(7 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަޅުގަނޑު ލަފާކުރީ މިހާރު ރުޚްސާނާގެ މޫނުގެ އޮޕަރޭޝަން ނިމިދާނެ ކަމަށް. އެހެންވީމާ ބަލައިލާ ހިތްވީ. ހުރިހައި ސާމާނެއް ލޮކަރަކަށް ލާފައި ފުރަތަމަ އަޅުގަނޑު ދިޔައީ ސަލްމާ ޤާދިރާ ބައްދަލުކުރަން. އޭނާ ގާތު ރުޚްސާނާގެ ވާހަކަ އަހައިލީމާ އެނގޭ ކަމަކަށް ނުހެދި. އެހެންވީމާ އަޅުގަނޑު ލަފާކުރީ އިޝްތިހާރު ކުންފުނީގެ މީހުންނާއެކީ މަސައްކަތުގައި އުޅޭނޭ ކަމަށް. މިތަނަށް މި އާދެވުނީ އެހެންވެގެން."
ބާޤިރު ޢަލީ ބުންޏެވެ. "އަހަރެންވެސް މި އައީ އަހަރެންގެ ބަސްނާހާ ދަރިފުޅުގެ ފަހަތުން ބޯކޮޅު ބަލަމުން. ކަލޭ އައި ވާހަކަ އަހަރެން ގާތު ބުނީ ސަލްމާ. އޭނާ އެހެން ބުނީމާ އަހަންނަށްވެސް ލަފާ ކުރެވުނީ މިހާރު އުޅޭނީ މިތަނުގައި ކަމަށް."
ރުޚްސާނާ އަހައިލިއެވެ. "އަޅުގަނޑު ވީ ސްޓޫޑިއޯގައޭ ބުނީވެސް ސަލްމާތޯ؟"
"އާނ. ސަލްމާ ޤާދިރު ބައްޕަ ގާތު ބުނެފައި އޮތީ މި ބަސްނާހާ ދަރި ގާތު ދަރިފުޅުގެ އެޑްރެސް ނުބުނާށޭ. ޖަމްޝީދު. އަހަންނާއެކު ދާނަންތަ؟ ނޫނީ އަހަރެން އެކަނި ދާންވީތަ؟"
"ބައްޕާ. އަޅުގަނޑު ރުޚްސާނާޔާ ވާހަކައެއް…"
ރުޚްސާނާ އޭނާގެ ވާހަކަ ނުނިމެނީސް ބުނެފިއެވެ. "ނޫން ބައްޕާ. އަޅުގަނޑު ޖަމްޝީދާ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. އޭނާ ގޮވައިގެން ދުރުވޭ."
ބާޤިރު ޢަލީ ބުންޏެވެ. "އަޑު އިވިއްޖެތަ؟ ހިނގާ."
ޖަމްޝީދު އާދޭހުގެ ނަޒަރަކުން ރުޚްސާނާއާ ދިމާއަށް ބަލައިލާފައި މަޖުބޫރު ވެގެން ބައްޕަޔާ އެކު ދާން ހިނގައިގެންފިއެވެ. ބާޤިރު ޢަލީ ކާރު ދޮށަށް ގޮސް އަހައިލިއެވެ. "ކަލޭ އައީ ކުލީކާރެއްގައިތަ؟"
"ނޫން. ރައްޓެއްސަކު އަޅުގަނޑު މިތަނަށް ގެނެސްދިނީ."
"ކާރަށް އަރާ."
ޖަމްޝީދު ކާރަށް އަރައިފިއެވެ. ކާރު ދުއްވާފައި ގޮސް ސްޓޫޑިއޯ ސަރަހައްދުން ބޭރަށް ނުކުމެވުނީމާ ބާޤިރު ޢަލީ ބުންޏެވެ. "އަހަރެން ކަލޭ ހަ މަސް ދުވަހަށް ރަށަށް ފޮނުވީ ގަސްތުގައި. އޭރު އެނގިފައި އޮތީ ހަ މަސް ދުވަހުގެ ތެރޭގައި ޕްލާސްޓިކް ސާޖަރީގެ ކަންތައް ނިމޭނެ ކަމަށް. އެޔަށް ފަހު ޝޫޓިންގެ މަސައްކަތުގައި ދުވަސްކޮޅަކު ރުޚްސާނާއަށް މަޑުކުރަން ޖެހުނީ. ކަލޭ ފްރެންކްފަރޓަށް ފޮނުވީ އެހެން ވެގެން. އަހަރެންގެ ބޭނުމަކަށްވީ ރުޚްސާނާ ފުރައިގެން ނުދަނީސް ކަލެއަށް އެނބުރި އައުމުގެ ފުރުސަތު ނުދިނުން."
