(25 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރުޚްސާނާ ވިސްނާން ފަށައިފިއެވެ.
މަންމަ ސުވާލުކޮށްލިއެވެ. "ތިޔަ ވިސްނަނީ ކޮން ކަމަކާ؟"
"ހިތަށް މި އަރަނީ އިންޖިނޭރުބޭބެއަށް ލިބުނީ ކޮން ފަތުވާއެއް ބާވައޭ."
"ﷲ ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވާނީ ރަނގަޅަށް. ކޮންމެ ފަތުވާއެއް ލިބުނަސް ބޭބެއާއެކު އެ ފަތުވާ އެ ދިޔައީ. އަހަރެމެންނާ ދެކޮޅަށް ކަމެއް ކުރާނޭ މީހަކު ދެނެއް ނުހުންނާނެ."
ރުޚްސާނާ ފާރާ ދިމާއަށް ބަލަހައްޓައިގެން އިނދެ ވިސްނަމުން ގެންދިޔައެވެ. ކުޑައިރުކޮޅަކު އެހެން އިނުމަށް ފަހު ބުންޏެވެ. "ބައެއް ކަންތައްތައް އެކަމަކަށް ކަނޑައެޅިފައި އޮންނަ ވަގުތަކު ވިސްނައެއް ނުގަނެވޭ. ވިސްނޭއިރު އޮންނަނީ ވަގުތު ފާއިތުވެފައި. މިހާރު އިންޖިނޭރުބޭބެ ދުނިޔެއަކު ނެތް. ކާވެނި ސައްހަ ވިޔަސް ނުވިޔަސް ޖާނީއަކަށް ފަރުވާލެއް ނެތް. އަހަރެން ދެކެ އޭނާ ހިތުގެ އެންމެ ފުންމިނުން ލޯބިވޭ. އެކަމަކު އަހަރެން މި އިންނަނީ ރޮއިލަރޮއިލާ."
"ދަރިފުޅާ. ރުއިމުގެ ކަންތައް މިހައިތަނުން ނިމުނީ. މީގެ ފަހުން އެއްވެސް މީހަކު ދަރިފުޅު ނުރޮއްވާނެ."
"ނޫނޭ މަންމާ. ހުރިހައި ކަމެއް ނިމި ދުނިޔޭގެ އަނގަ ބަންދުވުމާއެކު ޒަމީރުގެ އަނގަ ހުޅުވިދޭ. އަހަރެންގެ ޒަމީރު އަހަންނަށް ހަމަޖެހިލައިގެން އުޅުނަކަ ނުދޭނެ. އަހަރެންގެ ސިކުނޑީގައި ހިނގާ ހައިޖާނާއި ހިތުގައި އޮންނަ ނުތަނަވަސްކަން ލަފުޒުތަކަކުން ބަޔާންކޮށެއް ނުދެވޭނެ. އިންޖިނޭރުބޭބެ އެ ނިޔާވީ އެކްސިޑެންޓެއްގައި. ޒަމީރު މަރައިލާ ކަހަލަ އެކްސިޑެންޓެއް ދިމައެއް ނުވާނެ."
ބާދްޝާ އެނބުރި އައީ އަނެއް ދުވަހުގެ ހެނދުނު އެގާރަ ޖެހި ފަހުންނެވެ. ނުނިދައި ހުރުމުގެ އޭނާގެ ލޯ ހުރީ ސަބަބުން ރަތް ވެފައެވެ. އިއްޔެއެއްސުރެ އޭނާއަކަށް ނިދައިލާނޭ ފުރުސަތެއް ނުލިބެއެވެ. އިންޖިނޭރުބޭބެ ހަމަ ހަގީގަތުގައިވެސް ނިޔައުވީއޭ އެ ގޭގައި އޮތީ ހިތާމައިގެ މާހައުލެއް ކަމަށް ބާދްޝާ ބުންޏެވެ. ބޭބެ ދެކެ ލޯބިވާ މީހުންނަށް އެއީ ވަރަށް ބޮޑު ހާދިސާއެކެވެ. ޖަނާޒާގައި ވަރަށް ގިނަ މީހުން ބައިވެރިވީ ކަމަށްވެސް ބާދްޝާ ބުންޏެވެ.
