ފަޅިމޫނު - 12

(16 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކާވެނި ކުރުމުގެ ކުރިން އޮތީ ފޯމު ފުރުމެވެ. ފޯމު ފުރުމުގެ ތެރޭގައި ގާޒީ ސުވާލުކޮށްލިއެވެ. "ކާވެނީ ރަނަކީ ކިހައިވަރެއް؟"

ރުޚްސާނާގެ ބައްޕަ ވަގުތުން ބުނެފިއެވެ. "ފަންސާސް ހާސް ރުފިޔާ."

އިންޖިނޭރުބޭބެ ވަރަށް ބޮޑަށް ރުޅި އައިސްފައި ބުންޏެވެ. "ތިޔަ ދައްކަވަނީ ކޮން ކަހަލަ ވާހަކައެއްތޯ؟ ބޮޑެތި، މުއްސަނދި މީސްމީހުންގެ ކާވެނީގެ ރަނަށްވެސް ފަންސާސް ހާހެއް ނުކިޔާ. އަހަރެމެންގެ ދަރިފުޅުގެ އާމްދަނީއާއި ހައިސިއްޔަތަށްވެސް ބައްލަވަން ވާނެއެއް ނޫންތޯ؟ އޭނާ އެ ދުއްވާ ކާރުގެ އަގުވެސް ފަންސާސް ހާހަކަށް ނާރާނެ."

އެތާގައި ގިނައިން ތިބީ އަންހެންކުއްޖާގެ ފަރާތު މީހުންނެވެ. ފަންސާހަކަށް ފިރިހެނުންނާއި އެޔަށްވުރެ ތަންކޮޅެއް ގިނަ އަދަދަކަށް އަންހެނުން އެބަތިއްބެވެ. ގޭތެރެއިން އިވެނީ އަންހެނުންނާއި ކުޑަކުދިންގެ ހުނުމާއި ވާހަކަދެއްކުމުގެ އަޑެވެ. އެ އަޑުފަށްގަނޑުގެ ތެރެއިން ރުޚްސާނާގެ މަންމަގެ އަޑު އިވުނެވެ. "މިހާރު ތިޔަ ކުރަނީ ކޮން ޒުވާބެއް؟ ހުރިހައި ކަމަކަށް ކުރިން އެއްބަސްވެފައި ކާވެނީގެ ވަގުތު އައިސް ޖެހުނީމާ ބަހުސު ކުރުމުގެ ބޭނުމަކީ ކޮބާ؟ ރަނަކީ ފަންސާސް ހާސް ރުފިޔާ ކަމުގައި ވިޔަސް ނުވަތަ ފަންސާސް ލައްކަ ކަމުގައި ވިޔަސް ދައްކާނޭ ވާހަކައެއް އޮވެގެން ނުވާނެ. ރަނުގެ އަދަދު ބޮޑުވެގެން ވާހަކަ ދައްކަނީ ފަހުން އެކަނބުލޮ ވަރިކުރަން ރާވާފައި އޮތީމާ. ހެޔޮ ނިޔަތަކާއެކު އިންނަ ކަމަށް ވަންޏާ ރަނުގެ އަދަދަކީ ކޮބައިތޯ ބަލަނީ ކީއްކުރަން؟"

ޒުވާބު ހޫނުވާން ފަށައިފިއެވެ. ބާދްޝާ ޖާނީ، އިންޖިނޭރުބޭބެ އަތުގައި ހިފައިލާފައި ބުންޏެވެ. "ބޭބޭ. އެމީހުން ބޭނުން ގޮތަކަށް ކަންތައް ކުރިޔަދީ. އަހަރެން މިހާރުވެސް މިހިރީ ދަށުވެ ނިމިފައި. ފަންސާސް ހާހޭ އޮތުމަކުން ވާނޭ އިތުރު ގެއްލުމަކީ ކޮބާ؟ އަހަރެން މި އިންނަނީއަކީ ވަރިކުރާކަށް ނޫން. މުޅި އުމުރުދުވަހު އެކީގައި އުޅެން. އެހެންވީމާ ފަންސާސް ހާސް ރުފިޔާގެ މައްސަލައެއް ނުޖެހޭނެއެއްނު؟"

