(2 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކަންތައްތައް މިކަހަލަ ގޮތަކަށް އޮވެގެން ކުރިއަށް ދިޔައެވެ. ޖަމްޝީދުގެ ސިޓީތައް އާދެއެވެ. ބާދްޝާ ގޭގައި ނޫޅޭ ވަގުތު ރުޚްސާނާ ޖަމްޝީދަށް ސިޓީ ލިޔެއެވެ. ބާދްޝާ ބުނާ ގޮތަށް ސިޓީ ލިޔުނު ނަމަވެސް ޖަމްޝީދަށް ފޮނުވަނީ އެ ސިޓީއެއް ނޫނެވެ. ފޮނުވަނީ ރުޚްސާނާ ލިޔާ ސިޓީއެވެ. ސިޓީބިޓީގެ ކަންތައް ކުރިއަށް ދިޔަ ކަމުގައި ވިޔަސް މީހަކާ އިނދެގެން އުޅޭ ވާހަކައެއް ނުވަތަ އެހެން ހީވާ ކަހަލަ ވާހަކައެއްވެސް ރުޚްސާނާ ނުލިޔެއެވެ. ފިރިއެއްގެ ވާހަކަ ނެތިއްޔާ މީހަކާ އިނދެގެން ނޫޅޭ ކަމަށް ބެލުމަކީ އާއްމު އުސޫލުން ކަންތައް ހިނގާނޭ ގޮތެވެ. އެހެންވީމާ ޖަމްޝީދުވެސް އެކަހަލަ އެއްވެސް ޒާތީ ސުވާލެއް ނުކުރެއެވެ. ސިޓީގައި އާއްމުކޮށް ހުންނަނީ ޚަރަދުބަރަދުގެ ވާހަކައާއި ބޭސްކުރުމުގެ ވާހަކައެވެ. ރުޚްސާނާ ސިޓީ ލިޔަމުން ދިޔައީ ބިރުން އިނދެއެވެ. އެޔަށް ފަހު ނަމާދުގެ ފަހުން ދުޢާ ކުރެއެވެ. އޭނާގެ މަސައްކަތް ހެޔޮ ގޮތުގައި ކުރިއަށް ދާނޭ ގޮތް ހައްދަވައިދެއްވާތޯ ދަންނަވައެވެ. މޫނުގެ ސާޖަރީ ހަދައި ނިމިގެން އެނބުރި އައިސް މަރުވާން ޖެހުނަސް ބާދްޝާއަށް މަކަރެއް ނުހަދާނޭ ކަމަށް އޭނާ ވައުދުވެއެވެ. ދޮގެއް ނުހަދާނޭ ކަމަށް ދަންނަވައެވެ.
މިއީ އިންސާނުންގެ ކިބައިން ފެންނަ އާދަޔާ ޚިލާފު އާދައެކެވެ. އެންމެ ފުރަތަމަ ކުރާ ކަމަކީ ދިމާވާ މައްސަލައެއް ހައްލު ކުރުމަށްޓަކައި ދޮގެއް ނުވަތަ މަކަރެއް ހެދުމެވެ. މިހެން ހަދާއިރު އުއްމީދު ކުރަނީ އޭނާގެ ދޮގަކީ ނުވަތަ މަކަރަކީ ހަލާލު ކަމެއް ކަމަށް ﷲ ތަޢާލާ ލިޔުއްވާނޭ ކަމުގައެވެ. އަދި އޭގެ ފަހުން ދުވަހަކުވެސް ދޮގެއް ނުހަދާނޭ ކަމަށާއި މަކަރެއް ނުހަދާނޭ ކަމަށް އަޒުމު ކަނޑައަޅައެވެ. މީހުން ހަނދާން ނައްތައިލާ ކަމެއް އޮވެއެވެ. އިންސާނުންނަށްޓަކައި ﷲ ތަޢާލާ ވަނީ ދެ މަގެއް ކަނޑައަޅުއްވައި ނިންމަވައިފައެވެ. އެއީ ހެޔޮ މަގާއި ނުބައި މަގެވެ. އެޔަށް ފަހު ހެޔޮ މަގާއި ނުބައި މަގު ދެނެގަތުމުގެ ގާބިލުކަން ދެއްވުމުގެ ގޮތުން އިންސާނުންނަށް ވަނީ ބުއްދިއެއް ދެއްވައިފައެވެ. އޭނާ ދާން ގަސްތު ކުރާ މަގެއް ކަނޑައަޅަން ޖެހެނީ އެ ބުއްދީގެ ބޭނުން ކޮށްގެންނެވެ. ނުބައި މަގަކުން ހިނގަހިނގައި ހުންނައިރުވެސް އިންސާނާގެ ބުއްދި ހަމަ އެ އޮންނަ ގޮތަށް އޮވެއެވެ. ބުއްދީގެ ބޭނުން ކޮށްގެން ވިސްނައިލީމާ މި ދެވެނީ ނުބައި މަގަކުންކަންވެސް އޭނާ ދަނެއެވެ. މި ދެވެނީ ކޮން މަގަކުންކަމާއި މި މަގުން ދިޔައީމާ ނުކުންނާނޭ ނަތީޖާއަކީ ކޮބައިކަން އެނގިހުރެ ޒިޔާރަތްތަކަށް ގޮސް ފާތިހާ ކިޔެވުމާއި ދުޢާ ކުރުމަށް ފަހު ނުބައި ކަމެއް ރަނގަޅު ކަމެއް ކަމަށް ﷲ ތަޢާލާ ގަބޫލުފުޅު ކުރައްވާނޭ ކަމަށް ބެލުމަކީ ކޮންފަދަ ބޮޑު މޮޔަ ކަމެއް ހެއްޔެވެ؟
ރުޚްސާނާގެ ދެމައިންގެ ކުރިމަތީގައި މިހާރު އޮތީ ކަންބޮޑުވާ އެންމެ ކަމެކެވެ. އެއީ ފަރުޒާނާ ލަންޑަނުގައި ވަޒީފާ އަދާކުރާން ދާން އުޅޭ މައްސަލައެވެ. އެއީ މުޅީން އަލަށް ކުރިމަތިވީ މައްސަލައެކެވެ. މިހާރު ރާވައިފައި އޮތީ އޭނާ ލަންޑަނުން އެނބުރި އަންނާންދެން ކޮންމެވެސް ބަހަނާއެއް ދައްކައިގެން ފަރުޒާނާ ލަންޑަނަށް ނުދާނޭ ގޮތެއް ހެދޭތޯ ބަލާށެވެ. އޭނާގެ ވަޒީފާ ހަމަޖެހެމުންދާ ކަމަށް ސިޓީން އަންގަމުން ގެންދާނީއެވެ. ވިސްނައިލަބަލާށެވެ. އެންމެ ދޮގެއް ފޮރުވާން ވެގެން ކިހައި ގިނަ ދޮގެއް ހަދާން އެބަ ޖެހޭ ހެއްޔެވެ؟ ކިތައް މީހުނަށް އޮޅުވައިލާން އެބަ ޖެހޭ ހެއްޔެވެ؟ ކިތައް މީހުނަށް ވައި އަޅުވާން އެބަ ޖެހޭ ހެއްޔެވެ؟ ރުޚްސާނާ ބައެއް ފަހަރަށް އަމިއްލަށް ގޮސް އިނދެގެން ފަރުޒާނާއަށް ވައި އަޅުވައެވެ.
ފުރުމުގެ ކުރިން ފަރުޒާނާއާ ބައެްދަލު ކުރާން އެންމެ ފަހުން ދިޔަ ދުވަހުވެސް ނުލާހިކު ލޯބިން އޭނާގެ އަތުގައި ހިފައިލާފައި ބުންޏެވެ. "ފަރީ. އަހަރެން މާދަމާ ލަންޑަނަށް ދާން މި ފުރަނީ. ހުރިހައި ތައްޔާރީއެއް ވެ ނިމިއްޖެ. އަހަރެން މި އައީ ދިއުމުގެ ކުރިން ފަރީ ކުރެން މާފަށް އެދެންވެގެން."