ބާދްޝާ ހޭލައި ހުރިހައި ވަގުތަކު ދެއްކީ އިންޖިނޭރުބޭބެގެ ވާހަކައެވެ. ކުއްލިއަކަށް ބޭބެ މަރުވުމަކީ ބާދްޝާއަށް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ. ރުޚްސާނާ އޭނާގެ ބޯ މޮޑެލައިދީދީ އިނެވެ. މާ ގިނަ އިރުތަކެއް ނުވެ އޭނާއަށް ނިދިއްޖެއެވެ.
މަންމަ ހެނދުނު ނާޒިމްއާބާދަށް ގޮސްފައި އެނބުރި އައީ މެންދުރުއެވެ. ހުރީ ވަރަށް އުފަލުންނެވެ. ރުޚްސާނާގެ އަތަށް ސިޓީއުރައެއް ދިއްކޮށްލައިފައި ބުންޏެވެ. "ދަރިފުޅާ. ﷲ ދަރިފުޅާ ރުހިވޮޑިގެންފި. އިންޖިނޭރުބޭބެ މަގުން އެއްފަރާތް ވުމާއެކު މި އޮތީ ލަންޑަނުން ސިޓީއެއް ލިބިފައި."
ރުޚްސާނާ ސިޓީ އަތުލައިގެން ބޭރު ބަލައިލިއެވެ. "މިއީ ޖަމްޝީދު ފޮނުވި ސިޓީއެއް. މަންމައަށް ލިބުނީ ކިހިނެއް؟ މިޔަކު އެޑުރެހެއްވެސް ނެތް."
"ސިޓީ ލިބުނީ ފަރުޒާނާއަށް. އޭނާއަށް ގެނެސްދިނީ ދަރިފުޅުމެންގެ ކޮންމެވެސް ރައްޓެއްސެއް. ނާޒިމްއާބާދަށް އައިސް މަންމަގެ އަތަށް ސިޓީ ދިނީ ފަރުޒާނާގެ މަންމަ. ސިޓީގައި އޮތީ ކީކޭހޭ މަންމަ ގާތު އެހި. މަންމަމެންގެ ޒާތީ ވާހަކަތައް އޭނާއަށް ކިޔައިދެނީ ކީއްކުރަން؟ ކަނޑައިގެން ނިކަން ކިޔައިލަބަލަ."
ރުޚްސާނާ ސިޓީ ކަނޑައިގެން ކިޔާން ފަށައިފިއެވެ.
"ރުޚްސާނާ އަށް.
ކަރުދާހާއި ގަލަން ހިފައިގެން އިނދެ ރުޚްސާނާއާ މުޚާތަބު ކުރާނޭ ގޮތަކާމެދު އަހަރެން ވަރަށް ބޮޑަށް ވިސްނައިފީމެވެ. އަހަރެންގެ ހިތުގައި ރުޚްސާނާގެ މައްޗަށް އޮތް ލޯބީގެ ޖަޒުބާތު ގޮވަމުން ދަނީ ލޯބީގެ ބަހުރުއަކުން މުޚާތަބު ކުރާށެވެ. އެކަމަކު ރުޚްސާނާ ނުރުހިދާނެތީ ބިރުގަނެއެވެ. އެ ދުވަހު ޖެހި ސަކަރާތެއްގެ ތެރޭގައި އަހަރެންގެ ސަބަބުން ރުޚްސާނާގެ މޫނު ތިޔަ ވަނީ އަނދައިފައެވެ. ކުށްވެރިއަކީ އަހަންނެވެ. އެއީ ދުވަހަކުވެސް ހަނދާން ނެތޭނޭ ހާދިސާއެއް ނޫނެވެ.
