދެމިގެން ދިޔަ ވާހަކަތަކަށް ފަހު ޗައިނާގެ އެގްޒިމް ބޭންކުން ދޭން މިއަދު އެއްބަސްވި ކޮންސެޝަނަރީ ލޯނަކީ ހައިވޭ ހެދުމަށް ޚަރަދުވާ 1.164 ބިލިއަން ޑޮލަރުގެ 85% އެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ހައިވޭ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ނިންމުމަށް ހަމަޖެހިފައި ވަނީ އެގައުމުގެ ވިޔަފާރި ބޭންކްތަކުންނެވެ.

ލޯނު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ލޯނު ބޭނުންކޮށްގެން ހަދާ ސެންޓްރަލް ހައިވޭއާއި، ސާކިއުލާ ހައިވޭ 2، ސާކިއުލާ ހައިވޭ 3 އަދި ކޮލޮމްބޯ ކަޓުނަމަކެ އެކްސްޕްރެސްވޭ ގުޅާލެވޭނެއެވެ. އޭރުން ކަޓުނަޔަކާއިން ސީދާ ހަންބަންޓޯޓާއަށް އަދި ކެންޑީން ސީދާ ހަންބަންޓޯޓާއަށް ދަތުރުކުރެވޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.