ފަޅިމޫނު - 82

(29 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން ޖެހި ހިސާބުތަކަށް ބަލާއިރު ލަންޑަނަށް ދިއުމާއި އެތާނގައި ތިބުމާއި ބޭސްކުރުމާއި އެނބުރިއައުމާ މި ހުރިހައި ކަމަކަށް މަދުވެގެން ދޮޅު ލައްކަ ރުފިޔާ ޚަރަދުވާނެ."

"ދޮޅުލައްކަ ރުފިޔާ." ބާދްޝާ ދަރިފުޅު އެނދުގައި ބާއްވާފައި އައިސް މޭޒުދޮށުގައި އިށީނދެއްޖެއެވެ. "ދެ ކާރު މިހާރު އެ އޮތީ ވަރަށް ގިނަ ދުވަހު ދުއްވާފައި. އެއް ކާރު ސާޅީސް ހާހަށް ވިއްކިދާނެ. ރުޚްސާނާގެ އަތުގައި ހުރީ ކިހައި ރުފިޔާއެއް؟"

"ބޭންކުގައި ހަތްހާސް ރުފިޔާވަރު ހުންނާނެ."

"އަންނަ މަހާ ހަމައަށް ތިން ހާސް ރުފިޔާ ޖަމާ ކުރެވިދާނެ. މާނައަކީ އެއްމަސް ފަހުން އަހަރެމެންގެ އަތުގައި ޖަމާވެފައި އޮންނާނީ ފަންސާސް ހާސް ރުފިޔާއޭ. އަހަރެން ކޮންމެ މަހަކު ދޭ ތިން ހާސް ރުފިޔާއިން ދެ ހާސް ރުފިޔާ ރުޚްސާނާ އެބަ ރައްކާ ކުރޭ. ކުލިނިކު ހުޅުވީމާ ރުޚްސާނާގެ އާމްދަނީން ގޭގެ ހުރިހައި ޚަރަދެއް ހަމަޖެހިދާނެ. އޭރުން ތިންހާސް ރުފިޔާ އެކީގައި ރައްކާ ކުރެވިދާނެ."

"ތިޔައީ ދައްކައިލާން ފަސޭހަ ވާހަކަ. އެކަމަކު ވިސްނައިލަބަލަ. ކުލިނިކު ރާނާށާއި ފަރުނީޗަރު ޖައްސާށާއި ބޭހަށްވެސް ފަންސަވީހަކަށް ރުފިޔާ ޚަރަދު ވާނެ. އަހަރެމެން ބޭނުންވާ ވަރަށް ބަލިމީހުން އަންނާނެ ކަމުގެ ޔަގީންކަމެއްވެސް ނޯންނާނެ. ކުލިނިކަށް ޚަރަދު ކުރާ ފަންސަވީސް ހާސް ރުފިޔާ އަލުން ލިބޭނީވެސް އަހަރެއްހައި ދުވަހުގެ މަސައްކަތުން. މާނައަކީ އެއް އަހަރު ދުވަސް ފަހުން އަހަރެމެންގެ އަތުގައި އޮންނާނީ ފަންސާސް ހާސް ރުފިޔާއޭ. ބާކީ އެއް ލައްކަ ރުފިޔާ ހޯދާނީ ކިހިނެއް؟"

"ދެމީހުން ރަނގަޅަށް މަސައްކަތް ކުރީމާ އިރާދަކުރެއްވިއްޔާ ހަތަރު ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްލައްކަ ރުފިޔާ ޖަމާ ކުރެވިދާނެ."

"ޖާނީ. ތިޔަހެން ވިސްނުމަކީ ފަސޭހަ ކަމެއް. އެކަމަކު އެހައި ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރުމަކީ ފަސޭހަ ކަމެއް ނޫން. އަހަރެމެންގެ ދަރިފުޅުވެސް ދާނީ ބޮޑުވަމުން. އޭނާއަށް ކުރަން ޖެހޭ ޚަރަދުވެސް ދާނީ ބޮޑުވަމުން. ބަލިވުމާއި ކުއްލިއަކަށް ދިމާވާ ކަންކަމާ މި ހުރިހައި ކަމަކީ ވިސްނަން ޖެހޭ ކަންކަން. ޚަރަދު ކުރަން ޖެހޭނޭ ކަންކަން. މިކަހަލަ ކަންކަމުގެ ސަބަބުން ނުވެސް އެނގި ތިއްބައި ޖަމާ ކުރެވިފައި ހުރި ފައިސާކޮޅު ހުސްވެދާނެ."