ރުޚްސާނާއާއި ފަރުޒާނާއާ ދެކުދިންނަކީ އެހެން ކުދިންނާ ވަކިން ދުރުގައި އުޅޭ ދެކުދިންނެވެ. އެހެންވީމާ ކޮލެޖުގެ އެއްވެސް ކުއްޖަކަށް ތިޔަ ދެކުދިންނާ ފޮށޭކަށް ނުކެރެއެވެ. އަހަރެން ސިއްރުސިއްރުން ސިޓީގެ ޒަރީއާއިން އެކަހަލަ ކަމެއް ކުރެވޭތޯ އުޅުނީމެވެ. އެކަމަކު ކާމިޔާބު ވާގޮތެއް ނުވިއެވެ. މިހާރު އަހަރެން ބޭނުންވަނީ ރުޚްސާނާއަށް ކޮންމެވެސް ކަމެއް ކޮށްދޭށެވެ. ކަމެއް ކޮށް ދެވުނީމާ ރުޚްސާނާގެ ހިތުން ޖާގައެއް ލިބިދާނޭ ކަމުގެ އުއްމީދުގައެވެ. ރުޚްސާނާއަށް ލިބުނު ގެއްލުމަކީ އަހަރެން ދިން ގެއްލުމެކެވެ. މިހާރު ބޭނުންވަނީ އެ ކުށަށް މާފަށް އެދިފައި އެކަން ރަނގަޅުކޮށް ދިނުމަށްފަހު ރުޚްސާނާ ހާސިލު ކުރާށެވެ. ރުޚްސާނާ މިހާރު ބީރައްޓެއްސަކަށް ނުވާނެ ބާވައޭ އަހަރެންގެ ހިތަށް ވަރަށް ގިނައިން އަރައެވެ. މައިންބަފައިންގެ ބާރުއެޅުމާއެކު މިހާރު މީހަކާ އިނދެފާނެއޭވެސް ހިތަށް އަރައެވެ. މިހާރު ތިޔަ އުޅެނީ މީހަކާ އިނދެގެން ކަމުގައި ވަނީނަމަ މި ސިޓީގައި ލިޔެފައި މިވާ ވާހަކަތައް ހަނދާން ނައްތައިލާފައި މާފުކޮށްލާށެވެ. މީހަކާ ނީނދެ ހުރިނަމަ އަހަރެން އަދިވެސް އިންތިޒާރުގައި އެބަހުރީމެވެ.
އެންމެ މުހިއްމު ވާހަކަ ބާއްވައިފައި މި ލިޔެވުނީ ބޭކާރު ވާހަކައެވެ. ލިޔަން އުޅުނު ވާހަކަ ލިޔެލާނަމެވެ. އަހަރެން ލަންޑަނަށް އައީ ޑަކްޓަރުކަން ކިޔަވާށެވެ. ރުޚްސާނާއަށްޓަކައި ޕްލާޓިކް ސާޖަރީގެ މާހިރަކަށް ވާން އަހަރެން ބޭނުންވިއެވެ. އެކަމަކު އަހަރެންގެ އާއިލާއަކީ ވިޔަފާރީގެ އާއިލާއެކެވެ. އަހަރެން ޑަކްޓަރަކަށް ހަދާކަށް ބައްޕަ އެއްވެސް އިރަކު ބޭނުމެއް ނުވެއެވެ. ބައްޕަ ބޭނުންވަނީ އަހަރެން ވަރަށް ބޮޑު ވިޔަފާރިވެރިއަކަށް ހަދާށެވެ. އެހެންވީމާ މިތަނަށް އައިސް އަހަރެން ފެށީ ވިޔަފާރީގެ މަސައްކަތެވެ. އެކަމަކުވެސް ރުޚްސާނާގެ މަތީން ކުޑަ އިރުކޮޅަކަށްވެސް ހަނދާނެއް ނުނެތެއެވެ. ކުރިމަތީގައި ރުޚްސާނާގެ މޫނު އަބަދުވެސް ހުރެއެވެ.
އަހަރެން ވަރަށް ބޮޑު ޕްލާސްޓިކް ސަރުޖަނަކާ ވާހަކަ ދައްކައިފީމެވެ. މިހާރު އޮތީ ހުރިހައި ކަމެއް ހަމަޖެހިފައެވެ. ބޭނުން ދުވަހަކު ލަންޑަނަށް އަންނާށެވެ. ރުޚްސާނާގެ ރީތި މޫނު އަލުން އިއާދަ ކުރެވިދާނެއެވެ.