"ބައްޕަގެ ވާހަކައިން އެނގެނީ ސަލްމާ ޤާދިރަށް ރުޚްސާނާގެ ހުރިހައި ޚަބަރެއް އެނގޭކަން. އޭނާ ގަސްތުގައި އަޅުގަނޑު ގާތު ނުބުނީ. އެހެންވީމާ އަޅުގަނޑު ފޮނުވި ތިން ސިޓީއަށްވެސް ކުރި ކަމެއް ކުރީ އޭނާކަން ޔަގީން."
ބާޤިރް ޢަލީ ބޯ ޖަހައިލިއެވެ. "އެ ތިން ސިޓީއަކީ ކަލޭގެ ރީތި އަޚުލާގުގެ ނަމޫނާއެއް. ސިޓީތައް އަހަރެންގެ އަތުގައި އެބަހުރި."
"ބައްޕަ އަޅުގަނޑަށް ތިޔަ ކުރައްވަނީ ވަރަށް ބޮޑު އަނިޔާއެއް. ރުޚްސާނާ ޅީދަރިއަކަށް ހެއްދެވުމަކީ ބައްޕައަށް ނުކުރެއްވޭނޭ ކަމަކީތޯ؟ އޭނާގެ ރީތިކަން ބައްޕައަށް ފެނިލައްވައިފި ނޫންތޯ؟"
"އެއީ ދުނިޔޭގައި އިން ހަމައެކަނި ރީތި ކުއްޖާއެއް ނޫން. ތަރިތަކަށްވުރެ މަތީގައިވެސް ތަންތަން ހުރޭ."
"އެކަމަކު ބައްޕާ…"
"އިތުރު ވާހަކަ ނުދައްކާ. މީހަކާ އިނދެގެން އުޅޭ މީހަކާ މެދު ތިޔަ ގޮތަށް ވިސްނައި އޭނާގެ ހަޔާތް ބަރުބާދު ކުރަން އުޅޭއިރު ކަލޭ ހަމަ އެއްގޮތަކަށްވެސް ލަދެއް ނުގަނޭތަ؟ ކަލޭ ތިޔައީ އަހަރެންގެ ދަރިއެކޭ ހިތަށް އެރީމާވެސް އަހަރެން ލަދު ގަނޭ. މިއަދު މިއީ އަހަރެން ކަލެއަށް ވިސްނައިދޭ އެންމެ ފަހު ފަހަރު. މީގެ ފަހުން އޭނާގެ ކުރިމައްޗަށް ކަލޭ ނުކުމެގެން ނުވާނެ. އޭނާ ފުރައިގެން ދާންވާނީ އޭނާއަށް ކަލޭ ނުފެނި. ކަލޭ އޭނާ ފެންނަ ހިސާބަށް ދިޔަކަން އަހަންނަށް އެނގޭ ދުވަހުން ފެށިގެން އަހަރެންގެ ދަރިއަކަށް ކަލޭ ނުވާނެ. ހަނދާން ކުރާތި."
"ހަމަ ތިޔަހެން ހައްދަވާނަންތޯ؟"
"ޔަގީންތާ ދަރިފުޅާ. ކަލެއަށް އެކި ތަންތަނަށް ތިޔަ އުދުހެވެނީ އަހަރެންގެ މުދަލާއި ފައިސާގެ ސަބަބުން. އެ މުދަލާއި ފައިސާއިން ކަލޭ މަހުރޫމު ކޮށްލުމާއެކު ގުޅައަކަށް ބިންމައްޗަށް ޖެހިދާނެ. އެ މަންޖެގެ މޫނުގެ ހުރިހައި ކަމެއް އަދި މުޅިން ފުރިހަމައެއް ނުވޭ. ފުރިހަމަ ނުވެ ހުރި ހުރިހައި ކަމެއް ފުރިހަމަ ކުރާނީ އަހަރެމެން އެންމެން ވެގެން. އެހެންވީމާ ކަލޭގެ ފިޔަ ކޮށަން އަހަންނަށް މަޖުބޫރު ނުކުރާތި. ވިސްނައިލާ. ރަނގަޅަށް ވިސްނައިލާ."