ބާދްޝާ ސައި ބޯން އިނދެފައި ހައިރާން ވެފައި ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. "ހައިރާން ވެއްޖައިން. ހަތަރު ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ އަދަދަކަށް ފައިސާ ޖަމާ ކުރެވިދާނެއޭ ބުނީވެސް ރުޚްސާނާ. މާޔޫސް ތިޔަ ވަނީވެސް އަމިއްލައަށް. އެންމެ ރަނގަޅު. ފަސް އަހަރު ދުވަހުން ނުވިއްޔާ ދިހަ އަހަރު ދުވަހުން ވާނެއެއްނު؟"

"ޖާނީ ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް. ދިހަ އަހަރު ދުވަހުން އަހަރެންގެ އުމުރުން ހުންނާނީ ކިހައި ވަރެއް ވެފައި؟ ދަރިފުޅު ހުންނާނީ ބޮޑު ވެފައި. ފަޚުރުވެރިކަމާއެކު އޭނާގެ މަންމަގެ ވާހަކަ ދައްކާ އުމުރުގައި އުޅޭނީ އެކަހަލަ ވާހަކައެއް ދައްކާންވެސް ނުކެރިގެން. އޭނާ މަސައްކަތް ކުރާނީ އަހަރެން ފޮރުވަން. އެހެން އަންހެނުންހެން ޖާނީއާއެކީގައި ފަޚުރުވެރިކަމާއެކު ހިނގައިލާ އުޅެން އަހަރެން ބޭނުން ނުވާނެތަ؟"

ބާދްޝާ ހިނިތުންވެލިއެވެ. "މޫނުބުރުގާ އަޅާ މީހުންވެސް އެމީހުންގެ ފިރިންނާއެކީގައި ދާއިރު ފަޚުރުވެރިކަން އިހުސާސް ކުރޭ. އެއީވެސް އަންހެނުން."

އެ ވާހަކައަށް ދޭނޭ ރައްދެއް ރުޚްސާނާއަކަށް ނުވިސްނުނެވެ. އެހެންވީމާ ބާދްޝާގެ މޫނަށް ބަލަހައްޓައިގެން އިނދެފައި ބުންޏެވެ. "އަހަރެން މިއީ މޫނުބުރުގާ އަޅާ މީހެއް ނޫން. އަހަރެން ހަދާނީ ކިހިނެއް؟"

ބާދްޝާ ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގާފައި ގޮސް ރުޚްސާނާގެ ފުރަގަހަށް ހުއްޓިއްޖެއެވެ. އަދި އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލުމަށް ފަހު ބުންޏެވެ. "ރުޚްސާނާ، ރުޚްސާނާގެ މޫނު އެނދީ ކޮންތަނެއްގައި ކީއްވެގެންކަން އޮޅުން ފިލުވާކަށް އަހަންނެއް ނޫޅެން. މޫނު ރީތި ނުކޮށްގެން އުޅެނީ ކީއްވެގެން ހެއްޔެކޭވެސް ނާހަން. އެކަހަލަ ވާހަކަތަކެއް އަހަރެން ނުދައްކަން. މޫނު ރީތި ކުރުވާކަށްވެސް ބާރެއް ނާޅަން. އެހެންވީމާ އަހަރެން ލޯބިވަނީ ރުޚްސާނާގެ ސިފަ ދެކެ ނޫންކަމާއި ރީތި އުޅުން ދެކެކަން އެނގޭވަރެއް ނުވޭތަ؟"

"އަހަރެން މި ދައްކަނީއަކީ ޖާނީގެ ވާހަކައެއް ނޫން. މި ދައްކަނީ މުޖުތަމައުގެ ވާހަކަ. މީހުންގެ ތެރެއަށް ނުކުމެ މޫނު ފެންނަ ގޮތަކަށް އަހަންނަކަށް އުޅޭކަށް ނުކެރޭނެ. ނިކަން ވިސްނާލަބަލަ. އަހަރެން މި ދައްކަނީ ރީތިކަން ދައްކަން ނުކުމެ އެނބުރޭ ވާހަކައެއް ނޫން. މީހުން އަޅައިނުގަންނަ ގޮތަށް އުޅުމުގެ ފުރުސަތުގެ ވާހަކަ."