އިންޖިނޭރު ބޭބެ، ބާދްޝާގެ އަތް ފޮޅުވައިލާފައި ކޮޅަށް ތެދުވެއްޖެއެވެ. "ފިރިހެންކުއްޖާގެ ފަރާތުން އަންނަ ހަރުމީސްމީހުންނަށް އިހުތިރާމު ނުކުރާ ތަނެއްގައި އަހަރެމެން ތިބުމުގެ ބޭނުމެއް ނެތް. މިތާގައި މި ވިކެނީ ފިރިހެނުންގެ ބަހެއް ނޫން. އަންހެނުންގެ ބަސް. އަންހެނުންގެ އަޅަކަށް ވެގެން ކަލޭ ހުރޭ. އަހަރެން މިކަހަލަ ތަނަކުން ފެންފޮދެެއްވެސް ނުބޯނަން."

މިހެން ބުނެފައި އިންޖިނޭރުބޭބެ ނުކުންނާން ހިނގައިގެންފިއެވެ. ކުލީކާރު ދުއްވާ މީހުން އޭނާ ހުއްޓުވަން އުޅުނެވެ. އެމީހުންނަށްވެސް ކުރިމަތިލާން ޖެހުނީ އޭނާގެ ރުޅިއާއެވެ. ރުޅި އައިސް ރަތްވެފައި ހުރެގެން ނުކުމެގެން ހިނގައްޖެއެވެ. ބާދްޝާ ޖާނީ ކަންބޮޑުވެފައި ބަލަހައްޓައިގެން އިނީއެވެ. މި ވަގުތު އޭނާ ހުރި ހައިސިއްޔަތެއްގެ ސަބަބުން ނޫންނަމަ ބޭބެގެ ދެފައިގައި ހިފައި އާދޭސް ކުރީހެވެ. އެކަމަކު ކާވެނީގެ ރަސްމިއްޔާތަށް ވާތީ ރުޚްސާނާ ދޫކޮށްލާފައި އެކަމާ އުޅޭކަށް ނެތެވެ. އެހެންވީމާ ރަނެއްގެ ގޮތުގައި ފަންސާސް ހާސް ލިޔުއްވައިފައި ކާވެނި ކޮށްފިއެވެ.

ކާވެނިކޮށް ނިމުނީމާ ފެށުނީ އަންހެންވެރިންގެ ސަކަރާތާއި އާދަކާދައިގެ ރަސްމިއްޔާތުތަކެވެ. ބާދްޝާ ޖާނީ ތަންކޮޅެއް ދުރުގައި ހުރެގެން ދޭތެރެދޭތެރެއިން ރުޚްސާނާއާ ދިމާއަށް ވައްކަޅިން ބަލައިލައެވެ. އޭނާގެ ރީތިކަމުގެ ސަބަބުން ބާދްޝާ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ރީތިކޮށް މަތިހަދައި ނަލަކޮށްފައި ހުރުމާއެކު މިހާރު ފެންނަނީ އިހަށްވުރެ މާ ރީތިކޮށެވެ.

ރުޚްސާނާ އޭނާގެ އާއިލާއާ ވަކިވާ ދަނޑިވަޅު އައިސް ޖެހުމާއެކު ހުނުން، ރުއިމަށް ބަދަލުވެއްޖެއެވެ. އަންހެންނުން ރޮއި ނަގަނީއެވެ. ރުޚްސާނާގެ މަންމަ ބާދްޝާ ލައްވައި އެ ވަގުތުވެސް އެތައް އަހުދެއް ކުރުވިއެވެ. އޭނާގެ ދަރިފުޅުގެ ހިތުގައި ނުޖައްސަން ހުވައި ކުރުވިއެވެ. ދުވަހަކުވެސް ވަކިނުވާނޭ ކަމަށް އަހުދުކަށަވަރު ހިފިއެވެ. އެ ހުރިހައި ކަމެއް ނިމިގެން ދެމަފިރިން އައިސް ކާރަށް އަރައިފިއެވެ.

ބާދްޝާގެ އެކުވެރިން ވަނީ އޭނާގެ ގެ ޒީނަތްތެރިކޮށް، ކާވެނީގެ ގެއެއްކަން އެނގޭވަރު ކޮށްފައެވެ. އަވަށްޓެރި ގޭގެ މީހުން އެ ދުވަހަކު ރަށަކު ނެތެވެ. ކާރު ގޭދޮށަށް މަޑުކުރީމާ ފުރަތަމަ ފޭބީ ބާދްޝާ ޖާނީއެވެ. އެޔަށް ފަހު އަތްދިއްކޮށްފައި ރުޚްސާނާ ގާތު ބުންޏެވެ. "އަހަރެންގެ އަތުގައި ހިފައިގެން އާދޭ. އަހަރެންގެ އާއިލާގެ މީހަކު ނެތީތީ ދެރަވޭ. އެހެންވީމާ ރުޚްސާނާ ގޮވައިގެން ގެއަށް ވަންނާނޭ އިތުރު މީހަކު ނެތް. ހުރިހައި ކަމެއް ކުރަން ޖެހޭނީ އަހަރެން އަމިއްލައަށް."

ރުޚްސާނާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އެނދާއި ކޮޓަރިވެސް ވަނީ ޒީނަތްތެރިކޮށްފައެވެ. ރުޚްސާނާ އެނދުގައި ބޭންދުމަށް ފަހު އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. "ކަލޭމެން އިހަށް ނުދާތި. ފަހަރެއްގައި ބޭނުމެއް ޖެހިދާނެ."

އޭނާގެ އެކުވެރިންގެ ތެރެއިން އެކަކު ބުންޏެވެ. "ކިރާއި ހަލުވާ ކަހަލަ ކޮންމެވެސް އެއްޗެއް ހޯދަން ވާނެއެއްނު؟ ކަލޭގެ ކާރުގައި ގޮސް އެތަކެތި ހިފައިގެން އަހަރެމެން އެބަ އަންނަން."

އަނެކަކު ބުންޏެވެ. "ފަހަރި ގާތަށް ދޭ. އެކަނި ބައިންދާކަށް ނުވާނެ."

ބާދްޝާ ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ. "އަހަރެންގެ ހިތަށް އާދަޔާ ޚިލާފު ގޮތެއް އެބަވޭ. އަހަރެން ގޮސް ބުނާނީ ކީކޭ؟ ވާހަކަ ދައްކާނީ ކިހިނެއް؟"

"އެތެރެއަށް ވަދެ، އެތެރެއިން ދޮރު ތަޅުލާ. އެޔާއެކު ދައްކާނޭ ވާހަކަޔާއި ކުރަން ޖެހޭ ކަމެއް އެނގިދާނެ. ފުރަތަމަ ކަމަކަށް ކޮޓަރިއަށް ވަދޭ."

ބާދްޝާ ކޮޓަރިއަށް ވަދެ ތުރުތުރުއަޅާ އަތަކުން ދޮރު ލައްޕައި ތަޅުލައިފިއެވެ. ކުޑަދޮރުތައް ހުރީ ކުރީއްސުރެ ލައްޕައި ތަންޑު އަޅުވައިފައެވެ. އޭނާ ހުރީ ހަނދާން ނެތި ފަންކާ ނުޖައްސައެވެ. އެހެންވީމާ ރުޚްސާނާ އިނީ ދާހިއްލާ ފޯވެފައެވެ. އޭނާ އަވަސްއަވަހަށް ފަންކާ ޖައްސައިލިއެވެ. "އަހަރެން މިއީ ކޮން ކަހަލަ މޮޔައެއް. ފަންކާ ޖައްސަން ހަނދާން ނެތުނީ. މިހާރު އެބަ ފިނިވޭ ދޯ؟"