ފަރުޒާނާ ހައިރާން ވެފައި އަހައިލިއެވެ. "މާފަށް އެދެނީ ކޮން ކަމަކާ؟"
"އެއީ ފަރީ އަހަންނަށްޓަކައި ނުލާހިކު ތެދުވެރިކަމާއެކު އެތައް ކަމެއް ކޮށް ދިނީމާވެސް ފަރީ އުޅެނީ އަހަރެންގެ ކާވެނި ރޫޅުވާން ކަމަށް ހީކޮށް ޝައްކު ކުރެވުނީތީ. އެއީ އަހަރެންގެ ކުށެއް. މި ދަނީ ނުލާހިކު ދިގު ދަތުރަކު. އެހެންވީމާ އަހަރެން ބޭނުންވީ މާފަށް އެދެން. އެނބުރި ނާދެވިވެސް ހިނގައިދާނެއެއްނު؟"
ފަރުޒާނާވެސް ލޯބިން އޭނާގެ އަތުގައި ހިފައިލިއެވެ. "އަހަރެމެން ކޮންމެ މީހަކަށްވެސް ވިދިގެން އަންނަ ސިކުންތަކީ މަރުގެ ވަގުތު. ތިޔަ ދައްކަނީ ވަރަށް ދުރަށް... ލަންޑަނަށް ދާ ވާހަކައެއްނު؟ އަހރެން މިތާނގައި މިހެން އިންދާ މަރު ވުމަކީވެސް އެކަށީގެންވާ ކަމެއް. ދިރިހުރުމާއި މަރަކީ ﷲ ތަޢާލާ ނިންމަވާ ކަމެއް. ފިރިމީހާއާއި ދަރިފުޅަށްޓަކައި ރުޚްސާނާއަށް ސަލާމަތުން އެނބުރި އާދެވޭނެ ގޮތް މެދުވެރިކޮށް ދެއްވާތޯ އަހަރެން ދުޢާ ކުރާނަން. ދަރިފުޅަށް މިހާރު ހަމަސް ފުރިއްޖެނު؟ އަދިވެސް އަހަރެން ގާތު ދަރިފުޅުގެ ނަމެއް ނުބުނަމެއްނު؟"
ރުޚްސާނާ ހިނިތުންވެލިއެވެ. "ކާމްރާން. ލޯބިން އަހަރެމެން ކިޔަނީ ކާމީ."
"ވަރަށް ރީތި ނަމެއް. އިންސާނުންނަކީ އަމިއްލަ އެދުންވެސް ބޮޑުބައެއް. އެހެންވީމާ އަހަރެން ރުޚްސާނާ އަވަހަށް ސަލާމަތުން އެނބުރި އާދޭތޯ ދުޢާ ކުރާއިރު އަހަރެންގެ ވަޒީފާގެ ކަންތައް ރުޚްސާނާއަށް ހަމަޖެއްސޭނެ ގޮތް މެދުވެރި ކުރައްވާތޯވެސް އަހަރެން ދުޢާ ކުރާނަން."
ރުޚްސާނާ ހީނގެންފައި ބުންނެވެ. "އަހަންނަކީވެސް އިންސާނަކީމެއްނު؟ އެހެންވީމާ އަހަރެންގެވެސް އަމިއްލަ އެދުން ހުންނާނެ. އަހަރެން ފަރީގެ ވަޒީފާ ހަމަޖައްސައިދޭން މަސައްކަތް ކުރާނީ ކީއްވެގެންކަން އެނގޭތަ؟ އެއީ ފަރީ އަވަހަށް މި ގައުމު ދޫކޮށް ދާނެގޮތް ވާން އެދޭތީ. މާހައުލު ބަދަލުވީމާ ފަރީގެ ހިތަށް ކާވެނީގެ ޚިޔާލުވެސް ވަންނާނެ. ފަރީ މީހަކާ އިނީމާ އަހަރެންގެ ހިތުގައި އޮންނަ ޝައްކު މުޅީން ފިލައި ސާފު ވެގެން ހިނގައިދާނެ."
ފަރުޒާނާ ފުން ނޭވައެއް ލިއެވެ. "އަހަރެން ރުޚްސާނާގެ ރައްކާތެރި ކަމަށް އެދި ދުޢާ ކުރަނީ އަހަރެންގެ ބޭނުމެއް އޮތީމާ. ރުޚްސާނާ އަހަރެންގެ ވަޒީފާ ހަމަ ޖެއެްސޭތޯ މަސައްކަތް ކުރާނީ ރުޚްސާނާގެ ބޭނުމެއް އޮތީމާ. އަހަރެމެން އެންމެންނަކީވެސް އަމިއްލަ އެދުމުގެ ބަޔަކީމު. އަމިއްލަ އެދުމެއް ފުއްދުމަށްޓަކައި ނަމަވެސް އެހެން މީހަކަށް ކަމެއް ކޮށްދެވޭކަން އެއީވެސް ބޮޑު ނިއުމަތެއް. ހަމައެކަނި ހެޔޮ ކަމެއް ކުރުމުގެ ނިޔަތުގައި ހެޔޮ ކަމެއް ކުރި ޒަމާން ފާއިތުވެގެން ހިނގައްޖެ. މިހާރު ހެޔޮ ކަންތައްވެސް ކުރަނީ އަމިއްލަ ފައިދާއަކަށްޓަކައި."
ރުޚްސާނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. "ވާހަކަ ދައްކަމުން ގޮސް ވިހަވެސް އެބަ ދޫކުރަމު ދޯ؟"
"އަހަރެން ވިހަ ކަމުގައި މިހާރު ތިޔަ ފެންނަނީ. ރުޚްސާނާ ވިހަ ދޫކުރަން ފަށްޓާނީ މިތަނުން އެނބުރި ގޮސް. އަހަރެމެން އެންމެންނަކީވެސް ވިހަ ބަޔަކީމު. ވަކި މީހަކު ނުބައި ކުރަން ނޫޅޭ. ހައްތަހާވެސް އެއްކަހަލަ މީހުން. އަހަރެން ސުވާލެއް ކޮށްލަން ބޭނުން. ބޭނުމިއްޔާ ޖަވާބުދީ."