ޖަމްޝީދު އަނގައިން ނުބުނެ ބަލި ގަބޫލުކުރާ ކަހަލަ ގޮތަކަށް އިސް ދަށަށް ޖަހައިލިއެވެ.
* * *
"ރުޚްސާނާފަހަރި އެބައާދޭ."
މުސައްވިރު މިހެން ބުނެލީ އަޑު އިވުމާއެކު ބާދްޝާގެ ހިތް އަޖައިބެއް ކަހަލަ ގޮތަކަށް ބާރަށް ތެޅޭން ފަށައިފިއެވެ. ކުރިމަތީގައި އެނބުރިގަތީ ފަޅިމޫނެކެވެ. ރުޚްސާނާ ބުނާ އަޑު އިވޭ ކަހަލައެވެ. "ޖާނީ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އަހަންނަށް ނަފުރަތު ކުރުމަކީ ޖާނީއަކަށް ކުރެވޭނޭ ކަމެއް ނޫން. ޖާނީގެ ސިކުނޑީގެ ވަގު ކަނެއްގައި އޮތް ޚިޔާލަކީ އަހަރެން މިއީ ބޭވަފާތެރި އަދި މުދަލާހެދި އުޅޭ އަންހެނެއް ކަމުގެ ޚިޔާލު. އެކަމަކު އެއީ ތެދެއް ކަމުގައި ވީނަމަ އަހަރެން ލަންޑަން ދޫކޮށްފައި އެނބުރި ރަށަށް ޖާނީގެ ގާތަކަށް ނާންނާނަން. އަހަރެން އެބަ އަންނަން. މި އަންނަނީ ހަމައެކަނި ޖާނީއަށްޓަކައި. އެކަން ރަނގަޅަށް ހަނދާންކުރާތި."
ބާދްޝާ ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިންތަން ފެނުނީމާ މުސައްވިރު އޭނާގެ އަތުގައި އޮތް ފޮޓޯގަނޑެއް ބާދްޝާއަށް ދައްކައިލިއެވެ. "ނިކަން ރަނގަޅަށް ބަލައިލަބަލަ. މިއީ ކާކު؟"
ބާދްޝާ އެ ފޮޓޯ އަތުލައިގެން ބަލައިލިއެވެ. އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނާއަށް ފެންނަނީ ރުޚްސާނާގެ ސިފައެވެ. ފަޅިމޫނަކާއެކު އޭނާ ދެކެމުން އައި ރުޚްސާނާގެ މޫނު މިހާރު އެހެރީ ފުރިހަމަ ވެފައެވެ. އެއީ ކުލަ ފޮޓޯއެކެވެ. ފުރިހަމަ މޫނަކާއެކު ރުޚްސާނާ އަލުން އުފަންވީ ކަހަލައެވެ. އެ މޫނަކީ އޭނާގެ މިލްކެކެވެ. ރުޚްސާނާ ބުނާ އަޑު އިވޭ ކަހަލައެވެ. "ޖާނީ. އަހަރެންގެ މޫނު ފުރިހަމަ ކުރީ ހަމައެކަނި ޖާނީއަށްޓަކައި. އެހެން މީހުންނަށް ކުރެވޭނޭ ކަމަކީ އަހަރެންގެ މޫނަށް ބެލުން. ލިބޭނެނަމައޭ ކިޔަކިޔައި ތިބުން."