އޭނާ ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. "އަހަރެން މި ދައްކަނީވެސް ހައިރާންވާ ކަހަލަ ވާހަކަ ދޯ؟ އަލަތު ކާވެނީގެ ރޭ އަންހެންކުއްޖާ ވާހަކަ ނުދައްކާނޭކަން އަހަންނަށް އެނގެން ވާނެ."

އޭނާ އަނެއްކާވެސް ދެ ފިޔަވަޅެއް ކައިރިއަށް ޖެހިލިއެވެ. "އަހަރެން ރުޚްސާނާ ގާތު އިށީނަސް އެންމެ ރަނގަޅުތަ؟"

އޭނާ ރުޚްސާނާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށް ފަހު ނިތްކުރީގައި އަތްތިލައިން ޖަހައިލިއެވެ. "އަހަރެން މިއީ ބޮޑު މޮޔައެއް. ރުޚްސާނާ ވާހަކަ ނުދައްކާނޭކަން އަހަންނަށް އެނގޭ. އެހެންވީމާ އަހަރެން މި އިށީންނަނީ."

އޭނާ ރުޚްސާނާގެ ކުރިމަތީގައި އެނދުގައި އިށީނދެއްޖެއެވެ. ރުޚްސާނާ އިނީ މޫނުމައްޗަށް ބުރުގާ ވައްޓާލައިގެން މޫނު ނިވައިކޮށްގެންނެވެ. ކޮޓަރިތެރެ އޮތީ އަލިވެ އުޖާލާ ވެފައެވެ. ތުނި ބުރުގާގެ ތެރެއިން ހިޔަންޏެއްހެން އޭނާގެ މޫނު ފެނެއެވެ. "އަހަރެން ބޭނުންވަނީ ރުޚްސާނާގެ ރީތި މޫނު ދެކިލަން. އަހަރެން މިއީ މާ ގިނަ ވާހަކަ ދައްކަން ދަންނަ މީހަކީމެއް ނޫން. ފިރިމީހާގެ ދިރިއުޅުން ބާއްޖަވެރި ކުރުމާއި އަބާއްޖަވެރިކުރުމުގެ ބާރު އޮންނަނީ އަނބިމީހާގެ އަތުގައޭ އިންޖިނޭރުބޭބެ އަބަދުވެސް ބުނޭ. އެހެންވީމާ އަނބިމީހާޔާ ލޯބިން ވާހަކަ ދައްކާށޭވެސް ބުނޭ. އެކަމަކު އަހަރެން މިއީ ލޯބީގެ ވާހަކަ ދައްކަން ދަންނަ މީހަކީމެއް ނޫން. އަނބިމީހާގެ ހިތްހަމަ ޖެހޭ ކަހަލަ ވާހަކަ ދައްކާށާއި، ލޮއްސާށާއި، ރުއްސަން ދަންނަ މީހުންގެ ތެރެއަކު އަހަންނެއް ނުހިމެނޭނެ. މިއީ އަހަރެންގެ ފުރަތަމަ ކާވެނި. އެހެންވީމާ އަހަންނަށް ޖެހޭނީ މި ހުރިހައި ކަމެއް ދަސްކުރަން. މަޑުމަޑުން ދަސް ކުރާނަން."