"ކުރޭ."
"ސީދާ ތެދު ބަހުން ބުނާތި. ކޮލެޖުގައި އުޅުނު ދުވަސްވަރު ރުޚްސާނާ ޖަމްޝީދު ދެކެ ލޯބިވިންތަ؟"
"ކުޑަކޮށްވެސް ނުވަން. އަހަރެން އޭނާޔާ މެދު ނުވެސް ވިސްނަން. ތިޔައީ ކީއްވެގެން ކުރި ސުވާލެއް؟"
"ރުޚްސާނާ ތިޔަ އުޅެނީ ކާވެނީގެ ވާހަކަ ޖަމްޝީދަށް ސިއްރު ކޮށްގެން. ލަންޑަނުގައި ސިއްރު ކުރަން ހުރީވެސް އޭނާ އެކަނި. އެހެންވީމާ ހިތަށް އެރީ ރުޚްސާނާ އެކަން ސިއްރު ކުރަން އުޅެނީ ކީއްވެގެން ބާވައޭ."
"މާ ބޮޑު ކަމެއް ވެގެންނެއް ނޫން. އަހަރެން އުޅެނީ މީހަކާ އިނދެގެންކަން ޖަމްޝީދަށް އެނގިއްޖެއްޔާ އޭނާ ޖާނީއާ ބެހޭ ގޮތުން ފާޑުފާޑުގެ ސުވާލު ކުރާނެ. އަހަންނާ އެކީގައި ޖާނީ ނައީ ކީއްވެގެން ހެއްޔޭ... ދަރިފުޅަށް ހެދީ ކިހިނެއް ހެއްޔޭ... މިކަހަލަ އެތައް ސުވާލެއް ކުރާނެ. އެ ހުރިހައި ސުވާލަކަށް ޖަވާބު ދޭނީ ކިހިނެއް؟ އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ އަހަރެންގެ ޒާތީ ދިރިއުޅުމުގެ މައުލޫމާތު ސިއްރު ކޮށްފައި ބޭއްވުން."
"އަންހެނުންނަކީ ފިރިމީހާއާއި ދަރިންނަށްޓަކައި ފަޚުރުވެރިވާ ބައެއް. ދިމާވާ ކޮންމެ ކޮންމެ މީހަކާ ފިރިމީހާގެ ވާހަކަދައްކައި ފަޚުރުވެރިވެ އުޅޭ ބައެއް. ދަރިންގެ މައުސޫމު ލާނެތް ހަރަކާތްތަކުގެ ވާހަކަ ދައްކައި ކޮޅުން ނުލާ ބައެއް. ރުޚްސާނާގެ ހިތަކު އެކަހަލަ އެއްވެސް ޖަޒުބާތެއް ނުހުރޭތަ؟"
ރުޚްސާނާ ހިނިތުންވެލައިފައި ބުންޏެވެ. "އަހަރެން މިއީ ކިޔަވައިގެން އިން މީހަކީން. ދައްކަން ޖެހެނީ ކޮން ވަގުތަކު ކޮން ވާހަކައެއްކަން އަހަރެން ދަންނަން. އަހަރެން މިއީ ޑަކްޓަރަކީން. ބަލިމީހުން ބަލަމުން ފިރިމީހާގެ ވާހަކަ ދެއްކުމަކީ ނުވަގުތު މިއުޒިކު ޖެހުން ކަހަލަ ކަމެއް. އަދި ހެއްވާވެސް ކަމެއް. ލަންޑަނަށް ގޮސް އަހަރެން އުޅޭނީ ޑަކްޓަރުންގެ ތެރޭގައި. އެތާނގައި އަހަރެންގެ މޫނުގެ ސާޖަރީ ހަދާނީ. އެ ކަހަލަ މާހައުލެއްގައި އަހަރެންގެ ފިރިމީހާއާއި ދަރިފުޅުގެ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް. ފަރީއަކީވެސް ކިޔަވައިގެން އިން މީހެއް. އެވަރުވެސް ނޭނގޭތަ؟"
"ހޫނ... އަހަރެން ކިޔެވިޔަސް ހިތާއި ހިތުގެ ގުޅުންތައް ތިޔަހެން ފޮރުވާނޭ ގޮތެއް ނުކިޔަވަން."
(ނުނިމޭ)
vvvv.reethi