އޭނާގެ ހިތަށް ބާވަތެއްގެ ބިރުވެރިކަމެއް ވަދެއްޖެއެވެ. ރުޚްސާނާގެ އައު އަދި ފުރިހަމަ މޫނުގެ ސިހުރުގައި އޭނާ ޖެހުނީއެއް ނޫނެވެ. އެއީ ސިހުރެއްފަދަ ރީތި މޫނެއް ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. ފޮޓޯ ފެނުމާއެކު އޭނާ ގެއްލުނީ މާޒީގެ ކުލަ ހަނދާންތަކުގެ ތެރެއަށެވެ. އެއީ ރުޚްސާނާއާއެކު ހޭދަކުރި ވަގުތުތަކުގެ ހަނދާނެވެ. ރުޚްސާނާގެ މޫނުގެ އެއް ފަޅި އަނދައިފައި ހުރި އިރުވެސް އަދި ހިތުގައި އޮތް ނަފުރަތުގެ ޝުއޫރާއެކުވެސް އޭނާގެ އަދާތަކުގެ ޖާދޫގައި ބާދްޝާ ނުލާހިކު ފަސޭހައިން ޖެހެއެވެ. މިހާރު މޫނު މުޅީން ފުރިހަމަވީމާ ކިހައިވަރެއް ވާނެ ބާވައެވެ؟ އޭނާއަށް ކަޅި ޖަހައިވެސް ނުލައި ބަލަހައްޓައިގެން ހުރެވޭނީއެވެ. ރުޚްސާނާ ކޮއްޕައި ގެއިން ބޭރަށް ލެވިދާނެއެވެ. އެކަމަކު ސިކުނޑިން ނެރެ އެއްލައެއް ނުލެވޭނެއެވެ.
"ބަލަހައްޓައިގެން އިންނާނީތަ؟" އޭނާ ސިއްސައިގެން ދިޔައީ މުސައްވިރުގެ އަޑަށެވެ. އޭނާ ހެމުންހެމުން ބުނަނީއެވެ. "ވެރިޔާ ގެނބިގެން ދާނޭކަން އަހަންނަށް ކުރިންވެސް އެނގޭ. ތިޔައީ އަދި ފޮޓޯއެއް. ފަހަރި އައިސް ކުރިމައްޗަށް ހުއްޓުނީމާ އަދި ކިހައިވަރެއް ވާނެ؟"
ބާދްޝާ ހުނ އޭ ބުނެލުމަށް ފަހު ފަރުވާ ކުޑަ ގޮތް ދައްކައިލުމަށް ފަހު ފޮޓޯ އެއްފަރާތަކަށް އެއްލައިލިއެވެ. މުސައްވިރު ދުވެފައި ގޮސް ފޮޓޯ ނަގައިފިއެވެ. "ދެން ރުޅިގަނޑު މައިތިރިކޮށްލާ. މާދަމާ ހެނދުނުގެ ފިލައިޓުން ފަހަރި އެބައާދޭ."
ބާދްޝާ ރުޅިވެރިކަމާއެކު ބުންޏެވެ. "ކަލޭ ތިޔައީ އޭނާގެ ކޮއްކޮތަ؟ ކަލެއަށް ހުރިހައި ކަމެއް މާކުރިން އެނގެނީ ކިހިނެއް؟ އެގޭ މީހުން ކަލެއަށް އޭނާގެ ފޮޓޯވެސް ދިނީ ދޯ؟"
"މީހެއްގެ އަނތްބެއްގެ ފޮޓޯ އަތުގައި ބޭއްވުމަކީ ހިލޭ އެއްވެސް މީހަކަށް ހުއްދަ ކަމަކަށް ނުވާނެ. ވެރިޔާ މީގެ ތިން މަސް ދުވަސް ކުރިން އެނބުރި އަޔޭ އަހަރެން އެމީހުން ގާތު ބުނިން. އަހަންނާ ބައްދަލުވި ވާހަކަވެސް ބުނިން. ފަހުން ބައްދަލު ވާނެހެން ހީވެއޭވެސް ބުނިން. މި ފޮޓޯ އަތުލީ އެހެން ވެގެން. އަހަރެންގެ އަތުގައި މި ފޮޓޯ އޮތީމާ ވެރިޔާއަށް އެކަމާ ދެކޮޅު ހެދިދާނެ. މިއީ ވެރިޔާގެ ހައްގެއް."
"އަހަރެންގެ އެއްވެސް ހައްގެއް ނެތް. އަހަރެންގެ ކުރިމައްޗަށް އޭނާ ނުގެންނާތި. ގެނެސްފިއްޔާ ކޮށައި ކުދިކުދި ކޮށްލާނަން."