މިހެން ބުނެފައި އޭނާ ރުޚްސާނާގެ ބުރުގާއާ ދިމާއަށް އަތްދިއްކޮށްލިއެވެ. ރުޚްސާނާ ކުޑަކުޑަ ހަރަކާތަކާއެކު އޭނާގެ އަތް ދުރަށް ޖައްސައިލިއެވެ. އޭނާ ރުޚްސާނާގެ މަޑުމަޑު އަތްތިލައިގައި ހިފައިލިއެވެ. އަދި އަނެއް އަތުން މަޑުމަޑުން އެ އަތްތިލައިގައި ފިރުމައިލިއެވެ. "ރުޚްސާނާ ވަރަށް ރީތި. ފައިތިލައިން ފެށިގެން ބޮލުގެ މެންކަފާޅައާ ހަމައަށް ރީތި. އަހަރެން މިހިރީ ތިޔަ ރީތި މޫނު ދެކިލާ ހިތުން ކެތްތެރިކަން ކުޑަވެފައި. ނުދެކޭތާ މިހާތު އެތައް ދުވަހެއް ވެއްޖެ. ނުދައްކާނަންތަ؟"

ރުޚްސާނާ އަނގަޔަކުން ނުބުންޏެވެ. އެއް އަތުން ބުރުގާގައި ހިފަހައްޓައިގެން އިނީއެވެ.

"އަހަރެން ހަނދާން ނެތުނީ. އިންޖިނޭރުބޭބެ ބުނެފައި އޮތީ އަނބިމީހާގެ މޫނު ދުށުމުގެ ކުރިން ކޮންމެވެސް ހަދިޔާއެއް ދޭންވާނެއޭ. ބުނީ އެންމެ ރަނގަޅު ގޮތަކީ އަނގޮޓިއެއް އެޅުވުމޭ. އަހަރެންގެ ޖީބުގައި އަނގޮޓިއެއް އެބައޮތް."

އޭނާ ޖީބުން ކުޑަކުޑަ ފޮށްޓެއް ނަގައިފިއެވެ. އެ ފޮށިން ނެގި ރަން އަނގޮޓި ރުޚްސާނާގެ އިނގިލީގައި އަޅުވައިފިއެވެ. އަދި މަޑުމަޑުން އެ އަތްތިލަ އުފުލައިލުމަށް ފަހު ބޮސްދޭން އުޅުނެވެ. ރުޚްސާނާ އަތް ދަމައިގެންފިއެވެ. އަދި ދެއަތުން ބުރުގާގައި ހިފަހައްޓައިފިއެވެ. އެ ވަގުތު ބޭރުން ކިނބިއްސެއް އެޅި އަޑު އިވިއްޖެއެވެ. ބާދްޝާ ނުރުހުން ވެފައި އެ ދިމާއަށް ބަލައިލިއެވެ. އަދި ހިނިތުންވެލުމަށް ފަހު ބުންޏެވެ. "ބޭރުގައި އަހަރެންގެ އެކުވެރިން އެބަތިބި. އެއީ ހައްތަހާވެސް ކުލީކާރު ދުއްވާ މީހުން. މިކަހަލަ ވަގުތުތަކުގައި ކިނބިހި އަޅައިގެން ނުވާނެކަން އެމީހުންނަކަށް ނޭނގޭ."

އޭނާ އަނެއްކާވެސް ބުރުގާ ހިއްލައިލާން އުޅުނެވެ. ރުޚްސާނާ ބާރަށް ބުރުގާގައި ހިފަހައްޓައި، މޫނު ފޮރުވާން މަސައްކަތް ކުރިއެވެ. "އަހަރެން އިތުރަށް ނުތަޅުވާ. ތިޔަ ރީތި މޫނު ދެކިލަން އަހަރެން ބޭނުން. ހަފުތާއެއްވާންދެން ނުފެނި ހުރުމަކީ ވަރަށް ބޮޑު ވޭނެއް. އަހަރެން މިހިރީ އެ އުނދަގޫ މަރުހަލާ ކަޑައްތު ކޮށްފައި. އެ ދުވަސްތައް އަހަރެން ހޭދަކުރި ގޮތް އެނގޭނީ އަހަންނަށް. ދެން ދެނެވޮޑިގެންވާނީ ކަލާނގެ. ތިޔަހެން ނުހަދާ..."