"އެހެން ވެއްޖެއްޔާ މޫނުބުރުގާ އަޅައިގެން އުޅޭ. ހުރިހައި މައްސަލައެއް ހައްލުވެދާނެ."

"ތިޔަ ބުނާހައި ފަސޭހައިން އަދި މައްސަލަ ހައްލެއް ނުވާނެ. މޫނަކާ ނުލައި އުޅުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން. އެ އެއްޗަކަށް... އެ މީހަކަށް ލިބިފައިވާ ސޫރައާ ނުލައި ދިރިއުޅެވޭނޭ އެއްޗެއްގެ ނޫނީ މީހެއްގެ ނަން ނިކަން ބުނެބަލަ. އިންސާނަކަށް ވިޔަސް ހައިވާނަކަށް ވިޔަސް ދެއްވައިފައިވާ ސިފައާ ނުލައެއް ނޫޅެވޭނެ. މިއީ ބިއްލޫރި ތަށްޓެއް. މިއީ މޭޒެއް. އެހެރީ އަލަމާރިއެއް. އެހެރަ ފެންނަނީ ފާރެއް. މިއިން އެއްވެސް އެއްޗަކީ އެ އެއްޗަށް ލިބިފައިވާ ސޫރައާ ނުލައި ވަކި ކުރާން އެނގޭނޭ އެއްޗެއް ނޫން. އެއިން ކޮންމެ އެއްޗަކަށް އެކިޔާ ނަމެއް ކިޔަނީ ސޫރަ އެނގޭތީ. ސޫރަ ނޭނގޭ... ބޮޑުމިން ނޭނގޭ ފަރާތަކީ ހަމައެކަނި ﷲ. ނޭނގުނު ނަމަވެސް ދުނިޔޭގެ އެންމެން އެ ފަރާތެއް ކުރިފުޅުމަތީގައި އަޅުންނަށް ވާ ފަރާތަކީވެސް ހަމައެކަނި އެއީ. މި ދުނިޔޭގައި ލެއްވި އެއްވެސް އެއްޗެއްގެ ސޫރައެއް ނެތިއްޔާ ނަމެއްވެސް ނޯންނާނެ. ކާކުކަމެއްވެސް ނޭނގޭނެ. މިއީ ގުދުރަތުގެ ނިޒާމު. ފިތުރަތުގެ ހަމަ. އެހެންވީމާ އަހަރެން ގަބޫލު ކުރާ ގޮތުގައި އަހަރެންގެވެސް ފުރިހަމަ މޫނެއް... ފުރިހަމަ ސޫރައެއް ފެންނާން ހުންނަން ވާނެ."

ބާދްޝާ ޖަވާބެއް ނުދީ ގޮސް އަލަމާރިން ގަމީހެއް ނަގައިގެން ހެދުން ބަދަލު ކުރާން ފަށައިފިއެވެ.

ރުޚްސާނާ އަހައިލިއެވެ. "ބޭރަށް ދަނީތަ؟"

"އާނ. މުޅި ދުވަސް ފާއިތުވެގެން މި ދަނީ ބޭކާރުކޮށް. އާމްދަނީއެއް ލިބޭތޯ ބަލަން ވާނެއެއްނު؟"

"އަހަރެންގެ ވާހަކައަކަށް އަދި ޖަވާބެއް ނުދެމެއްނު؟"