ރުޚްސާނާ ނުރުހުން ނުވާނެ ކަމުގައި ވަންޏާ އެހެން ވާހަކައެއްވެސް ލިޔެލާނެމެވެ. ލަންޑަނަށް އައުމާއި އެނބުރި ދިއުމުގެ ޓިކެޓާއި، މިތާނގައި ތިބުމުގެ ޚަރަދާއި، ސާޖަރީގެ ހުރިހައި ޚަރަދެއް ކުރާނީ އަހަންނެވެ. މިކަމާ ނުރުހުން ނުވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރަމެވެ. މިއީ އަހަރެން ކުރުން މަޖުބޫރު ކަމެކެވެ. ސަބަބަކީ ރުޚްސާނާގެ މޫނު އެނދުމުގައި އެންމެ ބޮޑު ޒިންމާއެއް އުފުލާން ޖެހޭ މީހަކީ އަހަރެން ކަމުގައި ވުމެވެ. އެ ކުށުގެ ބަދަލު ދިނުމަކީ އަހަންނަށް އޮތް ހައްގެކެވެ. އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެބައޮތެވެ. މިކަމުގައި ރުޚްސާނާގެ މައިންބަފައިންގެ ރުހުން ހޯދާށެވެ. މީހަކާ އިނދެގެން އުޅޭ ކަމުގައި ވަނީނަމަ ފިރިމީހާގެ ހުއްދަ ހޯދާށެވެ. އެމީހުން ގާތު އަހަރެންގެ ވާހަކަ ބުނާށެވެ. އަހަރެންގެ ނިޔަތް ތެދުވެރިކަމުގެ ޔަގީންކަން އެމީހުންނަށް ދޭށެވެ. މި ސިޓީގެ ތިރީގައި އެ އޮތީ އަހަރެންގެ އެޑުރެހެވެ. އަންނާންވީމާ އަންގާށެވެ. ރުޚްސާނާއާ ބެހޭ ގޮތުން ވަރަށް ގިނަ ކަންތައްތައް ދެނެގަންނާން އަހަރެން ބޭނުމެވެ. ސިޓީގެ ޖަވާބެއް ލިބޭނޭ ކަމަށް އުއްމީދު ކުރަމެވެ. އިންތިޒާރުގައި އެބަހުރީމެވެ.
އެކުވެރި ޖަމްޝީދު ޢަލީ."
މަންމަ އަހައިލިއެވެ. "ދަރިފުޅާ. ކީކޭ އޮތީ؟ މޫނު ރަނގަޅުވެދާނެއޭތަ؟"
ރުޚްސާނާގެ އުފަލުގެ ކޮޅެއް ނެތެވެ. މަންމަގެ އަތަށް ސިޓީ ދިނުމަށް ފަހު ޚިޔާލީ ދުނިޔެއަކަށް ގެއްލިއްޖެއެވެ. އޭނާ ބޭނުން ވަނީ ހަމަ މި ވަގުތު އުދުހިފައި ލަންޑަނަށް ދާށެވެ. އަނެއް ދުވަހުގެ ހެނދުނު އިރުއަރަން ވާއިރަށް މޫނު ރަނގަޅު ކޮށްގެން އުދުހިފައި އެނބުރި އަންނާނީއެވެ. އަނބިމީހާއަކީ ކިހައި ރީތި މީހެއްކަން ޖާނީއަށް އޭރުން އެނގިގެން ހިނގައިދާނެއެވެ.
ސިޓީ ކިޔައި ނިންމުމަށް ފަހު މަންމަ މަޑުމަޑުން ބުނެލިއެވެ. "ދަރިފުޅާ. މި ޖަމްޝީދަކު ދަރިފުޅާއިގެން ހެސްގެންފައި ހުރި ވާހަކައާއި ދަރިފުޅާ އިންނާން ބޭނުން ވެގެން އުޅުނު ވާހަކަ މަންމަ ގާތު ނުބުނަމެއްނު؟"
"އޭނާ އަހަރެން ދެކެ ލޯބިވާކަން އެނގުނީ މޫނު ފިހުނު ފަހުން. މިހެން ވާނެ ކަމަކަށް އަހަރެން އޭރަކުވެސް ގަބޫލެއް ނުކުރަން. ފަޅިމޫނަކަށް އަހަރެން ވެދާނޭ ކަމަކަށް ހިއެއް ނުކުރަން. އެހެންވީމާ ޖަމްޝީދަކާ އަޅައެއް ނުލަން. މޫނުގެ ހާލަތު ނުބައިން ނުބަޔަށް ދިޔައީމާ ހިތަށް އެރީ ޖަމްޝީދާ ދުރަށް ދެވުނުކަން އެއީ ދެރަކޮށް ކުރެވުނު ކަމެކޭ. އެކަމަކު އޭރު އޭނާ ލަންޑަނަށް ހިނގައްޖެ. އޭނާގެ އެޑުރެހެއް އަހަރެންގެ އަތަކު ނެތް. ގުޅޭނޭ ގޮތެއްވެސް ނޭނގޭ. ﷲ މެދުވެރި ކުރެއްވީ ރަނގަޅަށް. އަަހަންނަށް ދެއްވީ ޖަމްޝީދަށްވުރެ މާ ހެޔޮ ފިރިއެއް."
(ނުނިމޭ)