ރުޚްސާނާ ގެންދިޔައީ ހަރަކާތުން ދެކޮޅު ހަދަމުންނެވެ. ބާދްޝާ މަޑުމަޑުން އޭނާގެ ގައިގައި ބައްދައިލިއެވެ. އަދި އެގޮތަކުން މިގޮތަކުން ގޮސް އޭނާ ރުއްސައިފިއެވެ. މިފަހަރު ރުޚްސާނާ ދެކޮޅެއް ނުހެދިއެވެ. ބާދްޝާ މަޑުމަޑުން ބުރުގާ ހިއްލައިލިއެވެ. ކޮޓަރިތެރެއަށް ވެރިވެފައި އޮތް ގަދަ އަލީގެ ތެރެއިން ރުޚްސާނާގެ މޫނު ފެނިއްޖެއެވެ. ބާދްޝާއަށް ކުއްލިއަކަށް ހަޅޭއް ލަވައިގަނެވިއްޖެއެވެ. ސިއްސައިގެން ގޮސްފައި އެނދުން ފުންމާލައިފިއެވެ. ވެއްޓެމުން ކަހަލަ ގޮތަކަށް ދެފިޔަވަޅެއް ފަހަތަށް ޖެހިލައިފިއެވެ. އަދި އެނދުމަތީގައި އިން އަންހެން ކުއްޖާޔާ ދިމާއަށް ދެލޯ ބޮޑު ކޮށްގެން ބަލަން ފަށައިފިއެވެ. މިހާރު ފެންނާން އެއިނީ ރުޚްސާނާ ފަޅައިލީ ގަބުރެވެ. މޫނުގެ އެއްފަޅިއެއް ނެތެވެ.

މޫނުގެ އެއްފަޅި އާދަޔާ ޚިލާފަށް ރީއްޗެވެ. އެ ފަޅީގެ ރީތި ލޮލުން ކަރުނަ ފައިބަނީއެވެ. ބާދްޝާ ޖާނީ ދެ އަތުން އަމިއްލަ ބޮލުގައި ހިފައިލިއެވެ. އަނބުރައިގަންނަ ގޮތް ވާން ފަށައިފިއެވެ. އޭނާ އަނެއްކާވެސް އެ ދިމާއަށް ބަލައިލިއެވެ. އެ މޫނުގެ އެއް ފަޅި ހުރީ ކަފައި ކުދިކޮށްފައެއް ނޫނެވެ. އަނދައިފައެވެ. އަނދައިފައިވާ ފަޅީގައި ހުރީ މަޑު ފިޔާތޮށި ކުލައެކެވެ. ހީވަނީ ތޫނު އެއްޗަކުން ކަހައިފައި ހުރީހެންނެވެ. ބާދްޝާ ޖާނީ އުނދަގުލުން ކަހަލަ ގޮތަކަށް އަހައިލިއެވެ. "ތިޔައީ ކާކު؟"

އޭނާ ދެއަތުން މޫނު ފޮރުވައިފިއެވެ. އަދި ރޮމުންރޮމުން ބުންޏެވެ. "އަހަރެން މިއީ ރުޚްސާނާ. ހަމަ ކުރީގެވެސް ރުޚްސާނާ."

ބާދްޝާ ހަޅޭއް ލަވައިގަތެވެ. "ދޮގު. ތިޔައީ ރުޚްސާނާއެއް ނޫން."

"އަހަރެން މި ބުނަނީ ތެދަށް. ގަބުރެއް ފަޅައި އަލިފާންއާވިން ދޮންނާން އުޅުމުގެ ތެރޭގައި އަހަރެންގެ މޫނަށް އަލިފާން އާވި ބުރައިގެން މި ހާލަތަށް ދިޔައީ."