"ފަހަރިއާ ބައްދަލެއް ނުކުރާނަންތަ؟"
"ނުކުރާނަން."
"ދޮގު ހަދާފައި ފުރައިގެން ދިޔައީ ކީއްވެގެން ހެއްޔޭ ފަހަރި ގާތު ނާހާނަންތަ؟"
"އަހަރެން އަހަން ބޭނުން އެއްޗެއް ނެތް."
"ބިރުގަންނަނީތަ؟"
ބާދްޝާ ސިހިފައި މުސައްވިރާ ދިމާއަށް ބަލައިލިއެވެ. އަދި ގޮށްމުށް ކަވައިލުމަށް ފަހު ބުންޏެވެ. "އަހަރެންގެ އަތުން ދެތިން އެތިފަހަރު ޖެއްސުވެން ބޭނުންވަނީތަ؟"
"ތަޅައިގަތަސް ހެޔޮ. ތިޔަ އިންކާރު ކުރުމާއި ދުރަށް ދުވުމުން އެނގެނީ އެންމެ ކަމެއް. އެއީ ފަހަރީގެ މާ ބޮޑު ކުށެއް ނެތްކަން. ފަހަރި ވެރިޔާއަށްޓަކައި އެނބުރި އެ އަންނަނީ ނުލާހިކު ލޯބިން. ފުރިހަމަ އިތުބާރާއެކު. ކުށެއް އޮތަސް ނެތަސް އެތެރޭގައި ފޮރުވިފައި އޮތް ބަލިކަށިކަން ދެކެ ވެރިޔާ އެބަ ބިރުގަނޭ. އެ ބަލިކަށިކަން ތިޔަ ގެންދަނީ ފަހަރިއާ ދިމާއަށް ދަމަމުން. ވެރިޔާ ފަހަރި ދެކެ ރުޅިއެއް ނާދޭ. ފަހަރިއަށް އަދަބެއް ދޭކަށްވެސް ނުކެރޭނެ. ހަނދާން ނައްތައެއްވެސް ނުލެވޭނެ. އެހެންވެސް ހެދޭކަށް ނެތް. މިހެންވެސް ހެދޭކަށް ނެތް. މިހާރު ތިޔަހަރަ ދަނީ ބަލި ސިކުނޑިއެއްގެ ވެރިއަކަށް ވަމުން. ކުރަންވީ ކީއްކަމެއް ޚުދު ވެރިޔާއަކަށްވެސް ނޭނގޭ. އެކަމަކު ކަށަވަރު ކަމެއް އެބައޮތް. އެއީ އަމިއްލަ ގެޔާއި ދަރިފުޅުގެ މުސްތަގުބަލަށްޓަކައި ފަހަރީގެ އަތުގައި ހިފަން ޖެހޭކަން."
ބާދްޝާ ތެދުވެއްޖެއެވެ. އަދި މޭގައި އަތުން ޖަހައިލުމަށް ފަހު ބުންޏެވެ. "އަހަރެން އޭނާ ދެކެ ކުޑަކޮށްވެސް ބިރެއް ނުގަނޭ. އޭނާ އަހަރެންގެ ކުރިމަތީގައި އާދޭސްކުރާނެ. ރޯނެ. މާފަށް އެދޭނެ. އެކަމަކު އަހަރެން އޭނާ ފިސާރިއަކަށް ތަޅުވައިލާނަން. އަދަބު ދޭނަން. ކަލޭމެން ހައިރާންވެ އަންތަރީސްވާ ވަރުގެ އަދަބެއް ދޭނަން."
ބާދްޝާ އެނބުރި ހިނގައިގަތީމާ މުސައްވިރު ގޮވައިލިއެވެ. "ވެރިޔާ. މަޑުކޮށްބަލަ. ތިޔަ ދަނީ ކޮން ތަނަކަށް؟ އުޅޭ ތަނެއް އެންމެ ކުޑަމިނުން ބުނެލަބަލަ."
"އެއްވެސް ވާހަކައެއް ބުނާކަށް ނުޖެހޭނެ. އޭނާ އައީމާ އަހަރެންވެސް އަންނާނަން. އަދި... އަދި..."
(ނުނިމޭ)