"ރުޚްސާނާގެ ވާހަކައަށް އަމިއްލައަށް ޖަވާބު ދީފީމެއްނު؟ މިހާރު ތިޔަ އިނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މޫނު ފުރިހަމަ ކުރަން ނިންމައިގެން. ބޮޑުބޭބެގެ އެހީތެރިކަން ގަބޫލު ކުރަން ބޭނުން ވަނީ ކަމުގައިވެސް ވެދާނެ. އެހެންވީމާ އަހަރެން ދައްކާނޭ ވާހަކައެއް ނެތެއްނު؟ ރުޚްސާނާއަކީ އަހަންނަށް ވުރެ މާ ބޮޑު ބުއްދިވެރިއެއް. އެކަމަކުވެސް ކުރާ އެއްވެސް ކަމަކުން އަހަރެންގެ ޣިރާތްތެރިކަމަށް ބުރޫ ނާރުވާނޭ ކަމަށް ހީކުރަން. އެކަހަލަ ކަމެއް ނެތިއްޔާ ކޮންމެ ކަމެއްވެސް ކުރުމުގެ މިނިވަންކަން ރުޚްސާނާއަށް އެބައޮތް."

* * *

އޭނާއަކީ އާދަވެގެން ފިނިބުރުޖަހައި އުޅޭ މީހެއް ނޫނެވެ. އެކަމަކު ޒަރޫރަތަކީ ބައެއް ކަހަލަ ފިޔަވަޅު އަޅާން މަޖުބޫރު ކުރުވާ ކަމެކެވެ. އިންސާނާއަކީ ޒަރޫރަތުން ރެކެވޭނޭ މީހެއް ނޫނެވެ. އޭނާ މަންމަޔާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "މަންމާ ބުރުގާ ބަދަލު ކޮށްލާ. މި ފަހަރު އަހަރެން ދާނީ ކަޅު ބުރުގާ އަޅައިގެން."

މަންމަ ތާއީދު ކުރުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "އާނ ދަރިފުޅާ. މުށި ބުރުގާ އަޅައިގެން އުޅެނިކޮށް ދެމީހުންވެސް މިތިބީ ބޭޒާރު ވެފައި. ބުއްދިވެރި ގޮތަކީ ކުލަ ބަދަލު ކޮށްލުން. އެކަމަކު ބަދަލުކޮށްކޮށް ތިބޭނީ ކިހައި ދުވަހެއް ވާންދެން؟ ޖާނީގެ ސަބަބުން އަހަރެމެން މިތިބީ ނިޒާމްއާބާދުގައި ހުންނަ ގެވެސް ދޫކޮށްލައިގެން. ދަރިފުޅު ފަރުޒާނާ ވާސްޠީގެ ބަދަލުގައި އެފް. ވާސްޠީއަށް ވެގެން ތިޔަ އުޅެނީ އޭނާޔާ ހެދި. އޭނާ ދެކެ ބިރުން މިހާރު ބުރުގާ ބަދަލު ކުރަނީ. ދަރިފުޅުވެސް މިހާރު ބަދަލުވާން ފަށައިފި. އިހަށް ހުންނަ ސަކަ ގޮތްގަނޑު ކެނޑިއްޖެ. މުސްކުޅިއަކުހެން މުޅީން ސީރިއަސްވެ ނިމިއްޖެ."

ފަރުޒާނާ ފުން ނޭވައެއް ލިއެވެ. "މިހާރު ހިތަށް އަރަނީ ގައުމުވެސް ދޫކޮށްލާންވީއޭ. އެހެން ގައުމެއްގައި ދިރިއުޅެން ދާންވީއޭ."

މަންމަ ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އެޔަށް ފަހު ކުޑަކޮށް ވިސްނައިލުމަށް ފަހު ބުންޏެވެ. "ތިޔައީ ރަނގަޅު ކަމެއް. އުޅޭ ތަން ބަދަލު ކުރީމާ މިޒާޖުވެސް ބަދަލުވެގެން ހިނގައިދާނެ. ބޭރު ގައުމުތަކުގައި ޑަކްޓަރުންނަށް ވަރަށް ބޮޑެތި އާމްދަނީ ލިބޭ ވާހަކަ މަންމަ އަޑުއަހަން. މަންމައަށް ރަނގަޅު ބުއްދިއެއްވެސް ކުރެވިއްޖެ."

"ކޮން ބުއްދިއެއް؟"

"ޖަމްޝީދަށް ސިޓީއެއް ލިޔޭ. ލަންޑަނުގެ ހަސްފަތާލަކުން ވަޒީފާއެއް ހޯދައިދޭށޭ ބުނޭ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.