ބާދްޝާ ރުޅި އައިސް ރަތް ވެއްޖެއެވެ. "ތިޔައީ ކޮން ކަހަލަ އަންހެނެއް. އެއް ދުވަހު ގަބުރު ފަޅަނީ. އަނެއް ދުވަހު އަލިފާންއާތްވާ ކުޅެނީ. ތިޔައީ ރުޚްސާނާކަން އަހަންނަކަށް ޔަގީނެއް ނުވޭ. މޫނު ފޮރުވަނީ ކީއްވެގެން؟ އަތް ނަގާ. އަހަންނަށް ރަނގަޅަށް މޫނު ދައްކާ."

އޭނާ މޫނުމަތީން އަތެއް ނުނެގިއެވެ. އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލުމަށް ފަހު ބުންޏެވެ. "އަހަރެންގެ މޫނަށް ނުބަލާ. އަހަރެން އިނީ ބިރުން. އަހަރެން ފެނުމާއެކު ބާދްޝާ ނަފުރަތު ކުރާނޭކަން އެނގުނު. އަހަރެން މިއީ ރުޚްސާނާކަމަށް ގަބޫލު ނުކުރާނެއޭވެސް ހިތަށް އެރި. އިންސާނުން ލޯބިކުރަނީ ފުރިހަމަ ރީތިކަމަށް. އެ ރީތިކަމުގައި ކުޑަކުޑަ ލަކެއް ޖެހުނަސް ނަފުރަތުކުރަން ފަށާނެ."

"އަހަރެންގެ ކުރިމަތީގައި މަކަރުވެރި ވާހަކަ ނުދައްކާ. މިހާރު އަހަންނަށް ޔަގީން ވެއްޖެ. ތިޔައީ ރުޚްސާނާއެއް ނޫން."

ބާދްޝާ ރުޅި އައިސް ފުފިފައި ހުރެގެން ގޮސް ޖެހި ލަތްކަކާއެކު ދޮރު ހުޅުވައިފައި ބޭރަށް ނުކުމެއްޖެއެވެ. ބޭރުގައި ތިބި އޭނާގެ އެކުވެރިންނަށް ކޮޓަރި ތެރެއިން ލެވި ހަޅޭކުގެ އަޑު އިވުނެވެ. އެހެންވީމާ އޭނާ ނުކުތުމާއެކު އަހައިލިއެވެ. "ބާދްޝާ. ކިހިނެއްވީ؟"

އޭނާގެ ރުޅިގަނޑު މައިތިރިއެއް ނުވެއެވެ. "މި ކިޔާ އަބުރުވެރިންނަކީ ވަރަށް މަކަރުވެރި ބައެއް. އަހަރެމެން ކަހަލަ ވިޔާނުދާ މީހުންނަށްވެސް ދޮންކަޅު ނޭނގޭވަރަށް މަކަރު ހަދާ. އެ ހަޔާތްކުޑަ މީހުން އަންހެންކުއްޖާ ބަދަލުކޮށްފި."

(ނުނިމޭ)

4 ޚިޔާލު

  1. މާތްކަލާކޯ.ކީކޭ ދެން ބުނާނީވެސް...ދެންވާނީ ކިހިނެއްބާއޭ ހިތަށްއަރާ!!އަނެއްބަޔަށް ވަރަށް އިންތިޒާރުު އެބަކުރެވޭ..ކިޔުނު ބައިތަކަށް ބަލާއިރު ބުނެވޭނީ މިއީ ނަޢީމުގެ އެހެން ވާހަކަ ތަކެކޭ އެއްފަދައިން ހަމަ ވަރަށްޝައުގުވެރި އެހާމެ ރީތި ވާހަކަައެކޭ..މިހުރީ ވާހަކައަކީ..ދެރައީ ގެނެސްދެވޭލެއް ދޭތެރެދުރުކަން..ކޮންމެ ދުވަހަކު އާ ބައެއް ކިޔާާލަން ލިބޭނެ ގޮތެއް ހަމަ ނުހެދޭނެތަ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.